ސަލީމާ އަބަދުވެސް އުއްމީދުކުރަމުން އައީ ކިޔަވާ ނިމިގެން މުދައްރިސަކަށްވާށެވެ. އެއީ އޭނާގެ ކާފަވެސް އެދެމުން އައި ގޮތެވެ. ރަށުގައި ރަނގަޅު ފެންވަރެއްގައި ކިޔަވައިދެވޭނެ ގޮތެއް ނެތުމުން، ރަށުގެ ތަޢުލީމީ ހާލަތު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ސަލީމާގެ ކާފަ ބޭނުންވީ ކިޔަވައިގެން ނިކުންނަ ދަރިވަރުންގެ ކިބައިގައި މުދައްރިސުކަމަށް ޝައުޤުވެރިކަން އުފެއްދުމަށެވެ. ސަލީމާގެ ކާފައަކީ ރަށުގެ ކަތީބެވެ. އެއީ ސްކޫލުގެ ނާޒިރުވެސް މެއެވެ. ދެހާހުގެ އަހަރުތައް ފެށެންދެންވެސް ރާއްޖޭގެ ގިނަ ރަށްރަށުގެ ސްކޫލް މަދަރުސާތައް ހިންގަމުން އައިސްފައިވަނީ ރަށު އޮފީހުގެ ބެލުމުގެ ދަށުން، އެެއިރަކު ކަތީބަކަށް ހުންނަވާ ބޭފުޅަކީ، ނާޒިރުކަމަށް ހަމަޖައްސައިގެންނެވެ. އެއީ އޭރު ތަޢުލީމީ ވުޒާރާއިން ނިންމަވާފައިވާ ސިޔާސަތެވެ. އެއީ ތަޢުލީމީ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން އޭރު އެކަށައަޅުއްވާފައިވާ ގޮތެވެ.
ސަލީމާ ގްރޭޑް 10 އެއް ނިންމީ ރަށު މަދަރުސާއަކުން ނޫނެވެ. ރަށުގައި އޭރު ކިޔަވައިދެނީ ގްރޭޑް 6 އާ ހަމައަށެވެ. އިނގިރޭސި ކިޔަވައިދޭނެ ޓީޗަރެއް ނެތެވެ. އެެއަހަރު ރަށުގައި ގްރޭޑް 7 އުފެއްދުމަށްޓަކައި އިނގިރޭސި ކިޔަވައިދޭނެ މުދައްރިސުން ހޯދުމަށް އިޢުލާނުކޮށްފައިވެއެވެ. ސަލީމާ އާއި ފަހުމީ ސްކޫލުގެ މުދައްރިސުކަމަށް ކުރިމަތިލިއެވެ. އެއީ ވަގުތީ މުދައްރިސް ކަމެވެ. ނަމަވެސް ކިޔަވައިދޭން ޖެހެނީ އިނގިރޭސި ބަހުން ކިޔަވައިދޭންޖެހޭ މާއްދާތަކެވެ.
އަހަރު ފެށުނީ ގްރޭޑް 7 ގެ ދަރިވަރުންނަށްވެސް މަދަރުސާގައި ކިޔަވައިދެވޭ އިންތިޒާމުތައް ހަމަޖައްސައިގެންނެވެ. އޭރުގެ ޙާލަތަށް ކިޔަވައިދެވޭނެ ހުރިހާ ވަސީލަތްތަކާއެކުގައެވެ. އެއީ ކާމިޔާބު އަހަރެކެވެ. ރަށުގައި ފުރަތަމަ ފަހަރަށް އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށިއެވެ. އަދި ދަރިވަރުންނަށްވެސް އިނގިރޭސި ބަސް ކޮންމެވެސް ވަރަކަށް ރޯފިލާން ފެށިއެވެ.
އަހަރު ނިމުނީއެވެ. މުދައްރިސުކަމުގެ ކޯހުގައި ބައިވެރިވާން ސަލީމާ މާލެ ފުުރައިފިއެވެ. ސަލީމާގެ ކާފަގެ ރައްޓެހި ރަޙްމަތްތެރިން ކޮންމެވެސް ވަރަކަށް މާލޭގައި އުޅެއެވެ. އެގޮތުން އާންމު ގޮތެއްގައި ކާފަ މާލެއައިސް ހުންނަ ގޭގައި ސަލީމާ ބެހެއްޓިއެވެ. ސަލީމާ ހަދަން އައީ ދެ އަހަރު ދުވަހުގެ ކޯހެކެވެ. ސަލީމާއަކީ މީގެކުރިން ދުވަހަކުވެސް މާލެ އައި ކުއްޖެއް ނޫނެވެ. އެހެންވެ، ސަލީމާގެ ކާފަ ވަނީ އެގޭގެ މީހުންނަށް އެ ވާހަކަ ކިޔައިދީފައެވެ.
ކާފަ، ތަސްލީމާއަށް ނަސޭޙަތްތެރިވިއެވެ. އެއީ ސަލީމާ މާލޭގައި ބަހައްޓަން ކާފަ އައި ދަތުރުގައި ސަލީމާއަށް ދިން އެންމެ ފަހު ނަސޭޙަތެވެ. ކަންފަތު ފޫޅުގަނޑުގައި ހިފަހައްޓައިގެން ހުރެ ދިންފަދަ ނަސޭޙަތެކެވެ. "ދަރިފުޅާ! މިގޭގަ ހުންނާނެ އުސޫލުތަކެއް. އެކަން ދަނެގެން އުޅެންވާނީ. އަޒުމަކަށް ވާންވާނީ ރަނގަޅު ނަތީޖާއަކާއެކު ކޯސް ފުރިހަމަކުރުން. ބޭކާރު ކަންކަމުން ދުރުހެލިވެ، ފުރިހަމަކުރަންވާނީ ކުރަން އައި ކަންތައް. އެކަން ހިނދުކޮޅަކަށްވެސް ހަނދާން ނައްތާ ނުލާތި! ދަރިފުޅާ!"
ސަލީމާ، ލޯބިވާ ކާފަގެ ނަސޭޙަތް ޤަބޫލުކޮށް އެގޮތުގައި ކުރިއަށް ދިއުމަށް އަޒުމު ކަނޑައެޅިއެވެ.
އެގޭގެ އެންމެންވެސް ސަލީމާއަށް ވަރަށް ހެޔޮއެވެ. ސަލީމާއަށް އެހީތެރިވެއެވެ. ނަމަވެސް، އެގޭގައި ހަމަޖެހިފައިވާ އުސޫލެއް އޮވެއެވެ. ކަނޑައެޅިފައިވާ ހުދޫދުތަކެއް ހުއްޓެވެ. އެއީ ސިޓިންގ ރޫމުގައި ތިބެވޭނީ ހަމައެކަނި އެގޭގެ ވެރިފަރާތުގެ ދަރިންނަށް އެކަންޏެވެ. ސަލީމާ ނޫނަސް އެގޭގައި ރަށްރަށުން ކިޔަވަން އައިސް ތިބި ދެތިން ހަތަރު ކުދިން އުޅެމުން ދިޔައެވެ. އެކުދިންވެސް ދުވަހަކުވެސް ސިޓިންގ ރޫމަކަށް ނުނިކުމެއެވެ. ސަލީމާއަށްވެސް މިކަން ވަރަށް ރަނގަޅަށް އެނގެއެވެ.
ހަމައެހެންމެ، އެގެއަކީ ގަޑިން ގަޑިއަށް ކާން ހަދާ ގަޑިއެކެވެ. ފުރަތަމަ ކާން އެރޭނީ އެގޭ އާއިލާއަށެވެ. އެ ގަޑީގައި ކާގެއަށް ވަދެވޭނީ ހަމައެކަނި އެގޭގެ ވެރި ފަރާތުގެ ދަރިންނަށާއި އެ ދެމަފިރިންނަށް އެކަންޏެވެ. އެހެން ރަށްރަށު ކުދިން އެގަޑީގައި ކާގެއަށް ވަދެ ހެދުމަކީ މަނާ ކަމެކެވެ. އެހެންވެ، ރަށްރަށުން ކިޔަވަން އައިސް ތިބި އެއްވެސް ކުއްޖަކު އެގޭ ކުދިން ކާން ތިބޭ ގަޑީގައި ކާގެއަކަށް ނުވަންނާނެއެވެ.
ނަމަވެސް، އެގޭގެ ކުދިން ސަލީމާއާ ވަރަށް ގާތްވާން ފަށަފިއެވެ. ބަންދު ރޭރޭ ފިލްމު އަޅުވާފައި ސިޓިންގ ރޫމަށް އަންނަން ސަލީމާއަށް އެކުދިން ގޮވައެވެ. އެހެންކަމުން، ސަލީމާއަށް ބައެއް ފަހަރު އެގޭ ސިޓިންގ ރޫމަށް ނިކުމެވެއެވެ. މިކަން އާންމު ކަމަކަށް ވެއްޖެ ކަމަށް އެގޭ "ބޮސް"އަށް ފާހަގަކުރެވުނެވެ. އެހިނދު އޭނާގެ އަނބިމީހާއަށް މިކަން ޙިއްސާ ކުރިއެވެ. އަދި "ބޮސް" ގެ އަންހެނުން، ސަލީމާއަށް ނަސޭހަތްތެރިވިއެވެ. " ސަލީމާ! އެގޮތަށް ސިޓިންގ ރޫމަށް ނިކުންނަށް ބޮސް ނުރުހޭ އިނގޭ! ކޮޓަރީގައި މަޑުކޮށްލައިގެން އިނީމަ ރަނގަޅުވާނެ. އެހެން ކުދިންވެސް ނުނިކުމެއެންނު."
