ވާހަކަ: ކަލާޔަށްޓަކާ ހަމަހިމޭންވީ…އެޕިސޯޑް 217އިން 219އަށް

(ހޮނިހިރު ދުވަހުގެ ބައިތަކާއި ގުޅޭ… ހޮނިހިރު ދުވަހުގެ ބައިތައް ކިޔާލެއްވުމަށް ފިއްތަވާލަށްވާ)

****

ފިނި މާބްލް ތަޅުންގަނޑުމަތީގައި، ރާޒިގު އެއްވެސް ހަރަކާތެއް ނެތި އޮތެވެ. އޭނާގެ ނޭވާލުން ހުރީ ވަރަށް ކުރުކޮށް އަދި އުނދަގޫ ގޮތަކަށެވެ. ހޭނެތުމުގެ ކަޅު އަނދިރިގަނޑުގެ ތެރެއިން އޭނާގެ ހޭވެރިކަން މަޑުމަޑުން އިއާދަވަމުން ދިޔައެވެ.

އޭނާ ލޯ ހުޅުވާލިއިރު، ފެންނަ މަންޒަރުތައް ހުރީ ފުސްވެފައި އަދި އޮޅުންބޮޅުންވެފައެވެ. އޭނާގެ ކޯ އޮތީ ގަނޑުފެންފަދަ ފިނި ތަޅުންގަނޑުގައި ބާރަށް ޖެހިފައެވެ. ތަޅުންގަނޑުގެ އެ ފިނިކަމާއި، ފަތިހު އޭނާގެ ސިކުނޑީގައި ރޯވި އުދާސްތަކާއި ދެމެދު ހުރީ ބޮޑު ތަފާތެކެވެ. އޭނާ ވަރަށް އުނދަގުލުން، ދެއަތާއި ދެކަކޫ މައްޗަށް ތެދުވިއެވެ. މުޅި ހަށިގަނޑު ދިޔައީ ކޮންޓްރޯލް ނުކުރެވޭ ފަދަ ބާރު ތުރުތުރެއް އަޅަމުންނެވެ. އޭނާގެ ނަޒަރު މައްޗަށް އުފުލާލައި، ކުރިމަތީގައި ހުރި ފާރަށް ހުއްޓާލިއެވެ.

އެ ފާރުގައި ހަރުކޮށްފައ ހުރ ރަންކުލައިގެ ލޯގަނޑެއް މިހާރަކު ނެތެވެ. އޭގެ ބަދަލުގައި ފެންނަން ހުރީ މެދުތެރޭގައި ހުރި ވަޒަން އެރި ކަޅު ލޯވަޅަކުން ފެށިގެން، މުޅި ފަރާތަށް ފެތުރިފައިވާ ބިއްލޫރިގަނޑެކެވެ.

ހެނދުނުގެ ހަނދާންތައް އޭނާގެ ސިކުނޑިއަށް އައީ ގަނޑުފެން ފަދަ ރާޅެއްގެ ބާރުމިނުގައެވެ. އެއާއެކު އޭނާގެ ފުއްޕާމޭގައި ހުރި ނޭވާވެސް ހުސްވި ކަހަލައެވެ. އޭނާގެ އަމިއްލަ ނިތްކުރީގައި ބަޑި ޖައްސައިގެން ހުއްޓެވެ. އޭނާ ހުރީ ބަޑީގެ ޓުރިގަރުގައި ހިފަހައްޓާލައިގެން، ސިކުނޑީގައި ގުގުމަމުންދިޔަ ތުހުމަތުތައް އަބަދަށްޓަކައި ހިމޭންކޮށްލުމަށާއި، އޭނާ އަމިއްލައަށް ސުންނާފަތިކޮށްލި ދިރިއުޅުމުން ސަލާމަތްވުމަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ނަމަވެސް، އެ ނުރައްކާތެރި ފުން ވަޅުގަނޑުގެ ތުންފަތްމަތީގައި ހުއްޓާ، ކުއްލިއަކަށް ﷲ މަތިން ހަނދާންވެ، އޭނާގެ ރޫހަށް ބިރުވެރިކަމެއް ވެރިވިއެވެ. ތައުބާނުވެ ހުރި ފާފަތަކުގެ ފަރުބަދައަކާއެކު އޭނާ ހެއްދެވި ފަރާތާ ބައްދަލުކުރަން ޖެހިދާނެތީ އުފެދުނު ކުއްލި ބިރުވެރިކަމެކެވެ. އިލާހީ އެ އެހީތެރިކަމުގެ ސިކުންތުކޮޅުގެ ތެރޭގައި، އޭނާގެ އަތް ތުރުތުރު އަޅައިގަނެ، ބަޑީގެ މުށްގަނޑު ބޮލާއި ދުރުކޮށްލައި، ކުރިމަތީގައި ހުރި ލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ ސޫރައަށް އަމާޒުކޮށް ބަޑިޖެހުނެވެ. އެއަށްފަހު ހޭނެތިގެން އަނދިރިގަނޑުގެ ތެރެއަށް އޭނާ ވެއްޓުނީއެވެ.

ރާޒިގު އެ ތަޅައިގެން ގޮސްފައިވާ ބިއްލޫރިގަނޑަށް ބަލަހައްޓައިގެން އިނެވެ. އޭނާގެ މޭ ފުފެމުން ދިޔައިރު، ކެތްތެރިކަން ކޮޅުންލައި، ހޫނު ކަރުނަތައް އޮހިގަތެވެ. އޭނާ ދެއަތުން މޫނު ނިވާކޮށްލިއެވެ. އެ ހިމޭން ކޮޓަރީގައި އޭނާ ރޮމުން ދިޔައިރު، އޭނާގެ ފުޅާ ދެކޮނޑު ދިޔައީ ބާރަށް ތުރުތުރު އަޅަމުންނެވެ. އޭނާ ދިރިހުއްޓެވެ. އަމިއްލައަށް މަރުވުމުގެ އެންމެ ބޮޑު އެއް ފާފައިން އޭނާ ސަލާމަތްވިއެވެ. ނަމަވެސް، ދިރިހުރުމުގެ ބަރުދަން މަރަށްވުރެވެސް ބަރުހެން އޭނާއަށް ހީވިއެވެ.

ލިބުނު ހިތްވަރަކާއެކު، ރާޒިގު ތެދުވުމަށް މަސައްކަތް ކުރިއެވެ. އޭނާ ކައިރީގައި ހުރި ފާޚާނާއާ ދިމާލަށް ކޮރުޖަހަމުން ދިޔައިރު، އަތް ތުރުތުރު އަޅާވަރުން ނުވެއްޓި ހުރުމަށްޓަކައި މާބްލް ސިންކުގައި ބާރަށް ހިފަހައްޓަން ޖެހުނެވެ. އޭނާ އިސްކުރު ދޫކޮށްލުމުން، ފިނި ސާފު ފެން އޮހިގަތެވެ.

ވަރަށް ފަރުވާތެރިކަމާއެކު، އޭނާ ވުޟޫކުރަން ފެށިއެވެ. އެ ފިނި ފެންތިކިތައް އޭނާގެ އަތާއި، މޫނާއި، ފައިގައި ޖެހެމުން ދިޔައިރު، ހަންގަނޑަށް ތޫނު ތަދެއް އިހުސާސުވަމުން ދިޔައެވެ. އެއީ އެތައް އަހަރެއްގެ ރޫހާނީ އޮޅުވާލުމުގެ ފަށަލަތަކާއި، އޭނާގެ ހިތް ވަށާލާފައިވާ ބޮޑާކަމުގެ ބަރު ހިރަފުސްތައް އެ ފެނުން ދޮވެލަން މަސައްކަތް ކުރާ ފަދައެވެ.

