އިރާޤުގައި ތިބި އެމެރިކާގެ އަސްކަރީ ހުރިހާ ސިފައިން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ގެ ނިޔަލަށް އެ ޤައުމުން ފައިބާނެކަން އެމެރިކާ އާއި އިރާޤުގެ ސަރުކާރުން ކަށަވަރުކޮށްދީފިއެވެ. ވައިޓް ހައުސްގައި އިރާޤުގެ ބޮޑުވަޒީރު ޢަލީ އަލް ޒައިދީއާ އެކު ބޭއްވި ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އިރާޤުގައި އެމެރިކާ ސިފައިން އިތުރަށް ތިބެން ބޭނުންވާ ކަމަށް ޤަބޫލުނުކުރައްވާ ކަމަށާއި، ދެން އޮންނާނީ އަސްކަރީ ބޭނުންތަކަށްވުރެ ބޮޑަށް އިޤްތިޞާދީ ގޮތުން ބަދަހިވަމުންދާ ގުޅުމެއް ކަމަށެވެ.
އެމެރިކާގެ ދިފާޢީ ވުޒާރާއިން ހާމަކުރި ގޮތުގައި، އިރާޤުގައި ޙަރަކާތްތެރިވާ ދާޢިޝް ނިރުބަވެރި ޖަމާޢާތާ ދެކޮޅަށް މަސައްކަތް ކުރުމަށް 2024 ވަނަ އަހަރު ވެފައިވާ އެއްބަސްވުން މިހާރު ވަނީ ނިމުމަކަށް ގެންނަން ނިންމާފައެވެ. އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންގެ ވެރިކަމުގައި އެކުލަވާލި މި އެއްބަސްވުމުގެ ދަށުން ގިނަ ސިފައިން ފައިބާފައިވާއިރު، ދާޢިޝްއާ ދެކޮޅަށް ކުރާ މަސައްކަތުގެ ޒިންމާ ދެން ޙަވާލުކުރާނީ އެމެރިކާގެ ތަމްރީނު ލިބިފައިވާ އިރާޤުގެ އަސްކަރިއްޔާއާއެވެ. ނަމަވެސް އެމެރިކާގެ ކުންފުނިތައް ކުރިއެކޭވެސް އެއްފަދައިން އިރާޤުގައި ޙަރަކާތްތެރިވާނެއެވެ.
އެމެރިކާ ސިފައިން އިރާޤަށް ފުރަތަމަ އެރީ 2003 ވަނަ އަހަރުގެ މާޗް މަހު، އެ ޤައުމުގައި ފަނާކުރަނިވި ހަތިޔާރު ހުރި ކަމަށް ބުނެ ލިބުނު ގޯސް މަޢުލޫމާތެއްގެ މައްޗަށެވެ. ފަހުން އެފަދަ ހަތިޔާރެއް ނެތް ކަމަށް އެމެރިކާއިން އިޢުތިރާފުވިއިރު، 2003 އިން 2011 އަށް ކުރި ހަނގުރާމައިގައި ބައި މިލިއަނެއްހާ މީހުން މަރުވިއެވެ. 2007 ގައި ސިފައިންގެ ޢަދަދު 170,000 އަށް އެރި ނަމަވެސް، 2011 ގައި ބެރެކް އޮބާމާގެ ވެރިކަމުގައި ސިފައިން ބޭލިއެވެ. އޭގެފަހުން 2014 ގައި ދާޢިޝްގެ ނުރައްކަލާ ހުރެ އަލުން ސިފައިން ދިޔަނަމަވެސް، 2021 ގައި އަސްކަރީ އޮޕަރޭޝަންތައް ރަސްމީކޮށް ނިންމާލާފައިވުމުން، މިހާރު އިރާޤުގައި ތިބީ ހަމައެކަނި އަސްކަރީ ލަފާދޭ މަދު ޓީމެކެވެ.


