މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފަރާތުން މެލޭޝިޔާގައި މަތީ ތަޢުލީމު ޙާޞިލުކުރުމަށް ހުޅުވާލާފައިވާ ސްކޮލަރޝިޕް ފުރުޞަތުތަކަށް ކުރިމަތިލުމުގެ މުއްދަތު، މި ހިނގާ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. އެމްއެމްއޭއިން ވަނީ ބެޗްލާސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ފެންވަރުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
އެމްއެމްއޭއިން މަޢުލޫމާތު ދޭ ގޮތުގައި، މި ސްކޮލަރޝިޕްތަކުގެ ދަށުން ކޯސް ފުރިހަމަކުރުމަށްފަހު، 5 އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެއެވެ.
ހުޅުވާލާފައިވާ ސްކޮލަރޝިޕް ފުރުޞަތުތައް:
ބެޗްލަރސް އޮފް އެކައުންޓިންގ – ސެލަންގޯރ އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ
މާސްޓަރސް އޮފް ލޯސް – އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ
މާސްޓަރސް އޮފް އިކޮނޮމިކްސް – އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ
ޕީއެޗްޑީ ފުރުޞަތުތައް – އިންސިފް ޔުނިވަރސިޓީ، މެލޭޝިޔާ:
ޕީއެޗްޑީ އިން އިސްލާމިކް ފައިނޭންސް (ކޯސްވަރކް އެންޑް ޑެޒަރޓޭޝަން)
ޕީއެޗްޑީ އިން އިސްލާމިކް ފައިނޭންސް (ރިސާރޗް)
ޕީއެޗްޑީ އިން އެޕްލައިޑް މުއާމަލާތު (އިކޮނޮމިކްސް އެންޑް ފައިނޭންސް)
މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކަށް ޓިއުޝަން ފީއާއި، ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ޚަރަދުތައް ހަމަޖައްސައިދެވޭނެއެވެ. މީގެ އިތުރުން، ކޯސް ފުރިހަމަކުރާ މުއްދަތުގައި ދިރިއުޅުމުގެ ޚަރަދާއި، ބުކް އެލަވަންސް، އެސްޓެބްލިޝްމަންޓް އެލަވަންސް، ޑިޕާޗަރ އެލަވަންސް، ވިސާ ޚަރަދު އަދި ހެލްތު އިންޝުއަރެންސް ވެސް އެމްއެމްއޭއިން ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.