އޭނާ އެނބުރި ކޮޓަރިއަށް ގޮސް، އަލަމާރިން މުސައްލަ ނަގައި ތަޅުންގަނޑުމަތީގައި ފަތުރާލިއެވެ. މުސައްލަމަތީގައި ހުއްޓި ހުރެ، ތުރުތުރު އަޅާ ދެއަތް ކަންފަތާ ހަމައަށް އުފުލައި، މަޑުމަޑުން ތަކުބީރު ކިޔައި، ބޯ ތިރިކޮށްލިއެވެ.ހަނދާންކުރަން ދަތިވާހާ ގިނަ އަހަރުތަކަކަށްފަހު، ފުރަތަމަ ފަހަރަށް ރާޒިގު އޭނާގެ ވެރިރަސްކަލާނގެ ކުރިފުޅުމަތީގައި ކޮޅަށް ހުއްޓުނެވެ.

ސަޖިދައިގައި ރާޒިގުގެ ނިތްކުރި ބިމުގައި ޖެހުމާއެކު، އޭނާގެ ކެތްތެރިކަން މުޅިން ކޮޅުންލައިފިއެވެ. އޭނާ ސަޖިދައިގައި އޮތީ ވަރަށް ދިގު ވަގުތަކަށެވެ. އޭނާގެ ހޫނު ކަރުނަތަކުން މުސައްލައިގެ ރޮދިތައް ތެމެމުން ދިޔައިރު، އޭނާގެ ރޫހު އޮއްސާލަމުން ދިޔައީ ތައުބާގެ އާދޭހުން ފުރިގެންވާ، ގިސްލުމުގެ މަޑު އަޑަކުންނެވެ:

"ޔާ ﷲ، އަޅުގެ ވެރި ރަސްކަލާކޯއެވެ! އަޅުގެ ޚާލިޤުވަންތަ ރަސްކަލާކޯއެވެ! އަޅު އިބަ އިލާހު ދޫކޮށްލި ހިނދުވެސް، އަޅު ދޫކޮށްނުލެއްވި ރަސްކަލާކޯއެވެ! މިއަދު އަޅު އިބަ އިލާހުގެ ކުރިފުޅުމައްޗަށް މިއައީ އަޅުގެ ލަދުވެތިކަމާއި، ފާފަތަކާއި، އަދި ކުދިކުދިވެފައިވާ ހިތަކާއިގެން މެނުވީ އެހެން އެއްވެސް އެއްޗެއް ނެތިއެވެ. އެތައް އަހަރެއް ވަންދެން އިބަ އިލާހަށް ފުރަގަސްދިނުމަށްފަހު، މި ދެއަތް އުފުލުމުގެ ހައްގުވެސް އަޅަށް ލިބިގެންވޭތޯ އަޅަކަށް ނޭނގެއެވެ. ނަމަވެސް އިބަ އިލާހު ފިޔަވައި އަޅު ދާނީ ފަހެ ކޮންތާކަށްތޯއެވެ؟ އިބަ އިލާހު އަޅު ބާކީކޮށްލައްވައިފިނަމަ، އަޅު ދެން އެދޭނީ ކާކުގެ ކިބައިންތޯއެވެ؟ އަޅު ފަދަ މީހަކަށް އިބަ އިލާހުގެ ރަޙުމަތް ފުދޭވަރު ނުވާނަމަ، ހަމަކަށަވަރުންވެސް އަޅު މިއީ ހަލާކުވެފައިވާ މީހެކެވެ. ޔާ ﷲ، އިބަ އިލާހު އަޅަށް ދުޅަހެޔޮކަމާއި، މުއްސަނދިކަމާއި، ބާރާއި، ޖާހާއި، އާރާއި، ބާރާއި، އިއްޒަތާއި، ލޯބިވާ އަނތްބަކާއި، މިއަޅާގެ ދެލޮލުގެ ކޮއެފަދަ ލޯބި އަންހެން ދަރިއަކާއި، ގެދޮރާއި، އަދި އަޅު ދުވަހަކުވެސް އުންމީދު ނުކުރާ ފަދަ ކާމިޔާބީތައް ދެއްވީމުއެވެ. އަޅު އުފާކުރި ކޮންމެ ނިއުމަތަކީ ހަމައެކަނި އިބަ އިލާހުގެ ކިބައިން ލިބުނު އެއްޗެކެވެ. ނަމަވެސް އެކަމަށް ޝުކުރުވެރިވުމުގެ ބަދަލުގައި، އަޅު އިބަ އިލާހު ހަނދާން ނައްތާލީއެވެ. އިބަ އިލާހުގެ ކުރިފުޅުމަތީގައި ބޯލެނބުމުގެ ބަދަލުގައި، އަޅު ބޯލެނބީ އަޅުގެ އަމިއްލަ އެދުންތަކަށެވެ. ބަންގީގެ އަޑަށް އިޖާބަދިނުމުގެ ބަދަލުގައި، އަޅު އިޖާބަދިނީ އަޅުގެ އަމިއްލަ ނަފްސުގެ ބޮޑާކަމަށެވެ. އެއީ އަޅަށް އަމާޒުކޮށް ގޮވާލެވޭ ގޮވުމެއް ނޫން ކަމަށް ހަދައި، ކިތައް ފަހަރު ބަންގީގެ އަޑަށް އަޅު ފަރުވާކުޑަކުރިންތޯއެވެ؟ ފަތިސް ނަމާދު ދޫކޮށް ކިތައް ދުވަހު އަޅު ނިދީމުތޯއެވެ؟ މާ މުހިންމު ކަންތައްތަކެއް ކުރަން ހުރި ކަމަށް ހީކޮށް، މެންދުރު ނަމާދާއި، އަސުރު ނަމާދާއި، މަޣުރިބު ނަމާދާއި އަދި އިޝާ ނަމާދު އަޅު ދޫކޮށްލީ ކިތައް ފަހަރުތޯއެވެ؟ އިބަ އިލާހު އަޅަށް ކާމިޔާބީއަށް ގޮވާލެއްވިއިރު، އަޅު އަމިއްލައަށް ހިނގައިގަތީ ހަލާކުގެ ތެރެއަށެވެ. ޔާ ﷲ، އަޅުގެ އަނބިމީހާ ފާތުމަ، ދުވަހަކުވެސް ރުޅިވެރިކަމެއް ނެތި، ނުހަނު ލޯތްބާއެކު އަޅަށް ހަނދާންކޮށްދިނެވެ. މިސްކިތަށް ދިއުމަށާއި، ނަމާދުތައް މަތިން ހަނދާން ނައްތާނުލުމަށާއި، އިބަ އިލާހު ހަނދާންކުރުމަށް އޭނާ އެދެމުން ދިޔައެވެ. ނަމަވެސް އިބަ އިލާހު އަޅަށް ދެއްވި އެ މާތް އަންހެނާގެ ބަސް އެހުމުގެ ބަދަލުގައި، އަޅު އޭނާއަށް ދޮގު ހެދީއެވެ. އޭނާގެ އެ މައުސޫމު ދެލޮލަށް ބަލަހައްޓައިގެން ހުރެ، އެއްވެސް ޖެހިލުމެއް ނެތި އަޅު އޭނާއަށް އޮޅުވާލީއެވެ. އަޅު ގެއިން ނުކުމެގެން ދިޔައީ އަބުރުވެރި ފިރިއެއްގެ ސިފައިގައެވެ. ނަމަވެސް އަޅުގެ ދުވަސްތައް ފުރާލީ ދޮގުންނެވެ. އަދި ރޭގަނޑުތައް ފުރާލީ ޚިޔާނާތުންނެވެ. ޝަހުވާނީ އެދުންތައް ފުއްދުމުގައެވެ. އިބަ އިލާހުގެ ކުރިފުޅުމަތީގައި ހުރުމުގެ ބަދަލުގައި، އަޅު އިޚްތިޔާރުކުރީ ރައްޓެހިންނާއި ހިލޭ އަންހެނުންނާއެކު މަޖާ ނެގުމެވެ. އިބަ އިލާހުގެ އަމުރުފުޅުތަކުގެ ބަދަލުގައި، އަޅު އިޚްތިޔާރުކުރީ ހަރާމް އެދުންތަކެވެ. ދާއިމީ ހަމަޖެހުމުގެ ބަދަލުގައި، އަޅު އިޚްތިޔާރުކުރީ ވަގުތީ އުފަލެވެ. ދުވަހަކުވެސް މަރުނުވާނޭ ފަދައިން، އާޚިރަތުގެ ބަދަލުގައި އަޅު އިޚްތިޔާރުކުރީ މި ދުނިޔެއެވެ. ޔާ ﷲ، މުޅި ދިރިއުޅުން އަޅަށް އިތުބާރުކުރި އަންހެނާއަށް އަޅު ޚިޔާނާތްތެރިވީމެވެ. އަޅުގެ އަތުގައި އެއްވެސް އެއްޗެއް ނެތް ދުވަހުވެސް ފާތުމަ ހުރީ އަޅުގެ ގާތުގައެވެ. އެހެން އެންމެންގެ ކުރިން އޭނާ އަޅަށް އިތުބާރުކުރިއެވެ. އޭނާ އަޅާއެކު އާއިލާއެއް ބިނާކޮށް، އަޅަށްޓަކައި ދުއާކޮށް، އަޅަށް އަޅާލައި، އަޅުގެ އިންތިޒާރުގައި ހުރެ، އަޅު ދިފާއުކޮށް، އަދި އިޚްލާޞްތެރިކަމާއެކު އަޅުދެކެ ލޯބިވިއެވެ. ނަމަވެސް އޭނާގެ އެ ވަފާތެރިކަމުގެ ބަދަލު އަޅު ދިނީ އޮޅުވާލުމުންނެވެ. އަޅުގެ އަމިއްލަ އަތުން އަޅުގަނޑުމެންގެ ކައިވެނީގެ އަބުރު ކިލަނބުކޮށްލީމެވެ. ހަމައެކަނި އަޅުގެ އަނބިމީހާއަށް ހައްގުވާ ކަންތައްތައް، ބޭރުގެ ބީރައްޓެހިންނަށް އަޅު ދިނީމެވެ. އިބަ އިލާހުގެ އިސްމުފުޅު ގަނެވުނު ވަޢުދުތައް އަޅު މުގުރާލީމެވެ. ޔާ ﷲ! އަޅުގަނޑުގެ ސަބަބުން ކިތައް އަންހެނުން ފާފައަށް އަރައިގަތްތޯއެވެ؟ މިއަޅާގެ އަމިއްލަ އެދުންތައް ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން ކިތައް ހިތް ހަލާކުކޮށްލެވުނުތޯއެވެ؟ ކޮންމެ ބައްދަލުވުމެއް، ކޮންމެ އިތުރުފުޅެއް، ކޮންމެ ސިއްރެއް، ކޮންމެ ބީހުމެއް، ކޮންމެ ބެލުމެއް، ކޮންމެ މެސެޖެއް، އަދި އެއްވެސް މީހަކަށް ނޭނގޭނެ ކަމަށް މިއަޅާ ހީކުރި ކޮންމެ ވަގުތެއް އިބަ އިލާހު ދެކެވޮޑިގެންވީމުއެވެ. މިއަޅާ ހީކުރީ ފޮރުވިގެން އުޅެވޭ ކަމަށެވެ. ނަމަވެސް އިބަ އިލާހަށް ސިއްރުވެފައިވާ އެއްވެސް ކަމެއް ނުވެއެވެ. މިއަދު ހެލީ އެ އުފުލަނީ މިއަޅާގެ ހަރާމް ދަރިއެކެވެ. މިފަދަ ވޭންދެނިވި ހާލަތެއްގައި މި ދުނިޔެއަށް އަންނަން ދުވަހަކުވެސް އެދިފައިނުވާ ކުށެއްނެތް މައުސޫމް ކުއްޖެކެވެ. ޔާ ﷲ! އެ ދަރިފުޅަކީވެސް މިހާރު މިއަޅާގެ ފާފަތައް ހަނދާންކޮށްދޭ ނިޝާނެކެވެ. މިއަޅާގެ އަމިއްލަ ނަފްސު ފިޔަވައި އެހެން އެއްވެސް މީހަކު ކުށްވެރިއެއް ނުކުރެވޭނެއެވެ. މި އޮތްތައް އިންދީ މިއަޅާގެ އަމިއްލަ އަތުންނެވެ. އަދި މިއަދު މި ހިތި މޭވާގެ ރަހަ ބަލަން މިއަޅާއަށް މިވަނީ މަޖުބޫރުވެފައެވެ. ޔާ ﷲ! މިއަޅާއަށް މި ކުރެވުނީ ކީއްތޯއެވެ؟ މިއަޅާ މިވީ ކޮންފަދަ މީހަކަށްތޯއެވެ؟ ލޯގަނޑަކުން މިއަޅާގެ އަމިއްލަ ސޫރައަށް ބަލާއިރު، އެ ފެންނަ މީހާއަކީ ކާކުކަމެއްވެސް މިހާރު މިއަޅާއަކަށް ނޭނގެއެވެ. މިއަޅާގެ ދަރިފުޅުވެސް އެއްދުވަސްވަރެއްގައި އަޅުގަނޑާ ދިމާލަށް ބަލަނީ ފަޚުރުވެރިކަމާއެކުގައެވެ. އޭނާގެ ބައްޕައަކީ ރަނގަޅު މީހެއް ކަމަށް އޭނާ ގަބޫލުކުރިއެވެ. އަޅުގަނޑަކީ ނަމޫނާ މީހެއް ކަމަށް އޭނާ ގަބޫލުކުރިއެވެ. ނަމަވެސް މިއަދު އޭނާ އަޅުގަނޑާ ދިމާލަށް ބަލާއިރު، އެ ފެންނަނީ ދޮގުވެރިއެއް، މުނާފިގެއް، އަދި އޭނާއަށް ނޭނގޭ ބީރައްޓެހި މީހެކެވެ. ޔާ ﷲ! އަމިއްލަ ދަރިފުޅުގެ ލޮލުން ނަފުރަތު ފެނުމަށްވުރެ ބޮޑު ވޭނެއް އެހެން ކަމަކުން ނުލިބެއެވެ. މިއަޅާ އެންމެ ލޯބިވި މީހުންގެ އިހުތިރާމް މިއަޅާއަށް ގެއްލިއްޖެއެވެ. އަދި އެމީހުންގެ ރުޅިވެރިކަމުގެ ކޮންމެ މިންވަރަކީވެސް މިއަޅާއަށް ހައްގު މިންވަރެކެވެ. ޔާ ﷲ! މިއަޅާ ހުރީ މިއަޅާގެ އަމިއްލަ ފުރާނަ ދުއްވާލަން ތައްޔާރަށެވެ. އެއީ އެނބުރި އަންނާނެ މަގެއް ނެތް ކަމަށް ގަބޫލުކުރެވުމުންނެވެ. ނަމަވެސް އިބަ އިލާހު މިއަޅާ ހުއްޓުވީމުއެވެ. ތައުބާވުމެއް ނެތި، މި ފާފަތަކުގެ ފަރުބަދައާއެކު އިބަ އިލާހާ ބައްދަލުކުރަން މިއަޅާ ދޫކޮށްނުލެއްވީމުއެވެ. މިއަޅާއަށް ކުރެވުނު ހުރިހާ ކަމަކަށްފަހުވެސް، އިބަ އިލާހު މިއަޅާއަސް އަދިވެސް އެހެން ފުރުސަތެއް ދެއްވެވީތީ ޝުކުރުކުރަމެވެ. މިއަޅާ ފަދަ ނުބައި މީހަކަށް އިބަ އިލާހު ރަހުމް ކުރައްވަނީ ކީއްވެތޯއެވެ؟ މިއަޅާއަކީ އެކަމަށް ހައްގު މީހެއް ނޫނެވެ. އެހެނަސް މިއަޅާ އެކަމަށް އެދި ދަންނަވަމެވެ. އެހެނީ އިބަ އިލާހުގެ ރަހުމަތްފުޅު މިއަޅާއަށް ކުރެވުނު ކޮންމެ ފާފައަކަށްވުރެ މާ ތަނަވަސްވެގެންވާކަން މިއަޅާއަށް އެނގެއެވެ.

