މިދިޔަ ސެޕްޓެންބަރު މަހު ފުލުހުންނަށް ރިޕޯޓުކުރެވުނު ވައްކަމުގެ މައްސަލަތަކުގެ ތެރެއިން ގެއްލިގެން ހުށަހެޅުނު 109 ސައިކަލު ފުލުހުން އަނބުރާ ހޯދައިފިއެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ސައިކަލުތަކުގެ ޖުމްލަ އަގު 6.8 މިލިއަން ރުފިޔާއަށް އަރައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ސެޕްޓެންބަރު މަހު ގެއްލިގެން ރިޕޯޓުކުރެވުނު ތަކެތީގެ ތެރެއިން ޖުމްލަ 189 އެއްޗެއް ވަނީ އަނބުރާ ހޯދާފައެވެ. މީގެ ތެރޭގައި ހިމެނެނީ 13 މޯބައިލް ފޯނާއި، 154,562 ރުފިޔާގެ އަގުހުރި އިލެކްޓްރޯނިކް ތަކެއްޗެވެ. މީގެއިތުރުން 588,822.76 ރުފިޔާގެ 20 ފައިސާގެ މައްސަލައާއި، 32,300 ރުފިޔާގެ 8 އިލެކްޓްރޯނިކްސް އާލާތްތަކާއި، 43,115 ރުފިޔާގެ އެހެނިހެން 39 ތަކެތި ހިމެނެއެވެ.
މާލޭގެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރި މަސައްކަތްތަކުގެ ތެރޭގައި 27,464 ސަރަހައްދެއް ބަލައި ފާސްކުރުމާއި، 1,029 ގަޑިއިރާއި 55 މިނެޓުގެ ފައިމަގު ޕެޓްރޯލް ހިމެނެއެވެ. އަދި 5,264 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވާއިރު، އޭގެތެރޭގައި ކުށުގެ ރެކޯޑު އޮތް 4,776 މީހުންނާއި ރެކޯޑު ނެތް 488 މީހުން ހިމެނެއެވެ.
ފުލުހުންގެ މި މަސައްކަތްތަކުގެ ތެރެއިން ބިދޭސީންނާ ގުޅޭގޮތުން ހިންގި އޮޕަރޭޝަންތަކުގައި އެއް ބިދޭސީއަކު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ޓްރެފިކް ބެލެހެއްޓުމާއި، ކުށްކުރާ ގުރޫޕުތަކުގެ ހަރަކާތްތައް ހުއްޓުވުމަށް ޚާއްޞަ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުން ހިމެނެއެވެ.