މިދުޙަތު އަބޫބަކުރު (މިޑޭ) އަކީ އެންމެ ކުޑައިރުއްސުރެ ކެމެރާއަށް ޚާއްޞަ ލޯތްބެއްދޭ ޒުވާނެކެވެ. އޭނާގެ އަތުގައި ކެމެރާ އޮންނަނީ ހަމައެކަނި ފެންނަ މަންޒަރެއް ކުލަ ގަނޑަކަށް ރައްކާކުރާކަށް ނޫނެވެ. ކޮލިޓީ ފޮޓޯގަނޑެއް ނަގާލެވިއްޖެނަމަ އެ ރައްކާކުރެވެނީ ތާރީޚީ ފުން ހަނދާންތަކެއް ކަން އޭނާ ހިތުގެ އަޑިން ޤަބޫލުކުރަނީ އެކަމަށް އޮންނަ ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ. ޝައުޤުވެރިކަމާއެކު ކުރާ ކޮންމެ ކަމެއްގައިވެސް ކޮލިޓީއެއް ހުންނަންވާނެ ކަން އޭނާ ޤަބޫލުކުރެއެވެ. އޭނާ އެންމެ އިސްކަން ދެނީ "ކޮލިޓީ" އަށެވެ.
ފޮޓޯގްރަފީ ދާއިރާއަށް އޮތް ލޯތްބާއި އޮތް ޝައުޤުވެރިކަމެއްގެ ބޮޑުކަމުން އޭނާ މާކެޓިންގ ދާއިރާއަށް މިސްރާބު ޖެހީވެސް ކުރާ ކޮންމެ ކަމެއް ވެސް ކުރަންވާނީ ކުރެވެން އޮތް އެންމެ ރަނގަޅަށް ކަން ޤަބޫލުކޮށްގެންނެވެ. ދާއިރާއަށް ލޯހުޅުވި ތޫނު ފިލިކަމާއެކު 7 އަހަރު ދުވަހުގެ ތަޖުރިބާ މާކެޓިން ދާއިރާގައި އޭނާ ހޯދީ މުސްތަޤްބަލަށް އެޅޭ އެންމެ މުހިއްމު ބިންގަލަކީވެސް އެއީ ކަމަށް ދެކިގެންނެވެ. "ތަޖުރިބާ" ގެ މަތީގައި އެޅޭ ބިންގާ ކެއްޗާހަމައަށް އެރިއަސް ހުންނާނީ ތެދަށް ކަމަށް އޭނާގެ ހިތުގައި ބިންވަޅު ނެގިއެވެ. މާކެޓިންގ އޮފިސަރެއްގެ ގޮތުން ފެށިގެން ސީނިއަރ މާކެޓިންގ އޮފިސަރ، ޑިޖިޓަލް މާކެޓިންގ އޮފިސަރ އަދި މާކެޓިންގ މެނޭޖަރ އަށް އޭނާ ކުރިއަރައި ދިޔައީ ހިތްވަރާއެކު ކުރި މަސައްކަތުންނެވެ. ވަކިން ޚާއްސަކޮށް އޭނާގެ ފަރާތުން ފެންނަ މުޢާމަލާތުކުރުމުގެ ހުނަރާއެކު ކާމިޔާބީގެ ދޮރުތައް ހުޅުވިގެން ދިޔައީ މާކެޓިން ކެރިއަރާއެކު ކޮންޓެންޓް އުފެއްދުމަށް ޝައުގުވެރިކަން އުފެދި، ފޮޓޯގްރަފީ، ވީޑިއޯގްރަފީ އަދި ގްރެފިކްސް ޑިޒައިން އަށް ފޯކަސް ކޮށްގެންނެވެ.

މާކެޓިންގ ދާއިރާގެ ވަޒީފާގެ ތަޖުރިބާގެ ބިންގަލުގެ މަތީގައި އަމިއްލައަށް އުދުހިގަންނަން އޭނާ ފެށީ ފޮޓޯގްރަފީގެ އެތަކެއް މަސައްކަތްތަކެއް ޕާޓްޓައިމުކޮށް ކުރުމަށްފަހުގައެވެ. ވަޒީފާގެ ބުރަ މަސްޢޫލިއްތަށްފަހު ޕާޓް ޓައިމު ކޮށް ފޮޓޯގްރަފީ ދާއިރާގައި ކުރި މަސައްކަތުން ކުރިލާ ހެދެން ފެށީ އަމިއްލަ މަސައްކަތުން ދާއިރާގައި ކުރިއަށް ދެވިދާނެ ކަމުގެ އުއްމީދާއި ހިތްވަރާއެކުގައެވެ. އޭނާގެ ބުންވަރު އުފެދެން ފެށީ ޤަބޫލުކުރި މުހިއްމު އަސާސްތަކުގެ މަތީގައެވެ. މަސައްކަތް ފަތުރާލަން ލިބޭ ފުރުޞަތަކީ ހޯދީމައި ލިބޭ އެއްޗެއް ކަން ދެކިގެންނެވެ.
މިހާރު މިޑޭ އަކީ ފިޔަޖަހަމުން އަންނަ ކާމިޔާބު ފޮޓޯގްރަފަރެކެވެ. އޭނާގެ ކާމިޔާބީތައް ގުނަވެގެންދަނީ އޭނާ އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރި، 'ފޮޓޯ މޯލްޑިވްސް' ގެ ހަކަތައިގައި ލިބެން ފެށި ކުރިއެރުމާއެކުގައެވެ.

މިޑޭ އަކީ ފުލްޓައިމް "ކޮލިޓީ" ފޮޓޯގްރާފަރެކެވެ. އަދި ވީޑިއޯގްރާފަރެއްގެ ގޮތުގައި އޭނާގެ މަސައްކަތުގައި ވެސް ފެންނަނީ "ކޮލިޓީ" އެވެ. އެ މަސައްކަތުގައި ފަނޑުކަމެއް ނެތެވެ. އޭނާ ނަގާ ފޮޓޯތަކުގައިވެސް ފަނޑުކަމެއް ނެތެވެ. ފެންނަނީ ދިރުމެވެ. ލޮލަށް ފެންނަ އަދި ހިތަށް ފެންނަ އެންމެ ސާފު ފޮޓޯގަނޑަކުން އަދި ވީޑިއޯއިން ދައްކައި ދެނީ ދިރުމާއި އުއްމީދެވެ. ހުނަރުވެރިކަމުގެ ކާމިޔާބު އަސަރުތަކެކެވެ. އަސްލު ފޮޓޯއެއް، ނުވަތަ އަސްލު ވީޑިއޯއެއް ނެގެނީ އޭނާގެ ކެމެރާއިންނޭވެސް ބައެއް ފަހަރު ހިތަށް އަރައެވެ.
މި ދާއިރާއިން ކެރިއަރެއް ބިނާކުރެވިދާނެ ކަމަށް މިޑޭ އަށް އިތުބާރު އުފެދުނީ މާކެޓިންގ ދާއިރާގެ ތަޖުރިބާތަކުން އުފެދުނު އިތުބާރުންނެވެ. ފޮޓޯގްރަފީއާއި ވީޑިއޯގްރަފީއަށް އޮންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން މިޑޭ ވަނީ ކޯވިޑް-19 ލޮކްޑައުންގެ ދުވަސްވަރު، މިދާއިރާއިން ޕެއިޑް އޮންލައިން ކޯސްތަކުގައި ބައިވެރިވެ ހުނަރު އިތުރުކުރުމަށް ފުރުސަތުގެ ބޭނުން ހިފާފައެވެ.
"މިކަމުގެ ސަބަބުން އަހަރެންގެ އުފެއްދުންތެރިކަން އިތުރުވެގެން ދިޔަ. ކޮންޓެންޓް އުފެއްދުމަށް އަހަރެންގެ ޝައުގުވެރިކަން އިތުރުވެގެން ދިޔަ. އެއަށްފަހު އަހަރެންގެ ހުނަރު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ރާއްޖޭގެ ކޮލެޖުތަކުން ފޮޓޯގްރަފީ ކޯސްތައް ކުރިއަށް ގެންދިޔައިން." މިޑޭ ބުންޏެވެ.

އޭނާގެ ހިތުގައި އުފެދިފައިވާ ޝައުޤުވެރިކަމުން ދާއިރާއިން ކުރިއަށް ދިއުމުގެ ތަސައްވުރު އޮތް މިންވަރު ފުރިހަމައަށް އަންގައިދެއެވެ. "ފޮޓޯ މޯލްޑިވްސް" އިން ވެޑިން ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީ، ސްޕޯޓްސް ފޮޓޯގްރަފީ، ކޯޕަރޭޓް އިވެންޓްސް، އަދި ޕޮލިޓިކަލް އިވެންޓް ކަވަރޭޖް ފަދަ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެއެވެ. މި ތަފާތު ދާއިރާތަކުގައި މިހާތަނަށް ފޯރުކޮށްދީފައިވާ ފެންވަރު ރަނގަޅު ޚިދުމަތުން އެފެއްދުނު އިތުބާރުގެ ސަބަބުން "ފޮޓޯ މޯލްޑިވްސް" ގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށެވެ. "ކޮލިޓީ" ނަތީޖާއެއް ނިކުންނާނީ ކުރާ މަސައްކަތުގެ "ކޮލިޓީ" ހިފަހައްޓައިގެން ކަން ޤަބޫލުކޮށް ފެށި ދަތުރު މިސްރާބު ޖަހާފައިވަނީ ޒުވާނަކު ކުރި މަސައްކަތެއްގެ ހެޔޮ ނަތީޖާގެ ސަބަބުން ފަހި ފުރުޞަތުތަައް ތަނަވަސްވާނެ ކަމުގެ އުއްމީދީ މެސެޖު އެހެން ޒުވާނުންނަށްވެސް ދެމުންނެވެ. އެއީ ޝައުޤުވެރިކަމާއެކު ކުރާ ކޮންމެ ކަމެއް ކާމިޔާބުކުރުމަށް ފަސޭހަވާނެ ކަމުގެ މެސެޖެވެ. ހުނަރުވެރިކަމަކީ ގަޔާވެގެން އުފެއްދޭނެ ކަމެއް ކަމުގެ މެސެޖެވެ. ކިޔަވާ އެއްޗެއްގެ މައްޗަށް ތަޖުރިބާ ހޯދަންޖެހޭނެ ކަމުގެ މެސެޖެއެވެ.
ފޮޓޯ މޯލްޑިވްސްގެ ވެބްސައިޓް: https://thephotomaldives.com
ފޮޓޯ މޯލްޑިވްސްގެ ފޭސްބުކް ޕޭޖް: https://www.facebook.com/photo.maldives1
ފޮޓޯ މޯލްޑިވްސްގެ އިންސްޓަގްރަމް: https://instagram.com/photo.maldives