 

ޔާ ﷲ! އިބަ އިލާހުގެ ކުރިފުޅުމަތީގައި މިއަޅާ ކުރި ހުރިހާ ފާފައަކަށް އިއުތިރާފުވަމެވެ. އެހެނީ އިބަ އިލާހަށް ހުރިހާ ކަމެއް މާ ކުރިންވެސް އެނގިވޮޑިގެންވެއެވެ. މިއަޅާ ދޫކޮށްލި ކޮންމެ ނަމާދެއް، މިއަޅާ ހެދި ކޮންމެ ދޮގެއް، މިއަޅާ އުވާލި ކޮންމެ ވައުދެއް، މިއަޅާ ވީ ކޮންމެ ޚިޔާނާތެއް، މިއަޅާ ބޭއިންސާފުވި ކޮންމެ އަންހެނަކު، މިއަޅާގެ ސަބަބުން އޮހޮރުނު ކޮންމެ ކަރުނައެއް، ބޮޑާކަމުގެ ކޮންމެ ވަގުތެއް، މުނާފިގުކަމުގެ ކޮންމެ އަމަލެއް، އަދި އިބަ އިލާހު މިއަޅާއަށް ނިއުމަތްތައް ދެއްވަމުން ގެންދެވި އިރު، އިބަ އިލާހުގެ މަތިން ހަނދާން ނައްތާލައި މިއަޅާ ބޭކާރުކޮށްލި ކޮންމެ ސިކުންތެއް އިބަ އިލާހު ދެނެވޮޑިގެންވަމުއެވެ. މިހާރު ފޮރުވާނެ އެއްވެސް އެއްޗެއް މިއަޅާގެ ނެތެވެ. ދައްކާނެ އެއްވެސް އުޒުރެއް ނެތެވެ. މިއަޅާގެ ކިބުރުވެރިކަން ފުނޑުފުނޑުވެއްޖެއެވެ. މިއަޅާގެ ބޮޑާކަން މަރުވެއްޖެއެވެ. އިބަ އިލާހާ ނުލާ މިއަޅާއަކީ ކިހާ ނިކަމެތި މީހެއްކަން މިއަޅާގެ ހިތަށް މިއަދު އިހުސާސްވެއްޖެއެވެ.

ޔާ ﷲ! އަޅުގަނޑަށް އިހުމާލުވެވުނު ކޮންމެ ނަމާދަކަށް މާފުކުރައްވާށެވެ. އަޅުގަނޑު އަޅާނުލައި ދޫކޮށްލި ގުރުއާނުގެ ކޮންމެ އާޔަތަކަށް މާފުކުރައްވާށެވެ. އަޅުގަނޑުގެ ހިތް ހާޒިރުނުވެ ދިޔަ ކޮންމެ ރަމަޟާން މަހަކަށް މާފުކުރައްވާށެވެ. އަޅުގަނޑު އަގުވަޒަން ނުކުރި ކޮންމެ ނިއުމަތަކަށް މާފުކުރައްވާށެވެ. އަޅުގަނޑުގެ އަނބިމީހާއަށް ހެދި ކޮންމެ ދޮގަކަށް މާފުކުރައްވާށެވެ. މި ދެލޮލުން، މި ދެއަތުން، މި ދެފައިން، މި ދުލުން އަދި މި ހިތުން ކުރެވުނު ކޮންމެ ފާފައަކަށް މާފުކުރައްވާށެވެ. ނަހަމަ ގޮތުގައި އަޅުގަނޑު ގާތްވި ކޮންމެ އަންހެނަކަށް މާފުކުރައްވާށެވެ. ގަސްތުގައި ނުވަތަ ނޭނގި ނަމަވެސް އަޅުގަނޑުގެ ފަރާތުން އަނިޔާ ލިބުނު ކޮންމެ މީހަކަށް މާފުކުރައްވާށެވެ. އިބަ އިލާހުގެ ބެއްލެވުމުން ސަލާމަތްވެވޭނެ ކަމަށް އަޅުގަނޑަށް ހީކުރެވުނު ކޮންމެ ވަގުތަކަށް މާފުކުރައްވާށެވެ.

އަޅުގެ ޢިއްޒަތާއި އަބުރު ހަލާކުކޮށްލި މި ޝަހުވަތްތެރިކަމުގެ ބަލިން އަޅުގެ ހިތް ތާހިރުކޮށްދެއްވާނދޭވެ. އިބަރަސްކަލާނގެއަށް އަޅު ބޭނުންނުވާކަމަށް އަޅަށް ހީކުރުވި ކިބުރުވެރިކަން އަޅުގެ ކިބައިން ދުރުކޮށްދެއްވާނދޭވެ. ފާފަތަކަށް އަޅުގެ ހިތުގައިވާ ލޯބި، އިބަރަސްކަލާނގެއަށް އޮތް ލޯތްބަށް ބަދަލުކޮށްދެއްވާނދޭވެ. މި ދުނިޔެއަށް އަޅު ހުންނަ ދެވިހިފުން، އާޚިރަތަށް އެދޭ އެދުމަކަށް ބަދަލުކޮށްދެއްވާނދޭވެ. މި ދުނިޔޭގައި އަޅު ފަހަތުން ދުވި ކޮންމެ އުފަލަކަށްވުރެ، އިބަރަސްކަލާނގެ ޛިކުރުކުރުން ފޮނި އެއްޗަކަށް ހައްދަވައިދެއްވާނދޭވެ. ޔާ ﷲ! އަޅުގެ ފާފަތަކުގެ ނަތީޖާތައް ފޮހެލެއްވުމަކަށް އަޅު ނޭދެމެވެ. އެއީ އެ ނަތީޖާތަކަށް އަޅު ޙައްޤުވާތީއެވެ. އަޅުގެ އަނބިމީހާ އަޅަށް މަޢާފުކުރުމަށް ނުވަތަ އަޅުގެ ދަރިފުޅު އަލުން އަޅަށް އިތުބާރުކުރުމަށް މަޖުބޫރުކޮށްދެއްވުމަކަށްވެސް އަޅު ނޭދެމެވެ. އެހެނީ އެމީހުންގެ ހިތުގައި އަޅު އެޅުވި ޒަޚަމްތައް ދެނެވޮޑިގެންވަނީ ހަމައެކަނި އިބަރަސްކަލާނގެއެވެ. އޭގެ ބަދަލުގައި، ތެދުވެރިކަމާއި، ކެތްތެރިކަމާއި، އިޚްލާޞްތެރިކަމާއެކު އަޅު ހަލާކުކޮށްލި ކަންތައްތައް އަލުން ބިނާކުރުމަށް، އަޅުގެ ބާކީ އޮތް ޙަޔާތުގައި ހިތްވަރު ދެއްވާނދޭވެ. ފިލައިގެން ނުގޮސް، ކޮންމެ ނަތީޖާއަކާ ކުރިމަތިލުމުގެ ތައުފީޤު އަޅަށް ދެއްވާނދޭވެ. އެތައް އަހަރެއްގެ އޮޅުވާލުންތަކަށްފަހު، ތެދުވެރިއަކަށް ވުމަށް އަޅަށް އެހީތެރިވެވޮޑިގަންނަވާނދޭވެ. އަޅުގެ ބާކީ އޮތް ކޮންމެ ދުވަހަކީ، އަޅު ބޭކާރުކޮށްލި އެތައް އަހަރަކަށްވުރެ ހެޔޮ ދުވަހެއްކަމުގައި ލައްވާނދޭވެ.

މާދަމާ ދިރިހުރުމުގެ ފުރުޞަތު ދެއްވައިފިނަމަ، އެއީ ފާފަތަކުގެ ބަދަލުގައި އަޅުކަމުން ފުރިގެންވާ އަހަރެއްކަމުގައި ލައްވާނދޭވެ. އަދި އަޅުގެ މަރު ގާތްވެއްޖެކަމަށް މިންވަރުކުރައްވައިފިނަމަ، އިޚްލާޞްތެރިކަމާއެކު އިބަރަސްކަލާނގެ ހަޟްރަތަށް ރުޖޫޢަވެފައިވާ ހިތަކާއެކު އިބަރަސްކަލާނގެއާ ބައްދަލުކުރުމުގެ ނަސީބު ދެއްވާނދޭވެ…"

****

ޒުނާމް ފެންވަރާލައިގެން ނިކުތްއިރު ޖޫލީ ހުރީ ހުޅުވާފައި ހުރި މަހޮގަނީ އަލަމާރި ކުރިމަތީގައެވެ. އޭނާގެ އިނގިލިތަކުން ހުރީ ލަކުޑި ހެންގަރުތަކުގެ ކައިރިފަށުގައި ވަރަށް ބާރަށް ހިފަހައްޓާލައިގެންނެވެ. އޭނާގެ ސިކުނޑީގައި ވަނީ ހައްލެއް ނުލިބިފައިވާ ރިހުންތަކުގެ ތޫފާނެކެވެ. މަހެކްއަށް ފަސީހު ބަހައްޓާ ފުރިހަމަ ލޯތްބާއި އަޅާލުން ފެނުމުން ލިބުނު އަސަރުތައް އަދިވެސް ހުރީ ތާޒާކޮށެވެ. ފަސީހުގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކީ އޭނާގެ މޭގައި ތޫނު ކައްޓެއް ހެރޭ ފަދަ އިޙްސާސެއް ކުރެވޭ ކަމެކެވެ. އަދި ޒުނާމްއަށް އެ ހިތްދަތިކަން ސިއްރުކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން، އޭނާގެ ރޫޙުން ދިރުން ހުސްވަމުންދާ ކަހަލައެވެ.

އެ ހިމޭންކަން ނިމުމަކަށް ގެނައުމުގެ ނިޔަތުގައި، އޭނާ އަލަމާރި ހުޅުވާލުމަށްފަހު ތިން ޕޯލޯ ޓީޝާޓް ނެގިއެވެ. އެއީ ގަދަ ނޫކުލައިގެ ޓީޝާޓަކާއި، ސާފު ހުދުކުލައިގެ ޓީޝާޓަކާއި، އަދި ކުލަ ފަނޑު ގަދަ މުށިކުލައިގެ ޓީޝާޓެކެވެ. އޭނާ މަޑުމަޑުން ފަހަތަށް އެނބުރުނުއިރު، މޫނުމަތިން އެއްވެސް އަސަރެއް ނެތެވެ. އޭނާ ބަލައިލީ ޑްރެސިންޓޭބަލް ކުރިމަތީ ހުއްޓިލައިގެން ރީތިވާން ހުރި ޒުނާމްއަށެވެ.

"މިއަދު ލާން ބޭނުމީ ކޮން ކުލައެއް؟" ޖޫލީ އެހިއެވެ. އޭނާގެ އަޑުގައި ހުރީ މަޖުބޫރުވެފައިވާ ރަސްމީ ގޮތެކެވެ.

ޒުނާމް އެނބުރިލާފައި ޖޫލީއަށް ބަލައިލިއެވެ. އޭނާގެ ކަޅު ދެލޮލުން ހޯދަމުންދިޔައީ ޖޫލީގެ ކިބައިން ފެންނަ ކުލުނުގެ ނިޝާނެކެވެ. ކޮންމެ ދުވަހަކު އޭނާއާ ދުރަށް ދަމުންދާ އެ ލޯތްބާއި އޯގާތެރިކަމުގެ ކުޑަވެސް މިންވަރެކެވެ. އޭނާ ވަރުބަލިކަމާއެކު ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި މަޑުމައިތިރިކަމާއެކު ބުންޏެވެ. "ޖޫލީއަށް ރީތި ކޮންމެ ކުލައެއްވެސް އަހަރެންނަށް އޯކޭ… ޖޫލީ އިޚްތިޔާރު ކުރޭ."

ޖޫލީ އޭނާގެ ދެލޯ ރޯލް ކޮށްލުމަށްފަހު ކުރިއަށް ފިޔަވަޅެއް އަޅައި، ފަރުވާކުޑަ ގޮތަކަށް މުށިކުލައިގެ ޕޯލޯ ޓީޝާޓް ދިއްކޮށްލިއެވެ. "މިއަދު މީތި ލާ."

ޒުނާމް ހުއްޓުން އެރިއެވެ. ޖޫލީގެ އަތުގައި އޮތް މުށިކުލައިގެ ޓީޝާޓަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ޖޫލީގެ ލޮލަށް ބަލައިލިއެވެ. އޭނާގެ މޫނުމަތިން ކުއްލި ސިހުމަކާއި މާޔޫސްކަން ފެންނަން ހުއްޓެވެ. "ޖޫ… މުށިކުލައަކީ ޖޫ އެންމެ ފޫހިވާ ކުލައެއްނު…. މުޅި ދުނިޔެއިންވެސް ޖޫ އެންމެ ގަޔާނުވާ ކުލަ… ޖޫއަށް ކަމުނުދާތީ ތި ނުލާންވެގެން ބަހައްޓާފަ ތި ހުރީވެސް… ދެން މިއަދު މުށިކުލައިގެ ޓީޝާޓް ލާން ތިބުނީ ކީއްވެ؟" ޒުނާމް މަޑުޖެހިލިއެވެ. އޭނާގެ އަޑު މަޑުވެ، ބުނެދޭން ނޭނގޭފަދަ ލުއި ރިހުމެއް އެ އަޑުގައި އެކުލެވިގެންވިއެވެ. "ޖޫ… ޖޫ ބޭނުންވަނީ އަހަރެން ޖޫ ފޫހިވާ އެއްޗެއް ލައިގެން ހުއްޓާ ފެނުމުން އުނދަގޫވާންތަ؟ ޖޫގެ ކުރިމަތީގަ އަހަރެން ހުތުރުކޮށް ފެންނަން ހުންނަންތަ ޖޫ ބޭނުންވަނީ..؟"

ޖޫލީ ރުޅިވެރިކަމާއެކު ލޯ އަޅާލިއެވެ. އޭނާގެ ކެތްތެރިކަން މުޅިން ކޮޅުންލައިފިއެވެ. އޭނާ ފޫހިކަމާއެކު ބާރަށް ނޭވާއެއް ދޫކޮށްލިއެވެ. "ޒުނާމް އަބަދު ކުޑަކުއްޖެއްހެން ޝަކުވާ ކުރަނީ ކީއްވެގެންތަ؟ ކީއްވެގެންތަ ކޮންމެ ކަމެއް ތިހާ ބޮޑުކޮށްލަނީ ކީއްވެ؟ އެންމެ އާދައިގެ ކަންކަންވެސް… ދެން ބޮޑުވަރު ތީ… އޭމް ސޯ ފަކި*ގ ޑަން ވިތު ޔޫ.."

