ހިތާމައަކީ، މާތް الله މަތީ ދަރަޖަ ދެއްވައިފައިވާ ވަލިއްޔުންނަށް އިޙްތިރާމުކުރުމުގެ ނަމުގައި، ޝިރުކާއި ބިދުޢަތައް މުސްލިމް އުންމަތުގެތެރޭގައި ފެތުރިފައިވުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"މާތް اللهގެ ވަލިއްޔުން" މި މައުޟޫޢުގެ މައްޗަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ވިދާޅުވީ، މާތް اللهގެ ވަލިއްޔުންނަކީ ކޮންބައެއްކަން ދަންނާން ޖެހޭ ކަމަށާއި، އިންސާނާއަށް، އެކަލާނގެ ވަލިއްޔުންގެ ދަރަޖައަށް ވާސިލުވެވޭނީ ކިހިނަކުންކަން ދަންނާން ޖެހޭ ކަމަށެވެ.
"އެކަލާނގެ ވަލިއްޔުންނަށް ދެއްވަވާ ދަރަޖައާއި ޖަޒާއަކީ ކޮބައިކަން ދެނެގަންނާން ޖެހެއެވެ. މި ސުވާލުތަކުގެ ޖަވާބު މާތް اللهގެ ކަލާމްފުޅުގައި އެކަލާނގެ އަންގަވައިފައި ވެއެވެ." ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
ޚުޠުބާގައި ވިދާޅުވި ގޮތުގައި، މާތް اللهގެ ވަލިއްޔަކަށް ވެވޭނީ، މައިގަނޑު ދެ ޝަރުތެއް ފުރިހަމަވެގެންނެވެ. ފުރަތަމަ ޝަރުޠަކީ، މާތް اللهއަށް ފުރިހަމަޔަށް އީމާންވުމާއެކު އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރުމެވެ. ދެވަނަ ޝަރުޠަކީ، އެކަލާނގެއަށް ތަޤްވާވެރިވުމެވެ. އެއީ، މާތް الله އެންގެވި އެންމެހައި އަމުރުފުޅުތަކަށް ކިޔަމަންގަނެ، އެކަލާނގެ ނަހީކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވުމެވެ. اللهُ سُبْحَانَهُ وَتَعَالَى ރުހިވޮޑިނުގަންނަވާ އަދި ނަހީކުރައްވައިފައިވާ ކަންތައްތަކާ ދުރުހެލިވުމަކީ، އެކަލާނގެއާ ކުއްތަންވުމުގެގޮތުން އިންސާނާއަށް ކުރެވޭނޭ އެންމެ މަތިވެރި އެއް ޢަމަލެވެ.
"މާތް اللهގެ ވަލިއްޔުންގެ ދަރަޖައަކީ، ވަރަށް މަތިވެރި ދަރަޖައެކެވެ. އެއީ ނަބިއްޔުންނާއި ޝަހީދުން ވެސް އެ ދަރަޖައަކަށް ނުހަނު ބޮޑަށް ޝައުޤުވެރިވެވަޑައިގަންނަވާ، އެ ބޭކަލުންނަށް ވެސް ލިބުމަށް އެދިވަޑައިގަންނަވާ ދަރަޖައެކެވެ." ޚުޠުބާގައި ވިދާޅުވިއެވެ.
ކިތަންމެ މާތް އިންސާނެއްކަމުގައިވިޔަސް، ކިތަންމެ ތަޤްވާވެރި އަޅަކުކަމުގައިވިޔަސް، އެ މީހަކު މި ދުނިޔެ ދޫކުރުމަށް ފަހު ދެން އަހަރެމެންނަށް އެހީތެރިވުމުގެ ގޮތުން އެއިން ބޭކަލަކަށް ކޮށްދެއްވޭނޭ އެއްވެސްކަމެއް ނޯންނާނެ ކަމަށާއި، އިސްލާމީ އުންމަތުގެ ބައެއް ޤައުމުތަކުގައި ކޮށްއުޅޭ އެންމެ ނުރައްކާތެރި އެއް ކަމަކީ، ޞާލިޙު އަޅުންނާއި، ވަލީވެރީންކަމުގައި ދެކޭ ބައެއް މީހުންގެ ޤަބުރު ވަށައިގެން ރާނައި، އެ ތަނަށް ދޮންވެލިލައި، ވޮށް ދިއްލައި، ޒީނަތްތެރިކޮށް، އެ ތަންތަނަށް ނަދުރު ބުނެ،ޒިޔާރަތްކުރުން ފަދަ ކަންކަންކޮށް އުޅުނުކަމަށާއި އަދި އެއަށް ވުރެ ނުރައްކާތެރި ކަމަކީ، އެ ޒިޔާރަތްތަކުގައި ފަސްދާނުލެވިފައިވާ މީސްމީހުންގެ ކިބައިން ކަންކަމަށް އެދި ދެންނެވުން ކަން ފާހަގަކުރައްވައި، އެއީ ކަނޑައެޅިގެންހުރި ޝިރުކުގެ ޢަމަލެއްކަމަށް ވިދާޅުވިއެވެ.
"މިވެނިކަމެއް ވެއްޖެއްޔާ އެވެނި ޒިޔާރަތަކަށް ދިދަ ހަދިޔާކުރާން ނަދުރުބުނުމާއި، ބައެއް ޒިޔާރަތްތައް ހުންނަ ރަށްރަށުގައި ކުޑަކުދީން ދޮންކެއު ނުވަތަ ކަންޖާއަޅައި ކިރުމާއި، އެ ތަކެތި ޒިޔާރަތުގެ ނަމުގައި ހަދިޔާކުރުމާއި، އެ ތަންތަން ބަލަހައްޓާ ފަރާތްތަކުން، އެތަންތަނަށް އަންނަ މީހުންގެ އަތުން އެކިއެކި ނަންނަމުގައި ފައިސާއާއި ތަކެތި ނަގައިއުޅުމަކީ މި ރާއްޖޭގައި ވެސް ކޮށްއުޅުނު ޝިރުކުގެ ޢަމަލުތަކެވެ. މިއީ ތައުޙީދުގެ އަހުލުވެރީން ކޮށްގެންވާނޭ ކަންކަމެއްނޫނެވެ. މި ފަދަ ޢަމަލުތަކަކީ، މާތް الله ފިއަވައި، ބުދަށް އަޅުކަންކުރާ މީހުން ކުރާ ޢަމަލުތަކާ އެއްގޮތް ޢަމަލުތަކެކެވެ. މިއީ ތައުބާނުވެ މަރުވެއްޖެނަމަ ނުފުއްސަވާނޭ ފާފައެކެވެ. މިފަދަ ޝިރުކުގެ ޢަމަލުތަކާ ދުރުހެލިވުމަށް ތިޔަބައިމީހުންނަށް ގޮވައިލަމެވެ." ޚުޠުބާގައި ވިދާޅުވިއެވެ.



