15 އޮކްޓޫބަރު 2025

ވާހަކަ: ހިރިގާ މަތިން (25 ވަނަ ބައި)

      އީތަންއަށް މަޖުބޫރުވީ ޕަރީގެ ވާހަކަ ގަބޫލުކުރާށެވެ. އީތަން މުރުޝިދާ ގޮވައިގެން އިށީނީ ސޯފާގައެވެ. ޝާޔާ އާއި ފާއިޒާއަށް ގޮވައި ހޭލެއްވީ ޝަހުލާއެވެ. އީތަން އެތަށް ވާހަކައެއް ދައްކައިގެން މުރުޝިދާ ރުއިން ހުއްޓާލައިފިއެވެ. ނަމަވެސް ގެންފައިވާ ބިރު ފިލައިގެނެއް ނުދިއަށެވެ. ދުލުން އެންމެ ބަހެއް ބުނާނެހާ ހިތްވަރު ވެސް މުރުޝިދާއަށް ނުލިބުނެވެ. އީތަންގެ ގައިގާ ބައްދައިގެން އޮތް މުރުޝިދާގެ ހަރަކާތްތަކަށް ބަލަން ގޭގެ އެންމެން ތިބީ ކަންބޮޑުވެފައެވެ. ކޮންމެވެސް ބޮޑުކަމެއް ނުވާނަމަ އެއީ މުރުޝިދާ އުޅޭނޭ ގޮތެއް ނޫނެވެ. މުރުޝިދާއަށް ފެންފޮދެއް ދޭން ހަދާން ހުރި މީހަކީ ވެސް ޕަރީއެވެ. ޕަރީ ފެންތަށްޓެއް ގެނެސް ދިއްކޮށްލުމުން އޭގައި ހިފީ އީތަންއެވެ. މުރުޝިދާއަށް ފެންފޮދެއް ދިނީ އީތަންގެ އަތުންނެވެ.

      "މާމައަށް ބިރުވެރި ހުވަފެނެއް ފެނުނީ ކަންނޭނގެ."

      ޒާން ފާއިޒާގެ ހެދުމަށް ދަމާލަމުން ބުނެލިއެވެ.

      "ހުވަފެނެއް ނޫން ފެނުނީ. ކޮންމެ ރެއަކު މަންމަ އުޅެނީ މިގަޑީގަ ހޭލާ. އެހެންވީމަ ފެނުނު އެއްޗެއް ފެނުނީ ހޭލާ ހުއްޓާ."

      ޒާންގެ ވާހަކައާ ވިއްދައި ޝަހުލާ ބުނެލިއެވެ.

      "ތިކަހަލަ ވާހަކަ ނުދައްކާ. އަހަރެން ވަރަށް ބިރު އެބަގަނޭ."

      މުރުޝިދާ ބުނެފާނެ އެއްޗަކާ މެދު ޝާޔާ ހުރީ މިހާރުވެސް ބިރުގެންފައެވެ. އެގޭތެރެއިން ރޫހާނީ ކަމެއް ފެނިއްޖެނަމަ އެކަނި ނިދަންވެސް ޝާޔާއަށް ނުކެރޭނެއެވެ. ކުދިވެރިން ވެސް ބަލަން ތިބީ ބިރުގެންފައިކަން އެކުދިން ބަހެއްކިޔަން ނުކެރިފައި ތިބުމުން އެނގެއެވެ.

     މުރުޝިދާ ހަމައަކަށް އެޅުނީ އެތަށްއިރެއް ވެގެން ދިޔަފަހުންނެވެ. ނަމަވެސް މުރުޝިދާއަަށް ފެނުނީ ކޮން އެއްޗެއްކަމެއް މުރުޝިދާ ނުބުންޏެެވެ. ފާއިޒާއާއި ޝާޔާ ދަރިން ގޮވައިގެން ނިދަން ދިޔައީ މުރުޝިދާ ހަމަޖެހިލުމުންނެވެ.

     "އަހަރެންނަކަށް ނުކެރޭނެ އެކޮޓަރީގަ ނިދަން. މަންމަ ބުނެބަަލަ މަންމައަށް އެއްޗެއް ފެނުނީތަ."

     "މަންމައަށް އެކައްޗެއް ވެސް ނުފެނޭ. ދަރިފުޅު ދޭ މިކުދިން ގޮވައިގެން ނިދާލަން."

     "އެއްޗެއް ނުފެނި އެހާ ބާރަށް ހަޅޭއްލަވާނެތަ. އަހަރެންނަށް ހަމަ ޔަގީން މަންމައަށް ކޮންމެވެސް އެއްޗެއް ފެނިއްޖެ."

      ޝަހުލާ ދުލެއް ނުކުރިއެވެ. މުރުޝިދާއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އީތަން މުރުޝިދާގެ މޫނަށް ބަލަހައްޓައިގެން އިނެވެ. ދެއަތް އުރާލައިގެން ޕަރީ ވެސް ހުރީ އެމީހުންނަށް ބަލާށެވެ.

      "މަންމައަށް ފެނުނީ ހުވަފެނެއް. ނިދީގަ ހިނގާފަ ގޮސް ހުރެވުނީ ކުޑަދޮރު ކައިރީގަ. އެހެންވެ މަންމަ ބިރުގަތީ."

      މުރުޝިދާ ހެދީ ދޮގެވެ. ފެނުނީ ހުވަފެނެއް ނޫންކަން މުރުޝިދާ ޔަގީނެވެ.

      "ކޯއްޗެއް ފެނުނީ ހުވަފެނުން."

      "ނޭނގެ މަންމައަކަށް. ދަރިފުޅު މިކުދިން ގޮވައިގެން ގޮސް އޮށޯވެބަަލަ."

      ގިނައިން ސުވާލުކުރަން ފެށުމުން މުރުޝިދާ ހިތްހަމަނުޖެހިއްޖެއެވެ. ޝަހުލާ ރުންކުރު ނަޒަރަކުން އީތަންއަށް ބަލާލުމަށް ފަހު ތިން ދަރިން ގޮަވައިގެން ކޮޓަރިއަށް ވަދެއްޖެއެވެ. އީތަން މުރުޝިދާގެ އަތުގައި ހިފާލީ ޝަހުލާ ދިއުމުންނެވެ.