ރުޅިގަނޑު ކޮންޓްރޯލް ނުކުރެވިގެން، ޖޫލީ އެ ތިން ޓީޝާޓް އެނދުމައްޗަށް ހޫރުވާލިއެވެ. "އަހަރެން ލައިކް ނުވާކަން އެނގޭ އިރުވެސް، ލާން ބޭނުން ނުވާއިރުވެސް، ކީއްކުރަންތަ މި ޓީޝާޓު ގަނޑު ގަތީ؟ ގަންނާނެ އެއްޗެއް ނޭނގިގެންތަ؟ މި ގަނެގެން ގެނެސް ދެން ކޮންހާ ޝަކުވާއެއްތަ ތި ކުރަނީ… ތީ ކުޑަކުޑަ ބޭބީއެއްތަ ކޮންމެ ކަމެއްގަ ބޮޑާހާކަން…" ޖޫލީގެ މޫނު ވަނީ ރުޅިން ރަތްވެފައެވެ. އޭނާ ފަސްދީ ހިނގައިގަތީ ބާރު ފިޔަވަޅުތަކެއްގައެވެ. އަދި ކޮޓަރިން ނުކުމެ، ބާރުބާރަށް ގިށް ކިޔާފައި ދޮރު ޖެހިއެވެ.

ޒުނާމް އެނދުގެ އަރިމަތީގައި، ކައިރީގައި އޮތް މުށިކުލައިގެ ޓީޝާޓަށް ބަލަހައްޓައިގެން ހުއްޓެވެ. ބޭއިހްތިޔާރުގައި އޭނާގެ ލޮލުން ކަރުނައެއް ވެއްޓުނެވެ. ހަމަ އެ ހިނދު މާޔޫސީ ރުޅިވެރިކަމުގެ ސާލެއްވެސް އޭނާގެ ހަށިގަނޑު ތެރޭގައި ދައުރުކޮށްލިއެވެ. ޒުނާމްގެ ހިތް ދިޔައީ ބާރަށް ތަޅެމުންނެވެ. އެފަދަ ކުޑަކުޑަ ކަމެއްގައިވެސް ޖޫލީ އޭނާއާ މެދު ކަންތައް ކުރި ގޮތުން، ޖޫލީ އޭނާ ދުރުކުރަން އުޅޭކަމުގެ ބިރުވެރި އިހުސާސް އިތުރަށް ވަރުގަދަވިއެވެ. އެހެންނަމަވެސް، ޖޫލީ ރުއްސުމުގެ އުންމީދުގައި، ޒުނާމް މަޑުމަޑުން އެ މުށިކުލައިގެ ޓީޝާޓް ނެގިއެވެ. އެ ލައިގެން، ގިރުވާން ރީތިކޮށްލުމަށްފަހު އޭނާ ކޮޓަރިން ނުކުތެވެ.

ޖޫލީ ހުރީ ސިޓިންގ ރޫމުގައެވެ. އޭނާ ދެއަތް މޭމަތީގައި ބަނދެލައިގެން، ކުޑަދޮރުން ބޭރުގައި އޮތް އަތިރިމައްޗަށް ބަލަހައްޓައިގެން ހުއްޓެވެ. ޒުނާމް ވަތްއިރުވެސް އޭނާ އެނބުރި ބަލައެއް ނުލިއެވެ.ޒުނާމް މަޑުކޮށްލައިގެން ހުރީ ކުޑަ ތަންކޮޅެއް ދުރުގައެވެ. އޭނާގެ ހިތަށް ބޮޑު މާޔޫސްކަމެއް ވެރިވެ، މޭބޮޑުވާން ފެށިއެވެ. ޖޫލީގެ ހިމޭން އަދި ހަރުކަށި ސޫރައަށް އޭނާ ބަލަން ހުރީ ވޭނީ ވަގުތުކޮޅަކަށެވެ. ޖޫލީ ފަސްއެނބުރި އޭނާއަށް ބަލާލާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް އެ ހިމޭންކަން ކެތްނުކުރެވޭ ވަރުވުމުން، އޭނާ އުނދަގޫ ގޮތަކަށް ހިންދިރުވާލާފައި ކަރުކެހިލިއެވެ. އޭނާގެ އަޑު ހުރީ ކުރެހިފައެވެ.

"މިއަދު އަހަރެން ދަނީ ކޮންތާކަށްތޯވެސް އަހާނުލާނަންތަ ޖޫލީ؟"

ޖޫލީ ޒުނާމްއަށް ބީރުކަންފަތެއް ދީގެން އަޅާވެސް ނުލާ ހުއްޓެވެ.

ޒުނާމް މަޑުމަޑުން ފިޔަވަޅެއް ކުރިއަށް އެޅިއެވެ. އޭނާގެ ދެއަތް މުށްކެވިފައިވާއިރު، އަޑުގައި ހުރީ އާދޭހާއި ރުޅިވެރިކަން އެކުލެވިފައެވެ. "އަހަރެން މި އެހީ… އަހަރެން ދަނީ ކޮންތާކަށްތޯވެސް އަހާނުލާނަންހޭ؟"

ކުއްލިއަކަށް ޖޫލީ އެނބުރިލާފައި ޒުނާމާ ކުރިމަތިލިއެވެ. ޖޫލީގެ ލޮލުން ފެންނަން ހުރި ވަރުގަދަ ނުރުހުމުގެ ސަބަބުން ޒުނާމަށް ފަހަތަށް ފިޔަވަޅެއް އެޅުނެވެ. "ޒުނާމް ބޭނުން ކޮންމެ ނަރަކައަކަށް ދިޔަޔަސް އަހަރެންގެ ފަރުވާލެއް ނެތް ޒުނާމް!" ޖޫލީ ރުންކުރު ގޮތަކަށް ބުންޏެވެ. އޭނާގެ އަޑުގައި ހުރި ހިތްދަތިކަމާއި ހިތްނުތަނަވަސްކަމުން އަޑު ކުރެހިގެން ދިޔައެވެ. "ބޭނުން ތަނަކަށް ގޮސް، ބޭނުންހާ އިރަކު، ބޭނުންހާ ބަޔަކާ އެކީ ކޮންމެ ކަމެއް ކުރިއަސް އަހަރެންނަށް ވަރިހަމަ. އެކަމަކު މާތްކަލާނގެ ރަސްކަންފުޅަށްޓަކައިވެސް، ޖަސްޓް ލީވް މީ އެލޯން.."

ޒުނާމް ޖޫލީއަށް ބަލަން ހުރީ ހައިރާންވެފައެވެ. އޭނާގެ މޫނު ހުދުވެ، ކަޅު ދެލޮލުން ފެންނަން ހުރީ ފުން އަސަރެކެވެ. "ތިހާ ބޮޑަށް އަހަރެންދެކެ ރުޅި އަންނަނީ ކީއްވެ، ޖޫލީ؟ އަހަރެން ކުރީ ކީއް؟ އެއްވެސް ސަބަބަކާނުލާ އަހަރެންނާ ދޭތެރޭ ހަތުރަކާ ދޭތެރޭ ކަންތައް ކުރާ ފަދައިން ތި ކަންތައް ކުރާ ސަބަބެއް ބުނެދީބަލަ!"

"ދެކަންފަތް ބީރުވެފަތަ ތިހުރީ… މި ބުނީނު ހަމަ މިހާރު މިތަނުން ދާށޭ!" ޖޫލީ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. އޭނާގެ މޭ ފޮޅެމުން ދިޔައިރު، އޭނާ މޫނު އަނބުރާލީ ލޮލުން ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތައް ޒުނާމަށް ދައްކަން ބޭނުން ނުވާތީއެވެ.

ޒުނާމް ހިނދުކޮޅަކަށް ގަނޑުވެފައި ހުއްޓެވެ. އެ މާހައުލުގައި ހިމޭންކަން މަރުގެ ރަނގަބީލެއް ފަދައިން އިވެމުން ދިޔައެވެ. ޖޫލީގެ ވިހަގަދަ ބަސްތަކުން އޭނާގެ ހިތް ކުދިކުދިވިއެވެ. ޖޫލީގެ ހިތުގައި އޭނާއަށްޓަކައި މިހާރު އެއްވެސް ލޯތްބެއް ނެތްހެންވެސް އޭނާއަށް ހީވާން ފެށިއެވެ. އެއީ މީގެ ކުރިން ޖޫލީ ދުވަހަކުވެސް އުޅެފައި ނުވާ ގޮތެކެވެ. އޭގެ ކުރިން ޖޫލީ ދުވަހަކުވެސް އަޑު ހަރުކޮށް ނޫނީ ރުޅިއައިސް ޒުނާމްއާއި ވާހަކަ ދައްކާފައެއް ނެތެވެ. އިތުރު އެއްވެސް ބަހެއް ބުނުމެއް ނެތި، ހިތް ކުދިކުދިވެފައިވާ ހާލު، ޒުނާމް އެނބުރިލާފައި ގެއިން ނުކުމެގެން ދިޔައެވެ. އޭނާ ނުކުތުމާއެކު ގޭގެ ބޮޑު ދޮރު ލެއްޕުނީ ފިނި އަދި ވަދާއީ އަޑަކާއެކުގައެވެ.

****

ކޮލެޖުގެ ކެމްޕަސް ބަގީޗާގެ ފާރު ކައިރީގައި ތިން ދަރިވަރުން، ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު ތިއްބެވެ. އެ އަންހެން ކުދިން ބާރަށް ހެމުން ދިޔައިރު، އިސްތަށިގަނޑު ފޮޅާލައި ތަފާތު ގޮތްގޮތަށް ޕޯޒް ކުރަމުން ދިޔައެވެ. އެވަގުތު ފިރިހެން ކުއްޖާ ފޯނު ހިފަހައްޓައިގެން ހުރެ، ވަރަށް ފަރުވާތެރިކަމާއެކު އެކުދިންގެ ޓިކްޓޮކް ވީޑިއޯއެއް ނަގަމުން ދިޔައެވެ. މިއީ ފާއިތުވި ހަފުތާތަކުގައި ރާމިޔާގެ ފަހަތުން އޭނާއާ ބެހޭގޮތުން ސިއްރުން ވާހަކަދައްކައި، މަލާމާތުގެ ހިނިތުންވުންތަކާއެކު އޭނާއަށް އިނގިލި ދިއްކޮށް، ކެމްޕަހުގައި އޭނާގެ ދިރިއުޅުން އެކަހެރިކަމާއި ނިކަމެތިކަމުގެ ނަރަކައަކަށް ހަދަމުން އަންނަ ތިން "ބުލީސް"އެވެ.

ކުއްލިއަކަށް، އެމީހުންގެ މައްޗަށް ކަޅު، ބަރު ހިޔަންޏެއް އެޅުނެވެ. ކަޅުކުލައިގެ ޖީޕެއް އައިސް އެމީހުން ކުރިމަތީގައި މަޑުކޮށްލުމަށްފަހު އެމީހުންގެ ސަމާލުކަން ހޯދުމަށްޓަކައި ބާރު ބާރަށް ބަރުގޮނު އަޅާލިއެވެ. ކުއްލިއަކަށް އެ ކާރުން މީހަކު ފޭބިއެވެ. ރާމިޔާއަށް ބިރުދައްކައި ބްލެކްމެއިލް ކުރަމުންދިޔަ، ރަހުމެއްނެތް، ފިނި ދެލޯ ލިބިގެންވާ ގޭންގު މީހާ ފަހަތުން އެމީހުންނާ ގާތްވިއެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ އިންތިހާ ދަރަޖައިގެ ބިރުވެރި ނުލަފާކަމެވެ. އެއްވެސް އިންޒާރެއް ނެތި، އޭނާގެ ބޮޑު، ކުރަކި އަތް ދިއްކޮށްލައި، ވީޑިއޯ ނަގަން ހުރި ފިރިހެން ކުއްޖާގެ ޓީޝާޓުގެ ކޮލަރުގައި ފަހަތުން ހިފައި، ވަރަށް ބާރަށް ފަހަތަށް ދަމައިގަތެވެ.

އެ ފިރިހެން ކުއްޖާ ބިރުން ނޭވާ ހާސްވިއެވެ. ގޭންގު މީހާއާ ކުރިމަތިލާން ޖެހުމުން އޭނާގެ އަތުން ފޯނު ދޫވެގެން ވެއްޓުނެވެ. އޭނާއަށް ދެކޮޅުވެރިކަމުގެ ބަހެއް ބުނެވުމުގެ ކުރިން، ގޭންގު މީހާ އަތް ހިއްލާލައި، މުޅި ހަށިގަނޑުގެ ބާރުލާފައި އެ ކުއްޖާގެ މޫނުމަތީގައި ބާރު އެތިފަހަރެއް ޖެހިއެވެ.

ޗަސް!

އެ ޖެހި އަޑު މުޅި ގޯތިތެރޭގައި ގުގުމައިގެން ދިޔައީ ހީވީ ޗާބުކަކުން ޖެހި އަޑު ހެންނެވެ. އެ އެތިފަހަރުގެ ބާރުގަދަކަމުން އެ ކުއްޖާގެ ދަތްދޮޅި ތަޅައިގެން ގޮސް، އަނގައިން ލޭ އޮހިގަތުމާއެކު ބައެއް ދަތްތައް ބުރައިގެން ދިޔައެވެ. ވޭނީ ހަޅޭކަކާއެކު އެ ކުއްޖާ ބިންމައްޗަށް ވެއްޓުނެވެ. އަދި އަނގައިގައި އަތް އަޅައިގެން އޮވެ ރޮމުން ދިޔައިރު، ތަދުން ސަލާމަތްވުމަށް ހަށިގަނޑު ބޮނޑިކޮށްލިއެވެ.

ދެން ތިބި ދެ އަންހެން ކުދިން ބިރުން ގަނޑުވެ، ހަޅޭއްލަވައިގަތެވެ. ބިރުން ގޮސް މޫނުމަތިން ކުލަވަރު ފިލައި، ފާރުގައި ލެގިގަނެގެން ތިބިއިރު މުޅި ހަށިގަނޑު ދިޔައީ ބާރަށް ތުރުތުރު އަޅަމުންނެވެ.