ސަލީމާއަކީ އަޚްލާޤް ރަނގަޅު ކުއްޖެކެވެ. ބަސްއަހާ ކުއްޖެކެވެ. ދައްތަގެ ނަސޭޙަތަށް އިންކާރުކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. އަދި ސިޓިންގ ރޫމަށް ނިކުންނަކީ އެގޭ ކުދިން ގޮވާތީކަމަށް ބުނާކަށްވެސް ސަލީމާ ބޭނުމެއް ނުވިއެވެ.
ސަލީމާއަށް އެކަން އެނގެއެވެ. އެގޭ ކުދިން ތިބޭ ވަގުތުތަކުގައި ސިޓިންގ ރޫމާއި އަދި ކާގެއަށް، އޭނާއާއި އަދި ދެން ރަށްރަށުން އައިސްތިބި ކުދިން ވަދެ ހެދުމަކީ އެކަށީގެންވާ ކަމެއް ނޫން ކަން ސަލީމާ ޤަބޫލުކުރެއެވެ. އެހިނދު އޭނާގެ ހިތަށް އައީ ދިވެހި އަދަބީ ބަހެކެވެ. "ނަގާނޭ ބަނދަރެއްގައި އޮޑިނާޅާށެވެ." މިއީ "ތިމާޔާ އެކަށީގެންނުވާ ހިސާބެއްގައި އިށީނދެ ނޫޅުން ފަދަ ކަންކަމަށް ބުނާބަހެކެވެ."
ސަލީމާއަކީ ކަންކަމާމެދު ވިސްނާ ޒުވާނެކެވެ. މުހިއްމީ ކުރަން އައި ކަންތައް ފުރިހަމަ ކުރުމެވެ. އޭނާގެ ކާފަގެ ނަސޭޙަތަކީވެސް އެއީއެވެ. އެހެންކަމުން، އިށީންނަން ޖެހޭތަނާއި ނިކުންނަށްޖެހޭ ގަޑި، އޭނާއަށް އެނގެއެވެ. ދައްކަންޖެހޭ ވާހަކައާއި ދައްކަން ނުޖެހޭ ވާހަކަ އޭނާއަށް އެނގެއެވެ. އެހެނީ އޭނާ މުދައްރިސުކަމުގައި ހޭދަކުރި އެއް އަހަރު ދުވަހުގެ ތެރޭގައިވެސް ލައްކަ ގިނަ ތަޖުރިބާ، އޭނާ ކޮށްފައިވެއެވެ. މަދަރުސާގައިވެސް ވެރިން ތިބޭ ތަންތަނަށް ދާން ނުވާ ޙާލަތްތަކެއް ހުރެއެވެ. ނުކުރެވޭނެ ކަންތައްތަކެއް ހުރެއެވެ. އޭނާގެ ދިރިއުޅުން ބައްޓަންކޮށްފައި ހުރީ އިންތަކާއި މިންތަކެއް ވާކަން ދަނެގެންނެވެ.
މުހިއްމީ އިންނަ ތަނެއް ނޫނެވެ. އުޅެންޖެހޭ ޙާލެއް ނޫނެވެ. ހުރި ދަތިތަކާމެދު ފިކުރުކޮށް ސިކުނޑި ސުމަަކަށް ދުއްވާލުމެއް ނޫނެވެ. އަދި ކުރިމަތިވާ ކަންކަމަށް ރުޅި މޫނު ހެދުމެއް ނޫނެވެ. މުހިއްމީ ނަތީޖާއެވެ. އަޒުމު ކަނޑައެޅި ލަނޑުދަނޑިއަށް ވާސިލުވުމެވެ. ސާބިތުވެ ހުރުމެވެ. ތިމާއަށް ކަނޑައެޅިފައިވާ ހުދޫދުން ބޭރުވެއްޖެނަމަ ޙާޞިލުކުރަން ބޭނުންވި ލަނޑުދަނޑި ޙާސިލު ނުކުރެވޭނެ ކަން ދަންނާންޖެހެއެވެ.
އިށީންނަށްވާނީ ތިމާއަށް އެކަށީގެންވާ ތަންތަނުގައެވެ. ކަންކުރަން ވާނީ ތިމާ ކުރަން އުޅޭ ކަންކަމަށް ހިޔަނި ނޭޅޭނެ އުސޫލުތައް ހިފަަހައްޓައިގެންނެވެ.



