އަނދުންމަހަކީ ހަނދީގެ ޢާއިލާގެ މަހެއް ނަމަވެސް، މި ޢާއިލާގެ އެހެން މަސްމަހާ ޚިލާފަށް މި މަހުގައި ކުރަގަޑެއް ނުހުންނަކަން ފާހަގަކުރެވެއެވެ. މިއީ ދިވެހި ކަނޑުތަކުގައި އުޅޭ، ދިވެހިންގެ ކެއުމަށް ބޭނުންކުރާ މީރު މަހެކެވެ.
މި މަހަކީ އެތެރެވަރި އަދި ބޭރު ކަނޑުތަކުގައި، 30 އާއި 160 މީޓަރާ ދެމެދުގެ ފުންމިނުގައި އުޅޭ ފަތިކޮށް ހުންނަ މަހެކެވެ. ޚާއްޞަކޮށް މި މަހުގެ ޅަ މަސްތައް މާކަނޑުގައި އޮޔާދާ އެތިއެތި ގަނޑުގެ ނިވަލުގައި ދަތުރުކުރާކަން ފާހަގަކުރެވެއެވެ. ފައްތައިގެން ކުރާ ކެޔޮޅުކަމުގައި މަދުން ނަމަވެސް މި މަސް ބޭނެއެވެ.
އަނދުންމަހުގެ އަނގައިގެ މަތީތަލީގައްޔާއި ތިރީތަލީގައި ކުދިކުދި ދަތްބަރިތަކެއް ހުރެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ކުރީކޮޅުގެ ކަށިތައް ފަހަތުބައިގައި ހުންނަ މަޑުކަށިތަކަށްވުރެ ކުރުކަން ފާހަގަކުރެވެއެވެ. ބުރަކަށިމަތީ ކޮތަރިބައިގައި އެއް ހަރުކަށި ހުންނައިރު، ދެވަނަ ކޮތަރިބައިގައި އެއް ހަރުކަށްޓާއެކު 27 އާއި 33 އާ ދެމެދުގެ މަޑުކަށި ހުރެއެވެ.
މި މަހުގެ ޚާއްޞަ ސިފައެއްގެ ގޮތުން، ލޮލުގެ މަތީކައިރިން ފެށިގެން ބުރަކަށިމަތީގެ ކޮތަރިބައި ފެށޭ ހިސާބަށް ދާމާލެވިފައިވާ ކޫރެއް ހުރެއެވެ. މި ކޫރުގެ ސަބަބުން މި މަހަށް އަނދުންމަސް ކިޔާކަމަށް ބެލެވެއެވެ. މި ފާހަގަ އެންމެ ބޮޑަށް ފެންނަނީ ޅަ މަހުގައެވެ. އަދި މަހުގެ ކަންފަތްގަނޑު ހުންނަނީ ކޮތަރިބައިތަކަށްވުރެ ކަޅުކޮށެވެ.
މޯލްޑިވްސް މެރިން ރިސާޗް ސެންޓަރުން 2003 ވަނަ އަހަރު ޝާއިޢުކޮށްފައިވާ "ފިޝަސް އޮފް ދަ މޯލްޑިވްސް" ގައި މި މަހާ ބެހޭ މި މަޢުލޫމާތުތައް ހިމަނާފައިވެއެވެ.