ފަލަސްޠީނުގެ ޣައްޒާގައި ހިނގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް ވެވުނު އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް ބާރުއެޅުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޒަޔަނިސްޓު ދައުލަތަށް ޚާއްޞަ ވަފުދެއް ފޮނުއްވައިފިއެވެ.
ޣައްޒާގައި ވެރިކަންކުރާ ޙަމާސް އާއި ޔަހޫދީންނާ ދެމެދު ވެވުނު އެއްބަސްވުމަށް އަމަލުކުރަން ފެށީ އޮކްޓޫބަރު 9 ވަނަ ދުވަހު ނަމަވެސް، ޔަހޫދީން ދަނީ އެއްބަސްވުމާ ޚިލާފަށް ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ޙަމަލާތައް ދެމުންނެވެ. ޣައްޒާގެ މަދަނީ ސަލާމަތީ އިދާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ޔަހޫދީންގެ ވައިގެ އަދި ބަޑީގެ ޙަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
އެމެރިކާގެ ވަފުދުގެ މެންބަރުން ވަނީ ޔަހޫދީންގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާ ބައްދަލުކޮށް، އެއްބަސްވުން ދެމެހެއްޓުމަށް ބާރުއަޅާފައެވެ. ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް އަދި އޭނާގެ ދަނބިދަރިކަލުން ޖަރެޑް ކުޝްނަރ ހިމެނޭ މި ވަފުދުގެ މައިގަނޑު މަޤްޞަދަކީ އެއްބަސްވުން ދެމެހެއްޓުމަށް ޔަހޫދީންނަށް ބާރުއެޅުމެވެ.
އޮކްޓޫބަރު 19 ވަނަ ދުވަހު ވެސް ޔަހޫދީން ވަނީ ޣައްޒާއަށް ނުރައްކާތެރި ވައިގެ ޙަމަލާތަކެއް ދީ 42 މީހުން ޝަހީދުކޮށްލާފައެވެ. އަދި ޣައްޒާ ސިޓީއަށް ދިން ޙަމަލާއެއްގައި އިތުރު ހަތަރު މީހުން ވަނީ ޝަހީދުވެފައެވެ.
ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި، އެއްބަސްވުމާ ޚިލާފުވަމުން ދަނީ ޙަމާސްގެ ވަކިވަކި މެންބަރުން ކަމަށާއި، އެއީ ޙަމާސްގެ ސިޔާސީ ވެރިންގެ އަމުރަކަށް ހިންގާ އަމަލުތަކެއް ނޫން ކަމަށެވެ. ނަމަވެސް ޙަމާސުން ތަކުރާރުކޮށް އެއްބަސްވުމާ ޚިލާފުވާނަމަ، އެ ޖަމާޢަތް ނައްތާލާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.