ޔޫރަޕް ކްލަބުތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފަރަންސޭސިވިލާތުގެ ޕެރިސް ސެއިންޓް ޖާމަން ( ޕީއެސްޖީ ) ފަސޭހަކަމާއެކު ނެގީ ފައިނަލްގައި އިޓަލީވިލާތުގެ އިންޓަމިލާން 5-0 އިން ބަލިކޮށްގެންނެވެ. ޖަރުމަންވިލާތުގެ މިއުނިކްގެ އެލިއަންޒް އެރީނާގައި ރޭ ކުޅުނު ޗެމްޕިއަންސްލީގު ފައިނަލްގެ ފުރަތަމަ 20 މިނެޓްގައި ޕީއެސްޖީއިން ދެ ލަނޑު ޖެހިއެވެ. ފުރަތަމަ ލަނޑު 12 ވަނަ މިނެޓްގައި ޖެހީ ޑެސައިރޭ ޑޫއޭ ގެ އެހީތެރިިކަމާ އެކު އަޝްރަފް ހަކީމީއެވެ. ދެވަނަ ގޯލު ޖެހީ 20 ވަނަ މިނެޓްގައި އުސްމާން ޑެމްބަލޭގެ އެހީތެރިކަމާއެކު ޑެސައިރޭ ޑޫއޭއެވެ. މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންދާ އުމުރުން 19 އަހަރުގެ ޑެސައިރޭ ޑޫއޭ މެޗުގައި ޖެހި އޭނާގެ ދެވަނަ ގޯލު ޖެހީ މެޗުގެ 63 ވަނަ މިނެޓްގައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ ޑޫއޭއެވެ.
ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔަ ޕީއެސްޖީގެ 4 ވަނަ ގޯލު ޖެހީ 73 ވަނަ މިނެޓްގައި ޑެމްބަލޭގެ އެހީތެރިކަމާއެކު މިއަހަރު ޖެނުއަރީ މަހު ޕީއެސްޖީއާ ގުޅުނު ކްވާރާއެވެ. މި ސީޒަންގައި ބައިކޮޅަށް މަދު ގޯލު ވަނުމުގެ ރެކޯޑް ހަދަމުންދިޔަ ސިމޯނީ އިންޒާގީގެ އިންޓަރމިލާން ކޮޅަށް ޕީއެސްޖީ އިން ޖެހި 5 ވަނަ ލަނޑު ޖެހީ މެޗުގެ 86 ވަނަ މިނެޓްގައި ބްރެޑްލީ ބަރކޯލާގެ އެހީތެރިކަމާއެކު ސެނީ މަޔޫލޫއެވެ.
މިއީ ޕީއެސްޖީ ތާރީޚުގައި އެޓީމު ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. 2011 ވަނަ އަހަރު ޤަތަރު ސްޕޯޓްސް އިންވެސްޓްމަންޓުން ޕީއެސްޖީ ގަތުމަށްފަހު ، ކުންފުނީގެ ވެރިޔާގެ ނަސީރު އަލްޚަލީލީ އެންމެ ބޭނުންވި ތަށްޓެވެ. އެގޮތުން ޗެމްޕިއަންސް ލީގު ހޯދުމަށް އެޓީމަށް ބޮޑު އަގުގައި ނޭމާ ، އެމްބާޕޭ އަދި މެސީވެސް ގެންދިޔައެވެ.
ޕީއެސްޖީ އިން ޗެމްޕިއަންސްލީގު ހޯދުމަށް އެތައް ކޯޗުންނެއްވެސް ބަދަލުކުރިއެވެ. 2023 ވަނަ އަހަރު ޖޫން މަހު އެޓީމަށް ސްޕެއިންގެ ލުއިސް އެންރިކޭ ސޮއިކުރިއެެވެ. ފުރަތަމަ ސީޒަންގައި ސެމީފައިނަލްވެސް ކުޅުނެވެ. ނަމަވެސް މި ސީޒަންގައި ޕީއެސްޖީ ފެންނަނީ ތަފާތުކޮށެވެ. އެގޮތުން ފްރެންޗް ސުޕަރކަޕް ، ފްރެންޗް ކަޕް . ފްރެންޗް ލީގު ވެސް ޕީއެސްޖީ އިން ވަނީ ކާމިޔާބުކޮށްފައެވެ.
ލުއިސް އެންރިކޭ ވެފައިވަނީ ތަފާތު ދެ ޓީމަކާއެކު ޗެމްޕިއަންސް ލީގު ހޯދި 7 ވަނަ ކޯޗަށެވެ.


