ހައްދުންމަތީ ފޮނަދޫގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްގެ ކެމްޕަހެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ހައްދުންމަތީ ފޮނަދޫގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކެމްޕަހެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮނަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ބޭއްވުނު ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރެވެ.
މި ރަސްމިއްޔާތުގައި ފޮނަދޫ ކައުންސިލްގެ ރައީސްގެ އިތުރުން، ފޮނަދޫ ދާއިރާގެ މެމްބަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
މި ކެމްޕަސް އިމާރާތްކުރުމުގެ މަޝްރޫޢަކީ ހައްދުންމަތީގެ ރައްޔިތުންނަށް މަތީ ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި ކެމްޕަހުގެ ޚިދުމަތް ލިބެން ފެށުމުން، އެ ސަރަހައްދުގެ ދަރިވަރުންނަށް ރަށުގައި ތިބެގެން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.