15 އޮކްޓޫބަރު 2025

ފިރމީހާ އަށް ނޭނގި ވަރިވި އަނބިމީހާ

ހަސަން އޮފީހުން ނިމިގެން ގެއަށް އަންނަން ހިނގަމުން ދިޔައިރު، އޭނާގެ ހިތް އުފަލުން ގުގުމަ ގުގުމާފައި ހުއްޓެވެ. އާދައިގެ މަތިން އޭނާގެ އަނބިމީހާ ޒީނާ އޭނާއަށްޓަކައި މީރު ކާއެއްޗެއް ތައްޔާރުކޮށްފައި ހުންނާނެ ކަމަށް ހީކޮށެވެ. ގޭގެ ދޮރު ހުޅުވާލުމާއެކު ފުރަތަމަ ވެސް ފެނުނީ، ސިޓިންގ ރޫމްގެ މެދުގައި ބޮޑު ދަބަހެއް ހުޅުވާލައިގެން، އެ ދަބަހަށް ހެދުންތައް އަޅަމުންދާ އޭނާގެ ލޯބިވާ އަނބިމީހާ ޒީނާއެވެ. އޭނާގެ މޫނުމަތިން ފެންނަމުންދިޔައީ ކޮންފަދަ ހިތާމަވެރިކަމެއް އަދި ރުޅިވެރިކަމެއްކަން ނޭނގި، ހަސަންގެ ހިތަށް ބިރުވެރި ކަމެއް ވަނެވެ. އަދި ޒީނާގެ މޫނުމަތިން ދެންމެ ދެންމެ ހުޅު ރޯވެދާނެހެން ހަސަންއަށް ހީވިއެވެ.

ހަސަން ވަރަށް މަޑުމަޑުން ޒީނާގެ ކައިރިއަށް ޖެހިލަމުން އެހިއެވެ. "ޒީނާ… ކީއްވެ ތި ފޮށި ތައްޔާރުކުރަނީ؟ ކިހިނެއް ވީ އަނެއްކާ؟ ކޮންތާކަށް ދާން ތިއުޅެނީ؟" ޒީނާ ބޮލެއް ނުއުފުލައެވެ. އަދި އޭނާގެ ދުލުން ބޭރުވީ ހިތް ފުނޑުފުނޑުކޮށްލާފަދަ ބަސްތަކެކެވެ. "ކަލޭ އަހަރެން ވަރިކުރީ ކީއްވެ؟ މާކަ ގިނަ ވާހަކަ ތަކެއް ދައްކާނެ ކަމެއް ނެތެވެ. ކަލޭގެ ހިތަށްއެރި ގޮތަކަށް އުޅެވޭނެ ހެން ހީކުރަނީތަ؟"
ހަސަންއަށް ކަންފަތަށް ހީވީ ހޫނު ފެން ފޮދެއް އަޅާލިހެންނެވެ. އޭނާ ވަރަށް ހައިރާންވެފައި ޒީނާގެ މޫނަށް ބަލާލިއެވެ. "ވަރިކުރީ؟ އަހުރެން ތިބާ ވަރިކުރީ ކޮން އިރަކު ހެއްޔެވެ؟ އަދި މިއުޅެނީ ގެޔަށް އައިސް ދެބަސް ހަމައަށް ނުބުނެވިގެން ވިއްޔަ" ހަސަންއަށް ކެތްނުވެގެން އެހިއެވެ. "ކީއްވެ ތިހެން ތިބުނީ"؟ ޒީނާ އެއްފަހަރުވެސް ހަސަންގެ މޫނަށް ބަލައި ނުލައެވެ. އޭނާ ފޯނު ނަގައި ހަސަން އަށް ދެއްކިއެވެ. "މިއޮތީ ކަލޭ ފޮނުވި މެސެޖެއް ނޫން ހެއްޔެވެ؟ މީގައި މިއޮތީ ކީކޭ ހެއްޔެވެ؟" ހަސަން ޒީނާ ދެއްކި ފޯނަށް ބަލާލިއިރު އޭނާގެ ނަމުގައި އައިސްފައި އޮތީ "އަހަރެން ތިބާ ވަރިކޮށް ފީމެވެ." މިފަދަ ބަސްތަކެވެ. ހަސަނުގެ ލޮލަށް އަނދިރިކަން ވެރިވިއެވެ. އޭނާގެ ސިކުނޑީގައި އެނބުރެން ފެށީ ހާސްކަމާ ކަންބޮޑުވުމުގެ އަޑުތަކެވެ. "ޒީނާ، ތިޔައީ އަހުރެން ފޮނުވި މެސެޖެއް ނޫނެވެ. ހެނދުން ފެށިގެން އަހަރެން މިއުޅެނީ ފޯނު ގެއްލިގެންނެވެ. ވީނުވީ އެއް ނޭނގި ވަގަށް ގެންގޮސްފިއެވެ."

ޒީނާ ބަސް ހުއްޓުނެވެ. އޭނާގެ މޫނުމަތީގައި އުފެދިފައިވާ ހިތާމައާއި ރުޅިވެރިކަން ކުޑަކޮށް މަޑުޖެހުނެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބައެވެ. ކޮންމެ އަކަސް މިހިސާބަށް ކަންތައް ދިޔުމުން ހަސަން އޭނާގެ އަންހެނުންގެ ފޯނުން އޭނާގެ ފޯނަށް ގުޅަން ފެށިއެވެ. އެތައް ފަހަރަކު ގުޅުމުން ވަގުކަލޭގެ ފޯނު ނަގައިފިއެވެ.

ހަސަން: (ވަގުކަލޭގެ ފޯނު ނެގުމުން) ބުންޏެވެ. "ހެޔޮ ނުވާނެއެވެ. ތިޔަ ފޯނުވެސް ކަލެއަށެވެ. އެކަމަކު ބުނެބަލާށެވެ. ކަލޭ އަހުރެންގެ އަންހެނުންގެ ފޯނަށް ވަރިކޮށްފީމޭ ކިޔާފައި މެސެޖު ކުރީ ކީތްވެ ހެއްޔެވެ؟" ވަގުކަލޭގެ ދެވަނަ ސުވާލަށް ޖަވާބު ދިނީ ވަރަށް ހިތްދަތިވެފައި ހުރެގެންނެވެ. އޭނާގެ އަޑުގައި ހާސްކަމާ ޖެހިލުމުގެ އަސަރު ހުއްޓެވެ. "ސާހިބާއެވެ. އަހަރެން ބޮލާ ނުކުޅަދާނަ ވީއެވެ. ނޭވާ ނުލެވުނީއެވެ. ހިތަށް ފޫހިވެގެން މަރުވަނީއެވެ. ހެނދުނުން ފެށިގެން ހަވީރުވަންދެން ހަމަ މެސެޖު ކުރަނީއެވެ. 'ހަނޑޫ ކިލޯއެއް ގެންނާށެވެ. ފިޔާ ކިލޯއެއް ގެންނާށެވެ. ނެޕީ ބޮނޑިއެއް ގެންނާށެވެ. ސައިފަތް ހުސްވެއްޖެ، ގެނެސްދޭށެވެ. މޭޒު ރަނގަޅަށް ސާފު ނުކުރެވޭކަން އެނގޭހެއްޔެވެ؟ ދުވާލަކު އެތައް ފަހަރަކު ސާފުކުރަން ޖެހެއެވެ. އެވެނި މިވެނި އެއްޗެއް ގަނެގެން އަންނާށެވެ. މިކަހަލަ އެތަށް ސުވާލުތަކަކަށް ދޭނެ ޖަވާބެއް ނޭނގިގެން އެންމެ ފަހުން އެގޮތަށް ކަންތައް ކުރަން ޖެހުނީއެވެ."

ވަގުކަލޭގެގެ ބަސްތައް އަޑުއިވުމުން ޒީނާގެ މޫނުމަތިން ލަދުވެތިކަމުގެ އަސަރު ފާޅުވާން ފެށިއެވެ. އޭނާއަށް ހެވުނަސް ހިތަށް ލަދުވެރި ކަމެއް ވަނެވެ. ހަސަންވެސް މަޑުމަޑުން ހީނލިއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލާލައިފައި ހިނިތުންވެލިއެވެ. ޒީނާ ހަސަންގެ އަތުގައި ހިފާލަމުން ބުންޏެވެ. "އެނގޭތަ؟ ހަސަންއަށް އެނގޭތަ؟ ދެން ދުވަހަކުވެސް ގިނަ މެސެޖުތަކެއް ނުފޮނުވާނަން!" ދެމީހުން އަނެއްކާވެސް އުފަލުގައި ދިރިއުޅުން ފެށިއެވެ. މި ހާދިސާ ދެމަފިރިންގެ ދެމެދުގައި ހިނގާ ކުދިކުދި ގޯސްތަކާއި މައްސަލަތައް ހައްލުކޮށް، އެކަކު އަނެކަކަށް އިތުބާރު ކުރުމަށް ފިލާވަޅެއް ދިނެވެ. އަދި ދެމީހުންގެ މެދުގައި އޮތް ލޯބި އިތުރަށް ވަރުގަދަވެ، ދެމަފިރިން އުފަލާއި ހަމަޖެހުމުގައި ދިރިއުޅެން ފެށިއެވެ.
– ނިމުނީ –

ނޯޓް: މިވާހަކަ އަކީ ސޯސަލް މީޑިޔާއިން ފެނުނު ލިޔުމެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކަ އެކެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު