އީރާނުން އެމެރިކާއާއެކު އަލުން މަޝްވަރާތައް ފެށުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމަށް އީރާނުގެ ރޫޙީ ވެރިޔާ އާޔަތުالله ޚާމަނާއީ ދެކޮޅުހައްދަވައިފިއެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުމުން ކުރިއަށް ދިޔަ 12 ދުވަހުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއާއި އީރާނުން ވަނީ ފަސް ބުރެއްގެ މަތިން ނުރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.
މިދިޔަ ހަފްތާގައި ޔަހޫދީ ޤާނޫނުހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން "އެމެރިކާއަށް އީރާނާއެކު ޞުލްޙައިގެ އެއްބަސްވުމަކާ ހަމައަށް އާދެވިއްޖެނަމަ އެއީ ވަރަށް މޮޅު ކަމަކަށް ވާނެ" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މި ވާހަކަފުޅު ދެއްކެވީ ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސްއާ ދެމެދު ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމެއް ޤާއިމްކޮށް، އެ އެއްބަސްވުމަށް އަމަލުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޚާމަނާއީ ވިދާޅުވެފައިވަނީ ޓްރަމްޕް އަމިއްލަފުޅަށް ސިފަކުރައްވަނީ އެއްބަސްވުންތައް ޤާއިމްކުރުމަށް ކުޅަދާނަ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް "މަޖުބޫރުކުރުވުމާއި ކަން ހިނގަންޖެހޭ ގޮތް ދުރާލާ ކަނޑައެޅިފައިވާ ގޮތެއްގެ މަތިން އެއްބަސްވުން ހެދުމަކީ ދެފަރާތުގެ ދެމެދުގައި ކުރެވޭ މުޢާމަލާތެއް ނޫން" ކަމަށް ޚާމަނާއީ ވިދާޅުވިއެވެ.
އީރާނުގެ ނިއުކްލިޔަރ މަސައްކަތްތަކާ ގުޅޭގޮތުން ޚާމަނާއީ ވިދާޅުވެފައިވަނީ އެއީ އެމެރިކާއާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. އަދި އީރާނުގެ ނިއުކްލިޔަރ މަސައްކަތުގެ ތެރެއަށް އެމެރިކާއިން ވަނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހުޅަނގުގެ ބާރުތަކުން އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތުކުރަމުންދާއިރު، އީރާނުން ބުނަމުންދަނީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢުއަކީ ޞުލްޙަވެރި މަޝްރޫޢުއެއް ކަމަށެވެ.