ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލުމަށް އަވައްޓެރި އިންޑިއާގެ ކުރީގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރު ސުބްރަމާނިއަން ސްވާމީ ގޮވާލެއްވި ގޮވާލެއްވުން އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފިއެވެ.
އޭނާގެ ވާހަކަތަކާ ގުޅިގެން، އިދިކޮޅު ޕާޓީ އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ، ސުބްރަމާނިއަންގެ އެވާހަކަތަކަކީ ވަރަށް ޒިއްމާދާރުކަން ކުޑަ، އަދި ރާއްޖެއާ އިންޑިއާ ދެގައުމުގެ ރައްޔިތުންގެ މެދުގައި ނަފުރަތު އުފެއްދުމަށް ދެއްކި ވާހަކަތަކެއް ކަމަށެވެ.
އިންޑިއާގެ ދާހިލީ ކަންކަމުގައި ރާއްޖޭގެ ނަން ބޭނުން ނުކުރުމަށް ގޮވާލަމުން އެމްޑީޕީން ބުނީ، ރާއްޖެއާ އިންޑިއާ އާ ދެގައުމުގެ ދެމެދު އޮންނަނީ ވަރަށް ޒަމާންވީ ގުޅުމެއް ކަމަށެވެ. އަދި އެ ގުޅުން ބިނާވެގެންވަނީ އިހުތިރާމްކުރާ ހާލު، ދެ ގައުމު ގެ ރައްޔިތުންގެ މެދުގައިކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެމްޑީޕީން ތުހުމަތު ކުރާގޮތުގައި އެފަދަ ފަރާތްތަކަށް އެފަދަ ނޭއްގާނީ ވާހަކަތައް ދައްކަން ފުރުސަތު ލިބެނީ ޑރ.މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.
މިފަހުން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ނުސީދާގޮތެއްގައި އިންޑިއާއަށް ރައްދުވާގޮތަށް ބައެއް ބަސްފުޅުތައް ވިދާޅުވެފައެވެ.
ދިވެހި ސަރުކާރު ބަދަލު ކުރަން އިންޑިއާއިން ސިފައިން ފޮނުވަން އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީއަށް ނިސްބަތްވާ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރެއް ކަމަށްވާ ސުބްރަމާނިއަން ސްވާމީ ވަނީ ގޮވާލައިފައެވެ.
"ރާއްޖެއިން އިންޑިއާގެ މޫނު މައްޗަށް އުކި ކިސަޑު ސާފު ކުރާނީބާ؟. ނޫނީ ރާޖީވް ގާންދީ ހެދި ގޮތަށް ހަނގުރާމަ މަތީ މަތިންދާބޯޓުތަކާއި، އިންޑިއާ ކަނޑުގެ ސިފައިންނާއި، އިންޑިއާގެ އެއްގަމު ސިފައިން ފޮނުވައިގެން މުއިއްޒުގެ ސަރުކާރު ބަދަލު ކުރާނީތޯ؟". އޭނާ ބުނެފައިވެއެވެ.
ބީޖޭޕީގެ ސުބްރަމާނިއަން ސްވާމީއަކީ މީގެ ކުރިންވެސް މިފަދަ ޓްވީޓެއް ކޮށްފައިވާ ފަރާތެކެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވާ ރާއްޖެ ހިފަންޖެހޭ ކަަމަށް ބުނެފައެވެ.
ގުޅުންހުރި:
ދިވެހި ސަރުކާރު ވައްޓާލަން އިންޑިއާއިން ސިފައިން ފޮނުވަން ގޮވާލައިފި



ކިޔުންތެރިންގެ ޚިޔާލުތައް:
އިންދޑިއާ ސަރކާރުން ދިވެހިންގެ ކިބައިން މާފައްއެދެން ޖެހޭނެ