19 އޮކްޓޫބަރު 2025
ނިލަންދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާ ގާތަށް

ނިލަންދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ %90 މަސައްކަތް ނިމިއްޖެ

ފ. ނިލަންދޫ އެއަރޕޯޓް ތަރައްޤީކުރަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

މިކަމަށް ބޭނުންވާ ނިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރައިން އެމްޓީސީސީއާ ހަވާލުކޮށްފަވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ 27 ވަނަ ދުވަހުއެވެ.

އެމްޓީސީސީން ވިދާޅުވީ ނިލަންދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތުގައި މިހާތަނަށް %90 މަސައްކަތް ވަނީ ނިމިފައެވެ. މީގެ އިތުރުން ވެލި ޖެއްސުމުގެ މަސައްކަތުގެ %81 ނިމިފައިވާކަމަށް ވިދާޅުވިއެވެ.

ނިލަންދޫ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިންހިއްކުމަށް ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 2098 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި 1400 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 390 ދުވަސްތެރޭ ނިންމުމަށެވެ.

ނިލަންދޫ އެއަރޕޯޓަކީ މި ދައުރުގައި ސަރުކާރުން ތަރައްޤީކުރުމަށް އިޢުލާނުކޮށްފައިވާ 12 އެއަރޕޯޓުގެ ތެރޭގައި ހިމެނޭ އެއް އެއަރޕޯޓެވެ. މި އެއަރޕޯޓު ތަރައްޤީކުރުމަށް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާއެވެ. އެކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 20 ވަނަ ދުވަހުއެވެ. 1800 މީޓަރުގެ ރަންވޭއަކާއެކު މި އެއަރޕޯޓު ތަރައްޤީކުރެވިގެންދާނީ ޕްރައިވެޓް ޖެޓް ޖެއްސޭ ފެންވަރަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު