ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ޕޯޗުގަލް ހޯދީ ރޭގައި ކުޅުނު ފައިނަލް މެޗުގައި ސްޕެއިން އާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން މޮޅު ވެގެންނެވެ. ޖަރުމަންގެ މިއުނިކްގެ އެލިއާންޒް އެރީނާގައި ކުޅުނު ފައިނަލް މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ސްޕެއިންއެވެ. ފުރަތަމަ ގޯލު ސްޕެއިންގެ ޒުބެމެންޑީ 21 ވަނަ މިނެޓްގައި ޖަހާފައިވަނިކޮށް އޭގެ 5 މިނެޓް ފަހުން ޕޯޗުގަލްގެ ފުލްބެކް މެންޑީ ގޯލެއް ޖަހާ އެއްވަރުކުރިއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިންގެ އޮޔަޒަބަލް ގޯލެއް ޖަހާ ސްޕެއިންނަށް ލީޑު ހޯދާދިނެވެ.
މެޗުގެ ދެވަނަ ހާފުގެ 61 ވަނަ މިނެޓްގައި ޕޯޗްގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގޯލެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. މެޗުގެ 90 މިނެޓް ކުޅެ އަދި އިތުރު ވަގުތު 30 މިނެޓް ކުޅެ ނިމުނުއިރުވެސް ނަތީޖާއަށް ބަދަލެއް ނައެވެ. ދެން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕޯޗުގަލްގެ 5 ޕެނަލްޓީވެސް ކާމިޔާބު ކުރިއެވެ. ސްޕެއިން އިން ޖެހި 4 ޕެނަލްޓީގެ ތެރެއިން ކާމިޔާބު ނުވީ މޮރާޓޯ ޖެހި ޕެނަލްޓީއެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޯޗުގަލްގެ ފުލްބެކް ނޫނޯ މެންޑީއެވެ.
މިއީ މި މުބާރާތް ޕޯޗުގަލް އިން ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. 2019 ވަނަ އަހަރުވެސް ހޯދީ ޕޯޗުގަލްއެވެ.
މި މުބާރާތުގެ 3 ވަނަ ހޯދީ ފްރާންސްއެވެ. 3 ވަނަ ހޮވި މެޗުގައި އިއްޔެ ޖަރުމަން އާ ބައްދަލުކޮށް ފްރާންސް މޮޅުވީ 2-0 އިންނެވެ. ފްރާންސްގެ ގޯލުތައް ޖެހީ އެމްބާޕޭ އާއި އޮލިސޭ އެވެ.


