ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރ ޓާމިނަލް 1 ގައި އިނގިރޭސިވިލާތުގެ ޤައުމީ އެއަރލައިން ކަމަށްވާ ބްރިޓިޝް އެއަރވޭސް (ބީއޭ)ގެ އޮޕަރޭޝަންތައް ރަސްމީކޮށް ފަށައިފިއެވެ. މިއީ ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށި ޔޫރަޕުގެ ފުރަތަމަ އެއަރލައިންކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެއެވެ. ބީއޭއަށް ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށްޓަކައި ޚާއްސަ ހަފްލާއެއް ވަނީ ބާއްވާފައެވެ.
މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ހައިކޮމިޝަނަރު މުހައްމަދު ތައުފީގު ވައްހާބްއެވެ. މި ހަރަކާތުގައި ބްރިޓިޝް އެއަރވޭސްގެ އެއަރޕޯޓް މެނޭޖަރު މުހައްމަދު ނިހާންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި ޓޫރިޒަމް ދާއިރާގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. ހަފްލާގައި ބީއޭގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވުން ކުރިއަށް ގެންދިޔައެވެ.
British Airways has commenced its operations at Terminal 1 of Velana International Airport. As we continue gradual transition of airline operations, British Airways becomes the 13th airline to commence services from the new terminal. pic.twitter.com/rpDNF8bCDB
— Maldives Airports Company Ltd (@MACLmedia) October 24, 2025
އޮޕަރޭޝަންތައް ފެށިގެން ދިޔަ ދުވަހު ޓާމިނަލް 1 އިން ބްރިޓިޝް އެއަރވޭސްގެ ފްލައިޓުން ފުރި 126 ފަސިންޖަރުންނަށް ހަދިޔާ ދީފައިވެއެވެ. އަދި ޓާމިނަލް1 އަށް ކައިރި ކުރި ބްރިޓިޝް އެއަރވޭސްގެ ފުރަތަމަ މަތިންދާ ބޯޓުން ރާއްޖެ އައި 122 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ. ބްރިޓިޝް އެއަރވޭސްއަކީ 26 އޮކްޓޫބަރު 2009 ގައި ރާއްޖެއަށް ދަތުރުތައް ފަށާފައިވާ އެއަރލައިނެކެވެ.
ބީއޭއާއެކު ޓާމިނަލް 1 އިން މިހާރު ޖުމްލަ 13 އެއަރލައިނަކަށް ޚިދުމަތް ދެމުންދާއިރު، މި ބަދަލާއެކު ވީއައިއޭގެ ހިދުމަތުގެ ފެންވަރާއި ގާބިލުކަން އިތުރަށް މަތިވެގެން ދާނެ ކަމަށް އެމްއޭސީއެލްއިން އުއްމީދުކުރެއެވެ.



