21 އޮކްޓޫބަރު 2025
ކޮމެޓީގެ ރުހުން ފަރުސަތު، ޞަފާ، އަދި ޞަރާހަތަށް

މީޑިއާ ކޮމިޝަނަށް ފަރުސަތު، ޞަފާ، އަދި ޞަރާހަތު އައްޔަން ކުރަން ފާސްކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ ތިން މެންބަރުންގެ ނަން މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިގޮތުން ފާސްކޮށްފައިވަނީ ކޮމިޓީން ރުހުން ދެއްވާފައިވާ ބްރޯޑްކާސްޓިން ކޮމިޝަނުގެ ކުރީގެ ރައީސް ޞަފާ ޝަފީގު، މެންބަރު އައިމިނަތު ސަރާހަތު އިއްޒަތު އަދި މުހައްމަދު ފަރުޝަތު އަށެވެ.

މި މަޤާމުތަކަށް ކުރިމަތިލެއްވި 10 ބޭފުޅުންގެ ތެރެއިން 2 ބޭފުޅަކު އިންޓަވިއު މަރުހަލާގައި ނަން އަނބުރާ ގެންދެވުމާ ގުޅިގެން، 8 ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު ކޮމިޓީން ވަނީ 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބުނު 3 ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. މަޖިލީހުގެ ވޯޓުގައި މި ތިން ބޭފުޅުންނަށްވެސް ލިބިވަޑައިގެންފައިވަނީ 54 ވޯޓެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނަށް ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން 4 މެންބަރުން މިހާރު ވަނީ އައްޔަންކޮށްފައެވެ. މިގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 މެންބަރުންގެ ގޮތުގައި ޢަބްދުލްޢަޒީޒް އިބްރާހީމާއި ޒަމްޢަތު އަޙްމަދު ވަޙީދު، އަދި އެހެން މީޑިއާތައް ތަމްސީލުކުރާ 2 މެންބަރުންގެ ގޮތުގައި ސިމާޙާ ނަސީމާއި ޙުސައިން ޘަޤީފް ވަނީ ހަމަޖައްސާފައެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފެދޭ މި އައު ކޮމިޝަނަކީ، މިހާރު އުވިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ފަރާތެވެ. މީގެ އިތުރުން، ނޫސް މަޖައްލާއާ ގުޅޭ ދަފުތަރާއި އަރުޝީފުގެ މަސައްކަތްތަކާއި، އަލަށް މީޑިއާއާއި ބްރޯޑްކާސްޓަރުން ރަޖިސްޓްރީކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނީ މި ކޮމިޝަނުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު