ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އާ މަގުތަކެއް ހުޅުވާލަން އިޒްރޭލުން ނިންމައިފިއެވެ.
ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އާ މަގުތަކެއް، އިޒްރޭލުން ހުޅުވާލަނީ އާންމު ރައްޔިތުން ހިމާޔަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޖޯ ބައިޑަން އިންޒާރު ދެއްވުމާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު، އިސްރާޢީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ޢުދުވާން ފެށިފަހުން، ޣައްޒާގެ އުތުރުގެ ހިސާބުތަކަށް ވަންނަ އެރޭޒް ކްރޮސިން ހުޅުވާލާ މިއީ ފުރަތަމަ ފަހަރެވެ. އަދި އެހީތައް ވަގުތީ ގޮތުން އަޝްދޮދު ބަނދަރުން ދަތުރުކުރުމުގެ ހުއްދަ ދޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލުގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި، ކެރެމް ޝަލޮމް ހުރަސްކޮށް އުރުދުން އިން ދަތުރުކުރާ އެހީގެ މިންވަރު އިތުރު ކުރުމަށް ފުރުޞަތު ދިނުމަށްވެސް އިސްރާޢީލުން ވަނީ ނިންމާފައެވެ.
"މި އިތުރުވި އެހީއަކީ އިންސާނީ ދަތިކަމެއް ހުއްޓުވޭނެ ކަމެއް، އެއީ ހަނގުރާމަ ކުރިއަށް ގެންދިއުމާއި ހަނގުރާމައިގެ އަމާޒުތައް ހާސިލް ކުރުމަށް ބޭނުންވާ ކަމެއް،" އިސްރާއީލު ސަރުކާރުގެ ތަރުޖަމާނަކު ބުންޏެވެ.
ބުރާސްފަތި ދުވަހު، ބައިޑަން ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގުޅުއްވާފައެވެ. މަޝްވަރާތަކުގައި ނަތަންޔާހޫގެ ކިބައިން ބައިޑަން އެދިފައިވަނީ އިންސާނީ އެހީތައް ގެންދާ އިތުރު ޓްރަކްތައް ވަގުތުން ޣައްޒާއަށް ވަނުމުގެ ހުއްދަ ދިނުމަށެވެ.
ރައީސް ބައިޑެން ވިދާޅުވީ އިސްރާއީލުން ޣައްޒާގައި ހިންގާ ހަނގުރާމައަށް ކުރިއަށް އޮތްތަނުގައި އެމެރިކާއިން ދޭ އެއްބާރުލުން ބިނާވެފައި އޮންނާނީ ކުށެއް ނެތް އާންމުންނާއި އެހީތެރިން ހިމާޔަތް ކުރުމަށް އަޅަންޖެހޭ އާ ފިޔަވަޅުތައް އަވަހަށް ތަންފީޒު ކުރުމުން ކަމުގައެވެ.
"ޣައްޒާގައި ހިންގާ ހަނގުރާމައާ ގުޅޭ ގޮތުން އެމެރިކާގެ ސިޔާސަތު ކަނޑައެޅޭނީ މި ފިޔަވަޅުތަކާ މެދު އިސްރާއީލުން އަވަސް ފިޔަވަޅުތަކެއް އަޅާނެ ގޮތް އަޅުގަނޑުމެންނާ ޙިއްސާކުރުމުން." ބައިޑެންގެ ފޯނު ކޯލުގައި ފާހަގަކުރެއްވިއެވެ.
ޣައްޒާގެ މުސްލިމުންނަށް އަނިޔާކޮށް ނަސްލު ނެތިކޮށްލަން ޔަހޫދީ ފައުޖުން ފަށާފައިވާ ލާއިންސާނީ ޢުދުވާނުގެ އެންމެ ބޮޑު އެހީތެރިއަކީ އެމެރިކާއެވެ. ޣައްޒާގެ މުސްލިމުންގެ ގެދޮރާއި, މިސްކިތްތަކާއި ހަސްފަތާލުތައް ސުންނާފަތިކޮށް, އެ މީހުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ބޭނުން ކުރަމުންދާ ގިނަ ހަތިޔާރަކީ އެމެރިކާއިން ފޮނުވާފައިވާ ތަކެއްޗެވެ.
އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް މެދުކަނޑައިނުލައި ކުރިއަށް ގެންދެވޭނެ މަގު ފަހި ކޮށްދިނުމުގެ ގޮތުން ޔަހޫދީ ފައުޖަށް އިތުރު ހަތިޔާރާއި އަސްކަރީ ސާމާނު ފޯރުކޮށްދޭން އެމެރިކާއިން ދާދި ފަހުން ވަނީ ނިންމާފައެވެ. އެމެރިކާއިން ޔަހޫދީންނަށް ފޮނުވަން ނިންމާފައިވާ ހަތިޔާރުގެ ޕެކޭޖުގެ އަގު 2.5 ބިލިޔަން އެމެރިކާ ޑަލަރަށް އަރައެވެ. އޭގެ ތެރޭގައި ބާރުގަދަ, އަދި ނުރައްކާތެރި ބޮންތަކާއި, އެންމެ ފަހުގެ އަސްކަރީ މަތިންދާބޯޓުތައް ހިމެނެއެވެ.
ބައިޑެން މިފަދަ ފޯނުކޯލެއް ކުރެއްވި ނަމަވެސް، ޣައްޒާގެ މުސްލިމުންނާ މެދު އެމެރިކާއިން އަމަލު ކުރަމުންދާ ގޮތުން, ބައިޑަނާއި އެމެރިކާގެ ސަރުކާރުގެ ދެފުށްދެގޮތް ކަން ސާބިތުވެެއެވެ. ދުނިޔޭގެ ކުރިމަތީގައި ބައިޑަން ގޮވައިލައްވަމުން ގެންދަނީ ޔަހޫދީންގެ ޢުދުވާންތައް މެދުކަނޑައިލުމަށެވެ. ނަމަވެސް, އޭގެ އަނެއް ދުވަހު, ބައިޑަން ގެންދަވަނީ ފަލަސްޠީނުގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީންނަށް ބޭނުންވާނެ ހުރިހާ ބާވަތެއްގެ ހަތިޔާރެއް ފޯރުކޮށްދެއްވަމުންނެވެ.


