ޕަރީ ނުހާދެކެ ރުޅި އަންނަކަން އެނގުމުން މިއީ ޝަހުލާ ހަމަ ގަސްތުގައި އީތަންއަށް ދިން ލަނޑެކެވެ.
"އަހަރެންނަށް އެކަނި އަންނާކަށް ނުކެރުނު. އެެހެންވެ ޝަފާ ގެނައީ."
ނުހާ އިތުރަށް ބުނެލިއެވެ. އީތަން ޝަފާއާ ސަލާންކޮށްލީ ހިނިތުންވެލަމުންނެވެ. ކޮންމެގޮތެއް ވިއަސް މިހާރު މިއޮތީ ޝަހުލާގެ ދަންތުރައިގައި އީތަން ވަރަށް ރަނގަޅަށް ޖެހިފައެވެ.
"ކިހިނެއްވީ. އަހަރެމެން އައީމަ އީތަން ހިތްހަމަ ނުޖެހުނީތަ.؟"
ކިތަންމެ ފޮރުވަން އުޅުނަސް އީތަންގެ މިޒާޖަށް އައިސްފައިވާ ބަދަލު ނުހާއަށް ސިއްރެއް ނުވިއެވެ. ވެެެގެން އުޅޭގޮތް ނުހާއަށް ކިޔައި ދޭން އީތަން ހުރީ ބޭނުންވެފައެވެ. ނަމަވެސް އެއީ ޝަފާގެ ކުރިމަތީގައި ހުރެ ދެއްކޭވަރުގެ ވާހަކައެއް ނޫނެވެ.
"އަސްލު ޑުރެކިއުލާ ގުޅާފަ އެދެއްކީ ތެދު ވާހަަކަތަކެއް ނޫން. އަހަރެންގެ އާއިލާގެ އިތުރު އެއްވެސް މީހަކަށް ނޭނގެނެ ނުހާ އައިސްގެން އުޅޭކަމެއް. ޑުރެކިއުލާ އުޅެނީ ޕަރީގެ ބޮލަށް އެރިގެން. އަހަރެމެން ދެމީހުންގެ މެދުގަ އޮންނަނީ ރަނގަޅު ގުޅުމެއް ނޫނޭ ކިޔައިގެން. މިހާރު ޕަރީ ހުންނަނީ ނުހާދެކެ ފާޑަކަށް ނައްޓާފަ. ދެން އަހަރެމެން އެންމެނަށް ސިއްރުން އޭނަ ނުހާ ވާވައްދާލައިގެން މިރަށަށް ގެެނެއްސަ ތިހިރީ މަށާއި ޕަރީގެ ގުޅުން ކަނޑުވާލަން ވެގެން. "
ހަގީގަތް ފޮރުވަމުން ކޮންމެވެސް ވަރަކަށް އީތަން ވެގެން އުޅޭގޮތް ނުހާއަށް ކިޔާލަ ދީފިއެވެ. އޭރު ނުހާ ދެލޯ ބޮޑުކޮށްގެން އީތަންއަށް ބަލަން ހުއްޓެވެ. ޝަހުލާއަކީ ކާކުކަން ނުހާ އޮތީ ޝަފާއަށްވެސް ކިޔައިދީފައެވެ. ނަމަވެސް އެއީ އެވަރުގެ ނުލަފާކަން ހުރި އަންހެނެއްކަން ޝަފާއަށް ވެސް މި އެނގުނީ އަަދިކިރިޔާއެވެ.
"ދެން ކިހިނެއް ހަދާނީ.؟"
ކަންބޮޑުވެފައި ޝަފާ ހިފީ ނުހާގެ އަތުގައެވެ. އޭރު ނުހާ ހުރީ މުޅިން ފިނިވެފައެވެ.
"ގޮތެއް ހަދަން ޖެހޭތަ.ދެން ދާނީ ގެއަށް. ހިނގާ ދާން."
"ނޫނޭ. އަހަރެން ނުދާނަން.؟"
އީތަންގެ އަތް ފޮޅުވާލަމުން ނުހާ ދުރަށް ޖެހިއްޖެއެވެ.
"ތެދަށް މި ކިޔައިދިނީ ގެއަށް ދާތަނުން އެންމެންގެ މޫނުމަތީގެ ކުލަވަރު ފެނިފަ ނުހާއަށް ކަމެއް ގޯސްވެއްޖެކަން އެނގޭނެތީ."
"އަހަރެން ބޭނުމެއް ނޫން އަހަރެންގެ ސަބަބުން އީތަންގެ ދިރިެއުޅުމަށް އެއްވެސް ކަހަަލަ ހީނަރުކަމެއް އަންނަން. އީތަން ކަންބޮޑުނުވޭ. އަހަރެން ހަމަ މިއަދު ލާންެޗެއް ހިފައިގެން މާލެ ދާނަން."
"މިހާރު ތިގޯސްވަނީ. ރުޅި އަންނަ މީހަކު ރުޅި އަންނަންވީ. މަގެ މަންމައަށް ފަހު މަގެ ހަޔާތުގަ ދެވަނައަށް އަބަދުވެސް ހުންނާނީ ނުހާ. މަށަަށް ވަރިހަމަ ރުޅި އައިސްގެން ޕަރީ ފަޅައިގެން ދިޔަޔަސް."
އީތަން ޕަރީދެކެ ރުޅި އައިސްފައި ހުރިކަން ވާހަކަ ދައްކާލި ރާގުން ހާމަވެގެން ދިޔައެވެ. ގަބޫލުކުރަންދަތިވެފައި ނުހާއަށް ބަލަން ހުރެވުނީ އީތަންގެ މޫނަށެވެ. އެއީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ނުހާގެ ގެއަށް ޕަރީ ގޮވައިގެން އައި އީތަންއެއް ނޫނެވެ. އޭރު ޕަރީއަށްޓަކާ އީތަންގެ ދެލޮލުން ފެންނަން ހުރި އިންތިހާއީ ލޯތްބާއި ކުލުނު މިހާރު ފެންނާކަށް ނެތެވެ.
