ލ. ފޮނަދޫ ބިން ހިއްކުމާއި ގޮންޑުދޮށް ހިމާޔާތްކުރުމާއި، ކައްދޫ އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ސަރުކާރުގެ އަމާޒަކީ، ކައްދޫ އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢު ކުރިއަށް އޮތް 3 އަހަރުގެތެރޭގައި ނިންމުމެވެ. އަދި މިއީ މުޅި އަތޮޅަށް ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު މަޝްރޫޢެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފުނަދޫއަށް ކުރެއްވި ޒިޔާރަތުގައި، މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް ކައްދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރާއި، ފޮނަދޫ ދާއިރާގެ މެމްބަރުގެ އިތުރުން ފޮނަދޫ ކައުންސިލް ރައީސްވެސް ބައިވެރިވެވަޑައިގަތެވެ.
President Dr @MMuizzu attends the launching ceremony of the L. Fonadhoo land reclamation and shore protection projects, alongside the Kadhdhoo Airport development. These initiatives aim to boost infrastructure and improve connectivity across Laamu Atoll.#RayyithunGaathah… pic.twitter.com/XCeI05BbMp
— The President's Office (@presidencymv) October 21, 2025
ކައްދޫ އެއަރޕޯޓު އިތުރަށް ތަރައްޤީކުރުމަށް އެމްއޭސީއެލްއާ ޙަވާލުކުރެވުނު މަޝްރޫއަކީ މުޅި އަތޮޅުގެ ތަރައްޤީއާއި ގުޅިފައިވާ މަޝްރޫއެކެވެ. އެގޮތުން 2800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީކުރާ މިއެއަރޕޯޓު މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިހާރު މިވަނީ ފަށާފައެވެ. މީގެދަށުން 144 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މީގެތެރެއިން 114 ހެކްޓަރަކީ އެއަރޕޯޓަށް ބޭނުންވާ ބިން ކަމަށާއި، އަނެއް 30 ހެކްޓަރުގެ ބިމަކީ ފޮނަދޫގެ ތަރައްޤީއަށް ބޭނުންވާ ބިމެވެ.