      "ބުނެބަލަ މަންމައަށް ގޭތެެރެއިން އެއްޗެއް ފެނުނީތަ.؟"

      އީތަން ސުވާލުކޮށްލީ އޯގާތެރިކަމާއެކުގައެވެ. މުރުޝިދާ ބަލާލީ އީތަންގެ މޫނަށެވެ. އަދި ފޮރުވުމެއްނެތި ކަންތަށް ވެގެން ދިޔަގޮތް އީތަންއަށް ކިޔައިދީފިއެވެ. އީތަންއަށް އިނދެވުނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. މުރުޝިދާގެ ވާހަކަ ނިމުމުން އީތަންއަށް ބަލާލެވުނީ ޕަރީގެ މޫނަށެވެ. އެކަން ވާނީ އެހެންކަން ކުރިންވެސް ޕަރީއަށް އެނގެއެވެ. ޕަރީ ވަގުތުން ދެފަރާތަށް ބޯހޫރުވާލައިފިއެވެ. އީތަންގެ ކައިރީގައި އެވަރުގެ ބޮޑު ދޮގެއް ޕަރީ ނަހަދާނެކަން އީތަންއަށް އެނގެއެވެ. ނަމަވެސް އެއީ ޕަރީގެ ކަމެއް ނޫންނަމަ ދެން އެއީ ކާކުގެ ކަމެއް ހެއްޔެވެ.؟ މަދުމަދުން ނަމަވެސް މީހުންނަށް އަލިގުޅައާއި ރޫހާނީ ކަންކަން ފެނެއެވެ. އީތަންއަށް މަޖުބޫރުވީ އެއީ އެކަހަލަ ކަމެއްކަން ގަބޫލު ކުރާށެވެ.

       އެރޭ އެކޮޓަރިއަށް ނިދަން ވަންނާކަށް މުރުޝިދާއަކަށް ނުކެރުނެވެ. އީތަން އާދޭސް ކުުރުމުންވެސް އީތަންގެ ކޮޓަރިއަށް ވެސް މުރުޝިދާ ނުވަނެއެވެ. މުރުޝިދާ އޮތީ ސޯފާގައެވެ. ޕަރީ ކޮޓަރިއަށް ފޮނުވާލުމަށް ފަހު އީތަން އިނީ މުރުޝިދާ ކައިރީގައެވެ. އީތަން ފެންނަ ހިސާބުގައި އިނުމުން މުރުޝިދާގެ ހިތުން ކޮންމެވެސް ވަރަކަށް ބިރު ފިލައިގެން ހިނގައްޖެއެވެ.

 

      ފަތިސް ނަމާދަށް ފަހު ނުހާ ތައްޔާރުވެލައިގެން ފުރަން ދިޔައިރު ޝަފާ ހުރީ އިންތިޒާރުގައެވެ. އިރުގެ ދޯދީގެ އަލިކަން ދުނިޔެމައްޗަަށް ގަދަކުރަމުން ދިޔަ ދިޔަހެން ފުރަން އަންނަ މީހުން ދިޔައީ ގިނަ ވަމުންނެވެ. ގަޑިން ހަގަޑި ފަނަރަ ވީއިރު ލާންޗަށް މީހުން ހަމަވެއްޖެއެވެ. ފުރަން ބުނެފައިވާ ގަޑިއަށް ލާންޗު ދަތުރު ފަށައިފިއެވެ. ދަތުރަށް ފުރި ޚަބަރު ނުހާ ޝަހުލާއަށް ދިނީ މެެސެޖަކުންނެވެ.

 

       ފަތިސްވެގެން އައިއިރު މުރުޝިދާ އޮތީ ގަދައަށް ހުން އައިސްފައެވެ. ހެނދުނު މުރުޝިދާއަށް ސައި ދިނުމަށް ފަހު އަށްގަޑ ބައިވުމުން އީތަން ދިޔައީ މުރުޝިދާ ގޮވައިގެން ހޮސްޕިޓަލަށެވެ. ޑޮކްްޓަރަށް ދައްކާލާފައި ބޭސް ހިފައިގެން ދެމީހުން ގެއަށް އައިއިރު ހަސީނާ މަގުމަތީގައި ކުނިކަހަން އޮތެވެ. ހަސީނާ ވާހަކަ ދައްކަން ފެށުމުން މުުރުޝިދާ މަޑުކޮށްލީ ހަސީނާ ކައިރީގައެވެ. އީތަން ގޮސް ވަނީ ކޮޓަރިއަށެވެ. ކޮޓަރި ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ޕަރީ ހުއްޓުނީ އީތަން ފެނުމުންނެވެ. ކޮޓަރީގެ ދޮރުޖަހައި ތަޅުލުމަށް ފަހު އީތަން ގޮސް ހުއްޓުނީ ޕަރީގެ ކުރިމަތީގައެވެ. އީތަންއަށް ޖަވާބު ދޭން ޕަރީ ތައްޔާރުވެގެން ހުރިކަން ޕަރީ ހުރިގޮތުންވެސް އީތަންއަށް އެނގުނެެވެ.

       "ޕަރީއަށް އޮޅިގެން ނަމަވެސް ކަމެއް ކުރެވިފަ އޮތިއްޔާ އަހަރެންދެކެ ބިރު ނުގަނެ ތެދަށް ބުނޭ. ޕަރީ ދޮގު ހަދަން އަހަރެން ބޭނުމެއް ނޫން. މަންމަ އެބުނަނީ މަންމައަށް ފެނުނީ ފެހިކުލައިގެ އަލިގުޅައެކޭ. މަންމައަށް އެހާ ވަރެއް ނުވާނެ އެއީ ހަމައެކަނި ހީވިގޮތެއް ނަމަ."

       އީތަން ޕަރީގެ އަތުގައި ހިފަން އުޅުމުން ޕަރީ ޖެހުނީ ދުރަށެވެ.

       "އަހަރެން ދައްކާ ވާހަކަ މިހާރު އީތަން ގަބޫލު ނުކުރަނީތަ.؟"

       ޕަރީ ނިތަށް ރޫއަރުވާލަމުން އަހާލިއެވެ.

        "އެއީ ޕަރީ ނޫނިއްޔާ ދެން ކާކު. ޕަރީ މަންމަ މިގޭދޮށަށް އައިތަ.؟"

        އީތަންގެ ސުވާލުން ޕަރީގެ ގާތަށް އައީ ރުޅިއެވެ.

        "އަހަރެންގެ މަންމައަށް އެނގޭ އީތަންގެ މަންމަ އަހަރެންދެކެ ލޯބިވާކަން. އަހަރެމެންނަކީ ލޯބިވާ މީހުންނަށް އުނދަގޫ ކުރާ ބައެއް ނޫން."

       ޕަރީގެ ޖަވާބުން އީތަންއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. މުރުޝިދާއަށް ފެނުނީ ޕަރީއާ ގުޅުމެއް ނުވާ ޖިންނި ކަމެއްކަން ގަބޫލުކުރަން އީތަން ވެސް ބޭނުމެވެ. ނަމަވެސް މުރުޝިދާ މި ދިޔަ ރޭތަކުގައި ފާރަލަމުން ދިޔައީ ޕަރީއަށެވެ.

        "އަހަރެންނަކަށް ނޭނގެ މިވަނީ ކިހިނެއް ކަމެއް.؟ މަންމައަށް ދިމާވި ކަންތަށް އެކަންޏެއް ނޫން ބޮޑީ. ޑުރެކިއުލާ ބޮލެއްގެ ރިއްސާތާ ފަސް ދުވަސް ވެއްޖެ. ކާ ބޭހަކުން ކުރާ އަސަރެއް ނެތް."

       ޝަހުލާގެ ވާހަކަ ފެށުމާއެކު ދެއަތް އުރާލަމުން ޕަރީ މޫނު އަނބުރާލީ ދުރަށެވެ.

        "އަހަރެންނަށް ރަނގަޅީވެސް އޭނަ އެހާލުގަ މަރުވެގެން ދިޔައިއްޔާ."

       ކާމިޔާބީ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވާލަމުން ޕަރީ ބުނެލިއެވެ. ޕަރީގެ މޫނަށް ވެރިވެގެން ދިޔަ ކުލަވަރު އީތަންއަށް ފެނުނީ ކުރިމަތީ ހުރި ލޯގަނޑުގެ ތެރެއިންނެވެ. ކުއްލިއަކަށް އީތަން ޕަރީގެ އަތުގައި ހިފައި އޭނާއާ ދިމާއަށް އަނބުރާލައިފިއެވެ.

      " ޕަރީ ޑުރެކިއުލާއަށް ގޮތެއް ހެދިންތަ.؟"

      "ކީއްވެތަ ހުރިހާ ކަމެއް އަހަރެންގެ މަތިކުރަން ތިއުޅެނީ.؟"

      ޕަރީގެ ގާތަށް އައީ ރުޅިއެވެ.

       "ޕަރީ ތެދަށް ބުނޭ. ޕަރީ ޑުރެކިއުލާއަށް ކަމެއް ކުރިންތަ.؟'

      އީތަން ސުވާލުކުރަން ފެށުމުން ޕަރީ ހާސްވެއްޖެއެވެ. އީތަންއަށް ޖަވާބު ދިނުން އުނދަގޫވެއްޖެއެވެ. ޕަރީއަށް ވަމުން ދިޔަގޮތް ފެނުމުން ޝަހުލާއަށް ގޮތެއް ހަދައިގެން އުޅެނީ ޕަރީ ކަން އީތަންއަށް ޔަގީންވެއްޖެއެވެ.

       "ޕަރީ އަޑެއް ނީވޭތަ. އަހަރެން މިއަހަނީ…"

       ކުއްލިއަކަށް އީތަންގެ އަތްފޮޅުވާލުމަށް ފަހު ބާރަށް ހިނގާފައި ގޮސް ޕަރީ ފާހާނައަށް ވަދެ ދޮރުޖަހައިފިއެވެ. އީތަންއަށް ލިބިގެން ދިޔަ ހާސްކަމުގެ މައްޗަށް ސަވާރުވެގަތީ ރުޅިވެރިކަމެވެ. ދޮރު ހުޅުވަން ޕަރީއަށް އަމުރު ކުރަމުން އީތަން ދޮރުގައި ތަޅަމުން ދިޔައިރު ފާހާނަގެ ކަނެއްގެ ތެރޭ އިށީނދެގެން ޕަރީ އިނެވެ. ރުންކުރު ނަޒަރަކުން ޕަރީ ބަލަން އިނީ ކުރިމައްޗަށެވެ. ހުރިހާކަމެއް ޕަރީ ކުރަނީ އީތަންއާއެކު ދިރިއުޅެން ބޭނުންވާތީކަން އީތަންއަށް ނުވިސްނެނީ ކީއްވެ ހެއްޔެވެ.؟ އެހެން މީހުން ކުރާ ކުށް އީތަންއަށް ކުށަކަށް ނުވެއެވެ. ނަަމަވެސް ޕަރީ ބަދަލެއް ހިފަން ނުކުމެއްޖެނަމަ އީތަންއަށް އެކަންތަށް ވަނީ ބޮޑު މައްސަލައަކަށެވެ. ހިތްހަމަ ނުޖެހިފައި އިން ޕަރީ ސިއްސައިގެން ދިޔައީ އީތަން ތަޅުދަނޑިން ފާހާނައިގެ ދޮރު ހުޅުވާލުމުންނެވެ. އިށީނދެގެން އިން ޕަރީ ފެނުމުން އީތަން ގޮސް ޕަރީ އަތުގައި ހިފައި ނަގައި ކޮޅަށް ޖަހައިފިއެެވެ. ޕަރީ އީތަންއާ ހަތަރުކަޅި ހަމަކޮށްލީ ދެލޯ ބޮޑުކޮށްލަމުންނެވެ.

      "އަހަރެންގެ ކައިރީ އެންމެ ދޮގެއް ވެސް ޕަރީ ހަދައިގެން ނުވާނެ."

      ރުޅި އައިސް ރަތްވެފައި ހުރި އީތަން އިނގިލި ދިއްކޮށްލީ ޕަރީގެ މޫނަށެވެ.

     "ޑުރެކިއުލާއަށް އެހާލު ޖެއްސީ ޕަރީތަ.؟"

      އީތަންގެ ހަރުކަށިކަމުގެ ކުރިމަތީގައި ހަމަ ރަނގަޅަށް ޕަރީގެ ދޫ ބަންދުވެއްޖެއެވެ. ޝަހުލާއަށް ކަމެއް ނުކުރަމޭ ބުނަން ބޭނުން ވިއަސް ޕަރީގެ އަޑެއް ނުނުކުތެވެ.

     "ދުލުގަ ތަޅު ލެވުނީތަ. އަހަރެން މިއަހަނީ ޑުރެކިއުލާއަށް ކަމެއް ކުރިންހޭ.؟"

      އީތަންގެ އަޑު ދިޔައީ ބާރުވެގެންނެވެ. ޕަރީ އަނގައިން ވެސް ނުބުނެ މޫނު އަނބުރާލައިފިއެވެ. އީތަން ޕަރީގެ ދަތްދޮޅީގައި ހިފައި އޭނައާ ދިމާއަށް ޕަރީގެ މޫނު އަނބުރާލީ އެއްވެސް ރަހުމެއް ނެތިއެވެ.

      "ރޭ އަހަރެންގެ މަންމައަށް އެމަންޒަރު ދެއްކީ ޕަރީތަ.؟"

      އީތަން ސުވާލުކޮށްލީ ދަތްވިކާލަމުންނެވެ. އެކަމަށް ޕަރީ އެއްބަސްވެއްޖެނަމަ އީތަން ޕަރީއާ އޮތް ގުޅުން ކަނޑާލާނެއެވެ. އަވަސް އަވަހަށް ޕަރީ ދެފަރާތަށް ބޯހޫރުވާލައިފިއެވެ. ނަމަވެސް އިސްއުފުލާ އީތަންގެ މޫނަށް ބަލާލާކަށް ނުކެރުނެވެ. އީތަން ޕަރީގެ އަތުގައި ހިފައި ފާހާނާއިން ނެރެ އެނދާއި ދިމާއަށް ކޮށްޕާލައިފިއެވެ.

