މާލެއާއި ވިލިމާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ ޑިޒައިނިން މަރުހަލާ ފެށުމަށް ތައްޔާރުވެއްޖެއެވެ.
މާލެ ސިޓީގެ މަގުތަކާއި ވިލިމާލޭގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ޑިޒައިނިން މަރުހަލާ ފެށުމަށް ތައްޔާރުވެއްޖެއެވެ. ސަރުކާރުން މިހާރު ވަނީ މި މަސައްކަތާއި ގުޅޭ ލެޓަރ އޮފް އެކްސްޗޭންޖުގައި ޗައިނާ ސަރުކާރާއެކު ސޮއިކޮށްފައެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ މަސައްކަތެކެވެ. މި މަސައްކަތް ފުރަތަމަ ކުރިއަށް ގެންދިއުމަށް ނިންމާފައި އޮތީ ސަރުކާރުގެ ބަޖެޓުގެ ތެރެއިން ނަމަވެސް، ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި މަޝްރޫޢަށް ޗައިނާ ސަރުކާރުގެ ފަރާތުން ހިލޭ އެހީ ހަމަޖެހިގެން ދިޔައީއެވެ.
މި މަސައްކަތާ ގުޅޭ ލެޓަރ އޮފް އެކްސްޗޭންޖުގައި، ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޢިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާއެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި، މިމަޝްރޫޢު ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާތީ، މަޝްރޫޢުގެ ކަންކަން ހަމަޖެއްސުމާއި ކޮންޓްރެކްޓަރެއް ނެގުމުގެ މަސައްކަތްވެސް ކުރިއަށް ދާނީ ޗައިނާގެ އެޖެންސީތައް މެދުވެރިކޮށެވެ. އަދި މިއަހަރުގެ ތެރޭގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.
Letter of Exchange was signed today between the Government of the Republic of Maldives and the Government of the People’s Republic of China for the implementation of the China-aided Redevelopment of Malé and Villimalé Roads Project.
The Letter of Exchange was signed by, the… pic.twitter.com/DDctHPHSiT
— Ministry of Construction, Housing & Infrastructure (@MoCImv) October 23, 2025
މި ބިޔަ މަޝްރޫޢުގެ ދަށުން މާލޭގެ މަގުތައް ތަރައްޤީކުރާނީ ހަމައެކަނި ތާރު އެޅުމަކަށްވުރެ ފުޅާ ދާއިރާއެއްގައެވެ. މީގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމާއި، ކަރަންޓުގެ ނިޒާމު އަޕްގްރޭޑްކުރުމާއި، ސްޓޯމް ވޯޓާ ނިޒާމު އަދި ފަޔާ ހައިޑްރަންޓްގެ ނިޒާމުވެސް ޤާއިމުކުރުން ހިމެނެއެވެ. މިއީ މާލޭގެ މަގުތަކުގެ ދާއިމީ މައްސަލަތަކަށް ހައްލެއް ގެނެސްދީ، ސިޓީގެ އުމްރާނީ ތަރައްޤީ މުޅިން އާ ހަރުފަތަކަށް ގެންގޮސްދޭނެ މަސައްކަތެކެވެ.
މާލޭގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ކުރިން ފެށިފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހައުސިން މިނިސްޓަރުގެ މަޤާމުގައި ހުންނެވި ދުވަސްވަރުގައެވެ. އެގޮތުން މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ފެށިގެން އެމްޓީސީސީ ފެރީ ޓަރމިނަލްއާއި ހަމައަށް މަގުގައި ވަނީ ތާރު އަޅާފައެވެ. ނަމަވެސް އެއަށްފަހު ވެރިކަމަށް އައި ސަރުކާރުގައި ބޮޑުތަކުރުފާނުމަގުން ބާކީ އޮތް ބައިގައި ތާރު އެޅުމަށް ރޭވުންތައް ރޭވި ނަމަވެސް، އެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
ޗައިނާގެ ހިލޭ އެހީގެ ދަށުން މި މަޝްރޫޢުގެ ޑިޒައިނިން މަރުހަލާ ފެށުމަށް ތައްޔާރުވުމަކީ މާލެއާއި ވިލިމާލޭގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ފަސޭހައާއި ރައްކާތެރިކަން ލިބިގެންދާނެ މުހިންމު ފިޔަވަޅެކެވެ. ޑިޒައިން ނިމި، މިއަހަރު ތެރޭގައި ޢަމަލީ މަސައްކަތް ފެށިގެން ދިއުމަށް ރައްޔިތުން އުންމީދު ކުރަމުންދާކަމަށް ފާހަގަކުރެވެއެވެ.