ގޭންގު މީހާ އެކުދިންނަކަށް ނުބަލައެވެ. އޭނާ މަޑުމަޑުން ތިރިވެ، ބިމަށް ވެއްޓިފައި އޮތް ފޯނު ނެގިއެވެ. ފޯނު ހުޅުވައި، ޓިކްޓޮކަށް ވަދެ، ބިމުގައި ލެއިން ތަތްތެލިވެފައި އޮތް ކުއްޖާއާ ދިމާއަށް ކެމެރާ އެނބުރިއެވެ. މަލާމާތުގެ ހިނިތުންވުމަކާއެކު، އެ އަނިޔާވެރި މަންޒަރު ރެކޯޑުކޮށް، މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެ ވީޑިއޯ ޓިކްޓޮކަށް އަޕްލޯޑް ކޮށްލިއެވެ.

އަންހެން ކުދިންގެ ތެރެއިން އެކަކު، ބިރުން ހުރެމެ، ފޯނު އަތުލުމަށް ކުރިއަށް ޖެހިލިއެވެ. "އާދޭސްކުރަން… ތި ފޯނު ދީ…" ރޮމުން ކަހަލަ ގޮތަކަށް އޭނާ ބުންޏެވެ.

ގޭންގު މީހާ އޭނާގެ ނުރައްކާތެރި ނަޒަރު އެ އަންހެން ކުއްޖާއަށް ހުއްޓާލިއެވެ. އެއްވެސް ބަހެއް ބުނުމެއް ނެތި، ފޯނު މައްޗަށް ހިއްލާލުމަށްފަހު، ކުރިމަތީގައި ހުރި ފާރުގައި ޖެހިޖެހީނުން ފޯނު ފުނޑުފުނޑުކޮށްލިއެވެ.

އެއާއެކު އެ ފޯނުގެ ބައިތައް ފަރާތްފަރާތަށް ބުރައިގެން ގޮސް ތެތް ވިނަގަނޑުގެ މައްޗަށް ބެހިގެން ދިޔައެވެ. އެ އަންހެން ކުދިން ބިރުން ރޮއެގަނެ، މޫނުގައި އަތްއަޅައިގެން ތިބެ ބާރަށް ހަޅޭއްލަވައިގަތެވެ. ގޯތިތެރޭގައި ތިބި އެހެން ދަރިވަރުން ބިރުން ގަނޑުވެފައި ތިބިއިރު، އެހީތެރިކަމުގެ އަތެއް ދިއްކޮށްލަން އެކަކަށްވެސް ފިޔަވަޅެއް އަޅާކަށް ނުކެރުނެވެ.

ގޭންގު މީހާ މަޑުމަޑުން ހީލިއެވެ. އޭނާ އެނބުރިލުމަށްފަހު، ޖީޕާއި ދިމާއަށް ހިނގައިގަތެވެ. އޭނާ ޖީޕުގެ ކުރީ ސީޓަށް އެރުމާއެކު، އޭނާގެ ބައިވެރިޔާ ގިއަރު ބަދަލުކޮށްލައި، ކޮލެޖު ދޮރުމަތިން ދުންގަނޑެއް އަރުވާލާފައި ބާރު ދުވެލީގައި ނައްޓާލިއެވެ.

ހަނި، އަވިން އަނދައަނދާ އޮތް މަގުތަކުން ޖީޕު ބާރަށް ދުއްވާފައި ދިޔައިރު، އެ ގޭންގު މީހާ އޭނާގެ ފޯނު ނެގިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ނުލަފާ ހިނިތުންވުމެކެވެ. އޭނާ ފޯނުން ނަންބަރަކަށް ގުޅާލިއެވެ.

ރަށުގެ އަނެއްކޮޅުގައި، ރާމިޔާ އޭނާގެ ސުކޫޕީ ދުއްވަމުން ދިޔައީ ކޮލެޖަށް ދާން ގަޑި ޖެހިދާނެތީއެވެ. ވައިގެ ތެތްކަން މޫނުގައި ޖެހެމުން ދިޔަ ނަމަވެސް، އޭނާއަށް އިހުސާސް ކުރެވެނީ ފިނިކަމެވެ. ބްލެކްމެއިލް ކުރާ މީހުންގެ ސަބަބުން އޭނާގެ ހިތް ވަނީ ބިރުވެރިކަމުން ފުރިފައެވެ. ކުއްލިއަކަށް ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން އޭނާގެ ހިތް ހުއްޓުނު ކަހަލައެވެ.

އޭނާ އަވަސްއަވަހަށް މަގުގެ އެއްފަރާތުގައި ސައިކަލު މަޑުކޮށްލިއެވެ. ތުރުތުރު އަޅަމުންދިޔަ އަތަކުން ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.

"ރ-ރާމިޔާ…" ނޭވާ ކުރުވެފައިވާ އަޑަކުން ފިރިހެނަކު އޭނާއަށް ގޮވާލިއެވެ.

ފޯނުގެ އަނެއްކޮޅުން އިވެނީ ޖީޕުގެ އިންޖީނުގެ އަޑާއި ވައިގެ އަޑެވެ. އެއަށްފަހު އިވުނީ އެ ގޭންގު މީހާގެ ނުލަފާ ހިނިގަނޑުގެ އަޑެވެ.

"މިއަދު ކަލޭގެ ތިޔަ ރީތި ދިރިއުޅުން އިތުރަށް ބަނަވެގެންދާނެ ގޮތް ބަލަން ރެޑީވޭ އިނގޭ ދޫންޏާ…" އެ މީހާ ވަރަށް ނުލަފާ ރާގަކަށް ބުންޏެވެ. "ކޮލެޖު ދޮރުމަތީގައި ކަލެއަށްޓަކައި ވަރަށް ރީތި ސަޕްރައިޒެއް ބާއްވާފައި އަހަރެމެން މިއައީ. އަވަހަށް ކޮލެޖަށް ދޭ… އެ މަންޒަރު ބަލާލަން ކަލޭ ބޭނުންވާނެ."

އެއަށްފަހު ރާމިޔާއަށް އިތުރު އެއްވެސް އެއްޗެއް ނުބުނެވެނީސް އެ މީހާ ފޯނު ކަނޑާލިއެވެ.

ރާމިޔާ ސައިކަލު މަތީގައި ގަނޑުވެފައި އިނެވެ. މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައިރު، ނިތްކުރިން ދާހިއްލަން ފެށިއެވެ. އެމީހުން ކުރީ ކީއްބާވައެވެ؟ އެ ބުނާ ސަރޕްރައިޒްއަކީ ކޮބައިބާއެވެ.

ހާސްވެފައި ހުރެ އޭނާ ސައިކަލުގެ އެކްސެލެރޭޓަރު އަނބުރާލިއެވެ. އިންޖީނުގެ އަޑާއެކު އޭނާ ބާރު ދުވެލީގައި ކޮލެޖާ ދިމާއަށް ދިޔައެވެ. ކޮލެޖު ދޮރުމަތީގައި އޭނާއަށް އިންތިޒާރު ކުރަމުންދާ ބިރުވެރި މަންޒަރެއްގެ އެއްވެސް ހިލަމެއް އޭނާއަކަށް ނެތެވެ. ރާމިޔާގެ ދެއަތް ދިޔައި ތުރުއަޅަމުންނެވެ. ހާސްވީވަރުން އޭނާގެ ލަނގޮޑި އަތަށް ނައީ ހަމަ ކިރިޔާއެވެ.

(ނުނިމޭ)

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