     "މަށަށް ސިއްރުން މަގެ އާއިލާ މީހަކަށް އަނިޔާކުރަން ޕަރީއަށް ކެރުނީތީ ހައިރާންވެއްޖެ. މިހާރު ހިތަށް އަރާ ޕަރީ މިގެއަށް ނުގެނެވުނު ނަމައޭ."

      "އީތަންއަށް އަބަދު އަހަރެން ގޯސްވަނީ ކީއްވެތަ.؟ އޭނަ މިތަނަށް އައީމަ ގޭތެރޭގެ ހަމަޖެހުން ގެއްލިގެން ދާތަން ކީއްވެތަ އީތަންއަށް ނުފެންނަނީ. އީތަން މަރާލަން އޭނަ އުޅުނު ހަނދާން ކޮށްބަލަ. އޭނަ އީތަންދެކެ އަންނަ ރުޅި އީތަންއަކަށް ނޭނގޭތަ.؟"

      "ޑުރެކިއުލާ މަށަށް ކޮންމެ ގޮތެއް ހެދިއަސް މަ ބޭނުމެއް ނޫން އެވަރުގެ އަނިޔާއެއް އޭނައަށް ލިބެން. އެއް ލޭ ހިނގާ އެއްްބަނޑު އެއްބަފާ ބައެއް އަހަރެމެންނަކީ. ޕަރީއަށް މިހާވަަރަށް ވިސްނާދޭއިރު ކީއްވެތަ ނުވިސްނިގެން ތިއުޅެނީ.މަ ކުރިމަތީ ހިިނިތުންވެލައިގެން ހުރެފަ މަށަށް ނޭނގި ޕަރީ ކޮށްލި ކަންތަށް ތިހިރީ. ވިސްނާލަބަލަ ކުރިއަށް އޮތްތަނުގަ ޕަރީ ކޮށްލާނެ ވަރު.ޕަރީ ގޮވައިގެން މިގޭގަ އުޅެންވެއްޖިއްޔާ މިގޭގަ އުޅޭހާ ބަޔަކު މަރުވާކަށް ލަހެއް ނުވާނެ."

      "އާނ.. އިންސާނުންނާއެކު މަށަށް ނޫޅެވޭނެ. އެމީހުންގެ ހަސަދަވެރިކަމާއި މަކަރުގަދަ ކަން އަހަރެންނަށް ފެނިއްޖެ. ކުރާހާ ކުށަކަށް މާފު ދީގެން އުޅޭ ބައެއް ނޫން އަހަރެެމެންނަކީ. އެނގޭތަ މިހާރު މަންމަ ވެސް އަހަރެންނަށް ޝައްކު ކުރަން ފަށައިފި. މަންމައަށް ހީވަނީ އަހަރެންމީ އިންސާނެއް ނޫނޭ. އެހެންވެ އަހަރެން މިބުނަނީ ފަޅުރަށަކަށް އަހަރެމެން ހިނގާށޭ ދިިރިއުޅެން. އަހަރެން ވެސް ބޭނުމެއް ނޫން އިންސާނުނަށް ގެއްލުން ދޭން. އެކަމަކު ބޭއިންސާފުން ކަންތަށް ވާތަން ދެކެން އަހަރެންނަކަށް ނުހުރެވޭނެ."

       އީތަންގެ ވާހަކަ މެދުކަނޑާލަމުން ޕަރީ އެއްނޭވާއިން އޭނާގެ ޝަކުވާތަށް ބޭރުކޮށްލައިފިއެވެ. ދެލޯ ބޮޑުކޮށްގެން އޭރު އީތަން ޕަރީގެ މޫނަށް ބަލަން ހުއްޓެވެ. ގޮތްހުސްވެފައިވާ ހާލު ޕަރީ ހިފެހެއްޓީ އީތަންގެ ދެއަތުގައެވެ.

       "އީތަން. އީތަން އަހަރެންނާއެކު ފަޅުރަށެއްގަ ހަމަޖެހިލައިގެން އުޅޭހިތް ނުވަނީތަ.؟ އަހަރެންނަށް އެނގޭ އަހަރެންގެ އަތުން މީހަކު މަރުވެއްޖިއްޔާ އީތަން އަހަރެން ފޮނުވާލާނެކަން. މިތަނުގަ އުޅޭއިރު އީތަން އަހަރެންެދެކެ އެހާ ލޯތްބެއް ނުވޭ. އަހަރެންނާ ވަކިވަން ޖެހިދާނެތީ އީތަން މިހާރު ބިރެއް ނުގަނޭތަ.؟"

       ޕަރީ މަސައްކަތްކުރީ އީތަންއަށް ވިސްނައި ދޭށެވެ. ޕަރީ އީތަންދެެކެ ލޯބިވާވަރު އީތަންއަށް އަންގައި ދޭށެވެ. ނަމަވެސް އީތަން ޕަރީގެ އަތުތެރެއިން އޭނާގެ އަތް ދަމައިގެންފިއެވެ. ޕަރީއަށް ބަލާލެވުނީ އީތަންގެ ދެއަތަށެވެ. އޭރު އީތަންގެ ދެލޮލުން ފެންނަމުން ދިޔައީ ޕަރީއަށްޓަކައި އިންތިހާއީ ރުޅިވެރިކަމެވެ.

       "އަހަރެން ހަނދާންވޭ ޕަރީ ބުނި ހަނދާން. ތިމެންނަގެ މައްޗަށް ޝައްކު ކުރާ މީހަކު ދޫކޮށްލައިގެން ނުހުންނާނަމޭ. އޭގެ މާނައަކީ މަންމައަށް ޝައްކުވީމަ ރޭ ޕަރީ މަންމައާ ވެސް ދިމާކޮށްލީއޭ."

       އީތަން ދައްކާލީ މުޅިން އެހެން ވާހަަކައެވެ. އީތަންއަށް އެވަރު ވިސްނިގެން ދިއުމުން ޕަރީ ދުރަށް މޫނު އަނބުރާލައިފިއެވެ.

       "އަހަރެން ކިތަށް ފަހަރު ބުނަންވީ މަންމަ…"

       "ހުއްޓާލާ."

        އިތުރަށް ޕަރީ ދޮގު ހަދަން އުޅުމުން އީތަންގެ އަޑު ދިޔައީ ބާރުވެގެންނެވެ. ޕަރީ ދިޔައީ ސިއްސައިގެންނެވެ.

        "އަހަރެން ފަހަރެއްގަ ވެސް ހީނުކުރަން ޕަރީއަށް އަހަރެންގެ މަންމައަށް އެހާލު ޖައްސަން ކެރިދާނޭ ކަމަކަށް."

        އީތަންގެ އަޑު ބާރެވެ. މީހަކަށް އަޑު އިވިދާނެތީ އެއަޑު މަޑު ކުރާކަށް އެވަގުތު އީތަން ހަނދާނެއްވެސް ނެތެވެ. އިތުރަށް އެންމެ ލަފުޒެއް ވެސް ޕަރީއަށް ނުބުނެވުނެވެ.

