މޯލްޑިވްސް އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހު ޖުމްލަ 3،884 ޕާސްޕޯޓް ދޫކޮށްފިއެވެ. މީގެ ތެރެއިން އަތޮޅުތަކުގެ އޮފީސްތަކުން 960 ޕާސްޕޯޓު ދޫކޮށްފައިވާއިރު، 3،897 އެޕްލިކޭޝަން ވަނީ ޕްރޮސެސްކޮށްފައެވެ.
ގްރޭޓަރ މާލެ ސަރަހައްދުން ދޫކޮށްފައިވާ ޕާސްޕޯޓުތަކުގެ ތެރޭގައި މާލެއިން 2،115 ޕާސްޕޯޓް، ހުޅުމާލެ ފުރަތަމަ ފިޔަވަހިން 386 ޕާސްޕޯޓް، ހުޅުމާލެ ދެވަނަ ފިޔަވަހިން 367 ޕާސްޕޯޓް އަދި ވިލިމާލެއިން 36 ޕާސްޕޯޓް ހިމެނެއެވެ.
އަތޮޅުތަކުގެ ތެރެއިން އެންމެ ގިނަ ޕާސްޕޯޓު ދޫކޮށްފައިވަނީ ސ. މަރަދޫއިން ކަމަށްވާއިރު، އެއީ 146 ޕާސްޕޯޓެވެ. ދެން އެންމެ ގިނައިން ޕާސްޕޯޓު ދޫކޮށްފައިވަނީ ހދ. ކުޅުދުއްފުށި ސިޓީން 144 ޕާސްޕޯޓާއެކުގައެވެ. އަދި ލ. ފޮނަދޫއިން 122 ޕާސްޕޯޓް ދޫކޮށްފައިވެއެވެ.
މީގެއިތުރުން މެލޭޝިޔާގެ ކުއަލަލަންޕޫރުގައި ހުންނަ އިމިގްރޭޝަން އޮފީހުން 20 ޕާސްޕޯޓް ދޫކޮށްފައިވާކަމަށް އިމިގްރޭޝަނުން ފާހަގަކުރެއެވެ. އަދި މިދިޔަ މަހު 25 ޕާސްޕޯޓެއް ގެއްލިގެން ރިޕޯޓްކުރެވިފައިވާކަމަށްވެސް އިމިގްރޭޝަނުން މަޢުލޫމާތު ދެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެންބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ. މިކަމުގެ ސަބަބުން އަތޮޅުތެރެއިން މާލެއަށް ޕާސްޕޯޓުގެ ޚިދުމަތް ހޯދުމަށް ރައްޔިތުން ކުރަންޖެހުނު ދަތުރުތައް ވަނީ ނިމުމަކަށް އައިސްފައެވެ.