މިއަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.7 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީއާ އަޅާ ބަލާއިރު %105 އިތުރު އަދަދެކެވެ. މި ކުރިއެރުމަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމުގެ ސަބަބުން ލިބުނު ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ހިންގާ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ޖުމްލަ 1.7 ބިލިޔަން ރުފިޔާގެ އާމްދަނީ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނީ 834 މިލިޔަން ރުފިޔާއެވެ. އެހެންކަމުން، މި އަހަރުގެ އާމްދަނީ މިދިޔަ އަހަރަށްވުރެ %105 އިތުރުވެފައިވާކަން އެނގެއެވެ.
ގްރީން ޓެކުހުގެ ގޮތުގައި ދަޢުލަތަށް ލިބުނު އާމްދަނީ މި ދެގުނަޔަށް އިތުރުވެފައިވުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުން ކަމަށް މާލީ ވުޒާރާއިން ބުނެއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް 1.7 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ހަމަ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި 1.6 މިލިޔަން ފަތުރުވެރިންނާ އަޅާ ބަލާއިރު %10 އިތުރު އަދަދެކެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށްޓަކައި، އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހެކެވެ. މި ޓެކުސް ނަގާގޮތް ބަލާއިރު، ރިސޯޓުތަކާއި، ސަފާރީއާއި، ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރާއި، ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 6 ޑޮލަރު ނަގައެވެ. ދެ އަހަރު ނުވާ ކުޑަކުދިން މި ޓެކުހުން އިސްތިސްނާކުރެއެވެ.
ފައިދާހުރި މަޝްރޫޢުތަކަށް ޚަރަދުކުރުން
ގްރީން ޓެކުހުގެ ގޮތުގައި ލިބޭ ބޮޑު އާމްދަނީ ސަރުކާރުން ހޭދަކުރަމުން ގެންދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށެވެ. އެގޮތުން، ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުން، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓްތައް ހިންގުން ފަދަ ތިމާވެއްޓަށް ފައިދާހުރި މުހިންމު މަޝްރޫޢުތައް މި ފައިސާއިން ހިންގަމުން ގެންދެއެވެ. މި ގޮތުން، ގްރީން ޓެކުހަކީ ދައުލަތަށް ބޮޑު އާމްދަނީއެއް ހޯދައިދޭ ވަސީލަތަކަށް ވުމުގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަށް ދިރުންދޭ ވަސީލަތެއްގެ ގޮތުގައި ވަނީ ވެފައެވެ.