        "ބުނަން…"

      ޕަރީގެ މޫނަށް އިނގިލި ދިއްކޮށްލި އީތަންއަށް ދޮޮރާއި ދިމާއަށް ބަލާލެވުނީ މީހަކު ދޮރުގައި ޖަހާލުމުންނެވެ. އެހެން މީހަކު އައިސް އީތަންގެ ވާހަކަ މެދުކަނޑާލުމުން ޕަރީއަށް ލިބިގެން ދިޔައީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އީތަން ބާރަށް ހިނގާފައި ގޮސް ދޮރު ހުޅުވާލައިފިއެވެ. ދޮރުކައިރީގައި ހުރި ޝަހުލާ ރީތިކޮށް ހިނިތުންވެލައިފިއެވެ. ޝަހުލާ މާ ރީތިކޮށް ހެވިލާފައި ހުރުމުން އީތަން އީތަން ބަލާލީ ޝަހުލާގެ ފައިން ފެށިގެން ބޮލަށެވެ.

      "ހުވަފެނެއް ފެނުނީތަ.؟"

      ޝަހުލާ ނުބައިކަމެއް ކޮށްލައިފިކަން ޝަހުލާ ހުރިގޮތުން ވެސް އީތަންއަށް އެނގިއްޖެއެވެ.

      "އަހަރެން ބުނަން އައީ ލާންޗު ލެފި ވާހަކަ. ދޭބަލަ ބަނދަރަށް. ދޮންތަގެ ފަރާތުން ކޮއްކޯފުޅަށް ވީ ހަދިޔާ ބަލާ."

      ޝަހުލާ ބުނެލި ގޮތުން އީތަން ކަޅިވެސް ޖަހާނުލާ ބަލަން ހުރީ ޝަހުލާގެ މޫނަށެވެ. އީތަންގެ ކުލަވަރު ފެނުމުން ފުރަތަމަ ފަހަރު ޝަހުލާގެ ގާތަށް ހިނިއަންނަ ގޮތް ވެއްޖެއެވެ.

      "ހޭ ވައްތަރު ބަލާބަލަ. ނުލަފާކަމެއް ރާވާލަންވީމަ ކަލޭ ބޮލަށްވާ ތަދުވެސް ހަނދާން ނުހުރޭދޯ."

      "އަހަރެންގެ ބޮލާ މެދު އީތަން ކަންބޮޑުވާނޭ ކަމެއް ނެތް. މަށަށް ވަރިހަމަ ބަނދަރަށް ނުދިއަސް. ބަނދަރު މަތީގަ ހުރެހުރެފަ ހިނގައިދާނެނު އައިތަނަކަށް."

       ދެކޮނޑު އަރުވާލާފައި ޝަހުލާ ދާން ހިނގައިގެންފިއެވެ. ވިސްނާލުމުން އެންމެ ފުރަތަމަވެސް އީތަންގެ ހަނދާނާ ކުޅެލީ ނުހާއެވެ. އީތަންގެ ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ.

     "ނުހާތަ.؟ކަލޭ ތިއުޅެނީ…"

     އީތަންގެ އަޑު ބާރުވެގެން ދިއުމާއެކު ޝަހުލާ ސަލާމަތްވާން ދުއްވައިގެންފިއެވެ.އީތަންއަށް ހުރެވުނު ތަންވެސް ނޭނގުނެވެ.ޝަހުލާ ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ތަޅުލައިފިއެވެ. ބޮލުގައި ދެއަތުން ހިފަހައްޓަމުން އީތަން އެނބުރި ބަލާލީ ޕަރީގެ މޫނަށެވެ. މުށްކަވައިގެން ހުރި ޕަރީގެ ދެލޯ އަމާޒުވެފައި ހުރީ އީތަންގެ މޫނަށެވެ. އެދެލޮލުގެ ރީތި އަލިކުލަ ވަނީ އަނދިރި ރަތްކުލައަކަށް ބަދަލުވެފައެވެ. ޕަރީ ހުރިގޮތް ފެނުމުން އީތަން ދިޔައީ ފިނިވެގެންނެވެ. އަތުޖެހޭ ހިސާބެެއްގައި ނުހާ ހުރެއްޖެނަމަ ނުހާ މަރާލަން ވެސް ޕަރީ މިހާރު ފަހަކަށް ނުޖެހޭނެއެވެ.

      "ޕަރީ އަ…"

      "އޭނަ މިގެއަށް ވަދެއްޖިއްޔާ މަރާލާނަން."

      ޕަރީގެ އަހާލަން ފަސޭހަ ރީތި އަޑުވަނީ ރުޅިގަދަވެގެން ބަރުވެފައެވެ. އީތަންއަށް ހީވީ އޭނާ ހަތަރު އުދަރެސް މެދުގައި ފިތި ބާރުވެގެން ދިޔަހެންނެވެ.

       "ހުވާކޮށްފަ މިބުނީ އަހަރެން އޭނަ މަރާލާނަން."

       ޕަރީ އިނގިލި ދިއްކޮށްލީ އީތަންގެ މޫނަށެވެ. ޕަރީއަށް ވިސްނައި ދޭން ބުނާނެ އެންމެ ލަފުޒެއް ވެސް އީތަންގެ ދުލަކަށް ނައެވެ. މީހެއްގެ ދުވަސް ދުއްވާލުމަށް އެމީހެއްގެ ކައިިރިއަށް ދާން ޕަރީ ނުޖެހެއެވެ. ޕަރީގެ ތޫނު ނަޒަރު އެކަނިވެސް އެކަމަށް ފުދެއެވެ. އެއީ އިންސާނެއް ނޫންކަން އެނގިހުރެ އީތަން އޭނާގެ ދިރިއުޅުމަށް ޕަރީ ގެނައީ ފަހަރެއްގައި މިދުވަސް ދެކެން ޖެހިދާނޭ ކަމަކަށް ނޫނެވެ. އެމީހަކާ މެދު ޕަރީގެ ހިތް ކިލަނބުވި ކޮންމެ މީހެއްގެ ފުރާނަ ދުއްވައިލުމަށް ޕަރީ އެހުންނަނީ ކަރުހިއްގައި ގެންފައެވެ. ދުުރު މީހަކަށް އަނިޔާއެއް ކުރަން ކެރުނަސް އީތަންގެ މަންމައާ ބެހިލަން ޕަރީއަށް ކެރިދާނޭ ކަމަކަށް ފަހަރެއްގައި ވެސް އީތަން ހީނުކުރެއެވެ.

        އަނގައިން ވެސް ނުބުނެ އީތަން އިރުގަނޑަކު އެ ފިޔަވަޅު މަތީގައި ހުއްޓެވެ. ޕަރީދެކެ އީތަންއަށް ވެވުނީ އަމިއްލަ ނަފުސުދެކެ ނުވާހާ ތެދުވެރި ލޯތްބެވެ. އީތަންއަށް ކިޔަމަންވެގެން ޕަރީ ހުރިނަމަ މިއަދު އީތަންއަށް ވުރެން އުފަލުން އުޅޭނޭ އިތުރު މީހަކު ނުުހުންނާނެއެވެ. ނަމަވެސް ޕަރީގެ އަސްލަކީ ލޯތްބަކުން ބަދަލު ކޮށްލެވޭނޭ އެއްޗެއް ނޫންކަން މިއަދު ކިތަންމެހާ ރަނގަޅަށް ވެސް އީތަންއަށް ވިސްނިއްޖެއެވެ. ބޮލުގައި ދެއަތުން ހިފަހައްޓަމުން ގޮސް އީތަން އިށީނީ ސޯފާގައެވެ. ޕަރީ ރުޅިއައިސްގެން އޭނާގެ ހުރި ހުރިހާ ނުބައިކަމެއް ދައްކާލިކަމުގައި ވިޔަސް ބަނދަރުމައްޗަށް ނުހާ އެކަނި ދޫކޮށްލުމަކީ އީތަންއަށް ކުރަން ކެރޭނޭކަމެއް ނޫނެވެ. އީތަން ސޯފާގައި އިށީނުމުން ޕަރީގެ ހިތަށް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. ޕަރީއަށް ވުރެން މުހިންމު ދެވަނަ މީހަކު އީތަންގެ ހަޔާތުގައި އަދިވެސް ނުވާކަން ޕަރީއަށް ގަބޫލު ކުރެވިއްޖެއެވެ. ރުޅިވެރިކަން ހަނދާންނެތި ޕަރީގެ މޫނަށް އުޖާލާކަން ވެރިވެގެން ހިނގައްޖެއެވެ. މުރުޝިދާ ގެއަށް އައިސް ވަނީ ޕަރީ އީތަންގެ ކައިރިއަށް ދިއުމަށް ފިޔަވަޅު ނެގި ވަގުތުއެވެ. މުރުޝިދާ ފެނުމާއެކު ޕަރީ ވަނީ ކޮޓަރި ތެރެއަށެެެވެ. އެދެމީހުން ދައްކާނެ ވާހަކައަކަށް ސަމާލުކަން ދެމުން ޕަރީ ގޮސް އިށީނީ ޑުރެސިންގު ޓޭބަލު ކުރިމަތީގައެވެ. އީތަން ކަކުލުގައި ދެއަތް އަޅުވާލައިގެން އިސްޖެހިފައި އިންތަން ފެނުމުން މުރުޝިދާ ގޮސް އިށީނީ އީތަންގެ ކައިރީގައެވެ.

      "މިހާރު ކިހިނެއްވީ.؟"

       މުރުޝިދާ އަހާލީ އޯގާތެރިކަމާއެކު އީތަންގެ ކޮނޑުގައި ހިފާލަމުންނެވެ. އިސްއުފުލާލަމުން އީތަންއަށް ބަލާލެވުނީ މުރުޝިދާގެ މޫނަށެވެ. އަޑުން އަޑުނަގައި ނުރޮއެ ކަމުގައި ވިޔަސް އެދެލޯ ވަނީ ފެންކަޅިވެފައެވެ. ކުރެވުނު މޮޔަކަންތަކުގެ ހިތިރަހަ މިއަދު އީތަންގެ އަރުބުޑުގައި ލާން ފަށައިފިއެވެ. ލޯބިވާ މައިމީހާ ގަދަހުމާއި ފިހޭވަރު ވެފައި އެވަނީ އީތަންގެ ސަބަބުންނެވެ. ޝަހުލާގެ ގައިގާ އަޅަމުންދާ ވޭނުގެ ޒިންމާދާރަކީ ވެސް އީތަންއެވެ. ޕަރީ ގެނައިއިރު ވެސް އެއީ ނުރައްކަލެއްކަން އީތަންއަށް އެނގެއެވެ. ނަމަވެސް އޭރު އީތަން ބުނިހާ ގޮތެއް ޕަރީ ހަދައެވެ. އީތަންއަށް ޕަރީ ކިޔަމަންކުރެވެއެވެ. ނަމަވެސް ޕަރީގެ ނަފުރަތާއި ރުޅިވެރިކަމުގެ ކުރިމަތީގައި މިއަދު އީތަން ބަލިވެއްޖެއެެެވެ.

      "މަންމަ ކައިރީގަ ބުނެބަލަ. ކިހިނެއްވެފަ ތިއިންނަނީ. ކޮންކަމަކާ ތި ވިސްނަނީ.؟"

      އީތަންއަށް ކޮށްފައިވާ އަސަރު ފެނުމުން މުރުޝިދާ ކަންބޮޑުވެފައި ސުވާލު ކުރަމުން ދިޔައެވެ. ނަމަވެސް މުރުޝިދާއަށް ޖަވާބު ދިނުމެެއްނެތި ހިތްވަރު ކޮށްފައި އީތަން ތެދުވެއްޖެއެވެ.

      "މަ އެބަ އަންނަން. މަންމަ ވަދޭ ކޮޓަރިއަށް. އަަހަރެން ނާންނަނީސް ކޮޓަރިން ނުނުކުންނާތި."

      އީތަން ނުކުންނަން ހިނގައިގަތީ އަތުގެ ނުފުށުން ލޯ ފޮހެލަމުންނެވެ. ޕަރީއަށް ކޮޓަރީގެ ދޮރާއި ދިމާއަށް ބަލާލެވުނީ ބޭއިހުތިޔާރުގައެވެ. އީތަން ދާތަން ބަލަން މުރުޝިދާއަށް އިނދެވުނީ ބަސްހުއްޓިފައެވެ. ދުވެފައި ޕަރީ ކޮޓަރިން ނުކުތުމުން މުރުޝިދާއަށް ދެން ބަލައިލެވުނީ ޕަރީގެ މޫނަށެވެ. ބާރަށް ހިނގާފައި ގޮސް ޕަރީ ހުއްޓުނީ ގޭގެ ދޮރުމަތީގައެވެ. އޭރު ބާރަށް ހިނގާފައި އީތަން ކުރިއަށް ދަނީއެވެ.

      "އީތަން."

