26 އޮކްޓޫބަރު 2025

ދަތިތަކުން އަރައިގަތުމަށް އަމިއްލަ ނަފްސަށް ބަލައިލުމުގެ މުހިންމުކަން

އިންސާނާގެ ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި މައްސަލަތަކުގައި އެހެން ފަރާތްތައް ކުށްވެރިކުރުމަކީ ވަރަށް ފަސޭހައިން ކުރެވޭ ކަމެކެވެ. ޚާއްޞަކޮށް، ދެރަ ނިކަމެތިކަމެއް ދިމާވުމުން އެހެން މީހުން ކުށްވެރިކުރުމަކީ އާންމު ކަމެކެވެ. ނަމަވެސް މިފަދަ ޢަމަލުތަކަކީ އެއްވެސް މައްސަލައެއް ޙައްލުކުރެވޭނެ ކަންކަމެއް ނޫނެވެ.

އިންސާނާއަށް ދިމާވާ މިފަދަ ކަންކަމަކީ އިމްތިޙާނެއްގެ ގޮތުގައި ދިމާވާ ކަންކަމެވެ. އަދި އަނެއްބައި ކަންކަމަކީ އެމީހަކު ކުރާ ޢަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވާ ކަންކަމެވެ. މީގެ ތެރޭގައި ކުރެވޭ ފާފަތަކާއި، އެހެން މީހުންނާ މެދު ކުރެވޭ އަނިޔާވެރި ޢަމަލުތައް ހިމެނެއެވެ.

އެއްވެސް ކަމެއް ދިމާވުމުން އެހެން މީހުންނަށް އިނގިލި ދިއްކުރުމުގެ ކުރިން، އެކަމުގައި އަމިއްލަ އިހުމާލެއް އޮތްތޯ ބެލުމަކީ މުހިންމު ކަމެކެވެ. އަދި އެހެން މީހުންނަށް އަނިޔާވެރިވެވިފައިވާނަމަ، އެފަރާތްތަކުގެ ކިބައިން މަޢާފަށް އެދި، ހެޔޮކަންތައް ކޮށްދީ، ހެޔޮ ދުޢާކުރުމަކީ މުހިންމު ކަމެކެވެ.

ބައެއް ފަހަރު ދިމާވާ ކަންކަމުގެ ބޮޑުކަމުން އެކަމުން އަރައިނުގަނެވޭނެ ކަމަށް ހީވެދާނެއެވެ. ނަމަވެސް މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. މާތްﷲ އިރާދަކުރައްވައިފިނަމަ، އެއްވެސް މުޞީބާތަކީ ދާއިމީ މުޞީބާތެއް ނޫނެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވަނީ "ފަހެ ހަމަކަށަވަރުން، އުނދަގޫ ކަމަކާއިއެކު ފަސޭހަކަންވެއެވެ" މިފަދައިންނެވެ.

އެހެންކަމުން، ދިމާވާ ކޮންމެ ކަމެއްގައިވެސް އަމިއްލަ ނަފްސަށް ބަލައިލައި، އިޞްލާޙުކުރަންޖެހޭ ކަންކަން އިޞްލާޙުކޮށް، ﷲ ތަޢާލާގެ ރަޙްމަތަށް އުންމީދުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު