ބ. އަތޮޅު ކައުންސިލާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގުޅިގެން ކުރިއަށް ގެންދިޔަ "ބާނި" ހަރަކާތުގައި އެއްފަހަރާ އެންމެ ގިނަ މީހުން ފީނުމުގެ ދުނިޔޭގެ ރެކޯޑު މުގުރާލައި، ގިނިސް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.
ބ. އަތޮޅު ވިލިނގިލިފަރު ފިނޮޅު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޖުމްލަ 623 މީހުން ބައިވެރިވެ، ވިލިނގިލިފަރު ފިނޮޅާ ކައިރި އެކި ސަރަހައްދުތަކަށް ފީނައި ރެކޯޑު ގާއިމްކޮށްފައިވެއެވެ. މި ހަރަކާތަށް ފަހު ބޭއްވި ރަސްމިއްޔާތުގައި ރެކޯޑް ގާއިމްކުރުމުގެ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ގިނިސް ވޯލްޑް ރެކޯޑުގެ ފަރާތުން ރާއްޖެއަށް ވަޑައިގެން ހުންނެވި މަންދޫބެކެވެ.
މި ރެކޯޑަކީ ދުނިޔޭގެ ރެކޯޑް ފޮތުގެ އިތުރުން ވީއެމްސީން ބަލަހައްޓަމުން އަންނަ ރާއްޖޭގެ ރެކޯޑު ފޮތުން ވެސް ޖާގަ ހޯދާފައިވާ ރެކޯޑެކެވެ. "ބާނި" އިވެންޓު ކުރިއަށް ގެންގޮސްފައިވަނީ 13 ރަށަކާއި 15 ރިސޯޓެއްގެ ބައިވެރިވުމާއެކު، ރިސޯޓު މުވައްޒަފުންނާއި، ފަތުރުވެރިންނާއި އެ އަތޮޅުގެ އެކި ރަށްރަށަށް ނިސްބަތްވާ ގިނަ ބައެއްގެ ބައިވެރިވުމާއެކުގައެވެ.

ބ. އޭދަފުއްޓާ 10 މިނެޓް ދުރުގައި އޮންނަ ވިލިނގިލިފަރު ފިނޮޅަކީ ވަރަށް ގިނަ އަދަދަކަށް ކިރުދޫނި ޖަމާވާ، އެކި ކުލަކުލައިގެ މުރަކަ އާއި ކަނޑުފަޅުގެ އެކި ދިރުންތަކުން މުއްސަނދިކަން ލިބިފައިވާ ރީތި ސަރަހައްދެކެވެ. މި ހަރަކާތާއެކު، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ރަށްތަކާއި ފަރުތަކުގެ ދިރުމުގެ މުއްސަނދިކަން ދައްކުވައިދެވުނު ކަމަށް ވީއެމްސީން ފާހަގަކޮށްފައިވެއެވެ.
ވީއެމްސީން ބުނި ގޮތުގައި، އެއްބައިވަންތަކަން ދަމަހައްޓައި އާލާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އެ ކޯޕަރޭޝަނުގެ މައިގަނޑު އެއް މަގުސަދު ކަމުގައިވާ ކަނޑު ފަޅުގެ ޓޫރިޒަމް ދެމެހެއްޓުމުގައި ދުނިޔޭގެ އެންމެ އިސް ގައުމުގެ ގޮތުގައި ދެމެހެއްޓުމަށް ބާރުވެރި ކޮށްދޭނެ ހަރަކާތެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.