"އީތަން. އަހަރެން މަޑުކޮށްފިއްޔާ ކައިވެނި ނުކުރަންވެސް ޕަރީ އުޅެދާނެ. މާދަމާ ތިދެމީހުންގެ ކައިވެނި. ކިތަންމެ ދުރުގާ ހުއްޓަސް އަހަރެންގެ ހިތް އީތަންއަށް ހެޔޮވާނެ. އަހަރެމެންގެ މި ގުޅުން އަބަދުވެސް އޮންނާނެ. އެކަމަކު…"
"އެއްވެސް އެކަމަކު އެއް ނޯންނާނެ. ގެއަށް ހިނގާ."
ނުހާއާއި ޝަފާގެ އަތުން ދަބަސް އަތުލަމުން އީތަން ދެދަބަސް އެއްކޮނޑުގައި އަޅުވާލީ އަނެއް އަތުން ނުހާގެ އަތުގައި ހިފަމުންނެވެ.
"އަހަރެންނަށް ހީވަނީ އަހަރެމެން މަޑުކުރަންވީ ކޮޓަރިއެއް ކުއްޔަަށް ހިފައިގެން ހެން. މާދަމާ ހަފުލާގަ ބައިވެރިވެލާފަ އަވަހަށް ފުރާނީ."
ޝަފާ އޭނައަށް ފެންނަ ގޮތް ބުނެލިއެވެ. އީތަންގެ ގެއަށް ދިއުމަށް ވުރެން އެގޮތްވެސް ނުހާއަށް މާ ރަނގަޅެވެ. ނަމަވެސް ނުހާ ގެސްޓުރޫމެއްގައި މިރޭ މަޑުކޮށްފިނަމަ ޕަރީ ނުހާއާ ބައްދަލު ނުކުރާނެ އެއްވެސް ގޮތެއް ނޯންނާނެކަން އީތަންއަށް އެނގެއެވެ.
"އޭރުން ކަމަކު ނުދާނެ. ބަސްއަހައިގެން މަށާއެކު ހިނގާ."
އަމިއްލަ ކޮޓަރި ނުހާއަށް ދީފައި ނަމަވެސް އީތަން ނުހާ ބަހައްޓަން ބޭނުންވީ އަމިއްލަ ގޭގައެވެ. ގޮތް ހުސްވެފައި ނުހާއަށް ބަލާލެވުނީ ޝަފާގެ މޫނަށެވެ.
"އަހަރެންނަށް ބަލަނީ ކީއްކުރަން. ދެން ބުނާގޮތް ހަދާބަަލަ. ޕަރީ ރުޅި އައިސްގެން ކައިވެނި ނުކުރާނަމޭ ކިޔާފަ ހިނގަޖިއްޔާ ތިދެމީހުން ކައިވެނި ކުރާނީ. އޭރުން އަބަދުވެސް ދެވަނައިގަ ބެހެއްޓޭނެއްނު."
ޝަފާ ސިއްސައިގެން ދިޔައީ ރުޅި އައިސްގެން ނުހާ ޝަފާގެ އަތުގައި ވިކައިގަތުމުންނެވެ. ނުހާއަށް ވެގެން ދިޔަގޮތުން އީތަން ޖަހާލީ ހިނިގަނޑެކެވެ.
"އަދިވެސް ހެނީތަ. އީތަން އަހަރެން މިވަގުތު މާލެ ދާން ބޭނުން. އަހަރެން ފުރަން ލާންޗެއް ހަމަޖައްސައިދީ."
"މިހާރަކު ނޫން. ނުހާއަށް ދެން މާލެ ދެވޭނީ އަހަރެން ފޮނުވި ދުވަހަކުން.އާދޭ މިކޮޅަށް."
އީތަން ކުރިއަށް ހިނގައިގަތުމުން ނުހާއަށް ދޫކޮށްލެވުނީ މައި ނޭވާއެކެވެ.
"އަސްލު މަށަށް ހީވޭ އީތަން ނުހާދެކެ ވެސް ލޯބިވާހެން."
އީތަން ހިނގައިގަތުމުން ޝަފާ ސިއްރު ސިއްްރުން ނުހާގެ ކަންފަތް ދޮށުގައި ބުނެލިއެވެ.
"މަޑުން ހުރޭ. އަހަރެން މިހުރީ ޝަފާދެކެ ވެސް ރުޅި އައިސްފަ. ޖެހޭތަ އެހެން ބުނަން."
ނުހާ ކިތަންމެ ރުޅި އައިސްފައި ހުއްޓަސް ޝަފާ ދިޔައީ ހެމުންނެވެ.
"ދެންވެސް ހިނގާ. ނޫނީ އުރައިގެން ވެސް ގެންގޮސްދާނެ."
ޝަފާ ހިނގައިގަތުމުން ނުހާއަށް ވެސް މަޖުބޫރުވީ ފަހަތުން ދާށެވެ. ކުރިއަށް ހިނގަމުން ދިޔައިރު އީތަންގެ ސިކުނޑިވަނީ ފިކުރުތަކުން ފުރި ބާރުވެފައެވެ. ދެން ހަދަންވީ ކިހިނެއް ކަމެއް ހިތަށް އަރުވާލަން ވެސް އީތަންއަކަށް ނޭނގުނެވެ. ޕަރީއާ ކައިވެނި ކޮށްފިނަމަ މުޅި އާއިލާ ވައްޓާލެވުނީ މަރުގެ ތުންފަތް މައްޗަށެވެ. ޕަރީ ދޫކޮށްލައިފިނަމަ އޭގެ ރޯޅި ނުހާއަށް ނާންނާނެ ގޮތެއް އެއީ ނެތް ގޮތެކެވެ. މާލެ އަރައި ނުހާ ހުރިތަަނަކަށް ވަދެގެން ވެސް ޕަރީ ނުހާގެ ދުވަސް ދުއްވާލާނެއެވެ. ލޯބީގައި ދީވާނާވެގެން އީތަންއަށް މިހެދުނީ ކިހާ ބޮޑު ގޯހެއް ހެއްޔެވެ. އެމަންޖެ ފޮނުވާލާށޭ ސައްތާރުބެ ބުނީ ކީއްވެގެންކަންވެސް މިހާރު އީތަންއަށް ވިސްނިއްޖެއެވެ.
