މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އިޤްތިޞާދު އޮތީ ދަތި ހާލަތެއްގައި ކަމަށާއި، އެ ކަންކަމުން އަރައިގަނެ ޤައުމު ހަމަމަގަށް އަޅުވާތަން މިހާރު ފެންނަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ވިދާޅުވީ، ލ. ގަމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.
މެންބަރު ޔޫސުފް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ގަމުގެ ކުނީގެ މައްސަލަ ހައްލުކޮށްދީ، ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ޖެނެރޭޓަރެއް ރަށަށް ގެނެސްދީފައިވެއެވެ. މީގެއިތުރުން، ގަމު ކައުންސިލުން އެދުނު ގޮތަށް 2000 އަކަފޫޓުގެ ގޯތި 4000 އަކަފޫޓަށް ބަދަލުކޮށްދިނުމާއި ލ. ބޮޑުފިނޮޅު، ގަމުގެ އިޚްތިޞާޞްގެ ދަށަށް ބަދަލުކޮށްދީފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހާރު ލ. ގަމުގައި ފެށި މި މަޝްރޫޢުތައް ނިމުމާއެކު ރަށަށް އާރޯކަން ލިބޭނެ ކަމާމެދު ޝައްކެއް ނެތް" ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމުން ބަލިމީހުން މާލެ ގެނައުމުގައި މުޅި ލ. އަތޮޅަށްވެސް ބޮޑު ފަސޭހައެއް ލިބިގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަތުރުފުޅުގެ ތެރެއިން ގަމުގައި އަޅާ ރިހެބިލިޓޭޝަން ސެންޓަރާއި ތުނޑީގައި އަލަށް އާބާދުވާ ސަރަހައްދުގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އަދި ގަމު ޓަރޝަރީ ހޮސްޕިޓަލާއި ހައުސިންގ ޔުނިޓްތަކާއި ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު، ކޮންޓްރެކްޓަރަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.



