19 އޮކްޓޫބަރު 2025

ކެރަމް ވޯލްޑް ކަޕް އިސްތިހާރު ކުރުމުގެ ގޮތުން ފޮޓޯގްރަފީ މުބާރާތެއް ބާއްވަނީ

ހަތްވަނަ ކެރަމް ވޯލްޑް ކަޕް އިސްތިހާރުކުރުމުގެ ގޮތުން "ކެރަމް އިން ފްރޭމްސް" ނަމުގައި ފޮޓޯގްރަފީ މުބާރާތެއް އިޢުލާންކޮށްފިއެވެ.

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން ބުނީ، އަންނަ ޑިސެންބަރު މަހު ރާއްޖޭގައި ބާއްވާ ކެރަމް ވޯލްޑް ކަޕްގެ ކުރީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންގެ މެދުގައި ކެރަމް އަށް އޮތް ލޯބި ދައްކުވައިދިނުމަށް ފުރުޞަތު ދިނުމުގެ ގޮތުން ހުޅުވާލި ފޮޓޯގްރަފީ މުބާރާތުގައި ބައިވެރިވުމަށް ކޮންމެހެން ޕްރޮފެޝަނަލް ފޮޓޯގްރާފަރަކަށް ވާން ނުޖެހޭ ކަމަށެވެ.

އަދި، މި ފޮޓޯގްރަފީ މުބާރާތުގައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ޤައުމެއްގެ ރައްޔިތުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް ކެރަމް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

"ކެރަމް އިން ފްރޭމްސް" ނަމުގައި ކުރިއަށްގެންދާ ފޮޓޯގްރަފީ މުބާރާތުގެ މައިގަނޑު މަޤުޞަދަކީ، ކެރަމްގެ ރޫޚާއި، އެ ކުޅިވަރަށް އޮތް ލޯބި ކެމެރާގެ ލެންސްގެ ޛަރިއްޔާއިން އާއްމުންނާ ހަމައަށް ގެނެސްދިނުން ކަމަށް ވެސް ކެރަމް އެސޯސިއޭޝަނުން ބުނެފައިވެއެވެ.

މީގެއިތުރުން، މި މުބާރާތުގައި ބައިވެރިވުމަށް ފޮނުވާ ފޮޓޯ އަކީ، ކޮންމެހެން ކެމެރާއަކުން ނަގާފައިވާ ފޮޓޯއަކަށް ވާން ނުޖެހޭ ކަމަށާއި، ސްމާޓް ފޯން ބޭނުންކޮށްގެން ނަގާ ފޮޓޯ ވެސް ބައިވެރިކުރެވޭނެއެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ "ކެރަމް އިން ފްރޭމްސް" ގެ ތީމަށް ފެތޭ ގޮތަށް ވަކިވަކިން ތަފާތު ފަސް ފޮޓޯއެއް ފޭސްބުކް ނުވަތަ އިންސްޓަގްރާމްގައި ޕޯސްޓްކޮށްގެންނެވެ. އެގޮތުން، ފޮޓޯ ޕޯސްޓުކުރަން ވާނީ،

#CarromInFrames,  #CarromWC2025,  #CarromWorldCup ހޭޝްޓެގާއެކު ކެރަމް ވޯލްޑް ކަޕް @carromworldcup  އަދި ކެރަމް އެސޯސިއޭޝަން @carrom_mv ގެ ސޯޝަލް މީޑިއާ އެކައުންޓް ޓެގުކޮށްފައެވެ. އަދި، މި ދެ އެކައުންޓް ވެސް އިންސްޓަގްރާމް އަދި ފޭސްބުކްގައި ފޮލޯ ކުރަންވާނެ އެވެ.

މި މުބާރާތަށް ހުށަހަޅާ ފޮޓޯތައް ވަޒަންކޮށް މާކްސްދިނުމުގެ މިންގަނޑު ތެރޭގައި، ފޮޓޯގެ ފަންނީ ފެންވަރު، ކޮމްޕޮޒިޝަން އާއި ލައިޓިންގެ އިތުރުން ފޮޓޯއިން ބުނެދޭ ނުވަތަ ދައްކުވައިދޭ މެސެޖު/އަސަރު އަދި މުބާރާތުގެ ތީމާ ގުޅޭ މިންވަރު ހިމެނޭ ކަމަށް ކެރަމް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އަދި، މި ހުރިހާ ފޮޓޯއަކީ ވެސް މިއަހަރުގެ ތެރޭގައި ރާއްޖޭގައި ނަގާފައިވާ ފޮޓޯއަކަށް ވާން ޖެހޭނެ އެވެ.

ވަނަތަކާއި އިނާމްތައް ކަނޑައެޅިފައިވާ ގޮތް:

މުޅި މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނައިގެ އިތުރުން އެންމެ މޮޅު 10 ފޮޓޯ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރެއިން، އެންމެ މޮޅު 10 ފޮޓޯގެތެރޭގައި ހިމެނޭ ފޮޓޯތައް އާއްމުންނަށް ފެންނާނެހެން ބެހެއްޓިގެންދާނެ އެވެ.

އެއްވަނަ އިނާމު:

ކެރަމް ވޯލްޑް ކަޕްގެ ނިންމުމުގެ ރަސްމިއްޔާތަށް ވީއައިޕީ އިންވިޓޭޝަން

ކެރަމް ވޯލްޑް ކަޕްގައި ބޭނުންކުރާ ރަސްމީ ކެރަމް ބޯޑެއް

މީގެއިތުރުން، ތަފާތު އެތައް އިނާމެއް

ދެވަނަ އަދި ތިންވަނަ އިނާމު:

ކެރަމް ވޯލްޑް ކަޕްގައި ބޭނުންކުރާ ރަސްމީ ކެރަމް ބޯޑެއް

މީގެއިތުރުން، އިތުރު އިނާމުތައް

މުބާރާތުގައި ބައިވެރިވެ ފޮޓޯ ހުށަހެޅުމުގެ ސުންގަޑިއަކީ، އަންނަ ނޮވެންބަރު މަހުގެ 16 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 11:00 އެވެ.

އަންނަ ޑިސެންބަރު މަހުގެ ކުރީކޮޅު މާލޭގައި ބާސެލޯ ނަސަންދުރާގައި ބާއްވާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 20 އަށް ވުރެ ޤައުމުން ގާތްގަނޑަކަށް 200 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާނެ އެވެ. ކެރަމްގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ގިނަ އަދަދެއްގެ އެތުލީޓުން ބައިވެރިވާ ކެރަމް ވޯލްޑް ކަޕްގެ ގޮތުގައި މި މުބާރާތް ރާއްޖޭގައި ބޭއްވިގެންދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު