އުމުރުން 21 އަހަރުގެ ނޫރު އާއި އޭނާގެ އާއިލާ ޣައްޒާ ސިޓީ ދޫކޮށް ދިޔަތާ 10 މަހަށް ވުރެ ގިނަ ދުވަސް ވީ ފަހުން ނޫރު، އޭނާގެ ގެއާމެދު ވިސްނާލިއެވެ. އޭރާއި މިހާރާއި މެދުގައެވެ.
އޭނާ އަލްޖަޒީރާއަށް ކިޔަދީފައިވެއެވެ.
"އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ޢުދުވާން ފެށުމުން، އަހަރެމެންގެ ގެއިން ނުކުންނަން ތައްޔާރުވި ވަގުތު އަހަރެން ރީތިވާން ގެންގުޅޭ ސަމާނާއި އަދި އެންމެ ގަޔާވާ ފޮތްތައް ގެނެސް ޕެކްކުރީމެވެ. އެއީ އަހަރެން އެންމެ ބޮޑަށް ބޭނުންވި ތަކެއްޗެވެ. އަހަރެން ހީކުރީ މާ ގިނަ ދުވަހެއް ނުވަނީސް ޢުދުވާން ހުއްޓާލާނެ ކަމަށެވެ. އެހެންވެ، އަހަރެން އާންމުކޮށް ގެންގުޅޭ ބައެއް ތަކެތި ގޭގައި ބެހެއްޓީމެވެ. އެކަމަކު އަހަރެން ހީވެސް ނުކުރާހާ ގިނަ ދުވަސް މިޢުދުވާނުގައި ވެއްޖެއެވެ. އަހަރެމެން ހީކުރީ އެހެން ހަނގުރާމަތަކެކޭވެސް އެއްފަދައިން މި ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ. ހަފުތާއެއް، މަހެއް ނުވަތަ ދެ މަހެއް ވަރު ވެދާނެ ކަމަށް ބެލީމެވެ. ނަމަވެސް އެއަށްވުރެ ދިގުލައިގެން ހިނގައްޖެއެވެ.
މިހާރު އަހަރެންގެ ގެއާއި ދުރުގައި އުޅޭތާ 10 މަހަށްވުރެ ގިނަ ދުވަސް ވީއެވެ. އެގޭގެ ހަނދާންތައް އާވެ އާލާވެއެވެ. އަހަރެންގެ އެނދުމަތީގައި ނިދާލައި، ފޮތް ކިޔާލަން އޮވެލަން އަނބުރާ ދެވޭނެތޯ އަހަރެންގެ ހިތަށް އަރައެވެ. އެއީ އުފާވެރި ހަނދާންތަކެކެވެ. އެ އުފާވެރި ހަނދާންތަކަށް އެނބުރި ދިއުމަށް އަހަރެން ބޭނުންވެއެވެ. މިހާރު ހިތަށް އަރައެވެ. އެ ގެ ހުންނާނެ ބާވައެވެ. ނޫނީ އެ ގެ މިހާރު ވަކި ކުރަން އެނގޭނެ ބާވައެވެ؟ އެގެއަށް ދެވޭނީ ކޮން ދުވަހަކުން ބާވައެވެ؟

2002 ވަނަ އަހަރު އުފަންވެ އަހަރެން ބޮޑުވީ ޣައްޒާ ސިޓީގައެވެ. އަހަރެންގެ ޢުމުރުން ވޭތުކުރި 21 އަހަރުގެ ތެރެއިން 17 އަހަރު ހޭދަކޮށްފައިވަނީ ޣައްޒާއަށް އިސްރާއީލުން ދޭ ޙަމަލާތަކުގެ ތުންފަތް މަތީގައެވެ. އިސްރާޢީލުގެ ޔަހޫދީންގެ ފަސް ޙަމަލާއެއް އަހަރެމެންނަށް އަމާޒުވިއެވެ. މިހާރު މިހިނގަނީ ނަސްލު ނައްތާލުމުގެ އަނިޔާވެރި ކަމެކެވެ. އެ ޙަމަލާތަކާ އަޅާކިޔޭ ވަރަށް ވުރެ މާ ނުރައްކާތެރިއެވެ. މާ ބިރުވެރިއެވެ.
އިސްރާޢީލުން ހިންގަމުންދާ ޖަރީމާތަކަށް 10 މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އަހަރެމެންނަށް ކޮންމެ ދުވަހަކީވެސް ބިރުވެރިކަމުން ފުރިގެންވާ ދުވަހެކެވެ. ހިިތްދަތިކަމާއި ކެކުޅުމުގައި ދުވަސްތައް ހޭދަކުރަމުން މިދަނީ ބޮންތަކާއި ބަޑިތަކުން އިވޭ ބިރުވެރި އަޑު ފައްގަނޑުގައި ހިތްތައް ޒަޚަމުކުރުވާފަދަ މާހައުލެއްގައެވެ.
ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރި އިސްރާއީލުން ވަނީ ޣައްޒާގެ 40،005 މީހުން ޝަހީދުކޮށްލާފައެވެ. ޝަހީދުވި މީހުންގެ އަދަދު ހަގީގަތުގައި 186،000 އާ ގާތްވެދާނެ ކަމަށް މެޑިކަލް ޖާނަލް ދަ ލަންސެޓްގެ ދިރާސާވެރިން ލަފާކުރެއެވެ. ދިރާސާވެރިން ބުނާ ގޮތުގައި ޔަހޫދީންގެ ޙަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެފައިވެއެވެ. އިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައިވާނެއެވެ. ބަނޑުހައިހޫނުކަމާއި ސިއްހީ ފަރުވާ ނުލިބުމާއި، އިމާރާތްތަކުގެ ދަށުވެ، ޝަހީދުވެފައިވާ މީހުންގެ އަދަދު ބަޔާންކުރާކަށް ނޭނގެއެވެ.
އެ ދުވަސް، އޮކްޓޯބަރު 7، އަހަރެމެންގެ ހަނދާނުން ދުވަހަކުވެސް ނުފިލާނެއެވެ. އެއީ ހަމައެކަނި އަހަރެމެންގެ ވަޒަނުން ނެރެލި ދުވަހެއް ނޫނެވެ. އެއީ އަހަރެންގެ އުއްމީދުތައް ކަފުންކުރި ދުވަސްވެސްމެއެވެ.
އަހަރެން ދެކެމުން އައީ ލިޔުންތެރިއަކަށް ވުމުގެ ހުވަފެނެއެވެ. އަދަބިއްޔާތުން ބެޗްލަރސް ނިންމާ، ޤައުމުން ބޭރުގައި މާސްޓަރސް ފުރިހަމަ ކުރުމުގެ އުއްމީދެވެ.
އެއަށްފަހު ޣައްޒާއަށް އެނބުރި ގޮސް އަހަރެމެންގެ ތާރީޚާއި ތަރިކައާ ބެހޭގޮތުން ޒުވާނުންނަށް ތަޢުލީމު ދޭން އަހަރެން އުއްމީދު ކުރީމެވެ. އަހަރެން ބޭނުންވީ ކުރެހުންތެރިޔަކަށްވެ، އާޓް ގެލެރީއެއް ހުޅުވާށެވެ.

ނަމަވެސް އެއަށްވުރެވެސް ބޮޑަށް އަހަރެންގެ އެންމެ ބޮޑު ހުވަފެނަކީ އަހަރެންގެ ޤައުމުގެ މިނިވަންކަން ދެކިލުމެވެ.
ނަމަވެސް އެ ހޮނިހިރު ދުވަހުގެ ހެނދުނު ހައެއް ޖަހާކަންހާއިރު، އުތުރު ޣައްޒާގެ އުޑުމަތިން ރޮކެޓްތަކުގެ ބާރުގަދަ ތޫފާނެއް އައެވެ. ދޮށީ ކޮއްކޮ ހައި ސްކޫލަށް ދާން ތައްޔާރުވަމުން ދިޔައެވެ. އެއީ ސްކޫލުގެ އެންމެ ފަހު ދުވަސް ކަމަށް އަހަރެމެންނަކަށް ނޭނގެއެވެ. ދަރިވަރުންގެ އުއްމީދުގެ ހުޅުކޮޅު ނިވިދާނެ ކަމަކަށް އެ ދުވަހަކު ނުވިސްނެއެވެ. މަދަރުސާތައް ސުންނާފަތިވާނެ ކަމެއް އޭރަކު ނޭނގެއެވެ. ކަންދިމާކުރީ ދިމާ އިދިކޮޅަށެވެ.
ގޮވުންތަކުގެ އަޑުން އަހަރެން ހޭލައްވާލިއެވެ. އަހަރެން ބިރުގަތެވެ. ވެގެން އުޅޭ ގޮތެއް އަހަންނަކަށް ނޭނގުނެވެ. ދިއިރުލްބާލާގައި ދިރިއުޅުނު އަހަރެންގެ ބޭބެ ބައްޕައަށް ގުޅިއެވެ. އޭނާ ކަންބޮޑުވީ އަހަރެމެންގެ ގެއަކީ އިރުމަތީ ބޯޑަރާއި ވަރަށް ކައިރި ގެއެއް ކަމުން، ޔަހޫދީންގެ ޢުދުވާނުގައި އަހަރެމެންނަށް ނާޒުކު ހާލަތެއް ކުރިމަތިވެދާނެތީއެވެ. އެދެމީހުންނަށް އެއްބަސްވެވުނީ އެންމެ ރަނގަޅުވާނީ، ޣައްޒާގެ މެދުތެރޭގައިވާ، އަހަރެންގެ ބޭބެގެ ގެއަށް، ބޯޑަރާ ދުރަށް ބަދަލުވުމަށެވެ. މިއަދުވެސް އަހަރެމެން މި މިތިބީ ބޭބެގެ ގޭގައެވެ.
"ކޮންމެ ބޮމެއް ވައްޓާލުމާއެކު އަހަރެން އަމިއްލަ ނަފްސާ ސުވާލު ކުރަމެވެ. "އަހަރެމެން ކޮންތާކަށް ދާނީ؟ އަހަރެމެންގެ ގެއަށް އެނބުރި ދެވޭނީ ކޮން ދުވަހަކުން ހެއްޔެވެ؟""