ދޮރުބުޑުގައި އިށީނދެގެން އިނދެ ރޮމުންދިޔަ ޕަރީގެ ހަނދާނަށް އަންނަމުން ދިޔައީ އީތަންއަށްޓަކާ އޭނަ ވަމުންދިޔަހާ ގުރުބާނީއެވެ. ގިނަ ވަގުތު މޫދާއި ދުރުގައި އުޅެންޖެހުމާއެކު އަބަދާއި އަބަދު ހެދުމަކުން ނިވާވެގެން ހުންނަން ޖެހުމުން ޕަރީގެ ހަންގަނޑު ވަނީ ކުރެކިވެ ހަލާކުވެފައެވެ. ނަމަވެސް އީތަންއާ ވަކިވަން ބޭނުންނުވާތީ އެވާހަކަ ޕަރީ ނުދެއްކީއެވެ. އިންސާނަކަށް ނުވާ ހާލުވެސް އިންސާނުންގެ އާދަކާދަތަށް ޕަރީ ދަސްކުރިއެވެ. އީތަން ލޯބިވާހާ ބައެއްދެކެ ޕަރީވެސް ލޯބިވިއެވެ. ނަމަވެސް ޕަރީދެކެ އީތަންވީ ހަމައެކަނި ލޯތްބެވެ. ޕަރީގެ ހައްގުގައި ގުރުބާނީއެއް ވާނޭހާ ހިތްވަރެއް އީތަންގެ ގަޔަކު ނެތެވެ. ވީއިރު އެވަރުގެ މީހަކާއެކު ދިރިއުޅުމުގެ ބާކީބައި ހޭދަކުރާނީ ކިހިނެއް ހެއްޔެވެ.
އަތުގެ ނުފުށުން ދެލޯ ފޮހެމުން ޕަރީ އިންތަނުން ތެދުވެއްޖެއެވެ. ބާރަށް ހިނގާފައި ގޮސް ޕަރީ ހުޅުވާލީ ކުޑަދޮރެވެ. ބޭރުގައި މީހަކު ބަލަން ހުރިތޯ ވިސްނާލުމެއްނެތި ޕަރީ ފުންމާލީ ކުޑަދޮރުން ބޭރަށެވެ. މަގަށް ނުކުމެ ހުރި މުރުޝިދާ ފެނުމުން ރުޅިވެރިކަން ޕަރީގެ ހިތުތެރޭ އަނދައިގެންފިއެވެ. ޕަރީދެކެ ލޯބިވާކަމަށް ހެދިގެން އުޅެމުން މިހާރު މުރުޝިދާ ނުކުމެ އެހުރީ ނުހާއަށް މަރުހަބާ ކިޔާށެވެ. އިންސާނުންނަކީ ހާދަހާވާ އަމިއްލަ އެދުން ބޮޑު ބައެކެވެ. ބަދަލު ހިފާލުމުގެ ހުޅުގަނޑު ޕަރީގެ ހިތުތެރޭގައި އަދައިގެންފިއެވެ. ނަމަވެސް އެމީހުން ޕަރީއަށް އެދިން އަނިޔާގެ ބަދަލު ޕަރީ އެމީހުނަށް ދޭނީ ރަނގަޅު ދަނޑިވަޅު ބަލާފައެވެ. މުރުޝިދާއަށް ނުފެނި ޕަރީ ގޭގެ ބިއްދޮށްފަރާތުން ނުކުމެގެން ހިނގައްޖެއެވެ.
އީތަން ގެއާ ދިމާއަށް އައިއިރު މުުރުޝިދާ މަގަށް ނުކުމެ ބަލަހައްޓައިގެން ހުއްޓެވެ. އަރާމުކޮށްލަން ބޭނުން ވިޔަސް މުރުޝިދާއަށް އޮށޯވެލުންވީ ދަތިކަމަކަށެވެ. އީތަން ގޮސް ހިފާލީ މުރުޝިދާގެ ކޮނޑުގައެވެ. މުރުޝިދާ ހިނިތުންވެލީ އައިސް ކުރިމަތީގައި ހުއްޓުނު ނުހާއާއި ޝަފާގެ މޫނަށް ބަލާލަމުންނެވެ. ފިނިވެފައި ހުރި ނުހާ އޭރު ހުރީ ޝަފާގެ އަތުގެ މުލައްދަނޑީގައި ބާރަށް ހިފަަހައްޓައިގެންނެވެ.
"ނުހާ މީ އަހަރެންގެ ލޯބިލޯބި މަންމަ."
އީތަން ނުހާއަށް މުރުޝިދާ ތައަރަފު ކޮށްދިނީ މުރުޝިދާގެ ބޮލަށް ބޮސްދެމުންނެވެ. އީތަން މުރުޝިދާދެކެ ވާ ލޯބި ފެނުމުން ނުހާގެ ހިތަށް ފިނިކަން ލިބިއްޖެއެވެ.
"މަންމައަށް އެނގޭތަ މިއަދު އަހަރެން މަންމަގެ ކުރިމަތީގަ މިހުރީ ނުހާގެ ސަބަބުން. އަހަރެން މާލެ ދިޔަ ފަހުން އަހަރެންނަށް ދިމާވި ކޮންމެ އުނދަގޫ ދަނޑިވަޅެއްގަ ނުހާ ހުރީ އަހަރެންނާ އެކުގަ. ނުހާގެ މައިންބަފައިން ވެސް ވަރަށް ރަނގަޅުވާނެ. އެމީހުންގެ ހިތްހެޔޮކަން ނުހާއަށް ވާރުތަކޮށްފަ އެހެރީ."
އީތަން ގޮސް ނުހާގެ ދެކޮނޑުގައި ހިފާލަމުން ގެންގޮސް ބެހެއްޓީ މުރުޝިދާގެ ކުރިމަތީގައެވެ. މުރުޝިދާގެ ކުރިމަތީގައި އީތަން ނުހާގެ ކޮނޑުގައި ހިފުމުން ނުހާ ވަކިން ބޮޑަށް ރަކިވެއްޖެއެވެ. ހިިނިއައިސްފައި ޝަފާ މަންޒަރު ބަަލަން ހުއްޓެވެ. މުރުޝިދާ ނުހާގެ އަތުގައި ހިފާލީ ޝުކުރުން ފުރިފައިވާ ނަޒަރަކުން ނުހާއަށް ބަލާލަމުންނެވެ.
