55 ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތުގެ ދަށުން 35 ކައުންސިލެއްގެ ޢަމަލީ މަސައްކަތް މިމަހު ފަށާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވިދާޅުވެފައިވަނީ 55 ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތުގެ ދަށުން 35 ކައުންސިލެއްގެ ޢަމަލީ މަސައްކަތް މިމަހު ފަށާނެ ކަމަށެވެ.
ކައުންސިލް އިމާރާތްތައް ތަރައްޤީކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވެފައިވަނީ 55 ކައުންސިލް އިދާރާގެ ތެރެއިން މިހާރު 20 ރަށެއްގެ ކައުންސިލް އިމާރާތުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއެވެ.
"55 ކައުންސިލް އެއްފަހަރާ މަސައްކަތް ފަށާއިރު ބޭނުންވާ ތަކެތި ރަށްރަށަށް ފޯރުކޮށްދިނުމާއި ސަބް ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް އާރްސީސީން ވަރަށް ބޮޑަށް ކުރިއަށް ގެންދޭ. މިހާރު ސަބް ކޮންޓްރެކްޓަރ ނުލިބި އޮތީ 3 ރަށް. ގިނަ ރަށްތަކުގައި މިހާރު ތަކެތި ހޯދާ މަސައްކަތްތަކަށް ތައްޔާރުވެފައިވަނީ،" ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭނީ ރަނގަޅު މާހައުލެއް ޤާއިމްކުރެވިގެން ކަމަށްވެސް ވިދާޅުވިއެވެ.
އާރްސީސީއާ ހަވާލުކޮށްގެން 55 ކައުންސިލް އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އިތުރު 50 ކައުންސިލެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ސިޔާސަތެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.