ޝަހުލާ ގޮވަމުން ދިޔަ ފަތިވަރު ހުއްޓުނީ ފަހަތުން އައި އީތަން ޝަހުލާގެ އަތުގައި ހިފާފައި އޭނާއާ ދިމާއަށް އަނބުރާލުމުންނެވެ. އޭރު އިންތަނުން ތެދުވަން ވެސް ނޭނގިފައި ޕަރީ ޝަހުލާގެ މޫނަށް ބަލަން އިނެވެ. އީތަން ފެނުމުން ޝަހުލާ ވަރަށް ބޮޑަށް ސިހިއްޖެއެވެ. ވަގުތުން އީތަންގެ އަތް ފޮޅުވާލުމަށް ފަހު ޝަހުލާ ގޮސް ވަނީ ކޮޓަރިއަށެވެ. އިތުރަށް ޝަހުލާއާ ޒުވާބު ނުކުރާނޭކަމަށް މުރުޝިދާގެ ކުރިމަތީގައި ވައުދު ނުވެވުނުނަމަ އީތަން ޝަހުލާގެ މޫނުމައްޗަށް ދިލަހުރި އެތިފަހަރެއް އަރުވާލީހެވެ. ޝަހުލާ ދިއުމުން އީތަން ބަލާލީ ބަލަހައްޓައިގެން އިން ޕަރީގެ މޫނަށެވެ. ކޮޓަރިއަށް ވަންކަމުގައި ވިޔަސް ސިއްރުން ޝަހުލާ ބަލާލީ ބޭރަށެވެ.
"ދުވަހަކުވެސް އެކަހަލަ ނަޒަރަކުން އަހަރެން ނުހާއަށް ބަލާލާފަ ނޯންނާނެ. އަހަރެމެން ދެމީހުންގެ މެދުގަ ދޭތެރެ ޖައްސަން ޑުރެކިއުލާ ދައްކާ ވާހަކަ އެއީ."
އީތަންް ޕަރީއާ ދިމާއަށް ހިނގައިގަތުމާއެކު ޕަރީ އިންތަނުން ތެދުވެ ދުރަށް ޖެހިއްޖެއެވެ.
"އޭނަ އެެހެދީ ދޮގުނަަމަ ތިގޮތަށް އީތަން އޭނަ ދުލެއް ނުކުރާނެ."
"ޕަރީ މިހާރު މަށަށް އިތުބާރެއް ވެސް ނުކުރަންތަ.؟"
އެހާ ފަސޭހައިން ޝަހުލާގެ ވާހަކަ ޕަރީ ގަބޫލުކޮށްލުމުން އީތަން ހަގީގަތުގައި ވެސް ދެރަވެއްޖެއެވެ.
"އަހަރެން ކީއްވެ އީތަންއަށް އިތުބާރު ކުރަންވީ.؟ އީތަންގެ އަތުގަ ފޯނު ނެތީމަ މިއަދުވެސް ނުހާއަށް ނުގުޅާ ތިހުންނަނީ. އޭނައާ ވާހަކަ ނުދައްކަން ބުނީމާ އީތަން އަހަރެންނަށް ފިލައިގެން ގޮސް ތުނޑިމަތީގަ ވެސް އިނީ އޭނައަށް ގުޅައިގެން. އަަހަރެންނަށް ވުރެން އޭނަ މުހިންމުވީ ސަބަބެއް އޮތީމަ ނޫންތަ.؟"
އީތަންއަށް އެއްޗެހި ކިޔާލުމަށް ފަހު ޕަރީ ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އީތަންވެސް ޕަރީއަށް ވިސްނައިދެމުން ޕަރީގެ ފަހަތުން ހިނގައްޖެއެވެ. އޮޅިގެން ނަމަވެސް އީތަންގެ ދިރިއުޅުން ހަލާކުކޮށްލުމަށް ބޭނުންވާ ހަތިޔާރު ޝަހުލާގެ އަތުގައި ޖެހިއްޖެއެވެ. ނުހާދެކެ ޕަރީ ރުޅި އަންނަކަން ޝަހުލާއަށް މިއެނގުނީ އަދިކިރިޔާއެވެ. ޕަރީގެ ސިކުނޑި ދޮވެލައިގެން ނަމަވެސް އީތަންގެ ދިރިއުޅުން ހަލާކުކޮށްނުލައި ދެން ޝަހުލާ ހަމަނޭވާއެއް ނުލާނެއެވެ.
ޝަހުލާ ނިންމީ އީތަން ކައިވެނި ކުރަންދެން މަޑުކުރާށެވެ. އެހެންމީހަކު އުފާ ނުވިޔަސް ޝަހުލާގެ ނިންމުމާމެދު މުރުޝިދާ އުފާވިއެވެ. ހަމަ އެރޭ ޝަހުލާ ވައިބާރ އިން ނުހާއަށް ސަލާން ގޮވާލައިފިއެވެ. އެ މެސެޖު ނުހާއަށް ފެނުނީ ހޮސްޕިޓަލުގައި އިންދައެވެ. ޝަހުލާ ނުހާއަށް ގޮވާލުމުން ނުހާއަށް ލިބުނީ ހައިރާންކަމެކެވެ. ޝަހުލާއަކީ ދުވަހަކު ވެސް ނުހާއާ ހެޔޮހިތުން އަނގައިން ބުނި މީހެއް ނޫނެވެ. ޝަހުލާ މެސެޖު ކުރީ އޮޅިގެން ކަމަށް ނިންމައި ނުހާ އެ މެސެޖުމަތިން ހަނދާން ނައްތާލައިފިއެވެ.
އެރޭ ޝަހުލާގެ ދަރިންނާއެކު މުރުޝިދާ ނިދަން ކޮަޓަރިއަށް ވަނީ ދިހައެއް ޖަހަން ގާތްވުމުންެނެވެ. ނުހާއަށް މެސެޖު ފެންނާނެ އިރެއްގެ އިންތިޒާރުގައި ޝަހުލާ ޖައްސާލައިގެން އޮތީ ސޯފާގައެވެ.އެހެން އޮޮއްވައި ޝަހުލާއަށް ވެސް ނިދިއްޖެއެވެ. ޕަރީ ކޮޓަރިން ނުކުތީ ގޭތެރެއަށް ނިދާ ބޮކީގެ ފަޑު އަލިކަންވެރިވެ ހަމަހިމޭންވެގެން ދިއުމުންނެވެ. އޭރު ގަޑިން އެގާރަޖަހައި ބޮޑުވެއްޖެއެވެ. ޕަރީ މަޑުމަޑުން ހިނގާލާފައި ގޮސް އިށީނދެލީ ޝަހުލާގެ ބޯކޮޅުގައެވެ.ޝަހުލާއަށް ހޭލެވިދާނޭ ކަމުގެ އެއްވެސް ކަހަލަ ހާސްކަމެއް ޕަރީގެ މޫނުމަތިން ފެންނާކަށް ނެތެވެ. ޕަރީ މަޑުމަޑުން ޝަހުލާގެ ބޮލުގައި ފިރުމަން ފަށައިފިއެވެ.
"އީތަންގެ ލޯބީގަ އަހަރެން މަޖުބޫރުވެފަ ހުރިކަން އެއީ ކަލޭގެ ނަސީބު. ކަލޭގެ ދުވަސްދުއްވާލަން މިފުރުސަތު އެކަނިވެސް މަށަށް ފުދޭ. ކަލޭތީ ދިރިހުރުން ހައްގު މީހެއް ނޫން."
ޕަރީ ދިޔައީ މަޑުމަޑުން ޝަހުލާގެ ބޮލުގައި ފިރުމަމުންނެވެ. އެއްބުރުން ޝަހުލާގެ ދުވަސް ދުއްވާނުލެވުނަސް ޝަހުލާ ދޫކޮށްލައިގެން ހުރުމަކީ ޕަރީ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ދުނިޔޭގެ ހަޔާތުގެ ބާކީބައި ވޭނާއި ކެކުޅުމުގައި ޝަހުލާ ހޭދަކުރާތަން ފެނުމަކީ ވެސް ޕަރީއަށް ލިބޭނޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އީތަންއާ ޖައްސާލައިގެން ލައްކަ ދުވަހު ޝަހުލާއަށް އުޅެވިއްޖެއެވެ. އަލިފާނަށް އަތްލީމާ ފިހޭނީކަން ޝަހުލާއަށް އެނގެން އެބަޖެހެއެވެ.
ގަޑިން ދޭއް ޖެހުމާއެކު މުރުޝިދާގެ ފޯނު އެލާރމް ވާން ފަށައިފިއެވެ. ދަމުނަމާދަށް ހޭލުމާއެކު މިރޭ ޕަރީ ބޭރަށް ދިޔަތޯ ބެލުމަކީވެސް މުރުޝިދާ ހިތުގައި އަޅައިގެން ހުރި ކަމެކެވެ. މުރުޝިދާ އެންމެ ކުރިން ގޮސް ގޭގެ ބޮޑުދޮރު ހުޅުވާލައި ޕަރީގެ ފައިވާން ހުރިތޯ ޔަގީން ކޮށްލިއެވެ. ފަރީގެ ފައިވާން ދޮރުމަތީގައި ހުރުމުން މުރުޝިދާ ހިތްހަމަ ޖެހުނެވެ. މުރުޝިދާ ދެން އެރީ ދަމުނަމާދަށެވެ.ނަމާދު ކޮށްލައިގެން ގުރުއާން ކިޔަވަމުން ގޮސް ކުޑަކޮށް ފަރުދާ ހިއްލާލަމުން ބޭރު ބަލާލި މުރުޝިދާ ސިއްސައިގެން ދިޔައީ އީތަންގެ ކޮޓަރީގެ ކުޑަދޮރު ކައިރީ ހުރި އަންހެނަކު ފެނުމުންނެވެ. ރޭގަނޑުގެ އަނދިރީގެ ތެރެއިން ސޫރަ ވަކިނުވިއަސް އެއީ ޕަރީކަން ވަގުތުން މުރުޝިދާއަށް އެނގިއްޖެއެވެ. މުރުޝިދާ އަދި ބޮޑަށް ފަރުދާ ތިރިކޮށްލައިފިއެވެ. މުރުޝިދާގެ ކޮޓަރި އެކީއެކަށް ނިވާލާފައި އޮތުމުން ބޭރުންދާ މީހަކަށް އެތަނުގައި މުރުޝިދާ ހުރިކަމެއް ނޭނގޭނެއެވެ. އީތަންގެ ކޮޓަރީގެ ކުޑަދޮރު ލައްޕާލުމަށް ފަހު ޕަރީ ހިނގައިގަތީ ގޯތިން ނުކުންނާށެވެ. މިރޭވެސް ޕަރީ ލައިގެން އެހުރީ ރޭ ލައިގެން ހުރި ކަހަލަ ކުރު ހެދުމެކެވެ. އީތަންއަށް ފިލައިގެން މިރޭ ވެސް ޕަރީ އެދަނީ ރޭ ދިޔަ ތަނަކަށެވެ. އެގޮތަށް ޕަރީ ނުކުތީ ކިތަށް ރޭ ކަމެއްވެސް ނޭނގެއެވެ. މުރުޝިދާ ބަލަން ހުއްޓައި ޕަރީ އައިސް އެދޮރާއި އަރާ ހަމަކޮށްފިއެވެ. ކުރިއަށް ހިނގަމުން ދިޔަ ޕަރީ ހުއްޓުން އެރީ އޭނާގެ ތޫނު ދެލޮލަށް މުރުޝިދާ ފެނުނުހެން ހީވެގެންނެވެ. ދެލޯ ބޮޑުކޮށްލަމުން ޕަރީ އެނބުރި ބަލާލީ ސީދާ މުރުޝިދާގެ މޫނަށެވެ. މުރުޝިދާގެ މެއަށް ހީވީ މީހަކު ހަންޖަރެއް ކޮށްޕާލިހެނެވެ. އަވަސް އަވަހަށް މުރުޝިދާ ފަރުދާ ތިރިކޮށްލައިފިއެވެ. އެތަނުގައި މުރުޝިދާ ހުރިކަން ޕަރީއަށް ނޭނގޭނަމަ އެހާ ރީތިކޮށް އެދިމާއަށް ބަލާލަން ޕަރީއަކަށް ނޭނގޭނެއެވެ. ޕަރީ ބަލާލީ އެދިމާއަށްކަން ޔަގީންކުރަން ބޭނުންވާތީ ސިއްރުސިއްރުން އަނެއްކާވެސް މުރުޝިދާ ފަރުދާ ހިއްލާލައި އެއްލޮލުން ބޭރު ބަލާލަައިފިއެވެ. ނަމަވެސް މިހާރު ޕަރީ ޖެހުނުތާ ލަކުނުވެސް ނެތެވެ. އަވަސް އަވަހަށް މުރުޝިދާ ވަށައިގެން ނަޒަރު ހިންގާލައިފިއެވެ. އެގޯތިތެރެއިން ޕަރީގެ ހިލަމެއް ވެސް މިހާރަކު ނުވެއެވެ. އެހާ އަވަހަށް ޕަރީ އެދިއައީ ކޮންތާކަށް ހެއްޔެވެ.
"ޔަގީނޭ އަހަރެން ފެނިގެން އެފިލީކަން."
މުރުޝިދާ ދަތްވިކާލަމުން ބުނެލިއެވެ. ޕަރީއަށް ޓަކައި މުރުޝިދާގެ ހިތުގައިވާ ހުރިހާ ކުލުނަކާއި ލޯތްބެއް އެއްފަހަރުން ފިލައިގެން ހިނގައްޖެއެވެ. އެއަންހެނާގެ އަވައިގައި ޖެހި އީތަންގެ ދިރިއުޅުން ބަރުބާދު ވެގެން ދާތަން ދެކެން ހުރުމަކީ މުރުޝިދާ ކުރާނޭކަމެއް ނޫނެވެ.އިތުރަށް ވިސްނާލުމެއްނެތި މުރުޝިދާ ނުކުތީ ކޮޓަރިން ބޭރަށެވެ. ބާރަށް ހިނގާފައި ގޮސް އީތަންގެ ކޮޓަރީގެ ދޮރުގައި ޓަކި ދީފިއެވެ. ނިދިފައި އޮތް އީތަންއަށް ހޭލެވުނީ އެއަޑަށެވެ. އަވަސް އަވަހަށް ގޮޮސް އީތަން ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ.
"މަންމާ ކިހިނެއްވީ.؟"
ކޮޓަރީގެ ބޮކި ދިއްލާލަމުން އީތަން ސުވާލުކޮށްލީ އެހާ ނުވަގުތެއްގައި މުރުޝިދާ އައިސް ހުރިތަން ފެނުމުންނެވެ. އެއްޗެއް ބުނަން އަނގަހުޅުވާލި މުރުޝިދާގެ ދޫ ބަންދުވެގެން ދިޔައީ އެނދުގައި އޮތް ޕަރީ ފެނުމުންނެވެ. ފުރަގަަހަށް އެނބުރިގެން އޮތް ޕަރީ ފެނުމުން މުރުޝިދާ ދަތްވިކާލައިފިއެވެ.މުރުޝިދާ އެހާ ރުޅި އައިސްފައި ޕަރީއަށް ބަލަން ފެށުމުން އީތަން ވެސް ބަލާލީ އެދިމާއަށެވެ.
"ކިހިނެއްވީ.؟"
"ނިދާކަމަށް ހެދިގެން މަކަރު ހަދައިގެން އެއޮންނަނީ."
ކިތަންމެ މަޑުން މުރުޝިދާ ބުންޏަސް އެއަޑު ރީތިކޮށް ޕަރީއަށް އިވުނެވެ. މުރުޝިދާ ޕަރީއަށް ފާރަލައިފިކަން އެނގުމުން ޕަރީގެ ދެލޮލުން ފެންނަން ހުރީ އިންތިހާއީ ރުޅިވެރިކަމެވެ. ނަމަވެސް އެނބުރި އެދެމީހުންގެ މޫނަށް ބަލާލާކަށް ޕަރީ ބޭނުމެއް ނުވިއެވެ. މުރުޝިދާގެ ވާހަކައިން އީތަންގެ ނިއްކުރިއަށް ދެތިން ރޫ އަރައިގެން ހިނގައްޖެއެވެ.
"ތިބުނީ.؟"
"އާދެބަލަ މިކޮޅަށް."
މުރުޝިދާ އީތަންގެ އަތުގައި ހިފައި ކޮޓަރިން ނުކުމެއްޖެއެވެ.
"ދަރިފުޅު ނިދީމަ ކޮންމެ ރެއަކު އެއަންހެނާ ދަނީ ކުޑަދޮރުން ފުންމާލައިގެން ބޭރަށް."
މުރުޝިދާގެ ވާހަކައިން އީތަންގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގަތް ހެނެވެ.
"އަދި ބޭރަށް ދަނީވެސް ކުރު ހެދުމެއް ލައިގެން. ރޭ ވެސް މަންމަ ބަލަން ހުއްޓާ އޭނަ ކުޑަދޮރުން ވަނީ. މިރޭ ނުކުމެގެން ދަނިކޮށް މީނައަށް ފެނުނީ މަންމަ ސިއްރުން ބަލަން ހުރިތަން. އެހެންވެ ދުވެފައި އައިސް އެއޮންނަނީ ނިދާކަމަށް ހެދިގެން."
މުރުޝިދާގެ ވާހަކަ ނިމުމާއެކު އީތަން ހިފަހައްޓައިގެން ހުރި ހިނިގަނޑު ފަޅައިގެން ހިނގައްޖެއެވެ. އެވަރުގެ ވާހަކައެއް މުރުޝިދާ ދެއްކުމުން ވެސް އީތަން ހޭންފެށުމުން މުރުޝިދާއަށް ލިބުނީ ހައިރާންެކަމެކެވެ.
"ބޭރު އެހާ އަނދިރިކޮށް އޮންނައިރު ވެސް މަންމައަށް ހަމަ ޔަގީންތަ ތި ފެނުނީ ޕަރީކަން."
"އީތަންގެ ކޮޓަރީގެ ކުޑަދޮރުން ފުންމާލައިގެން ޕަރީ ނޫން މީހަކު ބޭރަށް ދާނެތަ.؟"
"ތިއެއް ނޭނގެ މަށަކަށް. މަށަށް އެނގޭ އެއްޗަކީ މިރޭ އަދި ނުނިދާ މަ މިއުޅެނީ. ޕަރީ ބޭރަށް ނުކުތްތަން މަށެއް ނުދެކެން."
އީތަންގެ ވާހަކައިން މުރުޝިދާއަށް ލިބިގެން ދިޔައީ ހައިރާންކަމެކެވެ. އީތަން އެވަރުގެ ބޮޑު ދޮގެއް ނަހަދާނޭކަން މުރުޝިދާއަށް ޔަގީނެވެ. ނަމަވެސް މި ދެރޭ އަމިއްލަ ލޮލަށް ވެސް ފެނުނީ ބިލާހެއް ނޫންތާއެވެ.
"މަންމައަށް އެނގޭ އެއަންހެނާ އުޅޭ ގޮތް ފޮރުވަން ވެގެން ދަރިފުޅު ތިކަހަލަ ވާހަކަ ތިދައްކަނީ. ގޮސް ޕަރީ ކައިރީ އަހާ އޭނަ ދަންވަރު ނުކުމެގެން ގޮސް ވަަދެ އޮންނަނީ ކޮންތާކުތޯ."
"މަންމާ. ތިބުނާހެން ފިލައިގެން އޭނަ ކިހިނެއް ބޭރަށް ދާނީ އަހަރެން ހޭލާ އުޅެނިކޮށް. އެއްޗެއް ކުރަހަން އަހަރެން މިއިންނަނީ މިވީހާއިރު."
އީތަން މަސައްކަތްކުރީ މުރުޝިދާއަށް އޮޅުވާލާށެވެ.
"ކޮޓަރީގެ ބޮކި ނިވާލައިގެން އެއްވެސް މީހަކު ކުރަހާކަށް ނީންނާނެ. އެހެން ނޫނަސް މަންމައަށް ޔަގީން ނުވާނަމަ އައިސް މިކަހަލަ ވާހަަކައެއް ދައްކާނެތަ. މަންމަ ބޭނުމެއް ނޫން ދަރިފުޅު ތިކައިވެނި ކުރަން. އޭނަ އައިތަނަކަށް ފޮނުވާލާ."
އީތަންދެކެ ރުޅި އައިސްގެން އެއްޗެހި ކިޔަމުން ގޮސް މުރުޝިދާ ވަނީ ކޮޓަރިއަށެވެ. އަވަސް އަވަހަށް އީތަން ކޮޓަރިއަށް ވަދެ ދޮރު ޖަހައިފިއެވެ.އޭރު އެނދުގައި އިށީނދެގެން ޕަރީ އިނެވެ. އިސްއުފުލާ އީތަންގެ މޫނަށް ޕަރީ ބަލާވެސް ނުލިއެވެ.
"ފެނޭތަ ކޮންމެ ރެއަކު ބޭރަށް ނުކުތީމަ ވާގޮތް. ރަށުތެރެއިން އެހެން މީހުންވެސް އަދި ޕަރީއަށް ފާރަލާން ފަށާނެ ތިހެން ނުކުމެގެން އުޅެން ވެއްޖިއްޔާ."
މުރުޝިދާގެ ކުރިމަތީގައި ކިތަންމެ ހަމަޖެހޭގޮތް ދައްކައިގެން ހުއްޓަސް ކޮޓާރިއަށް ވަންއިރު އީތަން ހުރީ ކަންބޮޑުވެފައެވެ. ނަމަވެސް ކުރިމައްޗަށް ނަޒަރު ހުއްޓާލައިގެން ޕަރީ އިންގޮތަށް އިނީއެވެ. ޕަރީ ހިތަށް އަރާ ފައިބަމުން ދަނީ ކޮން އެއްޗެއް ކަމެއް އީތަންއަކަށް ނުވިސްނުނެވެ. އެންމެ ފަހުން އީތަން ޕަރީގެ ކުރިމަތީގައި ދެކަކޫ ޖަހައި އިށީނދެއްޖެއެެވެ. ލޯބިން އީތަން ހިފާލީ ޕަރީގެ މޫނުގައެވެ.
"ޕަރީ. ޕަރީ އަހަރެންގެ ބަސްއަހައިގެން އުޅެފިއްޔާ އަދިވެސް އަހަރެމެންނަށް އެކުގާ އުޅެވިދާނެ. އެންމެ ރަނގަޅު އަހަރެން ނުހާއާ ދެން ދުވަހަކު ވެސް ވާހަކައެއް ނުދައްކާނަން. ޕަރީ ބޭނުންވާ ގޮތަކަށް އަހަރެން އުޅޭނީ."
އެއްވެސް ހާލެއްގައި ޕަރީ ގެއްލެން އީތަން އަދިވެސް ބޭނުމެއް ނުވެއެވެ. ހައިރާންވެފައި ޕަރީ ބަލާލީ އީތަންގެ މޫނަށެވެ.
"ޕަރީ ނުކުރާށޭ ބުނާކަމެއް އަހަރެން ނުކުރާނަން. ފަޅުރަށަކަށް ދިރިއުޅުން ބަދަލުކުރުން ނޫން ހުރިހާކަމެއް އަހަރެންނަށް ކުރެވިދާނެ ޕަރީ ބޭނުންވާ ގޮތަށް."
އީތަން ޕަރީއަށް ވިސްނައިދެމުން ދިޔައީ ނުހަނު ލޯބިންނެވެ. ނުހާއާ ގުޅުން ކަނޑާލަން އީތަން އެއްބަސްވުމުން ޕަރީގެ ދެލޮލަށް އުޖާލާކަން ވެރިވެގެން ހިނގައްޖެއެވެ. އަދިވެސް އީތަން ޕަރީދެކެ ލޯބިވާކަން ޔަގީންކުރެވިއްޖެއެވެ.
"އެކަމަކު ޕަރީވެސް ޖެހޭނެ ކުރިން އުޅުނުހެން އަހަރެންގެ ބަސް އަހައިގެން އުޅެން. ދެމީހުން މަސައްކަތް ކޮށްފިއްޔާ އަދިވެސް އަހަރެމެންނަށް އެކުގާ އުޅެވިދާނެ."
އީތަންގެ ވާހަކައަށް ދެކޮޅު ހެދުމެއްނެތި މިފަހަރު ޕަރީ ބޯޖަހާލައިފިއެވެ. ނުހާއާ އިތުރަށް ވާހަކަ ނުދައްކާނޭ ކަމަށް އީތަން ބުނުމުން ޕަރީއަށް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ.އެހާ އަވަހަށް ޕަރީ އެއްބަސްވުމުން އީތަން ޕަރީ ގައިގާ ބައްދާލީ ނުހަނު ލޯބިންނެވެ. އީތަންގެ ލޯތްބާއި ގާތްކަމަށް އެދި ކެތްމަދުވެފައިވާ ޕަރީވެސް އީތަންގެ ގައިގާ ހިފަހައްޓާލީ ދުވަހަކުވެސް އީތަންއާ ވަކިވާން ނޭދޭ ހާލުގައެވެ.
އެރޭ އިތުރަށް އެންމެ ލޮލުފިޔައެއް ވެސް މުރުޝިދާއަށް ނުޖެހުނެވެ.ފަތިސް ނަމާދަށް ފަހު ކަސްރަތަށް ނުކުމެ ހަސީނާއާ ބައްދަލުވުމާއެކު ރޭ ކަންތަށް ވެގެން ދިޔަގޮތް މުރުޝިދާ ކިޔައިދީފިއެވެ.
"އަހަރެންނަށް ހަމަ ޔަގީން އީތަން ތެދުވީ ނިދާފައޮވެ. އަހަރެން ގޮސް އެކޮޓަރީގަ ޓަކިދިން އިރު ކުރަހާކަށް ނޫން އީތަން އިނީ. ހަސީނާ ބުނެބަލަ ބޮކި ނިވާލައިގެން ކަނު އަނދިރީގަ މީހަކު ކުރަހަން އިންނާނެތަ."
އީތަން ޕަރީއާ ހެދި މޮޔަވެފައިވާވަރު ފެނުމުން މުރުޝިދާ ހުރީ ރުޅިގަދަވެފައެވެ.
"އޭނަ ދަންވަރު އެދަނީ ކޮންތާކަށް ކަން އީތަންއަށް އެނގެނީ ކަންނޭގޭނު. އެހެންވެތާ އަޅާނުލާނީ."
"މީހަކު ހައިރާނެއް ނުވާނެތަ. ކައިވެނި ކުރަން ގެނެސްފަ ހުރި އަންހެނެއް އެއީ. ދަންވަރު އެކަނި ބޭރަށް ދާއިރު ބުއްދި ސަލާމަތުން ހުރި ފިރިހެނަކު ހުންނާނެތަ ބަލަން."
ހަސީނާގެ ހިޔާލާއި މުރުޝިދާ މުޅިން ދެކޮޅެވެ.
"އަނެއްކާ އެ ޕަރީ އެއުޅެނީ އީތަންއަށް ސިހުރެއް ހަދައިގެން ނޫންބާ.؟"
ހަސީނާ ދެލޯބޮޑުކޮށްލަމުން ބަލާލީ މުރުޝިދާގެ މޫނަށެވެ. ކުރިއަށް ހިނގަ ހިނގައި ހުރި މުރުޝިދާ ހުއްޓުނީ ހުރި ފިޔަވަޅު މައްޗަށެވެ. އެއީ ވެދާނޭ ގޮތެކެވެ. އެކަހަލަ ކަމެއް ނޫޅޭނަމަ ޕަރީ އެވަރުގެ ބޮޑުކަމެއް ކުރުމުން އީތަން ޕަރީގެ ކުށް ފޮރުވާކަށް ނޫޅޭނެއެވެ.
"އާނ. ތީ ކަންނޭގެ ވެގެން މިއުޅޭ ގޮތަކީ. އެ އަންެހެނާއާ ދިމާވިފަހުން އީތަން ކިހާ ބޮޑަކަށް ބަދަލު ވެއްޖެ. އީތަންއަށް ނުވެސް ފެނޭ އެއަންހެނާ ނޫން އެއްޗެއް."
މުރުޝިދާ ވަރަށް ބޮޑަށް ހާސްވެއްޖެއެވެ. ޕަރީ އެއުޅެނީ ހިތްޖައްސާ ސިހުރެއް ހަދައި އީތަންގެ ސިކުނޑި ދޮވެލައިގެން ކަމާމެދު މުރުޝިދާއަށް ޔަގީންވެއްޖެއެވެ.
"ދެން ކިހިނެއް ހަދާނީ.؟ މަގޭ ދަރި އެއަންހެނާއާ ކައިވެނި ކުރާތަން ދެކެން މަށަކަށް ކެތެއް ނުވާނެ."
"ހިނގާބަލަ ގަނީމު ކައިރިއަށް. އެ އަނދަވަޅުން ދެން އީތަން ސަލާމަތް ކޮށްދެވޭނީ އޭނައަށް."
ހަސީނާ ދެއްކީ އެރަށުގައި އުޅޭ ރުގްޔާ ކުރާ މީހެއްގެ ވާހަކައެވެ. ގަނީމަކީ މޮޅު މީހެކެވެ. ހަސީނާގެ ހިޔާލަށް ތާއީދުކޮށް ދެމީހުން ދިޔައީ އެގޭދޮށަށެވެ.ކިތަށްމެ ބޮޑު އަގެއް ދީގެން ނަމަވެސް މުރުޝިދާ ބޭނުމީ އީތަން ސަލާމަތް ކުރާށެވެ. ގަނީމުގެ ގެ ހުންނަނީ މުރުޝިދާގެ ގެއާ ޖެހިގެން ދެ ގެއެއް ދޫކޮށްފައެވެ. ދެމީހުން އެގެއަށް ދިޔައިރު ގަނީމު ފަތިސްނަމާދަށް ފަހު ގޯތިތެރޭގައި ހުރި ގަސްތަށް ކައިރީގައި ކަތުރެއް ހިފައިގެން އުޅެއެވެ. ސަލާން ގޮވައިލުމުން ގަނީމު ހިތްހެޔޮކަމާއެކު ސަލާން ބަލައިގަނެ ދެމީހުންނަށް އިށީންނަން ޖޯލިފަތި ދައްކައިފިއެވެ. ނަމަވެސް އޭޭރު މުރުޝިދާ އިނީ ފަސްޖެހިފައެވެ. ޕަރީ އީތަންއަށް ސިހުރެއް ހަދައިގެން އުޅޭކަމުގެ އެއްވެސް ހެއްކެއް މުރުޝިދާ އަތަކުނެތެވެ. ވީއިރު އެވަރުގެ އިލްޒާމެއް ޕަރީގެ ބޮލުގައި އަޅުވައި އެވާހަކަތަށް ދުރުމީހަކާ ހިއްސާކުރުން ރަނގަޅުކަމަކަށް ވެދާނޭ ހެއްޔެވެ. މުރުޝިދާ ބަހެއް ނުކިޔައި އިންނަން ފެށުމުން ވާހަކަ ދައްކަން ފެށީ ހަސީނާއެވެ. ގަނީމަކީ ކުރިންވެސް ހަސީނާ ވާހަަކަ ދައްކައި އުޅޭ މީހެއްކަމުން ގަނީމާއި އެވާހަކަ ދައްކަން ހަސީނާ ފަހެއް ނުޖެހުނެވެ.
"ވެގެން މިއުޅޭ ގޮތަކީ އަހަރެމެންގެ އީތަން މިއުޅެނީނު. މުރުޝިދާއަށް ހީވަނީ އީތަންއަށް މީހަކު ސިހުރެއް ހަދައިގެން އުޅޭހެން. އެކަހަލަ ކަމެއް އުޅޭތޯ ޔަގީންކުރަން އަހަރެމެން ބޭނުންވަނީ."
ހަސީނާ ހީލަމުން ކުރުގޮތަކަށް ވެގެން އުޅޭގޮތް ބުނެލައި ދީފިއެވެ. އީތަންއަށް އެކަހަލަ ކަމެއް ކުރިމަތިވެގެން އުޅޭހެން މުރުޝިދާއަށް ހީވަނީ ކޮންކަމެއް ފެނިގެންތޯ ގަނީމު ކުރި ސުވާލަށް މުރުޝިދާއަށް ދޭނޭ ޖަވާބެއް ނޭނގުނެވެ.
"ފަސްޖެހިގެން ހައްލެއް ނުލިބޭނެ. ވެގެން އުޅޭގޮތެއް ރަނގަޅަށް ކިޔައި ދިނީމަ އަހަރެންނަށް އެއްޗެއް ބުނަން އެނގޭނީ."
މުރުޝިދާ އިންގޮތުން ގަނީމު ބުނެލިއެވެ. އެއްޗެއް ބުނަން އަނގަ ހުޅުވައިިލި ހަސީނާގެ ދޫ ބަންދު ވެގެން ދިޔައީ އެގޭގެ ދޮރުއަށި މަތީގައި ހުއްޓިގެން ހުރި ޕަރީ ފެނުމުންނެވެ. މޫނު އަޅައިގެން ހުއްޓަސް ހަސީނާއަށް ޕަރީއެއް ނޯޅުނެވެ. ހަސީނާގެ މޭގަނޑު ހީވީ އަނގައަށް އައިހެންނެވެ. ހަސީނާއަށް ވެގެން ދިޔަގޮތް ފެނުމުން މުރުޝިދާއަށް ވެސް ދޮރާއި ދިމާއަށް ބަލައިލެވިއްޖެއެވެ. އޭރު ޕަރީ އެމީހުންނާ ދިމާއަށް އަންނަން ހިނގައިގެންފިއެވެ. އެތަނުން ޕަރީ ފެނުމުން މުރުޝިދާގެ އަރުބުޑުގައި ހީވީ ނޭވާ ބެދުނުހެންނެވެ. އެދެމީހުން އެގެއަށް ވަންކަން ޕަރީއަށް އެނގުނީ ކިހިނެއް ހެއްޔެވެ. ބިރުން ދެމީހުންނަށް ބަލާލެވުނީ އެކަކު އަނެކެެއްގެ މޫނަށެވެ.ޕަރީ ފެނުމުން މުރުޝިދާއާއި ހަސީނާއަށް ވެގެން ދިޔަގޮތް ބަލަން ގަނީމުވެސް އިނެވެ. އަނގައިން ނުބުނި ކަމުގައި ވިޔަސް ނުބައަކީ ޕަރީކަން ގަނީމަށް ވިސްނެން ގިނައިރެއް ނުނެގިއެވެ. ޕަރީ ގޮސް އިށީނީ މުރުޝިދާއާ ޖެހިގެން ހުރި ޖޯލީގައެވެ. އޭރު ބިރުން މުރުޝިދާގެ ނިއްކުރިން ވަނީ ދާހިއްލާލާފައެވެ.
"އަހަރެން ބަލަން ހުއްޓާ މަންމަމެން މިގެއަށް ވަނީ. އެހެންވެ މިއައީ."
ޕަރީ ވާހަކަ ދައްކާލީ ހީލަމުންނެވެ. އެދެމީހުން އެގެއަށް ވަނީ ކީއްކުރަންކަން ޕަރީއަށް ނޭނގޭކަން އެނގުމުން މުރުޝިދާއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ. ހަސީނާއަށް ވެސް އަތްއަޅާލެވުނީ މޭގައެވެ.
"އަނ.. ދައްތަ ވަރަށް ރައްޓެހިވާނެ ގަނީމުބޭބެއާ.އެހެންވެ ގަނީމްބެ ފެނުނީމަ މިގެއަށް ވަދެލީ. ހިނގާ ދަމާދޯ. މިއަދު މަސްވެސް ލިބޭނެ ވާހަކަ ޒުހުރީ އޮތީ ބުނެފަ."
ހަސީނާ ވާހަކަ އޮޅުވާލަން ކިތަންމެ މަސައްކަތެއް ކުރިއަސް އެގެއަށް އެދެމީހުން ވަނީ ކީއްކުރަންކަން ޕަރީއަށް އެނގެއެވެ. ހަސީނާ ތެދުވުމާއެކު އަވަސް އަވަހަށް މުރުޝިދާ ވެސް ތެދުވެއްޖެެއެވެ. އެދެމީހުންނާއެކު ޕަރީ ނުކުމެގެން ދާތަން ބަލަން ގަނީމު އިނެވެ. ގެއާ ހަމައަށް ދެވެންދެން ވެސް މުރުޝިދާއަށް ދެން އެއްޗެއް ބުނާކަށް ނުކެރުނެެެވެ. ގެއާ އަރާ ހަމަވުމުން ހަސީނާ އޭނާގެ ގެއަށް ވަދެއްޖެއެވެ. މުރުޝިދާ ވެސް ގޮސް ވަނީ ގޯތިތެރެއަށެވެ.
"މަންމަ އަހަރެންނަށް ފާރަލަނީތަ.؟"
ޕަރީގެ ޖުމްލައިން މުރުޝިދާގެ ފިޔަވަޅަށް ދިޔައީ ހުއްޓުން އަރައިގެންނެވެ. ފަސް އެނބުރި ޕަރީގެ މޫނަށް ބަލާލަން ވެސް މުރުޝިދާއަށް ނުކެރުނެެވެ. މޫނުން ފޮތިކޮޅު ނަގަމުން ޕަރީ ހުއްޓުނީ މުރުޝިދާގެ ކުރިމަތީގައެވެ.
"މަންމައަށް އަހަރެންނާ އީތަން ވަކިކޮށްލެވިދާނެ. އެކަމަކު އަހަރެންނާ ވަކިން އީތަން ދިރިއުޅޭނެތަ.؟ ކުރިން އީތަން އުޅުނުގޮތަށް އީތަން އުޅޭތަން ދެކެން މަންމައަށް ކެތްކުރެވޭނެތަ.؟ މަންމަ ތިހީކުރާ ކަހަލަ އެއްވެސް ކަމެއް އަހަރެން ނުކުރަން. އަހަރެމެންގެ ހަޔާތަށް އަހަރެމެން ގެންނަނީ އެކަކު. މަރުވެގެން ދާނީ ވެސް އޭނާގެ މީހެއްގެ ގޮތުގާ ހުރެ.ބައިވެރިއާއަށް އޮޅުވާލުމަކީ އަހަރެމެންގެ ތެރޭގަ މަރުގެ އަދަބު ލިބޭ ބޮޑު ކުށެއް."
"އެހެންވެތަ ކޮންމެ ރެއަކު ދަންވަރު އީތަން ނިދީމަ ކުރު ހެދުމެއް ލައިގެން ފިލައިގެން ބޭރަށް ތިދަނީ."
މުރުޝިދާ ޕަރީގެ ވާހަަކަ މެދުކަނޑާލައިފިއެވެ.
"އަހަރެން ބޭރަށް ދިޔައިއްޔާ އީތަންއަށް އެނގޭނެ އަހަރެން ދިޔައީ ކޮންތަނަކަށް ކަން. މަންމަ ތިހީކުރާ ކަހަަލަ އެއްވެސް ކަމެއް އަހަރެން ނުކުރަން."
ޕަރީ ދެން ވެސް މަސައްކަތް ކުރީ މުރުޝިދާއަށް ވިސްނައި ދޭށެވެ.ނަމަވެސް އިތުރަށް އަޑުއެހުމެއްނެތި މުރުޝިދާ ބާރަށް ހިނގާފައި ގޮސް ގެއަށް ވަދެއްޖެއެވެ. ޕަރީ ބަލަހައްޓައިގެން ހުރީ ވަރަށް ބޮޑަށް ދެރަވެފައެވެ. އެއްވެސް ހާލެއްގައި މުރުޝިދާއަށް ގެއްލުމެއް ދޭން ޕަރީ ބޭނުމެއް ނޫނެވެ. އެއީ އީތަންގެ މަންމައެވެ. ނަމަވެސް މުރުޝިދާގެ ޝައްކުބަލި އިތުރަށް ބޮޑުވެއްޖެނަމަ އެތަނުގައި އުޅެން ދަތިވާނީ ޕަރީއަށެވެ. ދެވަނަ ފަހަރު ގަނީމު ކައިރިއަށް އެމީހުން ދާކަށް ޕަރީ އެއްގޮތަކަށް ވެސް ބޭނުމެއް ނުވެއެވެ.
މުރުޝިދާ ގެއަށް ވަންއިރު ތެދުވެ އިށީނދެލައިގެން ޝަހުލާ އިނެވެ. ދެލޯ މަރާލައިގެން ކަނދުރާގައި ހިފަހައްޓާލައިގެން އިން ޝަހުލާގެ ހާލު ރަނގަޅު ނޫންކަން ފެނުމާއެކު މުރުޝިދާއަށް އެނގިއްޖެއެވެ.
"ކިހިނެއްވީ.؟"
މުރުޝިދާ ސުވާލުކޮށްލުމުން ހަނިގޮތަކަށް ދެލޯ ހުޅުވާލަމުން ޝަހުލާ ބަލާލައިފިއެވެ.
"ހޭލިތަނުން ބޮލާއިއެކު ކަނދުރާގަ ރިއްސައިގަތީ.ވަރަށް ތަދު އެބަވޭ."
ޝަހުލާ މުރުޝިދާއަށް ޖަވާބު ދިނީ ކުކުރާލަމުންނެވެ.
"ނާރެއް އެރީކަމަށް ތިވާނީ. މަންމަ އޭރުވެސް ބުނިން ތިތަނުގަ ނިދަން ނޯވެ ކޮޓަރިއަށް ވަންނާށޭ."
"ނިދާކަށް ނޫނޭ އޮތީ. މިތަނުގަ އޮއްވާ ނިދުނީ. އެހެންނޫނަސް އެންމެން ކިހިނެއްތަ އެއްކޮޓަރީގަ ނިދާނީ."
"ހޫމް. ތެޔޮދަމާލަނިކޮށް ރަނގަޅުވެދާނެ. މަންމަ މިއަންނަނީ ފެންވަރާލައިގެން. ހަސީނާ އަތުގަ ހުންނާނެ ވަރަށް ރަނގަޅު ތެލެއް."
މުރުޝިދާ ވާހަކަ ދައްކަމުން ގޮސް ވަނީ ކޮޓަރިއަށެވެ. ޕަރީ ގެއަށް ވަންއިރު ވެސް ޝަހުލާ އިނީ ބޮލުގައި ދެއަތް އަޅައިގެންނެވެ. ޝަހުލާ އިންގޮތް ފެނުމުން ޕަރީގެ ތުންފަތްމަތީގައި ދުވެލީ ލުއިލުއި ހިނިތުންވުމެކެވެ. މަޑުމަޑުން ހިނގާލާފައި ގޮސް ޕަރީ ވަނީ ކޮޓަރިއަށެވެ. އީތަންއަށް ހޭލެވުނީ ޕަރީ އައިސް އަތުތެރެއަށް އެރި އޮށޯވެލުމުންނެވެ. ޕަރީ ފެނުމުން އީތަން ހިނިތުންވެލީ މޯޅިއަކަށް ދެމިލަމުންނެވެ.
"ހަސީނާއްތައާ މަންމަ ހީކުރަނީ އަހަރެން އުޅެނީ އީތަންއަށް ސިހުރެއް ޖައްސައިގެން ކަމަށް. އެދެމީހުން ގަނީމްބެ ކައިރިއަށް ގޮސް ތިއްބާ އަހަރެން މިއައީ ގޮވައިގެން."
ޕަރީގެ ވާހަކައިން އީތަންގެ ލޮލުން ނިދި އެކީއެކަށް ފިލައިގެން ހިނގައްޖެއެވެ.
"އަހަރެން ވަރަށް މަސައްކަތް ކުރިން މަންމައަށް ވިސްނައިދޭން. އެކަމަކު އަހަރެންދެކެ ވަރަށް ރުޅި އައިސްފަ ހުރީ. މަންމަ ހީކުރަނީ އަހަރެން އީތަން ނޫން މީހަކުދެކެ ލޯބިވަނީ ކަމަށް."
ޕަރީ ދެރަވެފައި އޮތްވަރު ފެނުމުން އީތަން ޕަރީގެ ގައިގާ ބައްދާލީ ނުހަނު ލޯބިންނެވެ.
"އަހަރެން މަންމައާ ވާހަކަ ދައްކާނަން. ޕަރީ ކަންބޮޑުނުވޭ. މަންމަ ގަބޫލުކުރާނެ އަހަރެން ދައްކާ ވާހަކަ."
އީތަންގެ ވާހަަކައަށް ޕަރީ ބޯކަހާލީ ފަޑު ހިނިތުންވުމެއް ވެރިކުރުވާލަމުންނެވެ. ޕަރީއާ ވާހަަކަ ދައްކާލަން އިރުކޮޅަކު މަޑުކޮށްލުމަށް ފަހު އީތަން ގޮސް ވަނީ ފާހާނައަށެވެ. ފެންވަރާލައިގެން ނުކުމެ ތައްޔާރުވެލައިގެން ޕަރީ ކޮނޑުގައި ހިފާލައިގެން އީތަން ނުކުތްއިރު މުރުޝިދާ އިނީ ޝަހުލާގެ ކަނދުރާ މަސާޖުކުރާށެވެ.
"އައްދޭ. މައްސަލަތަށް ހައްލުވީތަ."
އީތަން ޕަރީގެ ކޮނޑުގައި ހިފާލައިގެން ނުކުތްތަން ފެނުމުން ބަދިގެއަށް ވަންނަން ދިޔަ ފާއިޒާ ސުވާލުކޮށްލީ ހީލަމުންނެވެ. މުރުޝިދާ ވެސް ބަލާލީ އެދިމާއަށެވެ. އެދިމާއަށް ބަލާލާފައި ޝަހުލާ މޫނަށް ހަނދާލީ ފޫހި ގޮތެކެވެ.
"ކޮންއިރަކު އަހަރެމެން މައްސަލައެއް ޖެހުނީ.؟"
އީތަން ދެނެހުރިކަމަށް ވެސް ނެހެދިއެވެ. ހެމުން ފާއިޒާ ވެސް ބަދިގެއަށް ވަދެއްޖެއެވެ. ޕަރީ ބަދިގެއަށް ފޮނުވާލާފައި އީތަން ގޮސް އިށީނީ ޝަހުލާގެ ކުރިމަތީގައެވެ
"ދޮންކަމަނަގެ ކަރަށް ނާރެއް އެރީތަ.؟"
އީތަން އަހާލުމާއެކު ޝަހުލާގެ ލޭ ހޫނުވެއްޖެއެވެ.
"ޑުރެކިއުލާ ކިޔަން ހަނދާންނެތުނީތަ.؟"
"ދެން ފަށައިގަނޭ ދެމީހުން. އޭރުން ހުންނާނީ މިއަދަށް ހުރިހާކަމެއް ހަމަވެފަ."
މުރުޝިދާގެ ގާތަށް ފުރަތަމަ ވެސް އައީ ރުޅިއެވެ. އީތަން ޖަހާލީ ހިނިގަނޑެކެވެ. ޝަހުލާ މުރުޝިދާގެ އަތްފޮޅުވާލާފައި ބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
"ޕަރީ ބުނީ ކީކޭ. އޭނަ ދިޔަތަނެއް ބުނިތަ.؟"
އެވާހަކަ ހުއްޓާލާކަށް މުރުޝިދާ ބޭނުމެއް ނުވިއެވެ.
"މަންމާ އޭނަ ބޭރަކަށް ނުދެއޭ. އިއްޔެރޭ އަހަރެމެން ދެމީހުން އެކުގާ ބޭރުގަ އުޅުނިން. އެކަމަކު ރޭ އޭނަ ބޭރަކަށް ނުދޭ."
އީތަން ވާހަކަ ދައްކަމުން ދިޔައިރު މުރުޝިދާ އީތަންއަށް ބަލަން އިނީ ދެބުމަ ގޮށްޖަހާލައިގެންނެވެ
"ދެން ރޭ މަންމައަށް ފެނުނީ މިގޭ ގޯތިތެރޭގަ އުޅުނު ޖިންނިއެއްތަ.؟"
"ވެދާނެ ތިހެންވެސް.ޖިންނިއަކީވެސް އުޅޭ އެއްޗެކޭ. މަންމަ ގަބޫލެއް ނުކުރަންތަ.؟"
އީތަންގެ ގާތަށް ހިނިއައިތަން ފެނުމުން މުރުޝިދާގެ ރުޅި ވަކިން ގަދަވެއްޖެއެވެ.
"އިއްޔެ ރޭ މަންމަ ނުދެކެން އީތަން ޕަރީއާއެކު ބޭރުގަ އުޅެނިކޮށް. އެހެން ނޫނަސް މިގޭ ދޮރު ކުޑައީތަ ކުޑޮރުން އެތެއަށް ވަންނަން ޖެހުނީ.؟"
"އަހަރެން ގެއަށް ވަދެ ނުކުންނަން ފާރުމައްޗެއް ކުޑަދޮރެއް އޮންނާނެތަ. ޕަރީއަށް ވުރެން ކުރިން މަ ވަދެފިން ކުޑަދޮރުން އެެތެރެއަށް. ދެން މަ ފަހަތުން އުޅޭ މީހަކު ވަންނާނީ މަ ވަން ގޮތަަކަށް ދޯ."
"ތީ މަންމަ ދުވަހަކުވެސް ގަބޫލުކުރާނޭ ވާހަކައެއް ނޫން. މިހާރު މިއުޅޭ ޒުވާނުން ހޭއަރާނީ ކައިވެނި ކޮށްފަ އޭގެ ފަހުން."
މުރުޝިދާ އީތަންއަށް އެއްެޗެހި ކިޔަމުން ގޮސް ކޮަޓަރިއަށް ވަދެއްެޖެއެވެ. އީތަންއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. މިހާރު ރުޅި އައިސްގެން ހުއްޓަސް ޕަރީ އީތަަންއާއެކު ލޯބިން އުޅޭތަން ފެނުމުން އަދިވެސް މުރުޝިދާ ހިތްހަމަ ޖެހޭނޭކަން އީތަންއަށް އެގެއެވެ. މާބޮޑު ކަމަކަށް ނަހަދައި އީތަން ވެސް ގޮސް ވަނީ ބަދިގެއަށެވެ.
ނުފިލާ ރިހުމެއްގައި މުޅި ދުވަސް ޝަހުލާ ހޭދަކުރީ ވޭނުގައެވެ. ބޭސްކައިގެން ތެޔޮ ދަމައިގެންވެސް ޝަހުލާގެ ބޮލާއި ކަނދުރާއަށް ލިބުނު ލުއިކަމެއް ނެތެވެ. ނަމަވެސް އެދުވަސް ވެގެން ދިޔައީ އަނެއްކާވެސް އީތަންގެ ހަޔާތަށް އައި އުފާވެރި ދުވަހަަކަށެވެ. ދެމީހުން އެކުގައި ސައިޓަށް ގޮސް އެކުގައި އުޅޭތަން ފެނުމުން މުރުޝިދާއާއި ހަސީނާ ބުނާނެ އެއްެޗެއް ނޭނގިފައި ތިއްބެވެ.
މަޑުމަޑުން އެގޮތުގައި ދެދުވަހެއް ނިމިގެން ހިނގައްޖެއެވެ. އީތަންގެ ކައިވެންޏާ ދެމެދު ދެން މިއޮތީ އެންމެ ތިން ދުވަހެވެ. ޝަހުލާގެ ބޮލާއި ކަނދުރާއަށް ލުއިކަމެއް ނުލިބުނަސް ޝަހުލާ ވިސްނަމުން ދިޔައީ ނުހާއާ މެދުގައެވެ. ޕަރީއާއި އީތަންގެ ކައިވެނީގެ ކުރިން ކޮންމެގޮތެއް ހަދާފައި ނަމަވެސް ނުހާ އެރަށަށް ގެންނަން ޝަހުލާ ބޭނުމެވެ. ނަމަވެސް ޝަހުލާގެ މެސެޖަށް ޖަވާބު ދިނުންެވެސް ނުހާއަށް މުހިންމެއް ނުވިއެވެ. ސަލާން ގޮވާލީ ޝަހުލާކަން އެނގޭތީ ނުހާ ވާހަަކަ ނުދައްކަން އެހުންނަނީ ހަމަ ގަސްދުގައެވެ.ނުހާގެ ބޮލަށް އެރިލާނެ ރަނގަޅު ގޮތަކާމެދު ވިސްނަމުން ދިޔަ ޝަހުލާގެ ބުއްދިއަށް އައީ މޮޅު ހިޔާލެކެެވެ. އެހެންކަމުން ވަގުތު ލިބުމުން ޝަހުލާ އެންމެ ނުހާއަށް ގުޅައިފިއެވެ. ފޯނު ރިންގުވެ ކެނޑުނުއިރު ވެސް ނުހާ ފޯނެއް ނުނެގިއެވެ.
"ފޮނިކަމެއް ހުރި އަންހެކޭދޯ މިވެސް. އެހެންނުވާތީ ބަފައި މަރުވީ އެވަރަށް މުދާ އެއްކޮށްދީފަ ވިއްޔާ. ވަރަށް ފޫހިވޭ."
ތުން އަނބުރާލަމުން ޝަހުލާ ފޯނު އެއްލާލީ އެނދުމައްޗަށެވެ. މުރުޝިދާ އައިސް ކޮޓަރިއަށް ވަންއިރު ވެސް ޝަހުލާ އޮތީ މޫނު ހަދައިގެންނެވެ.
"ކައިގެން މަންމައާއެކު ހިނގާ ޑޮކްޓަރަށް ދައްކާލަން ދަމާ. އެންެމެން އެބަތިބި ކާން."
"ނެތް ކާހިތެއް.އެހެންނޫނަސް ޑޮކްޓަރަށް ވެސް ދެއްކިއްޖެނު މިހާރު. ކޮންކަމެއްވީ. އެއްޗެއް އެނގިގެން ބޮޑުވެފަ ތިބޭބައެއް ނޫން އެއީވެސް. މަށަށް ޔަގީނޭ މިގޭ އުޅޭ މީހުންގެ ދުލުގެ ވިހަ މަށަށް މިއޮތީ ޖެހިފަ. މަ މަރުނުވެގެން އުޅޭ ބައެއް މިގޭތެރޭގަ އުޅެނީ."
"ތިކަހަލަ ވިޔާނުދާ ވާހަކަ ދެއްކުން ހުއްޓާލާފަ ދެންވެސް ނަމާދަކަށް އަރާބަލަ. މަންމައަށް ހަމަ ޔަގީނޭ އެންމެ ނަމާދެއް ވެސް ޝަހުލާ ނުކުރާކަން."
"އާނ މަންމައަށް އަބަދުވެސް ފެންނާނީ މަ ގޯސްކަމެއް ކުރިއްޔާ އެކަމެއް. ރަން ކިޔުނީމަ ވަރިހަމަތަ ހިލޭ އަންހެނަކު ގޮވައިގެން އެއްކޮޓަރިއެއްގަ އުޅޭތާ މަސްދުވަސް މިވަނީ.ފިރިހެންދަރި ވީމަ އެތަނެއް ނުފެނޭ މަންމައަކަށް."
ޝަހުލާ އެއްޗެހި ކިޔަންފެށުމުން މުރުޝިދާ ނުކުމެގެން ހިނގައްޖެއެވެ. ނުހާ ޝަހުލާގެ ފޯނަށް ގުޅީ ހަމަ އެވަގުތުއެވެ. އަވަސް އަވަހަށް ޝަހުލާ ފޯނު ނަގައި ނުހާއާ ވާހަަކަ ދައްކަން ފަށައިފިއެވެ.
ނުނިމޭ.