"ޝަހުލާ ދެންމެ ބުނީމަ މަންމައަށް އެނގުނީ ނުހާ އައިސްގެން އުޅޭކަން. އަންގާލާފަ އައިނަމަ މީރު ކާނެއެއްޗެއް ހަދާލާނެ ވަގުތު ލިބުނީހެއްނު."
"މަންމަ ކަންބޮޑުނުވޭ. ނުހާއަކަށް ނޭނގޭނެ ޝަކުވާކުރާކަށް. ދެން މީ އޭނަގެ ރައްޓެއްސެއް. ޝަފާ ކިޔަނީ.މީ ނަރުހެއް. ނުހާއަކީ ޑޮކްޓަރެއް. މަންމަ ބަލިވެ އުޅޭތީ ސީދާ މާލެއިން ޑޮކްޓަރުންގެ ޓީމެއް މިގެނައީ."
އީތަންގެ ވާހަކައިން މުރުޝިދާއާއި ޝަފާ އެކުގައި ހޭންފަށައިފިއެވެ. ގެއިން ނުކުތް ފާއިޒާ އައިސް އެމީހުން ކައިރީގައި ހުއްޓުނީ ބީރައްޓެހި ބަޔަކު އައިސް ތިބިތަން ފެނުމުންނެވެ.
"މީ ކޮންބައެއް.؟"
"ތުއްތަ އާދެބަލަ މިކޮޅަށް."
އީތަން ފާއިޒާގެ ވާހަކަ މެދުކަނޑާލަމުން ފާއިޒާ ކޮނޑުގައި ހިފަމުން ދުރަށް ހިނގައްޖެއެވެ. މުރުޝިދާ ނުހާއާއި ޝަފާ ގޮވައިގެން ހިނގައިގަތީ ގެއަށް ވަންނާށެވެ.
އީތަން ފާއިޒާ ގޮވައިގެން ގޮސް ހުއްޓުނީ ހިރުދުގަސްދޮށުގައެވެ.
"ކިހިނެއްތަވީ.؟.ކާކު އެއީ.؟"
"ނުހާ. ޕަރީ ނުހާދެކެ ރުޅި އަންނަކަން އެނގުނީމަ ޑުރެކިއުލާ، މަންމައާއި ގޭގެ އެންމެންގެ ނަމުގަ ނުހާއަށް ގުޅައިގެން އެހެރީ ގެނެއްސަ. މަށަށް ސަރޕުރައިޒެއް ދޭން ނުހާ ގެންނާށޯ މަންމަވެސް ބޭނުންވަނީ."
އީތަންގެ ވާހަކައިން ފާއިޒާވެސް ޝަހުލާދެކެ އައީ ރުޅިއެވެ.
"މަބުނީ ގިނަވެގެން ވެސް ދެތިން ދުވަހު ނުހާ މިކޮޅުގަ މަޑުކުރާނީ. ތުއްތަ ކޮޓަރި ދޭންވީނު އެދެމީހުނަށް. ތިއްތަ ކޮޓަރިއަށް ތުއްތަ ބަދަލުވާނީ."
ފާއިޒާ ދީފާނެ ޖަވާބަކާ މެދު އީތަން ހުރީ ކަންބޮޑުވެފައެވެ. ފާއިޒާގެ ގައިން ދިޔައީ ވަރުއެލިގެންނެވެ. ދެކުދިންނާއެކު ކޮޓަރި ދޫކޮށްފައި އެހެން ތަނަކު ނިދަން ދިއުމަކީ ފާއިޒާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ނަމަވެސް ގޭގައި ޖާގަ ނެތޭ ބުނެ އީތަންގެ އެހާ ގާތްއެކުވެރިއެއް ގެއިން ބޭރުކޮށެއް ނުލެވޭނެއެވެ.
"އެންމެ ރަނގަޅު. އެކަމަކު ނިދާނެ ގޮދަނޑިއާ އެއްޗެހި ހޯދަދޭން ޖެހޭނެ."
ފާއިޒާ ގަބޫލުވުމުން އީތަން ވަރަށް ބޮޑަށް ހިތްހަމަ ޖެހިއްޖެއެވެ. ފާއިޒާއަށް ހާސްފަށުން ޝުކުރުއަދާކުރަން އީތަން ގެއަށް ވަނީ ފާއިޒާ ކޮނޑުގައި ހިފާލައިގެން ހުރެއެވެ. އޭރު ފަނިތަށްޓެއް ހިފައިގެން ނުހާ ސޯފާގައި އިނެވެ. މުރުޝިދާ ދައްކަމުން ދިޔަ ވާހަކަތަކަށް ނުހާ ޖަވާބުދެމުން ދިޔައީ ހިނިތުންވެލައިގެން އިނދެއެވެ. ކުޅިބަލަން ނުކުމެ ޝަހުލާ އިންތަން ފެނުމުން ހަމަ އެވަގުތު ޝަހުލާ ކަންކަށިމަތީގައި އެތިފަހަރެއް ޖަހަން އީތަން ހިތަށްއެރިއެވެ. ނަމަވެސް ދޭ ބަދަލަކުން އެއީ އިސްލާހުވާނެ އަންހެނެއް ނޫންކަން އީތަންއަށް މިހާރު އެނގެއެވެ. ގޭތެރެއަށް އުފާވެރިކަން ވެރިވެފައި އޮތްތަން ފެނުމުން އީތަން ގޮސް ވަނީ ކޮޓަރިއަށެވެ. ނަމަވެސް އޭރު ޕަރީ ފެންނާކަށް ނެތެވެ. ފާހާނައިގެ ދޮރު ހުޅުވާފައި ހުރިތަން ފެނުމުން އީތަން ގޮސް ހުއްޓުނީ ފާހާނައިގެ ދޮރުމަތީގައެވެ. ނަމަވެސް ޕަރީ އެތަނަށް ވަންކަމުގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ. ޕަރީ އޭނާ ދޫކޮށްލާފައި ހިނގައްޖެއޭ ހިތް ބުނުމުން އީތަންއަށް ބޭއިހުތިޔާރުގައި ބަލާލެވުނީ ކުޑަދޮރާއި ދިމާއަށެވެ. އަވަސް އަވަަހަށް ގޮސް ފަރުދާ ހިއްލާލަމުން ކުޑަދޮރަށް ބަލާލެވިއްޖެއެވެ. އީތަންއަށް ހީވީ ރަނގަޅަށެވެ. ކުޑަދޮރު ހުރީ ހުޅުވާލާފައެވެ. ޕަރީ ހިނގައްޖެކަން އެނގުމުން އީތަން ދިޔައީ ހުއްޓުން އަރައިގެނެވެ. ބޭއިހުތިޔާރުގައި ވަށައިގެން ހޯދާލެވިއްޖެއެވެ. ނަމަވެސް ޕަރީގެ ހިލަމެއް މިހާރަކު ނެތެވެ.
އީތަން އެދުނުފަދައިން ޝާޔާގެވެސް ރުހުމުގައި ފާއިޒާ ބަދަލުވީ ޝާޔާގެ ކޮޓަރިއަށެވެ. ފެންވަރާލައިގެން ނުހާ ނުކުތްއިރު ޝަފާ އެނދުގައި އިށީނދެލައިގެން ވީޑިއޯ ކޯލުން ދަރިންނަށް ގުޅައިގެން އިނެވެ. އޭރު އެދެމީހުންނަށް ކޮޓަރި ދީފައި އެންމެން ހިނގައްޖެއެވެ. ނުހާ ގޮސް އިށީނީ ޑުރެސިންގުޓޭބަލު ކުރިމަތީގައެވެ. އޭނާގެ ސަބަބުން ޕަރީއާއި އީތަންގެ މެދުގައި މައްސަލައެއް ޖެހިދާނެތީ އޭރުވެސް ނުހާ އިނީ ކަންބޮޑުވެފައެެވެ. ނުހާ އިންނަން ފެށުމުން ފޯނު ކުރުކޮށްލުމަށް ފަހު ޝަފާ ދޫކޮށްލީ ފިނި ނޭވާއެކެވެ.
"އަސްލު މަށަށް ހީވާ އެއްޗެއް ބުނަންތަ.؟"
ޝަފާ ވާހަކަ ދައްކަން ފެށީ ލާނެއް ގޮތަކަށް ހީލަމުންނެވެ.
"ހޫމް ބުނެބަަލަ."
"މަށަށް ހީއެއް ނޫން ވަނީ. މަށަށް ޔަގީން. އީތަން ނުހާދެެކެ ކޮންމެވެސް ވަރަކަށް ލޯބިވޭ."
ޝަފާގެ ވާހަކައިން ނުހާ ޝަފާގެ މޫނަށް ބަލާލީ ރުޅިއަންނަ ގޮތްވެފައެވެ.
"އަހަރެންގެ ސަބަބުން އެދެމީހުންގެ މެދުގަ މައްސަލަޖެހިދާނެތީ ބިރުން އަހަރެން މިއުޅެނީ. އެކަަމަކު ޝަފާއަށް ބުނަން އެނގުނީ ތިހެންތަ.؟"
"މަށަށް ރަނގަޅީވެސް މައްސަލަ ޖެހުނިއްޔާ. އިރާދަކުރެއްވިއްޔާ އެކައިވެނި ވެސް ކެންސަލްވާނެ."
"ހެޔޮނުވާނެ ތިކަހަލަ ވާހަކަ ނުދައްކާ. ޕަރީ އީތަންދެެކެ ހާދަ ލޯބިވެއޭ."
"އޭނަ ނުހާދެެކެވާ ލޯބި ނުހާއަކަަށް ނުފެނޭތަ."
"މޮޔަ ވާހަކަ ނުދައްކާ. މާދަމާ ކައިވެނި ކުރަން އެއުޅެނީ. އަހަރެންދެކެ ލޯބިވިނަމަ އަހަރެން ހުއްޓާ އެހެން މީހެއްގެ ލޯބީގާ ދީވާނާއެއް ނުވާނެދޯ."
"އެއީ މޮޔަކަމުން ކުރެވުނު ކަމެކޭ އީތަންގެ އަނގައިން އަދި ނުހާ ކައިރީގަ ބުނާނެ. އީތަންއަށް ނުވިސްނިގެން އެއުޅެނީ އޭނަ ނުހާދެެކެ އެވަނީ ލޯބިކަން. ވެދާނެ އޭނައަށް ވުރެން ހަތަރު އަހަރު ނުހާ ބޮޑުވީމަ ކަމަށްވެސް. ނޫނީ އެހާ ކުޑައިރުން ފެށިގެން އެކުގާ އުޅެވިފަ ހުރީމާ އެގޮތަށް ވިސްނާލަން ހަނދާން ނޭނގުނީކަމަށް ވެސް ވެދާނެ."
"ތި ވާހަކަތަށް މީހަކަށް އިވިއްޖިއްޔާ އަހަރެން ލަދުން ހަލާކުވާނެ. ހެޔޮނުވާނެ ތިކަހަލަ ވާހަަކަ ނުދައްކަބަލަ."
ޝަފާގެ ވާހަކަ ތަކުން ނުހާގެ ބޮލަށްވީ އިތުރު ތުރާލެކެވެ. ޝަފާ ފިނި ނޭވައެއް ދޫކޮށްލަމުން އައިސް އަތް އަޅުވާލީ ނުހާގެ ކޮނޑުގައެވެ.
"ހިތްވަރުކޮށްލާފަ ބުނެބަލަ ލޯބިވާ ވާހަކަ. އަދިވެސް ވަގުތު އެބައޮތް."
ޝަފާ ދިނީ ހިތްވަރެވެ.
"މުސްކުޅިވަންދެން މިހެން ހުންނަން ޖެހުނަސް އަހަރެން ނުބުނާނަން. ޝަފާގެ ހިތަށް ތިހާ އަސަރު ކުރަންޏާ ޝަފާ ގޮސް ބުނެބަލަ. އޭރުން ޝަފާއަށް ވެސް ފެންނާނެ އަހަރެންދެެކެ އޭނަވާ ލޯބި."
ހިތްހަމަ ނުޖެހިފައި ހުރެ ނުހާ ޝަފާގެ އަތް ފޮޅުވާލުމުން ޝަފާ ހޭންފަށައިފިއެެވެ.
"އަދިވެސް ހެނީތަ. ފާހާނައަށް ވަދެބަލަ. ކޮޓަރި ތަޅުލައިގެން ތިބީމަ އެހެން މީހުން ކީކޭތަ ހީކުރަނީ."
އެންމެ ފަހުން ނުހާ ޝަފާ ގަދަކަމުން ގެންގޮސް ފާހާނައަށް ވައްދައިފިއެވެ. ރަނގަޅަށް ފެންވަރާލައިގެން ޝަފާ ނުކުތްއިރު ނުހާ ޝަފާގެ އިންތިޒާރުގައި އިނެވެ. ތައްޔާރުވެލައިގެން ދެމީހުން ކޮޓަރިން ނުކުތްއިރު ގޭގެ އެންމެން ތިބީ އީތަންގެ ކޮޓަރީގައެވެ. ކަމެއް ގޯސްވެއްޖެކަން އެމީހުން ތިބި ގޮޮތުންވެސް ނުހާއަށް ވިސްނިއްޖެއެވެ.
"އަހަރެން އައީމަ ޕަރީ މާބޮޑަށް ރުޅި އައީ ކަންނޭގެ."
ކަންބޮޑުވެފައި ނުހާ ހިފެހެއްޓީ ޝަފާގެ އަތުގައެވެ.
"ސާބަސް. މާދަމާ ކައިވެނި. ހުންނާނެ ނޫންތަ ހަމަޖައްސަންޖެހޭ ކަންތަށްތައްވެސް."
ޝަފާ ބުނީ ތެދެކެވެ. ކަމެއްގައި މަޝްވަރާ ކުރަނީކަން ނުހާއަށް ވެސް ގަބޫލުކުރެވިއްޖެއެވެ. ނުހާއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ.
"ހިނގާބަލަ އެތަނަށް. އަހަރެމެންވެސް ބައިވެރިވެލަން ވާނެނު."
އެމީހުން ދައްކާ ވާހަކައެއް އަޑު އަހާލުމުގެ ނިޔަތުގައި ޝަފާ ނުހާގެ އަތުގައި ހިފަމުން ގޮސް ހުއްޓުނީ ހުޅުވާފައި ހުރި ދޮރުމަތީގައެވެ. ބޮލުގައި ދެއަތް އަޅުވައިގެން ހުރެ ކޮޓަރި ތެރޭގައި ހިނގަމުން ދިޔަ އީތަން ހުއްޓުނީ ނުހާ ފެނުމުންނެވެ. އެމީހުންގެ ހިލަންވުމުން އެނދުގައި އިށީނދެގެން ތިބި މުރުޝިދާއާއި ފާއިޒާ އަދި ޝާޔާވެސް ބަލާލީ އެދިމާއަށެވެ. ހަމަޖެހިލައިގެން އެތަނުގައި އިނީ ޝަހުލާ އެކަންޏެވެ. ޕަރީ ކޮޓަރިތެރެއިން ފެންނާކަށް ނެތެވެ. އެެހެން މީހެއް އެއްޗެއް ބުނުމުގެ ކުރިން އީތަން އަވަސް އަވަހަށް ހިނގައިގަތީ ނުހާއާ ދިމާއަށެވެ.
"ނުހާއަށް އޮތީ އުފާވެރި ޚަބަރެއް. އެނގޭތަ…"
"ކަލޭ ދޫ ހިމޭންކޮށްގެން އިނދެބަލަ."
ޝަހުލާގެ ބޯމަތީގައި ބޮޑިއެއް އެޅުމަށް ފަހު އީތަން ބާރަށް ހިނގާފައި ގޮސް ހިފީ ނުހާ އަތުގައެވެ. ވީތަދެއްގެ ބޮޑުކަމުން ޝަހުލާގެ ދެލޯ މައްޗަށް ދިޔައީ އަނދިރިވެގެން. އައްދޯއިއޭ ކިޔައި ރޮއެގަންނަމުން ޝަހުލާ ދެއަތުން ހިފެހެއްޓީ ބޮލުގައެވެ. ނަމަވެސް އެމަންޒަރު ބަލަން ނުހުރެ އީތަން ނުހާ ގޮވައިގެން ބާރަށް ހިނގާފައި ގޮސް ފާއިޒާގެ ކޮޓަރިއަށް ވަދެ ތަޅުލައިފިއެވެ. އެންމެންގެ ކުރިމަތީގައި އީތަން އެކަހަލަ ކަމެއް ކުރުމުން ނުހާ ހުރީ ދެލޯ ބޮޑުވެފައެވެ.
"ކީއްތިކުރީ.؟ ޕަރީ ކީކޭ ހީކުރާނީ ތިހެން ކަންތަށް ކުރީމަ."
"އޭނަ ހިނގައްޖެ މަ ދޫކޮށްލާފަ."
އީތަންގެ ޖަވާބުން ނުހާ ދިޔައީ އަނގަހުޅުވިގެންނެވެ.
"މައްސަލައަކީ އޭނަ ދިއުމެއް ނޫން. މަށަށް ޔަގީން އޭނަ މިރޭ އަންނާނެ."
އީތަން ގެންފައިވާ ބިރު އެންމެންގެ ކުރިމަތީގައި ފޮރުވައިގެން ހުއްޓަސް ނުހާއަށް އެއްވެސް ކަމެއް ސިއްރުކުރާކަށް އީތަން ބޭނުމެއް ނުވިއެވެ.
"އޭނަ އައީމަ އޭނައަށް ވިސްނައި ދީފަ މާފަށް އެދޭ. އަހަރެން ބޭނުމެއް ނޫން އެންމެ ހިނދުކޮޅަކު ވެސް މިރަށުގަ މަޑުކުރަން."
ނުހާ ވަގުތުން އޭނަގެ ޖީބުން ފޯނު ނަގައިފިއެވެ.
"ތިއުޅެނީ ކީއްކުރަން.؟ ނުހާއަށް އެއްވެސް ތާކަށް ނުދެވޭނެ."
"އަހަރެން ހިފެހެއްޓުމުގެ ހައްގެއް އީތަންއަކަށް ނޯންނާނެ. އަހަރެން ދާނީ އީތަންއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފަ. އަހަރެންގެ ސަބަބުން އީތަންއަށް އެއްވެސް ކަހަލަ ހިތްދަތިކަމެއް ލިބެން އަހަރެން ބޭނުމެއް ނޫން."
ނުހާ އެންމެފަހުގެ ނިންމުން ނިންމުމަށް ފަހު ނަންބަރަކަށް ގުޅަން އުޅުމުން އީތަން ހިފީ އެފޯނުގައެވެ.
"އަހަރެން މިދައްކާ ވާހަކަ އަޑުއަހާބަލަ."
"އީތަން ދޫކޮށްލާ. އަހަރެން ހިފަހައްޓަން މަސައްކަތް ނުކުރޭ."
ނުހާ ފޯނު ނުދޭން ގަދަ ހަދަހަދައި އޮއްވައި އީތަން ފޯނު އަތުލައިފިއެެވެ. ނުހާއަށް ފެށުނީ ރޯށެވެ.
"އީތަންއަށް ނުވިސްނެނީ ކީއްވެތަ.؟ އަހަރެން މިތަނުގަ ހުރިހާހިނދަކު ޕަރީ އީތަންގެ ހަޔާތަށް އެނބުރި ނާންނާނެ. އަހަރެން މިތަނުން ދިޔައީމަ އީތަން މާފަށް އެދެފަ އޭނަ ގެނޭ. އަހަރެން ދެން…"
"މަ ބޭނުމެއް ނޫން އޮޅިގެންވެސް ދެން އޭނަ މިގެއަށް ވަންނަން. އޭނަގެ ލޯބީގަ ދީވާނާވެގެން މަ މޮޔަކަމުން ހެދުނު ގޯހެއް މީ."
އީތަން ގަދަކަމުން ނުހާ ގެންގޮސް އެނދުގައި ބައިންދައި ކައިރީ އިށީނދެއްޖެއެވެ. އީތަންގެ ވާހަކަތަކުން ނުހާ ދިޔައީ ސިހިގެންނެވެ. ހައިރާންވެ އަންތަރިސްވެފައި ނުހާއަށް އީތަންއާ ހަތަރުކަޅި ހަމަކޮށްލެވިއްޖެއެވެ.
"އަސްލު މަށަށް އެނގޭ އޭނަ ގެނައިރުވެސް އޭނަގެ ހަގީގަތް. އެކަމަކު މަ ހީކުރީ މަށަށް އޭނަ ކިޔަމަން ކުރެވޭނެ ކަމަށް. މަގެ ބަސްއަހައިގެން އޭނަ ހުންނާނެ ކަމަށް."
"އީތަން އަހަރެންނާ ވާހަކަދައްކަން ޕަރީ ބޭނުންނުވަނީ އޭނަ އީތަންދެކެ އިންތިހާއަށް ލޯބިވާތީ. އެއްވެސް އަންހެނަކު ބޭނުމެއް ނުވާނެ އޭނަ ލޯބިވާ…"
"އިންސާނެއް ނޫން އެއީ. މަ ގަޅިކަމުން އޭނަ މިތަނަށް ގެނައީ."
އީތަން ނުހާގެ ވާހަަކަ މެދުކަނޑާލައިފިއެވެ. ނުހާގެ މެއަށް ހީވީ މީހަކު ހަންޖަރެއް ކޮށްޕާލިހެންނެވެ.
"ކަނޑުގަ އުޅޭ މަހުލޫގެއް އެއީ. ފެނުޕަރީއެއް. މަ ކުރިންވެސް ނުހާ ކައިރީ ދެއްކީ މިވާހަކަ. މަށާއި އޭނަ ދިމާވީ ބޮޑުހިރިގާ ކައިރިން. ހާލިދަށް ހަމަލާ ދިނީ ޕަރީގެ މަންމަ ސާރާ. ސައްތާރުވެސް ދެއްކީ ތެދު ވާހަކަ. ސައްތާރާއި ސާރާގެ ދަރިއެއް އެއީ. އެމީހުންނަކީ އަތުން ހަމަލާ ނުދެވިއްޖިއްޔާ ސިކުނޑިއާ ކުޅެލައިގެން ވެސް އިންސާނުންނަށް ބޭނުންގޮތެއް ހަދާލާ ބައެއް. ޕަރީ މޫސަމެން މަރާލީ އެމީހުންގެ ސިކުނޑިއާ ކުޅެލައިގެން. ޕަރީ ރުހޭގޮތަކަަށް ހުރިހާކަމެއްވެސް ވާން ޖެހެނީ. ޑުރެކިއުލާ ބޮލުން ތަދު ނުކެނޑޭތާ މިވީ ހަތަރު ދުވަސް. ޕަރީ ބޭނުންވަނީ އޭނަ މަރާލަން. މަ ދެކޮޅު ހެދީމަ މަށަށްވެސް ސިއްރުން ޕަރީ އުޅެނީ އޭނައަށް ގޮތެއް ހަދައިގެން. ރޭ މަންމައަށް ވެސް ކަމެއް ދިމާވެއްޖެ. އޭގެ ފަހުން މަންމަގެ ހުންގަނޑު އަދި ނިވާނުލާ. އެކަމަކު މަންމައަށް ކަމެއް ކުރިކަމަކަށް ޕަރީ އެއްބަހެއް ނުވި. ދެން އޭނަ ބޭނުންވަނީ ނުހާ މަރާލަން. މަ ނުހާ މާލެ ދާން ދޫކޮށްލައިފިއްޔާ މިރޭ އޭނަ މާލެ އަރާނެ. މަ ބޭނުމީ އޭނަ ހޯދަން ބޯހަރޭއަށް ދާން. އެކަމަކު މަ ދާތަނުން އައިސް މިގެ މީހުންނާ އޭނަ ދިމާކޮށްދާނެތީ ބިރުން މިހުންނަނީ ދާން ނުކެރިފަ."
އީތަން އަމުނާލި ވާހަކަތަށް އަޑުއަހަން އިން ނުހާ އިނީ ބިރުން ނޭވާ ކުރުވެފައެވެ. އެއީ އިންސާނެއް ނޫނޭ ބުނުމުން ގަބޫލުކުރަން މިފަހަރު ނުހާއަށް އުނދަގުލެއް ނުވިއެވެ. ޕަރީގެ ފުށުން ނުހާއަށް ފެނުނު ކަންތަަށްތަކަށް ފަހު ޕަރީދެކެ ނުހާ ބިރުގަނެއެވެ. އޭގެ އިތުރުން އީތަންއަށް ވެފައިވާވަރު ފެނުމުން އީތަން އެހަދަނީ ދޮގު ނޫންކަން ވެސް ނުހާއަށް ވިސްނިއްޖެއެވެ.
"މަންމަ އެކިޔަނީ އޭނަ ހޯދަން ދާށޭ. ބީރައްޓެހި ކުއްޖެކޭ. ދިޔަ ތަނެއްވެސް އެނގެނީކީ ނޫނޭ. މަ ކިހިނެއް ބުނާނީ އޭނަ އެއީ އިންސާނެއް ނޫނޭ. ހުވާ މަށަށް ނޭނގެ މަ ހަދަންވީ ގޮތެއް. މަށަށް ޔަގީން ޕަރީ އެހާ ފަސޭހައިން މަ ދުލެއް ނުކުރާނެ."
ކޮޅަށް ތެދުވެ އީތަން ދެކޮަޅަށް ހިނގަންފަށައިފިއެވެ. ހަތަރު އުދަރެސް ފެނުޖެހިފައިވާ ހާލު އީތަން ދެކޮޅަށް ހިނގަމުން ދިޔައިރު އަނގައިންވެސް ނުބުނެވިފައި ނުހާ އިނެވެ. އެންމެފުރަތަމަ ޕަރީއާ ދިމާވި ދުވަހުވެސް އީތަން ނުހާއަށް ހުރިހާ ވާހަކައެއް ފޮރުވުމެއްނެތި ކިޔައިދިނެވެ. ނަމަވެސް އެއީ ތެދަކަށް ނުވާނޭކަމުގެ ފުރިހަމަ ޔަގީންކަން އޭރު ނުހާއަށް އޮތެވެ.
"ވާހަކަ ދައްކަބަލަ. ކިހިނެއް މަ ދެން ހަދަންވީ. މަ ދައްކާ އެއްްވެސް ވާހަކައެއް މިހާރު ޕަރީ އަޑެއް ނާހާ."
އީތަން އައިސް ހިފީ ނުހާގެ ދެއަތުގައެވެ. ނުހާއަށް ބަލާލެވުނީ އީތަންގެ މޫނަށެވެ.
"މަ ނޭދެން މަށާއި ހުރެ ނުހާއަށް އެއްވެސް އަނިޔާއެއް ލިބެން. މަގެ މަންމައަށް އޭނަ ކަމެއް ކޮށްފިއްޔާ އަމިއްލަ ނަފުސަށް ދުވަހަކުވެސް މަށަށް މާފެއް ނުކުރެވޭނެ. މަ ކުރާ އާދޭހަކުން އޭނައަށް މިހާރު އަސަރެއް ނުކުރޭ. މަށަށް ނޭނގެ ދެން މަ ހަދަންވީ ގޮތެއް."
އީތަންގެ ހާލު ފެނުމުން ނުހާގެ ހިތް އީތަންއަށް ޓަކައި ހަމްދަރުދީއިން ފުރިގެން ހިނގައްޖެއެވެ. ނަމަވެސް އެވަރުގެ ނުރައްކަލެއް އެގެއަށް ގެނެސް ވައްދަން އީތަންއަށް ކެރުނީތީ ނުހާ ހައިރާންވެއްޖެއެވެ.
"ހާލިދަށް އެމީހުން ކޮށްލިވަރު އީތަންއަށް ފެނުނެއްނު. އަހަރެން ހައިރާންވެއްޖެ އެވަރުގެ ކަމެއް ވެގެން ދިޔަފަހުން އީތަންއަށް ޕަރީ މިގެއަށް ވައްދަން ކެރުނީތީ. މިގޭތެރޭގަ ބައިވަރު ކުޑަކުދިން އެތިބަ އުޅެނީ. އޭނަ ގެނައިރު އީތަންއަކަަށް ނުވިސްނޭތަ އީތަންއަށް އޭނައާ ކައިވެނި ނުކުރޭނޭކަމެއް. އެއީ އިންސާނެއް ނޫންކަމެއް."
"އޭރު އޭނަ މަގެ ބަސްއަހައޭ. މަ ބުނިހާ ގޮތަކަށް އޭނަ އުޅުނީ. މަ ނުކުރާށޭ ބުނިކަމެއް ނުކުރާނެ އޮޅިގެންވެސް. މަ ހީނުކުރަން އޭނަ އެހާ އަވަހަަށް ބަދަލުވެދާނެ ކަމަކަށް."
އީތަން ވާހަކަ ދެއްކީ އަމިއްލަ ދިފާއުގައެވެ. ނުހާ ކޮޅަށް ތެދުވީ ކޮޅަށެވެ.
"އީތަންގެ ބަސްއެހީމަ ނިމުނީތަ. އެއީ އިންސާނެއް ނޫން. އީތަން…"
"މަށަށް އެއްޗެހި ކިޔާނީ ފަހުން. ވީކަމެއްވެ ނިމިފަ މިއޮތީ. ފުރަތަަމަ މަ ހަދަންވީ ގޮތެއް ބުނެބަލަ. ކިޔަވައިގެން ހުރީމަ މޮޅު ހިޔާލުތަށް ވެސް އަންނާނެ."
އީތަން ހިފެހެއްޓީ ނުހާ އަތުގައެވެ. ނުހާއަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ.
ނުނިމޭ.
ކިޔުންތެރިންގެ ޚިޔާލުތައް:
ރީތިވެއްޖެއެއްނު އީތަންދެކެއެހާލޯބިވާ އިންސާނަކުހުއްޓާ ޖިންނިއަކާހިތާވީމަ
ނޭނގެއެޕަރީއައިސްފައަދި ނުހާމަރާނުލާނެކަމެއްވެސް އެހެންވެއްޖެނަމަ
ވަރަށްދެރަވާނެ އެހެންނުހަދާތި ޕްލީޒް
މި ވާހަކަ މިހާރު ވަރަށް ހަޑިވެއްޖެ ތިނެސްކަން ލޯބީގެ ވާހަކަތަށް ވަރަށް ހަޑި ޕަރީ އެއީ މިވާހަކައިގެ އެންމެ ކަމުދިޔަ ކެރެޓްޓާރ ޕަރީ ބޮޑު ވިލަނަކަށް ހެދީމަ މުޅިވާހަކަ ހަޑިވެއްޖެ.