      ޕަރީ ގޮވައިލީ އީތަންއަށް އަޑު އިވޭވަރަށެވެ. އެއަޑު ރީތިކޮށް އީތަންއަށް އިވުނެވެ. ނަމަވެސް ފަސްއެެނބުރި ބަލާލާ ހިތެއް ނުވިއެވެ. ޕަރީގެ އަޑު އިވުމުން ޝަހުލާވެސް ފަރުދާ ހިއްލާލަމުން ބޭރު ބަލާލިއެވެ. އީތަން ދާތަން ފެނުމުން ޝަހުލާ އަވަސް އަވަހަށް ގޮސް ދޮރު ހުޅުވާލައިފިއެވެ. ދޮރުމަތީގައި ހުއްޓުން އަރާފައި ހުރި ޕަރީ ފެނުމުން ޝަހުލާގެ ގާތަށް އައީ ހިންޏެވެ. ކަންތަށްވެގެން މިދިޔައީ ޝަހުލާ އުންމީދު ކުރި ގޮތަށެވެ. ޕަރީދެކެ ކިތަންމެ ލޯތްބެއް ވިޔަސް ނުހާ ދޫކޮށްލަން އީތަންއަށް ނުކެރޭނެކަން ޝަހުލާއަށް ކުރިންވެސް އެނގެއެވެ. އީތަން ގޮސް އޮބާލައިފިއެވެ. ނަމަވެސް ހުރި ފިޔަވަޅުމަތިން ގުޑިލަން ވެސް ޕަރީއަކަށް ނޭނގުނެވެ. ނުހާއާ ދުވަހަކުވެސް ވާހަކަ ނުދައްކާނޭ ކަމަށް ވައުދުވެފައި ނުހާ އަންނައިރަށް އީތަން އެދިޔައީ ޕަރީއަށް ފުރަގަސް ދިނުމަށް ފަހުގައެވެ. ޕަރީއަށް ވުރެން ނުހާ މުހިންމު ނުވާނަމަ އީތަން އެހެނެއް ނަހަދާނެއެވެ. ބަލަބަލައި ހުއްޓައި ޕަރީގެ ލޮލުން ކަރުނަ އަންނަން ފަށައިފިއެވެ. އިސްޖަހާލަމުން ޕަރީ މަޑުމަޑުން ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. ރޮވިފައި ހުރި ޕަރީ ފެނުމުން ޕަރީއާ މެދު މުރުޝިދާއަށް ކުރެވުނު ޝައްކު ވަގުތުން ފިލައިގެން ހިނގައްޖެއެވެ. އެއީ އިންސާނެއް ނޫންނަމަ އެގޮތަށް އިންސާނުންގެ ތެރޭގައި ދިރިއުޅުމަކީ ވާނޭކަމެއް ނޫނެވެ.

      "ކިހިނެއް ވެގެންތަ މިއުޅެނީ.؟ އީތަން އެދިޔައީ ކޮންތާކަށް.؟"

      މުރުޝިދާއަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ.

     "އޭނަ އެދިޔައީ ނުހާ އައިކަން އެނގިގެން އޭނަ ބަލާ."

      މުރުޝިދާއަށް ޖަވާބު ދިނީ ޝަހުލާއެވެ.

     "ނުހާ! އެއުޅޭ މާލެ ކުއްޖާތަ.؟"

     "އާނ.އީތަންގެ ކައިވެނީގަ ބައިވެރިވާށޯ އައީ. ކިހާ ހެއްވާކަމެއް. މާލޭގަ އެދެމީހުން އުޅުނުއިރު ހީވަނީ ކައިވެނި ކޮށްގެން އުޅޭ ދެމީހުންހެން. ކޮނޑު ހިފައިގެން އުޅެނިކޮށް ކިތަންމެ ދުވަހަކު މަވެސް ދެކުނިން. ހީވަނީ އެހެންފަދަ ކަމެއްހެން. ނިދަނީވެސް އެއްތާކު. އެހުރިހާ ކަމެއް އެނގޭތީ ކަންނޭގެ ޕަރީވެސް އެދެމީހުން ވާހަަކަ ދައްކަން އެހާ ނުރުހެނީ. އެކަމަކު އަންނަކަން އެނގޭއިރަށް އެދިޔައީނު ޕަރީ ދޫކޮށްލާފަ އޭނަ ބަލާ."

      ޝަހުލާ ތުން އަނބުރާލަމުން ބުނެލިއެވެ. މުރުޝިދާއަށް އިތުރަށް ބުނާނެ ހަމަ އެކައްޗެއް ވެސް ނޭނގުނެވެ. ޕަރީ ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖަހައިފިއެވެ. ދޮރުބުޑުގައި އިށީންނަމުން ޕަރީ ބޮލުގައި ދެއަތުން ހިފެހެއްޓީ ރޮމުންނެވެ. ޝަހުލާދެކެ އިންތިހާއަށް ރުޅި އަޔަސް ޝަހުލާ ދެއްކި ހުރިހާ ވާހަކައެއް ޕަރީއަށް ގަބޫލު ކުރެވުނެެވެ. އީތަންއަށް ޓަކާ ޕަރީ ވީ ގުރުބާނީއަށް ވުރެން އީތަންއަށް މިއަދުވެސް މުހިންމުވީ ނުހާއެވެ. އިންސާނުންގެ ހީލަތްތެރިކަމާއި މަކަރުވެރިކަން މިއަދު ވަރަށް ރަނގަޅަށް ޕަރީއަށް ފެނިއްޖެއެވެ. އީތަންއާ މެދު ޕަރީ ކުރީ މިކަހަލަ އުންމީދެއް ނޫނެވެ.

 

     ނެރުން ނުކުމެގެން ދިޔަ ލާންޗަށް ބަލަހައްޓައިގެން ބަނދަރު މަތީގައި ނުހާ ހުރީ ހަނދާނެ ގޮތް ހުސްވެފައެވެ. ނުހާ ހީކުރީ އޭނާއަށް މަރުހަބާ ކިއުމަށް ޝަހުލާ އީތަންގެ މަންމަ ގޮވައިގެން އައިސް ބަނދަރުމަތީގައި ހުންނާނެ ކަމަށެވެ. ނަމަވެސް ކަންތަށް މިވީ އޭގެ ދިމާ އިދިކޮޅަށެވެ. އެރަށަށް ފައިބަން އައި ހަތް މީހުން ލާންޗުން ފައިބައިގެން އެތިބަ ދަނީއެވެ. ނަމަވެސް ދާނޭ ދިމާއެއް ނޭނގިފައި ނުހާ ހުންނަން މިޖެހުނީ ބަނދަރުމަތީގައެވެ.

      "ނަސީބެއްނު މަށަށް އާދެވުނުކަން. ނޫންނަމަ ކޮބާ ނުހާގެ ހާލަކީ. އަހަރެން ހީނުކުރަން މިވަރުގެ ބޮޑު ލަނޑެއް ނުހާއަށް ދޭން އެމީހުންނަށް ކެރިދާނެ ކަމަކަށް."
ހިތްހަަމަ ނުޖެހިފައި ހުރި ޝަފާ ދިއައީ އީތަންގެ އާއިލާ މީހުންނަށް އެއްޗެހި ކިޔަމުންނެވެ. ޝަފާގެ ކުރިމަތީގައި ނުހާ ހުރީ ވަރަށް ބޮޑަށް ލަދުގެންފައެވެ. އެކުވެެރިއެއްގެ ކުރިމަތީގައި މިވަރުގެ ލަދަކު ދުވަހަކުވެސް ނުހާ ނުބެދެއެވެ.

       "ވެދާނެއްނު ހަނދާން ނެތުނީ ކަމަށް ވެސް."

          "އެހާ އާދޭހާއެކު ދައުވަތު ދިނީ ހަނދާން ނައްތާލަންތަ.؟ ނުހާ ތިބުނީ ހެނދުނުވެސް މެސެޖު ކުރި ވާހަކަ."

       "ދެން ތިކަހަލަ ވާހަކަ ނުދައްކަބަލަ. އަހަރެމެން ކިހިނެއް ދެން ހަދާނީ.؟އީތަންގެ ފޯނަށްވެސް ނުގުޅޭ. އަހަރެންނަކަށް ނުކެރޭނެ ދޮންތަ ފޯނަށް ގުޅަން.؟"

       ނުހާ ހިފާލީ ޝަފާގެ އަތުގައެވެ.

       "ދެން ހެދެން އޮންނާނީ އެންމެ ގޮތެއް. ކޮޓަރިއެއް ހިފަން ޖެހޭނީ. އީތަންއަށް…"

       "އެބަ އާދެ."

       ބަނދަރަށް ނުކުތް އީތަން އެންމެ ފުރަތަމަ އަޅައިގަތީ ނުހާގެ ލޮލުުގައެެވެ. އީތަން ފެނުމުން ނުހާ ދިޔައީ ފިނިވެގެންނެވެ. ހާސްކަން ފިލައި އުުފާވެރިކަން އެ

މޫނުމަތިން ބަބުޅައިގެންފިއެެވެ. ޝަފާވެސް ބަލާލީ އެދިމާއަށެވެ.

      "ޔާ ރައްބީ އެއީ ހަމަ އީތަންތަ.؟"

       އެދިމާއަށް ހިނގާލާފައި އައި އީތަން ފެނުމުން ލޮލުން އަވިއައިނު ތިރިކޮށްލަމުން ޝަފާ ދެލޯ ބޮޑުކޮށްލައިފިއެވެ. މީގެ ކުރިން ބައްދަލުކޮށް ވާހަކަ ދެކެވިފައި ނެތަސް އެންމެ ފަހުން ޝަފާ އީތަން ދުށީ މީގެ ހައެއްކަ މަސް ކުރިންނެވެ. އޭރު އެއީ  ބަލާލަން ހުތުރު ސިފައެއްގައި ހުުރި ޕާޓޭއެކެވެ.

        "އަހަރެން ބުނީމެއްނު މިހާރު އެއީ ކުރީގެ އީތަންއެއް ނޫނޭ."

        "އާނ ނުހާއަށް ތިހާވަރެއް ތިވަނީ ކީއްވެކަން މިހާރު މަށަށް ވިސްނިއްޖެ."

         "މަޑުން ހުރޭ. އަޑު އިވިދާނެ."

         ނުހާ ވިކައިގަތީ ޝަފާ އަތުގައެވެ. ޝަފާ ދިޔައީ ސިއްސައިގެންނެވެ. އޭރު އީތަން އަރައި ހަމަކޮށްފިއެވެ.ޕަރީ ކިތަންމެ ނުރުހުނަސް ނުހާ ފެނިލުމުން އީތަންގެ ހިތަށް ފިނިކަން ލިބިއްޖެއެވެ. ނުހާއަކީ އިއްޔެ ފެނުނު އަންހެނަކަށް ޓަކައި ބާކީކޮށް އެއްލާލެވޭ ވަރަށް ވުރެން އީތަންއަށް މާ ހާއްސަ އެކުވެރިއެކެވެ. ހުރިހާ ހިތްދަތިކަމެއް ފޮރުވާލަމުން އީތަން އައިގޮތަށް އައިސް އަތްވައްޓާލީ ނުހާގެ ކޮނޑަށެވެ. އެ މަންޒަރު ފެނުމުން ޝަފާ ދިޔައީ އަނގަ ހުޅުވިގެންނެވެ.

         "އީތަން. މީ ގެއެއް ނޫން."

         ހިނިއައިސްފައި ހުރި ނުހާ ވަގުތުން އީތަންގެ އަތް ދުރުކޮށްލައިފިއެވެ.

         "މިތަނުގަ ހުރެ ކޮނޑުގަ ހިފާލީމަ ކޮނޑަށް ތަދުވަނީތަ.؟"

         އީތަން ނުހާގެ އަތުގައި ހިފައި ގެނެސް ދެންވެސް އަތް ވައްޓާލީ ނުހާގެ ކޮނޑަށެވެ. ޝަފާއަށް ހީނގަނެވުނީ ބޭއިހުތިޔާރުގައެވެ.

         "ތިހާ ކޮނޑުގަ ހިފާހިތް ވަންޏާ ދެން ކީއްވެއޯ ތިހާ ލަހުން ބަލާ ތިއައީ.؟"

        ޝަފާ ބުނެލުމުން އީތަން ހީލާފައި ބަލާލީ ނުހާގެ މޫނަށެވެ.

        "މަ ކައިރީ ބުނިންތަ އަންނަ ވާހަކަ.؟"

        "ބުނާނީ ކިހިނެއް.؟ އީތަންގެ ފޯނު ކޮބާ.؟"

        ނުހާ ހިތްހަމަ ނުޖެހިފައި އަހާލިއެވެ. އީތަންގެ ހަނދާނާ ކުޅެލީ ޕަރީ އެފޯނަށް ހަދާލި ގޮތެވެ.

         "މަސްބާނަން ގޮސްގެން އުޅެނިކޮށް ކަނޑަށް ވެއްޓުނީ. ދެން ބުނެބަލަ ކުއްލިއަކަށް ތިއައީ ކީއްކުރަން."

        "އަހަރެން ހުރީ ނާންނަން ވެގެން. އެކަމަކު ދޮންތަ ގުޅާފަ ބުނީ އީތަންގެ މަންމައާ އެންމެން ބޭނުންވަނީ އަހަރެން އީތަންގެ ކައިވެނީގަ ބައިވެރިވާން އަންނާށޯ. އީތަންއަށް ސަރޕްރައިޒްއެއް ދޭން ނުބުނެ އަންނާށޭ ބުނީމަ އައީ."

        ނުހާގެ ވާހަކައިން އީތަން ޝަހުލާދެކެ ވަރަށް ބޮޑަށް ރުޅިއައެވެ. އާއިލާގެ އިތުރު އަންހެނަކަށް ނުހާ އައިސްގެން އުޅޭކަން ނޭނގޭނެއެވެ. ޕަރީ ނުހާދެކެ ރުޅި އަންނަކަން އެނގުމުން މިއީ ޝަހުލާ ހަމަ ގަސްތުގައި އީތަންއަށް ދިން ލަނޑެކެވެ.

ނުނިމޭ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު