15 އޮކްޓޫބަރު 2025

ވާހަކަ: ހިރިގާ މަތިން – 24 ވަނަ ބައި

       ޝަހުލާ އެއްޗެހި ކިޔަންފެށުމުން މުރުޝިދާ ނުކުމެގެން ހިނގައްޖެއެވެ. ނުހާ ޝަހުލާގެ ފޯނަށް ގުޅީ އެވަގުތުއެވެ. އަވަސް އަވަހަށް ޝަހުލާ ފޯނު ނަގައި ނުހާއާ ވާހަަކަ ދައްކަން ފަށައިފިއެވެ.

       "ނުހާތަ؟"

       ޝަހުލާ އަހާލީ ޔަގީން ކޮށްލާށެވެ.

       "ހޫމް…"

        ނުހާ ދިނީ ކުރު ޖަވާބެކެވެ. ޝަހުލާ ވަގުތުން ހީލައިފިއެވެ.

       "ޔަގީންކޮށްލަން މި އަހާލީ. އިއްޔެ ދޮންތަ ސަލާން ވެސް ގޮވާލިން.އެކަމަކު ނުހާ ޖަވާބެއް ނުދިން ވިއްޔާ."

       ޝަހުލާ ހީލާފައި ވާހަކަ ދައްކަންފެށި ގޮތުން ނުހާއަށް ބުނާނެ އެއްެޗެއް ވެސް ނޭނގުނެވެ. އެކޮޅުން އިވެމުން އެދަނީ ޝަހުލާގެ އަޑުކަން ނުހާއަށް ހަމަ ޔަގީނެވެ.ނަމަވެސް ޝަހުލާއަކީ ނުހާ ފެނުނަސް ދެބުމަ ގޮށްޖެހިގެންދާ މީހެކެވެ. ވީއިރު މިއަދު މިއުޅެނީ ކޮންދިމާއަކުން އިރުއަރައިގެން ހެއްޔެވެ.

       "ދޮންތަ ކަމަކުތަ ގުޅީ.؟"

       އިރުކޮޅަކަށް ފަހު ނުހާ ޖެހިލުންވެފައި ސުވާލުކޮށްލިއެވެ.

       "އާނ ވަރަށް ބޮޑު ކަމަކު މިގުޅީ. ދޮންތަ މިއުޅެނީ އީތަންގެ ކައިވެންޏަށް ރަށަށް އައިސްގެން. ބުރާސްފަތި ދުވަހު ކައިވެނި އޮތީ. ދޮންތަ ގުޅި ވާހަކަ އީތަން ކައިރީގަ ނުބުނައްޗޭ. އޭރުން ހުރިހާކަމެއް ފަނިވީ."

       އާއިލާއެއްގެ ތެރޭގައި ކައިވެންޏެއް ކުރެވޭނަމަ އެއާއިލާގެ ތެރޭގައި އޮންނާނެ އުފާވެރިކަން ނުހާއަށް ވިސްނެއެވެ. ނަމަވެސް އީތަންގެ ކައިވެނި ކުރެވެން އުޅޭތީ ޝަހުލާ އެހާ އުފާވެގެން އެއުޅެނީ ކީއްވެގެން ކަމެއް ހަމަ އެއްގޮތަކަށް ވެސް ނުހާއަކަށް ނުވިސްނުނެވެ.

      "އަސްލު ވީގޮތަކީ އިއްޔެ މަންމައާ އަހަރެމެން ވާހަކަ ދައްކަން ތިބެފަ ނުހާގެ ވާހަަކަ ދެކެވުނީ. ނުހާއާ އީތަންގެ އެކުވެރިކަން ދޮންތައަށް ވުރެން ރަނގަޅަށް އެނގޭނެ މީހެއް ނުވެސް ހުންނާނެނު. ދެން ނުހާ އީތަންއަށް އެހާ ރަނގަޅުކަން އެނގުނީމަ އެންމެން ބޭނުންވެއްޖެ އީތަންއަށް ސަރޕުރައިސްއެއް ދޭން. މަންމަގެ ވެސް ވަރަށް ބޮޑު އެދުމެއް މީ. ނުހާ އީތަންގެ ކައިވެނީގަ ބައިވެރިވެލަން މިކޮޅަށް އައިސް ދިނުން."

       ޝަހުލާގެ ވާހަކައިން ނުހާއަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެެވެ. އީތަން ކައިވެނި ކުރާ ދުވަހު ކައިރީގައި ހުންނަން ނުހާ ވެސް ބޭނުމެވެ. ނަމަވެސް އީތަން އެހެން މީހެއްގެ ހައްގަކަށް ވެގެން ދާތަން ބަލަން ހުންނާނެހާ ހިތްވަރު ނުހާ ހޯދާނީ ކިހިނެއް ހެއްޔެވެ.

        "ދޮންތައަށް ވެސް މިވީހާ ދުވަހު އީތަންއާ މެދު ކަންތަށް ކުރެވުނީ އެހާ ރަނގަޅަކަށް ނޫން. އެކަމަކު މަންމަގެ ނަސޭހަތް ގަބޫލުކޮށް އަހަރެމެން ދެމީހުންވެސް މިތިބީ މަަންމައަށްޓަކާ އެކަކު އަނެކަކަށް މާފުކޮށްގެން. މިހާރު ދެން ނުހާ އެކަނި މިތަނުގަ މަދީ. މަންމަ ވެސް ހުރީ ނުހާ ވަރަށް ދެކެލާ ހިތުން."

       ޝަހުލާގެ ވާހަކަ ނުހާއަށް ގަބޫލުކުރެވުނީ އެހާ ވަރަށް ކިޔައިދިނުމުންނެވެ. އެއާއިލާ ނުހާއާއި އީތަންގެ އެކުވެރިކަމުގެ ގުޅުމަށް އިހުތިރާމްކޮށް ނުހާއަށް ދައުވަތު ދިނުމުން ނުހާ ވަރަށް ބޮޑަށް ހިތްހަމަ ޖެހިއްެޖެއެވެ. އެއަށް ވުރެން ބޮޑަށް ނުހާ އުފާވީ ޝަހުލާގެ ހިތުގައިވާ ހަސަދަވެރިކަން ޝަހުލާ ހަނދާން ނައްތާލުމުންނެވެ.

      "ވަރަށް އުފާވެއްޖެ ދޮންތަ ގުޅީމަ. އިރާދަކުރެއްވިއްޔާ އަހަރެން ދާނަން."

     ނުހާ އަންނަން އެއްބަސްވުމުން ޝަހުލާ އުފަލުގެ ކޮޅެއް ނެތެވެ. ނުހާއަށް ޝުކުރު އަދާކޮށް އީތަން ކައިރީގައި އެވާހަކަ ނުދައްކަން ވައުދު ކުރުވާފައި ޝަހުލާ ފޯނު ބާއްވައިފިއެވެ.

      ޝަހުލާއަށް އައިސްފައިވާ ބަދަލުު ފެނުމުން ނުހާ ވަރަށް ބޮޑަށް ހިތްހަމަ ޖެހުނެވެ. ނަމަވެސް އެރަށަށް ދިއުމަކީ ނުހާއަށް ފަސޭހަަކަމެއް ނޫނެވެ. ޕަރީ މޫސަމެންނަށް ހަދާލިގޮތް އަދިވެސް ނުހާގެ ހިތުން ފިލައިގެން ނުދެއެެވެ. އެހާދިސާގެ ފަހުން ގަދަ ހުމެއް ޖެހިގެން މޫސަ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮންނެވެ. މަރުވުމުގެ ކުރިން އޭނަ އެބަ އާދެއޭ ގޮވައި ގަޔަށް ބާރުގަނޑެއް އަރައިގެން ވެސް މޫސަ އުޅުނެވެ. މޫސައަށް ފަރުވާ ދިނީ ނުހާ ނޫންކަމުގައި ވިޔަސް އެމަންޒަރު ނުހާ ވެސް ދުށްޓެވެ. އަދި ކުޑަ ދޮރުން ފުންމާލައިގެން މަރުވި އިމްރާނުވެސް ގެނެވުނީ އެ ހޮސްޕިޓަލަށެވެ. އެހާ ކުއްލިގޮތަކަށް އެދެމީހުން މަރުވުމުގެ ފަަހަތުގައި ޕަރީގެ އަތެއް ނުވާކަން ޔަގީންވާއިރު ވެސް ނުހާގެ ހިތުގައި ޕަރީއާ މެދުވަނީ ބިރުވެރިކަމެއް އުފެދިފައެވެ. އޭގެ އިތުރުން އީތަން އެހެން އަންހެނަކާއެކު އުފާކުރާ މަންޒަރު ބަލަން ހުރުމަކީ ނުހާއަށް ކުޅަދާނަކަމެއް ނޫނެވެ. ނަމަވެސް އީތަންގެ އާއިލާއިން ނުހާއަށް ދައުވަތު ދިނުމުން އެރަށަށް ދާން ނުހާއަށް މަޖުބޫރުވެއްޖެއެވެ. ނުހާ ފެނުމުން އީތަން ވެސް ވާނޭ އުފާ ނުހާއަށް އަންދާޒާ ކޮށްލެވުނެވެ.

      "ހާދަ ބޮޑު ފިކުރެއްގަ. މާބޮޑަށް ހަނދާންވަނީތަ.؟"

       ހިޔާލާއި ފިކުރުތަކުގެ ތެރެއަށް ގެނބިފައި އިން ނުހާ ސިހިފައި ބަލާލީ ޝަފާ އައިސް މޭޒުމަތީގައި ތަންކޮޅެއް ބާރަށް އަތުން ޖަހާލުމުންނެވެ. ޝަފާ ފެނުމުން ނުހާއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އަދި ވެގެން އުޅޭގޮތް ޝަފާއަށް ކިޔާލަ ދީފިއެވެ.

      "އަހަރެންނަށް ނޫނެކޭ ބުނާކަށް ނުކެރުނު. އެކަމަކު އެކަނި ދާކަށް ނުކެރޭނެ. ޝަފާ ދާންވީނު އަހަރެންނާއެކު."

      "އަހަރެން… ނޫނޭ އޭރުން…"

      "އަހަރެން ދުވަހަކުވެސް ރާއްޖެތެރެއަކަށް ނުދަން. އަހަރެންނަށް ނޭނގޭނެ ގޮއްސަ އުޅޭނެގޮތެއްވެސް. ހެޔޮނުވާނެ ހިނގާ މަށާއެކު. އެކަނި ދާކަށް ނުކެރޭނެ."

      ނުހާ އާދޭސްކުރަން ފެށުމުން އެންމެ ފަހުން ނުހާއާއެކު ދާން ޝަފާ އެއްބަސްވެއްޖެއެވެ. ޝަފާ ދާން އެއްބަސްވުމުން ނުހާ ވަރަށް ބޮޑަށް ހިތްހަމަ ޖެހިއްޖެއެވެ.

 

       ސައިބޮއެލައިގެން މިއަދުވެސް އީތަން ދިޔައީ ޕަރީ ގޮވައިގެން ސައިޓަށެވެ. ކުރިން މަސައްކަތެއް ކުރަން ނޭޭނގުނަސް މިހާރު ސައިޓުގައިވެސް އެންމެ ވަރުގަދައަށް މަސައްކަތް ކުރަނީ ޕަރީއެވެ. މުރުޝިދާއާއި ހަސީނާއަށް އެކުގައި ހިފައިގެން ކިރިޔާ ހިއްލާލެވޭ ފެންތެލި، ޕަރީ އެކަނި އުފުލާލައިގެން ދާތަން ފެނުމުން ބަސްހުއްޓިފައި ޒުހުރީ ހުރެއެވެ. މަސްކެނޑުމަކީ އަދި މާ ފޯރީގައި ޕަރީ ކުރާހިތްވާކަމެކެވެ.އީތަން ޖެއްސި ކޮންމެކަމެއް ކުރުމަށް ޕަރީ ހުންނަނީ އަތުކުރި އޮޅާލައިގެންނެވެ. އެދުވަހު މެންދުރަށް މަސައްކަތް ނިންމާލާފައި އީތަންއާއި ޕަރީއަށް ގެއަށް ދާން ނުކުމެވުނީ މަސްގަންނަން އައި ހުއްޓުނު އާދިލާގެ ކުރިމައްޗަށެވެ. އާދިލާއަކީ ސައްތާރުގެ ދަރިއެކެވެ.

      "ދައްތަ މިއުޅެނީ އީތަން ނުފެނިގެން. ކުރީ ދުވަހު އަހަރެމެންގެ ގެއަށް އީތަން ވަނިންތަ.؟"

      އާދިލާގެ ސުވާލާއިއެކު އީތަންގެ ހިތުގެ ވިންދު ޖެހުން ދިޔައީ އަަވަސްވެގެންނެވެ. ސައްތާރު ކޮންމެވެސް ވާހަކައެއް އެމީހުންގެ ކައިރީގައި ދައްކައިފިކަން އީތަންއަށް ވަގުތުން ޔަގީންވެއްޖެއެވެ.

      "އާ..އާނ އަހަރެމެން އެމަގުން ދަނިކޮށް ސައްތާރުބެ ފެނިގެން ވަދެލީ. ކިހިނެއްވީ.؟"

      ޖެހިލުންވެފައި ހުރެ އީތަން އަހާލިއެވެ. އޭރު ހަސީނާއާއި މުރުޝިދާ ވެސް އައިސް އެތަނުގައި ހުއްޓިއްޖެއެވެ.

     "ނޭނގެ ވެގެން އުޅޭގޮތެއް. އެދުވަހުގެ ފަހުން ބައްޕަ އުޅެނީ ބިރުން. އެސޮރު ކައިރީ ބުނާށޯ އެމަންޖެ ފޮނުވާލާށޭ. އެއީ އިންސާނެއް ނޫނޯ. އިންސާނުންނަށް ހުރި ބޮޑު ނުރައްކަލެކޯ އެއީ. އެކަހަލަ ހަމަނުޖެހޭ ވާހަަކަތަކެއް ދައްކަނީ. ވަރަށް ވަރުން އަހައިގެން އީތަންގެ ނަން ބުނަންވެސް އެނގުނީ. ކޮން މަންޖެއެއްގެ ވާހަކައެއްތަ ބައްޕަ މިކިޔަނީ.؟"

      "މަށަކަށް ނޭނގެ. އެދުވަހު ވެސް ދެއްކީ ކޮންމެވެސް ސާރާއެއްގެ ވާހަކަ. މަށަށް އެނގިއްޖެ ސައްތާރުބެ މިހާރު އެހާ ރަނގަޅަށް ކަންކަން ހަނދާނެއް ނުުހުންނަކަށް."

       އީތަން މަސައްކަތް ކުރީ އެމައުލޫޢު ބަދަލުކޮށްލާށެވެ. އޭރު ކަޅިވެސް ޖަހާނުލާ މުރުޝިދާ އީތަންގެ މޫނަށް ބަލަން ހުއްޓެވެ. އާދިލާ ދައްކަމުން ދިޔަ ވާހަކަތަކުން އީތަން ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ.

       "ބައްޕަ މިހާރު އެއްވެސް ކަމެއް ނުހުރޭ ހަނދާނެއް. އެކަމަކު އެބުނާ ފެނުޕަރީއެއްގެ ވާހަކަ ދެއްކުން ހުއްޓައެއް ނުލި.ހާލިދުގެ ވާހަކަ އަޑު އަހާފަވެސް ބުނީ ފެނުޕަރީއެކޯ ހާލިދަށް އެހެން ހަދާނީ.އެއީ އިންސާނުން މޮޔަ ހައްދާ ބައެކޯ."

       އާދިލާ އިރުކޮަޅަކު އީތަންއާ ވާހަކަ ދައްކަން ހުރެފައި ހިނގައްޖެއެވެ. އީތަންއަށް ހިތްހަމަޖެހުމެއް ލިބުނީ އާދިލާ ދިއުމުންނެވެ.އާދިލާ ދިއުމުން ޕަރީ އަތުގައި ހިފަމުން އީތަން އަވަސް އަވަހަށް ހިނގައިގަތީ ގެއަށް ދާށެވެ. އެދެމީހުން ދާތަން ބަަލަހައްޓައިގެން މުރުޝިދާ ހުރީ ހިނގައިގަންނަން ވެސް ނޭނގިފައެވެ. އޭރު މުރުޝިދާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައީ މުޅިން އެހެން ކަހަލަ ހިޔާލުތަކެކެވެ. އާދިލާ އެވާހަކަ ދައްކަން ފެށުމުން އީތަން އެހާ ބޮޑަށް ބިރުގަތީ އީތަން ކަމެއް ސިއްރު ކުރާތީއެވެ. ސައްތާރު އެބުނި މަންޖެއަކީ ކާކު ހެއްޔެވެ.؟ އީތަންއާއެކު އެގެއަށް އަންހެނަކު ދިޔަނަމަ ގޮސްފައި ހުންނާނީ ޕަރީއެވެ. ސައްތާރަކީވެސް ބުއްދި ހަމަޖެހޭ ފިރިހެނެކެވެ. އޭނާއަށް ނުފެންނަ އެއްޗެއްގެ ވާހަަކަ އުމުރު ހުސްވަންދެން ސައްތާރުވެސް ނުދައްކާނެއެވެ. ހާލިދަށް ހަމަލާ ދިނީ ކާކުކަމެއް މިއަދާއި ހަމައަށް ވެސް އޮތީ ނުހޯދިފައެވެ. އެރަށަށް އީތަން ފިޔަވައި އިތުރު އެއްވެސް ބަަޔަކު އެރިކަމުގެ ހެއްކެއް ފެންނާކަށް ނެތެވެ. ބޯމަތީގައި އެނބުރެންފެށި ހިޔާލާއި ފިކުރުތަކުގެ ތެރެއިން މުރުޝިދާގެ ސިކުނޑީގެ ވާފަށަށް ދަމާލީ ފިނދުފަތްގަނޑަކާއިއެކު އީތަން ކުރެހި ޕަރީގެ ތަސްވީރެވެ.

     "މުރުޝިދާ. އޭތް ކިހިނެއްވެފަހޭ މިއަހަނީ.؟"

     މުރުޝިދާ ސިއްސައިގެން ދިޔައީ ހަސީނާ މުރުޝިދާގެ އަތުގައި ހިފައި ތަޅުވައިގަތުމުންނެވެ.

      "ކިހާއިރެއް ގޮވާތާ.ގެއަށް ހިނގާ. އެއިވެނީ ބަންގި ގޮވާއަޑު."

      ހަސީނާ ކުރިއަށް ހިނގައިގެންފިއެވެ. އޭރު އީތަންއާއި ޕަރީ މާދުރަށް ހިނގައްޖެއެވެ. ހަސީނާގެެ ފަހަތުން މުރުޝިދާ ވެސް ކުރިއަށް ހިނގައިގެންފިއެވެ. އޭރު މުރުޝިދާ ހުރީ ހިތަށް އައި ވަސް ވާސްތަކުގެ ސަބަބުން ދޫބަންދުވެފައެވެ. ޕަރީއަކީ ފެނުޕަރީއެކޭ މުރުޝިދާގެ ހިތަށް އެރީތީ ވެސް މުރުޝިދާ ހައިރާންވެއްޖެއެވެ. ނަމަވެސް ފާއިތުވެގެން މިދިޔަ ދުވަސްތަކާ މެދުގައި ފުންކޮށް ވިސްނާލުމުން ޕަރީއާމެދު ޝައްކު ނުކުރެވެންވީ ސަބަބެއްވެސް ނެތެވެ.

     "މިހާރު ކޮންކަމަކާތަ ތިވިސްނަނީ.؟"

     މުރުޝިދާ ގެއްލިފައި ހުރިތަން ފެނުމުން އަނެއްކާވެސް ހަސީނާ އައިސް މުރުޝިދާއާއި އަރާ ހަމަކޮށްފިއެވެ. މުރުޝިދާ ބަލާލީ ހަސީނާގެ މޫނަށެވެ.

       "ކިހިނެއްވީ.؟ ކަމެއް ގޯސްވީތަ.؟"

      މުރުޝިދާ ތަކުރާރުކޮށް ސުވާލުކުރަން ފެށުމުން މުރުޝިދާ ވަށައިގެން ނަޒަރު ހިންގާލައިފިއެވެ. އިތުރު މީހަކު ނެތްކަން މުރުޝިދާ ޔަގީންކޮށްލި ކަހަލައެވެ.

      "ހަސީނާ ބުނެބަލަ. ޕަރީ އެހެން ގައުމެއްގެ ބަހަކުން ވާހަކަ ދެއްކި އަޑު ދުވަހަކު ވެސް ހަސީނާ އެހިންތަ.؟"

      ކަންބޮޑުވެފައި ހުއްޓަސް މުރުޝިދާ ވާހަކަ ދެއްކީ މީހަކަށް އަޑު އިވިދާނެތީ މަޑުންނެވެ. އީތަންގެ ފިޔަވަޅުމަތިން ހިނގަމުން ދިޔަ ޕަރީ ހުއްޓެމުން ފަސްއެނބުރި ބަލާލީ މުުރުޝިދާގެ މޫނަށެވެ.

      "އުހުން. އަހަރެން އަޑެއް ނާހަން. ބުނަން ތިއުޅެނީ ކީކޭ.؟"

      "އީތަން ޕަރީ ގެނައިއިރު ޕަރީއަށް އެއްވެސް ކަމެއްކުރާކަށް ނޭނގެ. އޭނަ ރާއްޖެ އައީ އަލަށްކަމަށް ވެދާނެ. އެކަމަކު ބޭރުގަ ވެސް އުޅޭނީ ކޮންމެވެސް ބަޔަކާ އެކުގާ ނޫންތަ. އެކަަމަކު ބަޔަކާ އެކުގާ އުޅެފަ އައި މީހަކު އުޅޭނޭ ގޮތަކަށް ނޫން ޕަރީ އެދުވަހު އުޅުނީ.ހަމަ ޔަގީނުންވެސް ސިއްހީ މައްސަލައެއް ނެތް އޭނަ ގަޔަކު."

     މުުރުޝިދާ ދައްކަމުން ދިޔަ ވާހަކައިން ހަސީނާއަަކަށް ހަމަ އެކައްޗެއް ވެސް ނުވިސްނުނެވެ.

     "ތަންކޮޅެއް ސާފުކޮށް ކިޔާބަލަ ތިިކިޔަން އުޅޭ އެއްޗެއް. އަހަރެންނަކަށް…"

     ކުރިމައްޗަށް ބަލާލެވުނު ހަސީނާގެ މެއަށް ފިނިވެގެން ދިޔައީ އެދެމީހުންނަށް ބަލަން ހުރި ޕަރީ ފެނުމުންނެވެ. ފަސްއެނބުރި ބަލާނުލާ އޭރުވެސް އީތަން ވާހަކަ ދައްކަމުން ދިޔައީ ކުރިއަށެވެ. ހަސީނާ ދެލޯ ބޮޑުވެގެން ދިޔަތަން ފެނުމުން މުރުޝިދާއަށް ވެސް ކުރިމައްޗަށް ބަލާލެވިއްޖެއެވެ. ޕަރީ ފެނުުމުން މުރުޝިދާއަށް ވެސް ލިބުނީ ސިހުމެކެވެ. ޕަރީ ހުރީ އެމީހުންނާ ފުދޭވަރަކަށް ދުރުގައެވެ. ނަމަވެސް ހުއްޓިގެން ބަލަން ހުރިގޮތުން ހީވީ އެދެމީހުން ދެއްކި ވާހަކަ ރީތިކޮށް އަޑު އިވިގެން ބަލަން ހުރިހެންނެވެ.

      "އަނެއްކާ ތިދައްކާ ވާހަކަ އޭނައަށް އަޑުއިވުނީކީ ނޫންބާ.؟"

      ކަންބޮޑުވެފައި ހަސީނާ އަވަސް އަވަހަށް އަހާލައިފިއެވެ. ޕަރީއާމެދު ކުރެވެން މިފެށި ޝައްކެއްގެ ސަބަބުން މުރުޝިދާއަށް އެސުވާލުގެ ޖަވާބެއް ނުދެވުނެވެ. އެއީ އިންސާނެއްނަމަ އެދެމީހުން ދެއްކި ވާހަކަ ޕަރީއަށް އަޑު އިވުމަކީ ނާދިރުކަމެކެވެ.ޕަރީ ހުރީ އެހާވެސް ދުރުގައެވެ. މުރުޝިދާގެ ހަނދާނާކުޅެލީ ގަނީމު ކައިރިއަށް އެމީހުން ދިޔަ ދުވަހު ޕަރީ ކަންތަށް ކުރިގޮތެވެ. ދުރުގައި ހުރެ އެމީހުން ދައްކާ ވާހަކަ ޕަރީއަށް އަޑުއިވެނީއޭ ހިތް ބުނުމުން ބިރުން މުރުޝިދާގެ ނިއްކުރިން ވޮށްދާ ހިއްލަން ފަށައިފިއެވެ.

     "ޕަރީ."

     ފަސްއެނބުރި ބަލާލި އީތަން ގޮވައިލީ ބާރަށެވެ. ޕަރީ ބަލާލީ އީތަންގެ މޫނަށެވެ.

     "މިކޮޅަށް އާދޭ. ކިހިނެއްވެފަ ތިިތިބީ."

     އީތަން ގޮވާލުމުން ޕަރީ ދުވެފައި ގޮސް އީތަންގެ އަތުގައި ހިފައިފިއެވެ. މުރުޝިދާމެނަށް އަންނަން ގޮވާލާފައި އީތަން އަނެއްކާވެސް ހިނގައިގަތީ ގެއާ ދިމާއަށެވެ.

    "އެހާ ދުރުން އަހަރެމެން ދައްކާ ވާހަކަ އޭނައަކަށް ނީވޭނެ. ވެދާނެ އަހަރެމެން ހުއްޓިގެން ތިބީމަ ބަލަން ހުރީ ކަމަށްވެސް."

    ހަސީނާ ކުރިއަށް ހިނގައިގަންނަމުން ބުނެލިއެވެ. ނަމަވެސް މުރުޝިދާއަށް އިތުރަށް އެމައުލޫއިން އުއްފުވެސް ބުނާކަށް ނުކެރުނެވެ. ގެއަށް ދެވުނުއިރު ވެސް މުރުޝިދާ ހުރީ ބިރުންނެވެ. ޕަރީ ފެންނަން ނެތުމުން މުރުޝިދާ ހިތްހަމަ ޖެހުނެވެ. އަވަސް އަވަަހަށް ގޮސް މުރުޝިދާ ވަނީ އޭނާގެ ކޮޓަރިއަށެވެ.

    

    އީތަން ފެންވަރާލައިގެން ނުކުތްއިރު ޕަރީ އެނދުގައި އިށީނދެލައިގެން އިސްޖެހިފައި އިނެެވެ.

    "ރީތިކޮށް ހުރެފަ ހަމަ ކުށްލިއަކަށް ކިހިނެއްތަ ތިވީ. ހިތްހަމަނުޖެހޭ އެއްޗެއް މަށަށް ބުނެވުނީތަ."

     އީތަން އައިސް ޕަރީގެ އުނަގަނޑުގައި ހިފައި ގާތަށް ގެންނަމުން އަހާލިއެވެ. އެސުވާލަށް އެއްވެސް ޖަވާބެއް ޕަރީއަކަށް ނުދެވުނެވެ. އެންމެ ފަހުން މުރުޝިދާ ވިސްނަން ނުޖެހޭހާ ފުނަށް ވިސްނައި ހަގީގަތާއި ދިމާއަށް ދަތުރު ފަށައިފިއޭ ޕަރީ ބުނެފިނަމަ އީތަން ބުނާނެއެވެ. އެއީ ތިމެންނަގެ މަންމައެވެ. އޭނައަށް ކަމެއްކޮށްފިނަމަ އަހަރެން ދުވަހަކުވެސް ޕަރީއަށް މާފެއް ނުކުރާނަމެވެ.

    "ބުނެބަލަ ކިހިނެއްވީ.؟"

    ޕަރީގެ ދަތްދޮޅީގައި ހިފާލަމުން އީތަން ސުވާލުކޮށްލީ ނުހަނު ލޯބިންނެވެ. ފެންކަޅިވެފައިވާ ދެލޮލުން ޕަރީ ބަލާލީ އީތަންގެ މޫނަށެވެ. ޕަރީ ރޮނީކަން އެނގުމުން އީތަން ވަރަށް ބޮޑަށް ހައިރާންވެއްޖެއެވެ.

    "ޕަރީ.. ކިހިނެއްވީ.؟"

     އީތަން ތަކުރާރުކޮށް ސުވާލުކުރަމުން ދިޔައިރު ވެސް އީތަންގެ ސުވާލަށް ޖަވާބު ދޭނޭހާ ހިތްވަރެއް ޕަރީއަކަށް ނުލިބުނެވެ. އީތަންއާ ވަކިވަން ނޭދޭ ހާލު ޕަރީ ރޮމުން ދިޔައިރު އީތަން ހުރީ ވީގޮތެއް ނޭނގިފައެވެ. ސައިޓުން ނުކުތްއިރުވެސް ޕަރީ ހުރީ ހެވިފައެވެ. ޕަރީއަށް އައި ބަދަލެއް އައީ މަގުގެ މެދުގައި ހުއްޓިގެން ހުރި ފަހުންނެވެ. އީތަންގެ ގައިގާ ބައްދާލައިގެން އޮވެ ޕަރީ ރޮމުން ދިޔައިރު ޕަރީގެ ކަރުނައިން އީތަންގެ ހާލަތުވަނީ ގޯސްވެފައެވެ. އީތަން ސުވާލު ކުރުމުން ޕަރީ އެއްވެސް ޖަވާބެއް ނުދިނެވެ.

 

        ނިދިފައި އޮތް ޝަހުލާއަށް ހޭލެވުނީ ޒީނިއާ އައިސް ގޮވަން ފެށުމުންނެވެ. ހޭލެވުމާއެކު އެންމެ ފުރަތަމަ ވެސް ޝަހުލާއަށް ހިފަހައްޓާލެވުނީ ބޮލުގައެވެ.

        "މަންމާ ތިއްތަ އުޅެނީ ޖޫސްޕެޓީ ގަންނަން ދާން. ޒީއްކޮ ދިޔަސް ހެޔޮތަ.؟"

        "އާނ. ދޭބަލަ.މަންމަ ކައިރީ އަހަންޖެހޭތަ.؟"

        ބޮލަށްވެފައި ހުރި އުނދަގުލެއްގެ ސަބަބުން ޝަހުލާ ރުންކުރު ރާގެއްގައި ބުނެލިއެވެ. ޒީނިއާ ދުވެފައި ނުކުމެގެން ހިނގައްޖެއެވެ. ބޮލުގައި އަތްއަޅައިގެން އިރުކޮޅަކު އިނުމަށް ފަހު ޝަހުލާ ތެދުވެގެން ދުއްވައިގަތީ ފާހާނައާ ދިމާއަށެވެ. ނަމާދަށް ހުރި މުރުޝިދާ ސަލާންދީ ނިންމާލި ގޮތަށް ބަލާލީ ފާހާނައާ ދިމާއަށެވެ. އޭރު ދިޔައީ ޝަހުލާ ހޮޑުލާ އަޑު އިވެމުންނެވެ. އިރުކޮޅަކަށް ފަހު ޝަހުލާ ފާހާނައިން ނުކުތްއިރު ހުރީ ވަރުބަލިވެފައެވެ. ޝަހުލާގެ ހާލު ފެނުމުން މުރުޝިދާ ދެރަވެފައި ބަލަންއިނެވެ.

      "މަންމައަށް ހީވަނީ ރަނގަޅު ޑޮކްޓަރަކަށް ދައްކާލަން ދަރިފުޅު މާލެ ދާންވީހެން."

      އީތަންގެ ކައިވެނީގެ ކުރިން ޝަހުލާ މާލެ ފޮނުވަން ބޭނުން ނުވިއަސް ޝަހުލާގެ ހާލާމެދު މުރުޝިދާ ކަންބޮޑުވާން ފަށައިފިއެވެ. ޝަހުލާ ގޮސް އިށީނީ އެނދުގައެވެ. ޝަހުލާ އެއްޗެއް ނުބުނުމުން މުރުޝިދާ ގޮސް ފިރުމާލީ ޝަހުލާގެ ބުރަކަށީގައެވެ.

     "ނުކައި ނުބޮއެ ތިހެން އުޅެންޏާވެސް ހައްތަހާ ވާނީ ގޯސް. މަންމަ މިއަންނަނީ ޖޫސްތަށްޓެއް ހިފައިގެން."

      މުރުޝިދާ އެހާ ލޯބިން ވާހަކަ ދެއްކުމުން މިފަހަރު ޝަހުލާ ވެސް ދެކޮޅަށް ބަހެއް ނުބުންޏެެވެ. މުރުޝިދާ ނުކުމެގެން ދިއުމުން ޝަހުލާ ކަނދުރާގައި ފިރުމާލީ ދެލޯ މަރާލަމުންނެވެ. ޝަހުލާއަކީ މީގެ ކުރިން ދުވަހަކުވެސް މިހާ ވޭނުގައި އުޅުނު މީހެއް ނޫނެވެ. ޑޮކްޓަރަށް ދައްކައި ބޭޭސް ބޭނުން ކުރަމުން ދާއިރުވެސް ޝަހުލާގެ ބޮލުން ތަދު ނުފިލާ ތަދު ބޮޑުވަމުން ދަނީ ކީއްވެކަމެއް އެއްގޮތަކަށް ވެސް ޝަހުލާއަކަށް ނުވިސްނުނެވެ. ރަނގަޅު ޑޮކްޓަރަކަށް ދައްކައި ޓެސްޓުތަށް ހަދާލަން މިހާރު ޝަހުލާ ވެސް ހުރީ ބޭނުންވެފައެވެ. ނަމަވެސް ޝަހުލާ ހިނގައްޖެނަމަ ނުހާ ފެނުމުން އީތަން ކުޅޭ ކުޅިވަރެއް ޝަހުލާއަކަށް ނުފެންނާނެއެވެ. ހުރިހާ ކަމަކަށް ވުރެން މިވަގުތު ޝަހުލާއަށް މުހިންމީ އީތަންގެ ދިރިއުޅުން ބަރުބާދު ކޮށްލުމެވެ.

      

     ފަސްދުވަހުގެ ޗުއްޓީއެއް ނެގުމަށް ފަހު ޝަފާއާއި ނުހާ އީތަންއާ ބައްދަލު ކުރުން ދިއުމަށް ތައްޔާރުވާން ފަށައިފިއެވެ. ޓިކެޓު ލިބުނީ މާދަމާއަށެވެ. އެހެންކަމުން އެރޭ ނުހާއާއި ޝަފާ އެކުގައި ދިޔައީ ފިހާރައަށެެވެ. އީތަންގެ އާއިލާއާ ބައްދަލުކުރަން އަލަށް ދާއިރު ހުސްއަތާ ދާން ނުހާއަކަށް ނުކެރުނެވެ. ފެނިފައި ނެތަސް އެއާއިލާގައި ތިބެނީ ކިތަށް މެމްބަރުންކަން ނުހާއަށް އެނގެއެވެ. ވިޔަފާރި ކޮށްލައިގެން ގޮސް ދެމީހުން ވަނީ ރެސްޓޯރެންޓަކަށެެވެ.

     "އަސްލު ވަރަށް ބޭކާރު ހަރަދު ތިކުރަނީ. އެއީ ނުހާއަށް ލިބޭނެ މީހެއް ނޫން. ދެން ކީއްކުރަން މިހާވަރުން އުޅެނީ."

      ކާނެ އެއްޗެހިއްސަށް އޯޑަރު ދިނުމަށް ފަހު ޝަފާ ގޮޑީގައި ރީތިކޮށް ހަމަޖެހިލިއެވެ.

      "މިސާލަކަށް އަހަރެން މަގަށް ނުކުންނަ ތަނުން ކާރެއްގެ ދަށުގަ ވެއްޖިއްޔާ ކާކު އަހަރެންނަށް އަޅާލާނީ.؟"

     ހިނިތުންވެލަމުން ނުހާ ސުވާލެއް ކޮށްލިއެވެ. ޝަފާ ތުންއަނބުރާލީ ދެލޯ ހަނިކޮށްލަމުންނެވެ. ނުހާގެ ގާތަށް އައީ ހިންޏެވެ.

     "އަހަރެންނަށް ހަމަ ޔަގީން ބޮޑުބެގެ އަންހެނުން މަށެއް ނުބަލާނެ. އެކަމަކު ކައިވެނި ލަސްކޮށްލަން ޖެހުނަސް އީތަން އަހަރެން ދުލެއް ނުކުރާނެ."

     "ތީ ހީވާގޮތް. ނުހާ ހުއްޓައެއްނޫންތަ އޭނަ އެ ޕަރީއެއްގެ ޖާދޫގަ ޖެހުނީވެސް."

     ޝަފާ ދެރަނުވާންވެގެން ބުނެލިއެވެ. ނުހާ ތުންފަތަށް ވެރިކުރުވާލީ ހިތި ހިނިތުންވުމެކެވެ.

      "ކީއްކުރާނީ. ލޯތްބަކީ އަމިއްލަ އިހުތިޔާރުގަ ވެވޭ އެއްޗެއް ނޫނެއްނު.އެހެންނޫންނަމަ އީތަން ލޯބިވެސް ވާނީ އަހަރެންދެކެ."

      "އެހެންެވެތަ އެހާ އަގުބޮޑު ފޯނެއް ދިނީމަވެސް ފޯނު ނިވާލައިގެން އެއުޅެނީ."

      "ޕިސް އަބަދު އީތަންއާ ޖައްސާލައިގެން ނޫޅެބަލަ.ފޯނަށް ކަމެއް ދިމާވީކަމަށް ވެސް ވެދާނެއްނު. އެހެން ހުރެހުރެފަ އަދިވެސް އޭނަ ގުޅާނެ."

       އީތަން ދުވަސް ދުވަސްކޮޅުން ނުގުޅާ ހުރުމަކީ ނުހާއަށް އައު ކަމެއް ނޫނެވެ.އެހެންކަމުން އީތަންގެ ފޯނަށް ނުގުޅުނަސް އެއީ މާބޮޑު މައްސަލައެއް ކަމަކަށް ނުހާ ނުދެކެއެވެ. ނުހާއާ ހުރެ ހައިރާންވެފައި ޝަފާ ނުހާގެ މޫނަށް ބަލަން އިނެވެ.

      "އަހަރެންނަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނޭ ނުހާ އޭނައާ ހުރެ ތިހާވަރު ތިވަނީ ކީއްވެކަމެއް."

      "ދެން ނުދައްކަބަލަ ތިކަހަލަ ވާހަކަ.މީހަކު ދެކެ ލޯބިވެވުނު ދުވަހަކުން ޝަފާއަށް ވެސް ވިސްނޭނެ."

     "އަހަރެންގެ ފިރިއަކު އެބަހުރި. ދެދަރިން ލިބިއްޖެ.އުފަލުން މިއުޅެނީ. ދެން ކޮންއިރަކުން ތިބުނާ ލޯތްބެއް އަހަރެންނަށް ވެވޭނީ."

     ޝަފާގެ ވާހަކައިން ނުހާ އިނީ ވަރަށް ބޮޑަށް ހިނިއައިސްފައެެވެ. ނުހާގެ މޮޔަކަމުން ޝަފާވެސް ދިޔައީ ހެމުންނެވެ. ދެމީހުނަށް ކައިގެން ގެއަށް ދެވުނުއިރު ބާރަ ޖަހަން ގާތްވެއްޖެއެވެ. ފަަތިހާ ތެދުވަން ޖެހޭތީ ނުހާ މަސައްކަތް ކުރީ ނިދާލާށެވެ. ނަމަވެސް ނުހާގެ ލޮލަކަށް ނިންޖެއް ނައެވެ. އީތަން އެެހެން މީހެއްގެ ހައްގަކަށް ވެގެން ދާތަން ދެކެން ނުހާ ބަލަން ހުންނަން ވީހެއްޔެވެ.؟ އެހާ ހިތްވަރު ނުހާ ހޯދާނީ ކޮންތަނަކުން ހެއްޔެވެ. ލޯބިވާ މައިންބަފައިން އެކުގައި ވަކިވެގެން ދިޔަ ދުވަހަކަށް ފަހު ނުހާއަށް އޯގާތެރިވި ހަމައެކަނި އިންސާނަކީ އީތަންއެވެ. ދަހިވެތިކަމެއް ނެތި ނުހާއާއެކު ވަގުތު ހޭދަކުރީ އީތަންއެވެ. ދިމާވި ކޮންމެ އުނދަގޫ ދަނޑިވަޅެއްގައި ނުހާއާ އެންމެ ގާތުގައި ހުރީ އީތަންެއެވެ.ނަމަވެސް އީތަންގެ ކައިވެންޏަށް ފަހު ހުރިހާ ކަމެއް ބަދަލުވެގެން ދާނެއެވެ.

      

     ދުވަހުގެ ވަރުބަލިކަމާއެކު މިރޭވެސް ދިހައެއް ޖެހުމުގެ ކުރިން މުރުޝިދާ އޮށޯވެއްޖެއެވެ. ނަމަވެސް މުރުޝިދާގެ ދެލޮލުން ނިދިވަނީ މަހުރޫމްވެފައެވެ. ޕަރީއާމެދު ވިސްނި ވިސްނިހެން މުރުޝިދާގެ ހިތުގައިވާ ޝައްކާ ވަހުމް ދިޔައީ ބޮޑުވަމުންނެވެ. ނަމަވެސް އެއީ ހަގީގަތަކަށް ވެދާނޭޭ ކަމެއްކަމަކަށް މުރުޝިދާއަށް ވެސް ގަބޫލެއް ނުކުރެެވެއެވެ. ޖިންނީންނަކީ މާތް ﷲހައްދަވާފައިވާ މަހުލޫގުންތަކެއްކަން މުރުޝިދާ ގަބޫލު ކުރެއެވެ. ނަމަވެސް ފެނުޕަރީއަކީ އުޅެދާނެ އެއްޗެއް ކަމަށް ގަބޫލުކުރުން މުރުޝިދާއަށް ވެފައި ވަނީ ދަތިކަމަކަށެވެ. ނިދާލަން މުރުޝިދާ ކުރި މަސައްކަތް ވީބޭކާރެވެ. ހިޔާލާއި ފިކުރުތަކުގެ ތެރެއަށް ގެނބިފައި އޮތް މުރުޝިދާއަށް ސިހުމެއް ލިބިގެން ދިޔައީ ކުޑަދޮރުގައި މީހަކު ޓަކި ޖަހާލިހެން ހީވުމުންނެވެ.މުރުޝިދާއަށް ބަލާލެވުނީ ކުޑަދޮރާއި ދިމާއަށެވެ. އެވަގުތު ފަރުދާ ވައިރޯޅިއަކާއި މައްޗަށް ހެލިލާފައި ތިރިވެއްޖެއެވެ. އެގޮތަށް ފަރުދާއަށް ވައިއެޅޭނީ ކުޑަދޮރު ނުލެއްޕި ހުރުމުންކަން އެނގޭތީ މުރުޝިދާ އޮތްތަނުން ތެދުވެގެން ގޮސް ހުއްޓުނީ ކުޑަދޮރު ކައިރީގައެވެ. މުރުޝިދާއަށް ހީވީ ރަނގަޅަށެވެ. ދޮރު ހުރީ ހުޅުވާލާފައެވެ. ހިޔާލެއް ފިކުރެއްނެތި ކުޑަދޮރު ލައްޕާލަން މުރުޝިދާ ހިފާލި ވަގުތު މުރުޝިދާއާއި ނުހަނު ގާތުން ވޫސް އަޅާފައި ފެހިކުލައިގެ އަލިގުޅައެއް ފައިބައިގެން ހިނގައްޖެއެވެ. އޭގެއިން އަރައިގެން ދިޔަ ދިލަ ހޫނުގެ ވައި ޖެހިގަތީ މުރުޝިދާގެ މުޅި ގަޔަަށެވެ.ބިރުން ތެޅިގެން ދިޔަ މުރުޝިދާއަށް ހަޅޭއްލަަވައިގަނެވުނީ ބޭއިހުތިޔާރުގައެވެ. ކޮޓަރީގައި ނިދާފައި އޮތް ޝަހުލާ ތެޅިގެންފައި ތެދުވެ އިށީނދެއްޖެއެވެ.

      "މަންމާ."

      މުުރުޝިދާ ފެނުމުން ދުވެފައި ގޮސް ޝަހުލާ ކޮޓަރީގެ ބޮކި ދިއްލައިފިއެވެ. އޭރު މުރުޝިދާ ދިޔައީ ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުންނެވެ. ބިރުން ތުރުތުރު އަޅަމުން ދިޔަ މުރުޝިދާގެ އަޑު ބާރެވެ. ހޭލެވުނު ކުދިވެރިން ވެސް ދެލޯ ބޮޑުކޮށްގެން މުރުޝިދާއަށް ބަލަން ތިއްބެވެ. ޝަހުލާ އަވަސް އަވަހަށް ގޮސް ހިފެހެއްޓީ މުރުޝިދާ ގައިގައެވެ.

   "މަންމާ ކިހިނެއްވީ.؟"

   ޝަހުލާގެ ސުވާލަށް މުރުޝިދާއަށް ޖަވާބެއް ނުދެވުނެވެ. އެހާ ބޮޑަށް މުރުޝިދާ ވަނީ ބިރުގެންފައެވެ. ހަޔާތުން މިހާތަނަށް އައިއިރު އެފަދަ މަންޒަރެއް ދުވަހަކުވެސް މުރުޝިދާއަށް ފެނިފައި ނެެތެވެ. ބިރުން ތެޅެމުން ދިޔަ މުރުޝިދާއަށް އެންމެ ފަހުން ފެށުނީ ރޯށެވެ.

     "ރިހާން ދޭބަލަ އީތަންއަށް ގޮވަން."

      ޝަހުލާ ބުނުމާއެކު ރިހާން ދުވެފައި ގޮސް އީތަންގެ ކޮޓަރީގެ ދޮރުގައި ޓަކިދީފިއެވެ. މާކުރީއްސުރެ ހޭލައި އޮތް ޕަރީ ލޯމަރާލީ އެއަޑު އިވުމުންނެވެ. އީތަން ތެދުވެ ދޮރު ހުޅުވާލުމުން ޕަރީ ވެސް ތެދުވެ އިށީނދެއްޖެއެެވެ.

      "މާމައަށް ކޮންމެވެސް ގޮތެއް އެބަވޭ."

      "ކިހިނެއްވީ.؟"

     އީތަން ބާރަށް ހިނގައިގަތީ އެކޮޓަރިއަށް ދާށެވެ.އެނދުން ފުންމާލަމުން ޕަރީވެސް ދުއްވައިގަތީ އީތަންގެ ފަހަތުންނެވެ. ތިންމީހުން ގޮސް އެކޮޓަރިއަށް ވަންއިރު ވެސް މުރުޝިދާ ރޮނީއެވެ. އީތަން އަވަސް އަވަހަށް ގޮސް ހިފެހެއްޓީ މުރުޝިދާ ގައިގައެވެ. ބިރުން އަވަދިވާ ވަރުވެފައި ހުރި މުރުޝިދާ ރޮމުން އޮޅުލައިގަތީ އީތަންގެ ގައިގައެވެ. ކަންބޮޑުވުމުގެ އަސަރު މޫނަށް ގެނެސްގެން ހާސްވެފައި ބަލަހައްޓައިގެން ޕަރީ ވެސް ހުއްޓެވެ. ވަރުވަރުން އީތަން ސުވާލުކޮށްގެން ވެސް މުރުޝިދާއަށް ޖަވާބެއް ނުދެވުނެވެ. އެންމެ ފަހުން ރުޅި އައިސްފައި އީތަން ބަލާލީ ޝަހުލާގެ މޫނަށެވެ.

    "މަށަށް ބަލާނޭ ކަމެއްނެތް. މަށަށް ވެސް ހޭލެވުނީ ހަޅޭއްލަވައިގަތް އަޑަށް. މަ ނުކުރަން މަންމައަށް ކަމެއް. މިހިރަ ކުޑަދޮރު ޑަންލާފަ ޖެހިއަޑުވެސް އިވޭޭ."

     އީތަން އެގޮތަށް ބަލާލުމުން ޝަހުލާގެ ގާތަށް ފުރަތަމަ ވެސް އައީ ރުޅިއެވެ. ކުޑަދޮރުގެ ވާހަކަ ބުނުމުން ބޭއިހުތިޔާރުގައި އީތަންއަށް ބަލާލެވުނީ ޕަރީގެ މޫނަށެވެ. މުރުޝިދާ ދަންވަރު ކުޑަދޮރު ކައިރީގައި ހުންނަނީ ޕަރީއަށް ފާރަލައިގެންނެވެ. އީތަން ޕަރީގެ މޫނަށް ބަލާލިގޮތުން ޕަރީގެ މެއަށް ދިޔައީ ފިނިވެގެންނެވެ. ކަންބޮޑުވެފައި އަވަސް އަވަހަށް ޕަރީ ދެފަރާތަށް ބޯހޫރުވާލައިފިއެވެ. ތިމެންނައެއް ނޫނޭ ޕަރީ ބުނެލި ކަހަލައެވެ. އީތަންއަށް މަޖުބޫރުވީ ޕަރީގެ ވާހަކަ ގަބޫލު ކުރާށެވެ.

ނުނިމޭ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު