15 އޮކްޓޫބަރު 2025

ވާހަކަ: ހިރިގާ މަތިން – 20 ވަަނަ ބައި

          ދުވެފައި ގޮސް އީތަން ހުއްޓުނީ ކުޑަދޮރު ކައިރީގައެވެ. ނަމަވެސް ޕަރީ ޖެހުނުތާ ލަކުނުވެސް ނެތެވެ. އީތަންއަށް ހީވީ މުޅި ދުނިޔެ އޭނާގެ ބޯމަތީ އެނބުރެން ފެށިގެންނެވެ. ބާރަށް ހިނގާފައި ގޮސް އީތަން ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޭރަށް ނުކުމެއްޖެއެވެ. ގޭތެރެއަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. މުރުޝިދާ ވެސް ކޮޓަރިއަށް ވަނީކަން އެނގުމުން ޕަރީ ގޭތެރެއަށް ނުނުކުންނަކަން އީތަންއަށް ޔަގީންވެއްޖެއެވެ. ބަދިގެ ބަލާލުމަށް ފަހު އީތަން އަޑެއް ބަޑެއް އިއްވާނުލާ ދުވެފައި ނުކުތީ ގެއިން ބޭރަށެވެ. ޒުހުރީ ސައިކަލު ތަޅުދަނޑި އޮތީ އީތަންގެ ޖީބުގައި ކަމުން އީތަން ގޮސް އެރީ ސައިކަލަށެވެ. ތުނޑިއަށް ދިއުމަށް ސައިކަލު ދުއްވާލިއިރު އީތަންގެ ހިތުގެ ތެޅުން ވަނީ އަވަސްވެފައެވެ.  ޕަރީއާ ނުލާ ދިރިއުޅުމަކީ އީތަންއަށް ކުރެވޭނޭ ކަމެއް ނޫނެވެ. ޕަރީ ނުފެނިއްޖެނަމަ އީތަންގެ މުޅި ދިރިއުޅުން ބަރުބާދުވީއެވެ. މާދަމާ ރަންކިޔަން ހަމަޖެހިފައި ވަނިކޮށް ޕަރީ ފިލައިފިނަމަ މުރުޝިދާއަށް އީތަން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ.؟ ރުއްގަނޑުގެ ތެރޭގައި އޮންނަ ހަނި މަގަކުން އީތަން ސައިކަލު ދުއްވާލާފައި ދިޔައީ ބާރަށެވެ. ރަށުތެރެއިން މަދުމަދުން މީހަކު ފެނުނަސް އެގަޑީގައި ރަށުތެރެއަށް އޮތީ ހިމޭންކަން ވެރިވެފައެވެ. ބާރަށް ދުއްވާލާފައި ގޮސް އީތަން ސައިކަލު މަޑުކޮށްލީ ރަށުގެ ތުނޑިއަށެވެ. ކަޅުފޮއެ ރެއަކަށް ވުމުން ދޮންވެލި ތުނޑިމަތީގައި ރަސްކަންކުރަމުން ދިޔައީ ކަނު އަނދިރިކަމެވެ. ނަމަވެސް އީތަންގެ ފިޔަވަޅަށް މަޑުޖެހުމެއް ނައެވެ. ވަށައިގެން ހޯދަމުން ބާރަށް ހިނގާފައި ގޮސް އީތަން ހުއްޓުނީ މޫދު ކައިރީގައެވެ. އީތަން ބޭނުންވީ އަޑުގެ ނެތްތަނަށް ޕަރީއަށް ގޮވާލާށެވެ. ނަމަވެސް އެކަނު އަނދިރީގެ ތެރޭގައި އީތަންއަށް ނޭނގިވެސް އެތުނޑިމަތީގައި މީހަކު ހުރެދާނެއެވެ. ހަތަރު އުދަރެސް ފެނުޖެހިފައިވާ ހާލު އީތަން ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔައިރު އެކަނިމާއެކަނި ޕަރީ އިނީ ހިރިގާމަތީގައި އިށީނދެލައިގެންނެވެ. އެތަށް ދުވަހަކަށް ފަހު ހިތްފުރޭވަރަށް ފީނާލުމުގެ ފުރުސަތު ލިބުމުން ޕަރީއަށް އިހުސާސްކުރެވެމުން ދިޔައީ އާދަޔާ ހިލާފު އުފާވެރިކަމެކެވެ. އީތަންދެކެ އައިސްފައި ހުރި ރުޅިވެސް އެކީއެކަށް ޕަރީ ހަނދާންނެތިއްޖެއެވެ. އެތަނުގައި އީތަން ހުރިނަމަ މިވަގުތު ޕަރީއަށް ވުރެން އުފަލުން ހުންނާނެ ދެވަނަ މީހަކު ނުހުންނާނެއެވެ. އީތަންއާއެކު އެ ހިރިގާ މަތީގައި ހޭދަކުރި އުފާވެރި ދުވަސްތަކުގެ ހަނދާންތަށް އައު ކުރަން އިރުގަނޑަކު އިނުމަށް ފަހު ޕަރީ ފުންމާލީ މޫދަށެވެ. ފިނދުފަތްގަނޑަށް ލެވުނުހާ ބާރެއްލުމަށް ފަހު ޕަރީ ފީނައިގަތީ ކަނޑުގެ އެންމެ ފުންމިނަށް ދިއުމަށެވެ. އަޑިއަށް ދިޔަދިޔަހެން ޕަރީގެ ދެލޮލުގެ ކުލަ ދިޔައީ އަލިވަމުންނެވެ. ރޯމާދުވާލު އިންސާނުނަށް ތަންތަން ފެންނަހާ ސާފުކޮށް ޕަރީއަށް ދިޔައީ، މާސިންގާ ކަނޑުގެ އަނދިިރިކަމުގެ ތެރެއިން ތަންތަން ފެންނަމުންނެވެ. ޕަރީގެ ދުވެލި ބާރެވެ. އަޑިއަށް ދިޔަދިޔަ ހެން ޕަރީގެ ހިތަށް ލިބެމުން ދިޔަ އުފާވެރިކަން ދިޔައީ ބޮޑުވަމުންނެވެ. ދާންވީ މަންޒިލް އެނގޭތީ ޕަރީ މަޑުޖެހިލުމެއްނެތި ދިޔައީ ކުރިއަށެވެ. ގަޑިއެއް ހާއިރު ތެރޭގައި ޕަރީ ރާއްޖޭގެ ކަނޑު ހުރަސްކޮށްފިއެވެ. ދެގަޑިއެއް ހާއިރުގެ ދިގު ދަތުރަަކަށް ފަހު ޕަރީ ދެންވެސް މިސްރާބު ޖެހީ އަދިވެސް ފުނަށް ދިއުމަށެވެ. ގިނައިރެއް ނުވެ އޭނާގެ ނަސްލުގެ މީހުންގެ ހިލަން ޕަރީއަށް ވެއްޖެއެވެ. އައިނު އައިނަށް ދަތުރުކުރަމުން ދިޔަ ފެނުޕަރީންތަށް ފެންނަން ފެށުމުން ޕަރީގެ ތުންފަތަށް ވެރިވެގެން ދިޔައީ ރީތި ހިނިތުންވުމެކެވެ. ގިނައިރެއް ނުވެ ޕަރީއަށް އޭނާގެ މަންޒިލަށް އާދެވިއްޖެއެެވެ. އެއީ އެތަށް މޭލަކަށް ފެތުރިފައި އޮތް މުރަކައިގެ ބިޔަބޮޑު ބަގީޗާއެކެވެ. ފެއްސާއި ނޫކުލައިން އަމިއްލަ ހަށިގަނޑު ދިއްލާލައިގެން އެތަށް މިލިއަން ފެނުޕަރީއެއް ދިރިއުޅެމުން ދިޔަ އެތަނަކީ ޕަރީގެ އަސްލު ވަތަނެވެ. ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުން އެތަނުގައި ދިރިއުޅެމުން ދިޔައީ މިނިވަންކަމާއެކުގައެވެ. އޮޅިގެން ނަމަވެސް ކަނޑުގެ އެހާ ފުންމިނަށް އިންސާނަކަށް އާދެވުމަކީ ނާދިރުކަމެކެވެ. އަންނަން ބޭނުން ވިޔަސް އެހާ ގާބިލުކަން އިންސާނުންގެ ކިބައަކު ނެތެވެ. ޕަރީއަށް އެހާހިސާބަށް އާދެވުމުން ދާދި އަވަހަށް ސާރާ ޕަރީއާ އަރައި ހަމަކޮށްފިއެވެ. ސާރާ ފެނުމުން ޕަރީ ގޮސް ސާރާގެ ދެއަތުގައި ހިފާލީ ނުހަނު ލޯބިންނެވެ. ދައްކަން ބޭނުންވާ ގިނަ ވާހަކަ ހުރުމުން ސާރާ ބޭނުންވީ އެކަހެރިވެލާށެވެ. އެެހެންކަމުން ދެމައިން އެކުގައި މިސްރާބުޖެހީ ފެނުން މައްޗަށް އެރުމަށެވެ.

      ވަގުތުތަށް ގުނެމުން ދިޔަދިޔަ ހެން އީތަންގެ ކެތްތެރިކަން ދިޔައީ ކޮޅުންލަމުންނެވެ. ބޮލުގައި ދެއަތް އަޅައިގެން އީތަން އިނީ ހަނދާނެ ގޮތް ހުސްވެފައެވެ. ތަނެއްދޮރެއް ވަކިނުވާ ހާލު ފުއްޓަރު މަތިން ހިނގައިގަންނާކަށް ވެސް އީތަންއަކަށް ނުކެރުނެވެ. ދޫކޮށްލާފައި ދާނެ ވާހަކަ ބުންޏަސް ޕަރީއަށް އެހާ ހިތްވަރު ލިބިދާނޭ ކަމަކަށް އީތަން ފަހަރެއްގައި ވެސް ހީނުކުރެއެވެ. އީތަންއަށް ސިހުމެއް ލިބިގެން ދިޔައީ ކުއްލިއަކަށް އީތަންގެ ފޯނު ރިންގުވާން ފެށުމުންނެވެ. ދެލޯ ފޮހެލަމުން އީތަން ފޯނުނަގައި ބަލާލައިފިއެވެ. ގުޅަނީ މުރުޝިދާއެވެ. ގަޑިން ހަތަރެއް ޖަހައިފިކަންވެސް އީތަންއަަށް އެނގުނީ ފޯނަށް ބަލާލެވުމުންނެވެ. އިރުއަރަން ދެން މާގިނަ ވަގުތެއް ނެތެވެ. އީތަން ފޯނު ކަންފަތުގައި ޖައްސާލީ އިސްޖަހާލައިގެން އިނދެއެވެ.

    "އީތަން ކޮންތާކު ތިއުޅެނީ.؟"

    މުރުޝިދާ ސުވާލު ކޮށްލީ ކަންބޮޑުވެފައި ހުރެއެވެ. ޕަރީ އޭނާ ދޫކޮށްލާފައި ދިޔަ ވާހަކަ ބުނާނެހާ ހިތްވަރެއް އީތަންއަކަށް ނުލިބުނެވެ.

    "އ..އަހަރެމެން މިއުޅެނީ މަސްދަތުރެއްގަ އައިސްގެން. ޕަރީވެސް އަންނަ ހިތުން ހުރީމަ މަ އައީ އޭނަ ގޮވައިގެން."

    އެންމެ ފުރަތަމަ ހިތަށް އައި އެއްޗެއް އީތަން ބުނެ ނިންމާލައިފިއެވެ.

    "ސުބްހާނަ ﷲ. ތިކަހަލަ ކިތަށް ދޮގު ދަރިފުޅު ހުންނާނެ މަންމަ ކައިރީގަ ހަދާފަ.ތީ ތެދެއް ވިއްޔާ ދެން މަންމަ ކުރިމަތީގަ މިހުރީ ޕަރީގެ ސިފައިގަ ހުރި ޖިންނިއެއްތަ.؟ މަންމައަށް ހަމަ ޔަގީނޭ އެއުޅޭ ލާމިއުގެ ފަހަތުން ކަން ގޮސްގެން ތިއުޅެނީ."

    މުރުޝިދާގެ އަޑު ދިޔައީ ބާރުވެގެންނެވެ. މުރުޝިދާގެ ވާހަކައިން އީތަންއަށް ލިބުނީ ސިހުމެކެވެ.

    "އޭނ… ޕަރީ ގޭގެ އެބައުޅޭތަ.؟"

    އީތަންއަށް އިންތަނުން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ.

    "އީތަން. ދަރިފުޅު އެއްޗެއް ބޭނުން ކުރިކަން މަންމައަށް އެނގިއްޖިއްޔާ ދެން މަންމަ މިގެއަކު ނޫޅޭނަން."

     އީތަންގެ ވާހަކަ ހުރިގޮތުން މުރުޝިދާ ހާސްކަން ވަކިން ބޮޑުވެއްޖެއެވެ.

    "އަހަރެން މިދަނީ ގެއަށް."

    ފޯނު ކަނޑާލުމަށް ފަހު އީތަން ދުވެފައި ގޮސް އެރީ ސައިކަލަށެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އީތަން ގޮސް ގެ ކައިރިއަށް ސައިކަލު މަޑުކޮށްލައިފިއެވެ. ސައިކަލު ނިވާލަމުން ބާރަށް ހިނގާފައި ގޮސް އީތަން ވަނީ ގެއަށެވެ. ސޯފާގައި އިށީނދެގެން މުރުޝިދާގެ ކުރިމަތީގައި ޕަރީ އިނެވެ. އީތަން ގެއަށް ވަންއިރު ވެސް ޕަރީ އިނީ ބަލާށެވެ. އީތަން ފެނުމާއެކު ވަރަށް ބޮޑަށް ދެރަވެފައި ޕަރީ އިސްޖަހާލައިފިއެވެ. ޕަރީ ފެނުމުން އީތަންއަށް ހީވީ އަލުން އޭނާގެ ހަށީގައި ފުރާނަ އެޅުނުހެންނެވެ.

     "ކޮންތާކުން ތިއައީ.؟"

     އީތަން ގެއަށް ވަންއިރު މުރުޝިދާ ހުރީ ފަށައިގަންނަން ތައްޔާރު ވެގެންނެވެ.

     "އަހަރެން ދިޔައީ ތުނޑިއަށް."

     "އެހެންތަ. ފޯނުން ގުޅާފަ އަހާލީމަ ބުނީ ޕަރީ ގޮވައިގެން މަސްދަތުރަކު ދިޔަ ވާހަކަ. މަންމައަށް އެބަ އެނގޭ ކޮންތާކުންކަން ތިއައީ. އިރާކޮޅު އެ ލާމިއު އައި އީތަން ހޯދަން މިގޭދޮށަށް. މަންމައަށް…"

     "ނޫނެކޭ މަންމާ. ލާމިއު އައީ މަ ދެ ހެކިވެރިން ހޯދަދޭށޭ ބުނީމަ އެމީހުން ހޯދައިގެން. މަށަށް ދެމީހެއްގެ ނަންބަރު ވެސް އޭނަ ފޮނުވި. އަސްލު ވީގޮަތަކީ މަ މަސްބާނަން ދިޔައީ ތުނޑިއަށް. މަ ބުނަން އުޅުނީ މަ ދިޔައިރު ޕަރީ ނިދާފަ އޮތް ވާހަކަ."

    "މަންމަ ނަމާދަށް ތެދުވިއިރު އެކަނިމާއެކަނި މިމަންޖެ އިނީ މިތަނުގަ. އީތަން ދިޔަ ތަނެއް ނޭނގިގެން ހަދާނެ ގޮތް ހުސްވެފަ. މަންމަ ހީކުރީ އީތަންއަކީ މިހާރު ވަރަށް ޒިންމާދާރު މީހެއްކަމަށް. އެކަމަކު އެ ލާމިއުމެން ހަމަ ފެންނައިރަށް ތިފެށީ އެމީހުންނާއެކު އުޅެން."

      މުރުޝިދާ ހުރީ އީތަންެދެކެ ރުޅި އައިސްފައެވެ. ނަމަވެސް އެވާހަކަ ތަކުން އީތަންއަށް ލިބުނީ ހައިރާންކަމެކެވެ. އީތަން ނުކުމެގެން ދިޔައިރު ޕަރީ ގެއަކު ނެތެވެ. ބޯކަހާލަމުން އީތަން ޕަރީގެ މޫނަށް ބަލާލިއިރު ޕަރީ އިނީ ހެވިފައެވެ. އީތަން ބަލާލުމާއެކު ދެރަވާކަމަށް ހެދިލަމުން އަވަސް އަވަހަށް ޕަރީ ތުންކޮޅު ދަމާލައިފިއެވެ. އީތަންގެ ލޮލުގައި އެންމެ ކުރިން އަޅައިގަތީ ޕަރީގެ އިސްތަށިގަނޑެވެ. އެ އިސްތަށިގަނޑުގެ ތެތްކަން ފެނުމުން ޕަރީ އައިސް އެއިނީ އިރުކޮޅެއް ކުރިން ފެންވަރާލައިގެން ކަން އީތަންއަށް ވިސްނިއްޖެއެވެ. 

     "މަންމަ ކަންބޮޑުނުވޭ. ދެން ޕަރީ ކައިރީ ނުބުނެ އެއްވެސް ތަނަކަށް އަހަރެން ނުދާނަން. އެހެން ނޫނަސް ބުނެފަ ވެސް އަހަރެން ލާމިއުމެންނާއެކު ނުދާނަން."

     މުރުޝިދާ ދެކޮނޑުގައި ހިފައި ގެންގޮސް ކޮޓަރިއަށް ވެއްދުމަށް ފަހު އީތަން ދެކިހިލީގެ ތެރެއަށް އަތްޖަހަމުން އެނބުރުނީ ޕަރީއާ ދިމާއަށެވެ. އީތަން އައިސްފައި ހުރި ރުޅި ފެނުމުން ޕަރީއަށް ހީނގަނެވުނީ ބޭއިހުތިޔާރުގައެވެ.

     "އަހަރެން ދުށިން އީތަން ތުނޑީގަ ރޯން އިންދާ. ދެން ކޮބާ އަހަރެން ގޮއްސިއްޔާ އީތަންގެ ހާލަކީ. އަދިވެސް ބޮޑުވެލާފަ ބުނޭ އަހަރެން ފޮނުވާލާނަމޭ."

     "ފަސްގަޑިއިރު ތުނޑިމަތީ ހުރެފަ މަ މިއައީ. ޕަރީއަށް ވަރަށް މަޖާދޯ ތިކުރެވުނު ކަންތަށް."

     އަތުކުރި އޮޅާލަމުން އީތަން ޕަރީއާ ދިމާއަށް ހިނގައިގަތުމުން ޕަރީ ދުއްވައިގަތީ އީތަންގެ އަތުގައި ނުޖެހޭށެވެ. ނަމަވެސް ޕަރީ ކޮޓަރިއަށް ވަދެވަދެ އޮއްވައި އީތަން ގޮސް ޕަރީ އަތުލައިގެންފިއެވެ. ހެމުން ދިޔަ ޕަރީއަށް ހަޅޭއްލަވައިގަނެވުނީ ބާރަށެވެ. އެއަޑު ރީތިކޮށް މުރުޝިދާއަށް އިވުނެވެ. އީތަން އަވަސް އަވަހަށް ދޮރުޖަހައި ތަޅުލައިފިއެވެ.

     "ތެދަށް ބުނޭ ކޮންތާކުން ތިއައީ.؟"

     އީތަން ހުރީ ޕަަރީ ދޫކޮށްލާ ކަހަލަ ގޮތަަކަށް ނޫނެވެ.

     "އަހަރެން ދިޔައީ މޫދަށް. އަހަރެން ގޮވައިގެން ދާނަމޭ ކިޔާފަ އީތަން އޮތީ ނިދަން. އެހެންވެ ދިޔައީ. "

      ޕަރީ އަދިވެސް ހެނީއެވެ. ރުޅި އައިސްގެން އީތަންއަކަށް ވެސް ނުުހުރެވުނެވެ. ޕަރީ ގޮވައިގެން މޫދަށް ދާން އެއްބަސްވެވުނު ހަނދާން އީތަން މިވީ އަދިކިރިޔާއެވެ. އީތަން ޕަރީ އަނބުރާލީ އޭނައާ ދިމާއަށެވެ.

     "ދެން މަށަށް ގޮވާލާކަށް ނޭނގުނުތަ.؟ އެނގޭތަ މަ ބިރުގަތް ވަރު. މަ ހީކުރީ ޕަރީ ދެން ދުވަހަކުވެސް ނާންނާނެ ކަމަށް."

      އީތަން ހިތްހަމަނުޖެހިފައި ހުރިތަން ފެނުމުން ލޯބިން ޕަރީ ދެއަތުން ހިފަހައްޓާލީ އީތަންގެ މޫނުގައެވެ.

      "މަންމަ ދެކެލަން ދިޔައީ. އަހަރެން އައިއިރު އީތަން ހުރީ ތުނޑިމަތީގަ. ހިތަށް އެރީ މިފަހަރު ބޮޑު ލަނޑެއް ދޭނަމޭ. އެހެންވެ ފިލައިގެން އައީ. މަންމަ ކުރިމަތީގަ ވަރަށް ދެރަވާކަމަށް ހެދިގެން އަހަރެން އިނީ."

       ޕަރީ ކިޔައިދެމުން ދިޔައީ ހެމުންނެވެ.ޕަރީގެ ރުޅިއާއި ނުރުހުން ފިލައިގެން ގޮސްފައި ވާތަން ފެނުމުން އީތަން ވެސް ހަމަޖެހިއްޖެއެވެ. މޫދަށް އެރިލާ ހަދާލުމުން ޕަރީގެ ހަށިގަނޑުން ފެންނަން ހުރީ ކުރީގެ ތާޒާކަމެވެ.

     "އެކަމަކު ޕަރީ އަހަރެންނަށް ނޭނގި ދެން ގެއިން ނުނުކުންނާތި. އަހަރެން ބޭނުމެއް ނޫން ޕަރީ އެކަނި ރަށުތެރޭގައި އުޅެނިކޮށް އެއްވެސް މީހަކަށް ފެންނާކަށެއް. ޕަރީ މޫދަށް ދާން ބޭނުންވީމަ އަހަރެން ކައިރީގަ ބުނޭ. އަހަރެން ދާނަން ޕަރީ ގޮވައިގެން. އަދި މާދަމާ ޕަރީގެ ލޯބިވާ ބައްޕައާ ބައްދަލު ކޮށްލަން ގެންގޮސްދޭނަން."

     އީތަންގެ ވާހަކައިން ޕަރީގެ އުފާވެރިކަން ދެގުނަ ބޮޑުވެގެން ހިނގައްޖެއެވެ. އީތަންއަށް ފަށްފަށުން ޝުކުރު އަދާކުރަމުން ޕަރީ އޮޅުލައިގަތީ އީތަންގެ ގައިގައެވެ.

      ޖެހިގެން އައި ދުވަހު މެންދުރުކުރިން އީތަންއާ ކައިވެނި ކުރަން ޕަރީ ރަންކިޔައިފިއެވެ. މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އެނގިހުރެ ވެސް އީތަން ހުރީ އިންތިހާއަށް އުފަލުންނެވެ. ޕަރީ ހިތްހަމަ ނުޖެހުނަސް އީތަން ބޭނުންވީ ނުހާއަށް ގުޅާށެވެ. ނަމަވެސް ޕަރީއަށް އެނގިއްޖެނަމަ އަނެއްކާވެސް ޕަރީގެ އުޅުމާއި މިޒާޖަށް އަންނާނެ ބަދަލު ވިސްނޭތީ ނުހާއަށް ގުޅާލަން އީތަން ހުރީ ފަސްޖެހިފައެވެ. ރަން ކީ ޚަބަރު އީތަން ނުހާއަށް ދިނީ މެސެޖަކުންނެވެ. ޖަވާބުގައި މަރުހަބާ ކިޔާލާފައި ނުހާ ވެސް މެސެޖެއް ފޮނުވާލައިފިއެވެ. އަދިވެސް ރުޅި އައިސްފައި ހުރިތޯ އަހައި އީތަން މެސެޖު ފޮނުވާލީ ނުހާ ވާހަކަ ދެއްކުމުންނެވެ. ނުހާ އެދުނީ އިތުރަށް އެވާހަކަ ނުދެއްކުމަށެވެ. ކުރެވުނު ކަންތަކާ މެދު އީތަން މާފަށް އެދުނެވެ. ނުހާ ވެސް އީތަންއަށް މާފުދިނީ ހެޔޮހިތުންނެެވެ. މާގިނަ ވާހަކަތަކެއް ދެމީހުންގެ މެދުގައި ނުދެކެވުނަސް ނުހާ އީތަންއަށް ހިތްހެޔޮ ކުރުމުން އީތަން ހިތްހަމަޖެހިއްޖެއެވެ. ޕަރީ ގޮވައިގެން އީތަން ސައްތާރު ހޯދަން ދިޔައީ އެދުވަހު ހަވީރުއެވެ. ޕަރީއަކީ ކާކުކަން ސައްތާރަށް އެނގުނަ ނުދެން ތަކުރާރުކޮށް އީތަން ދިޔައީ ޕަރީގެ ގާތު އެދެމުންނެވެ. ދެމީހުން އެކުގައި ގޮސް ސައްތާރުގެ ގޭގެ ގޯތިތެރެއަށް ވަދެއްޖެއެވެ. ސަލާން ގޮވާލަމުން އީތަން ގޮސް ހުއްޓުނީ އެގޭގެ ހުޅުވާފައި ހުރި ދޮރުމަތީގައެވެ. އެންމެކުރިން އީތަންގެ ލޮލުގައި އަޅައިގަތީ ބަލި އެނދުގައި އޮތް ސައްތާރެވެ. ގޭތެރެއިން އިތުރު މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް ސައްތާރު އޮތީ ހޭޭލައެވެ. މުސްކުޅިވެ ތުރުތުރު އަޅާ ހާލުގައި އޮތް ސައްތާރު؛ އީތަންއަށް ކައިރިއަށް އައުމަށް އަތުން ހަނާއަޅާލީ އަންނާށޭ ގޮވާލަމުންނެވެ. އީތަންއަށް ބަލާލެވުނީ ޕަރީގެ މޫނަށެވެ. ސައްތާރު ފެނުމުން އިންތިހާއަށް އުފާވެފައި ހުރި ޕަރީ ވެސް ބަލާލީ އީތަންގެ މޫނަށެވެ.

     "މަ ހީނުކުރަން ސައްތާރުބެ އެހާ މުސްކުޅިވެއްޖެ ކަމަކަށް."

     ސައްތާރު ފެނުމުން ހަގީގަތުގައި ވެސް އީތަން ހައިރާންވެއްޖެއެވެ. ސައްތަރު އެއޮތީ، ސައްތާރަށް ޕަރީއަކީ ކާކުކަން އެނގުނަސް އެވާހަކަ ދެއްކޭފަދަ ހާލަތަކު ނޫނެވެ. އީތަން ޕަރީގެ އަތުގައި ހިފާލަމުން ގޮސް ހުއްޓުނީ ސައްތާރުގެ ކުރިމަތީގައެވެ.

      "ކީއްކުރާ ކުދިބައެއް.؟"

      ލޮލަށް ސާފުކޮށް ނުފެންނާތީ ސައްތާރު އަހާލީ ބޯ ހިއްލާލަމުންނެވެ. އަނގައިގާ ދަތެއް ނެތުމުން ސައްތާރު ބުނިއެއްޗެއް އީތަންއަށް ވަހުމު ވީވެސް ކިރިޔާއެވެ.

      "ސައްތާރުބެ ބަލިވެ އުޅޭކަން އެނގުނީމަ ދެކެލަން ވަނީ. އީތަން މަށަކީ. ސައްތާރުބެއަށް މަ އެނގޭނެ. މުރުޝިދާއާއި އާރިފްގެ ދަރިއެއް މަށަކީ. ދެން މީ މަ އަންހެނުން."

     ސައްތާރު އަތްދިއްކޮށްގެން އޮތުމުން އީތަން އެއަތުގައި ހިފައިފިއެވެ. އަދި ޕަރީގެ އަތް ގެނެސް ސައްތާރުގެ އަތުތެރެއަށް ލައިދީފިއެވެ. މަޑުމަޑު ފިނި އެ އަތްތިލައިގައި އަތް ޖެހުމާއެކު ސައްތާރަށް ލިބުނީ ވަރަށް ބޮޑު ސިހުމެކެވެ.

      "ސާރާ."

      ސައްތާރު ޕަރީގެ އަތަށް ބާރަށް ފިއްތާލީ ތެޅިގަންނަމުންނެވެ. އަވަސް އަވަހަށް ސައްތާރު މަސައްކަތް ކުރީ އެނދުގެ ކޮޅުގައި އޮތް އައިނު ނަގާށެވެ. ސައްތާރަށް އެހާ އަވަހަށް އެނގުންވެެގެން ދިއުމުން އީތަން ހަތަރު އުދަރެސް ފެނުޖެހިގެން ހިނގައްޖެއެވެ. އަވަސް އަވަހަށް އީތަން ހިފީ ޕަރީގެ އަތުގައެވެ.

     "މަށަށް ހީވަނީ އަހަރެމެން މިތަނުން ދާންވީހެން."

     ކަންބޮޑުވެފައި އީތަން ބުނީ ޕަރީއަށް އެކަނި އަޑު އިވޭވަރަށެވެ. ނަމަވެސް ސައްތާރު އޮތީ ޕަރީގެ އަތުން ދޫކޮށްނުލަން ބާރަށް ހިފަހައްޓައިގެންނެވެ. ލޯބިވާ ބައްޕަގެ އަތުން ދޫކޮށްލަން ޕަރީވެސް ބޭނުމެއް ނުވިއެވެ. މިއީ މިފަދަ ގޮތަކަށް ޕަރީ ބައްޕައާ ބައްދަލުވި ފުރަތަމަ ފަަހަރެވެ.

     "ޕަރީ ހެޔޮނުވާނެ މީހަކު ނާންނަނީސް ހިނގާ މިތަނުން."

     "ބައްޕައާ ވާހަކަ ދައްކާލަން އަހަރެން ބޭނުން."

     އީތަންއާއެކު ދާން ބޭނުން ނުވާތީ ޕަރީ ބުނެލިއެވެ. ޕަރީ ގޮތްދޫނުކުރާނެކަން އެނގުމުން ޕަރީދެކެ އީތަން އައީ ރުޅިއެވެ. ނަމަވެސް ސައްތާރުގެ އަތުގައި ދެއަތުން ހިފާލަމުން ޕަރީ އިށީނީ ސައްތާރުގެ ކައިރީގައެވެ. ތުރުތުރު އަޅާއަތުން އައިނު ނަގައި ލޮލުގައި އަޅާލަމުން ވަޅުވަދެފައިވާ ދެލޮލުން ސައްތާރު ރީތިކޮށް ބަލާލީ ޕަރީގެ މޫނަށެވެ. ފެންނަން ހުރީ ޕަރީގެ ދެލޮލެވެ. އެދެލޯ ފެނުމާއެކު ސައްތާރަށް އައީ ހަމަހިމޭންކަމެކެވެ. އެއީ ސާރާ ނޫންކަން އެންެމެ ހިނދުކޮޅަކުން ސައްތާރަށް އެނގިއްޖެއެވެ. ސާރާގެ ރީތި ރީތި ދެލޮލުގެ ކުލައަކީ ފެހިކުލައެވެ. މުސްކުޅިވެ ތަންމަތިވެފައި ވީކަމަކު ސާރާގެ އެރީތި ދެލޯ ދުވަހަކު ވެސް ސައްތާރު ހަނދާނެއް ނުނެތޭނެއެވެ. ސައްތާރު ދެލޯ ބޮޑުކޮށްގެން ބަލަން އޮތްގޮތް ފެނުމުން ނޭވާ ހިފަހައްޓާލައިގެން އީތަން ހުރީ ސައްތާރު ދެން ބުނެފާނެ އެއްޗަކާ މެދު ކަންބޮޑުވެފައެވެ.

     "ތީ ކޮންކުއްޖެއް.؟މަންޖެ ސާރާ ދުށިންތަ.؟"

     ސައްތާރު ސުވާލުކޮށްލީ ކަޅިވެސް ޖަހާނުލާ ޕަރީގެ ދެލޮލަށް ބަލަމުންނެވެ. އެއީ ސާރާ ނޫނަސް އެއީ އެ ނަސްލުގެ ކުއްޖެއްކަން ހަމަ ވަގުތުން ސައްތާރަށް އެނގިއްޖެއެވެ.

      "ކޮން ސާރާއެއްތަ.؟ މީ އިންޑިއާ ކުއްޖެއް. މަ އަންހެނުން މީ. ސައްތާރުބޭ ދެން އަރާމުކޮށްލާ އިނގޭ. އަހަރެމެން ދާން ވެއްޖެ."

      ޕަރީ ސާރާގެ ވާހަކަ ދައްކަން ފެށުމުގެ ކުރިން އީތަން ޕަރީގެ އަތުގައި ހިފަމުން އެގެއިން ނުކުމެއްޖެއެވެ. ނުދާން ގަދަ ހަދާލާފައި ވެސް ޕަރީއަށް މަޖުބޫރުވީ އީތަންއާ އެކު ދާށެވެ.

      "ދެން ދުވަހަކު ވެސް ޕަރީ އޭނައާ ބައްދަލު ކޮށްގެން ނުވާނެ. މަށަށް ޔަގީން އޭނައަށް އެނގިއްޖެ ތީ އިންސާނެއް ނޫންކަން. އޭނަ ނުުހުންނާނެ އެވާހަކަ ނުދައްކާ."

       އީތަން ހުރީ ޕަރީ ގޮވައިގެން އެގެއަށް އާދެވުނު މޮޔަ ހީވެފައެވެ. ނަމަވެސް ލޯބިވާ ބައްޕައާ ފުރަތަމަ ފަހަރު ބައްދަލުވުމުން ޕަރީ ހުރީ ވަރަށް ބޮޑަށް އުފަލުންނެވެ.

      "ބައްޕަ އަދިވެސް މަންމަ ދެކެ ލޯބިވޭ. މަންމަ ހީކުރީ މިހާރު ބައްޕަ މަންމަގެ މަތިން ހަނދާން ނެތިއްޖެ ކަމަށް."

     ޕަރީ އުފާވެފައި ބުނެލިއެވެ.

      "ތީ ހީވާ އެއްޗެއް. ސައްތާރުބެ ލޯބިވިނަމަ ކީއްވެ ދޫކޮށްލާފަ އައިސް އުމުރު ހުސްވަންދެން އެހެން މީހަކާ އިނދެގެން އުޅުނީ."

      އީތަން ދާން ހިނގައިގަތުމުން ޕަރީ އީތަންގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ކުރިއަށް ހިނގައިގެންފިއެވެ.

      "އަހަރެން ބުނަންތަ އެއީ ކީއްވެކަން.؟"

      "ބުނަން ޖެހޭތަ. އަހަރެމެން ދެމީހުން ލޯބިވާ ވަރަށް އެދެމީހުނަށް ލޯބި ނުވެވުނީ. ނޫންނަމަ އެކަކު އަނެކަކާ ނުލާ ކެތެއްނުވާނެ."

      އީތަން އޭނައަށް ވިސްނިފައި އޮތް ގޮތަށް ބުނެލިއެވެ.

     "އެއީ މުސްކުޅިވާނީ ބައްޕަ އެކަނި. މަންމަ މުސްކުޅިއެއް ނުވާނެ."

     ޕަރީ ހީލަމުން ދިން ޖަވާބުން އީތަންގެ ފިޔަވަޅަށް ދިޔައީ ހުއްޓުން އަރައިގެންނެވެ. ބޭއިހުތިޔާރުގައި އީތަންއަށް ބަލާލެވުނީ ޕަރީގެ މޫނަށެވެ.

     "ތިބުނީ.؟"

     އީތަންއަށް ވެގެން ދިޔަ ގޮތް ފެނުމުން ޕަރީއަށް ދޫކޮށްލެވުނީ ފިނި ނޭވާއެކެވެ.

     "އަހަރެމެންގެ އެންމެ ދިގު އުމުރަކީ ފަސްދޮޅަސް އަހަރު. އެހާ ދުވަސް ވާއިރު ވެސް އަހަރެމެން ތިބޭނީ ޒުވާންކަން މަތީގަ. މަންމަ ބައްޕައާ ދިމާވިއިރު މަންމައަށް ބާވީސް އަހަރު. މަންމައަށް މިހާރު ސާޅިސް އަހަރު ވެއްޖެ. އެކަމަކު ބަލާލާފަ ހީވެސް ނުވާނެ. އެކަމަކު މިހާރު ބައްޕަ ބަލާބަލަ."

     ޕަރީ ދައްކަމުން ދިޔަ ވާހަކައިން ހަމަ ރަނގަޅަށް ވެސް އީތަން ހުއްޓުން އަރައިފިއެވެ. ރޭގަނޑެއްގެ ވަގުތުކަމުން މާ ރީތިކޮށް އެރޭ އީތަންއަށް ސާރާގެ މޫނެއް ނުފެނެއެވެ. ނަމަވެސް އެއީ ޒުވާން އަންހެނެއްކަން އީތަންއަށް ވެސް އެނގުނެވެ. އެހެންކަމަށް ވާނަމަ ޕަރީ އެ ރީތިކަންމަތީގައި ހުއްޓާ އީތަންގެ ސިފަ ބަދަލުވެގެން ދާނެއެވެ. އެންމެ ގިނަ ވެގެންވެސް ދެމީހުންނަށް އެކުގައި އުޅެވޭނީ ޕަރީއަށް ފަސްދޮޅަސް އަހަރު ވާންދެންނެވެ. އީތަން ކަންބޮޑުވެފައި ވާވަރު ފެނުމުން ޕަރީ އީތަންގެ އަތުގައި ހިފާ ކުރިއަށް ދަމައިގެންފިއެވެ.

      "އީތަން މުސްކުޅިވިޔަސް އަހަރެން އީތަންދެކެ އަބަދުވެސް ލޯބިވާނަމޭ. އެއީ މައްސަލައެއް ނޫން."

      "އަހަރެން މުސްކުޅިވާއިރު ޕަރީގެ ސިފައަށް ބަދަލެއް ނާންނަކަން އެހެން މީހުންނަށް ވެސް ފާހަގަ ކުރެވޭނެދޯ. މިއަށް ވުރެން ބޮޑު މައްސަލައެއް ނޯންނާނެ."

      އީތަން ހިތްހަމަނުޖެހިފައި ބުނެލިއެވެ.

      "އެހާ ދުވަސްވުމުގެ ކުރިން އަހަރެމެންގެ ބޮޑު ސިއްރު އެންމެނަށް ފަޅާ އަރާނެ."

      "ތިކަހަލަ ވާހަކަ ނުދައްކާ. މިވީހާ ދުވަހުވެސް މިއުޅުނީނު. އަދިވެސް ސިއްރުކޮށްގެން އުޅެވޭނެ. ޕަރީ އަހަރެންގެ ބަސްއަހައިގެން އުޅޭހާ ދުވަހަކު ހުރިހާކަމެއް ވެސް ދާނީ ރަނގަޅަށް."

       އީތަން ބުނެލީ ޔަގީންކަމާއެކުގައެވެ. އެކަމަކު އެއީ ވާނޭ ކަމެއް ނޫންކަން ޕަރީއަށް އެނގެއެވެ.

      "އިންސާނުންގެ ތެރޭގަ އަހަރެމެންނަށް ނޫޅެވޭނެ. އީތަން ހިނގާ އަހަރެންނާ އެކު."

      ޕަރީ އެރީ އީތަންގެ ކުރިމައްޗަށެވެ.

      "ތިބުނީ.؟"

      "ކޮންމެވެސް ދުވަހަކުން ހާލިދު ހޭލާނެ. އޭނައަށް އޮތީ މަންމަ ފެނިފަ. އަހަރެންނާ މެދު ޝައްކުކުރާ ކޮންމެ މީހަކު މަރާލަން އަހަރެން ބޭނުމެއް ނޫން. އެކަމަކު މިތާ ދިރިއުޅޭނަމަ އަހަރެން ޖެހޭނީ އެކަން ކުރަން. ލޮނުފެނުގަ ނުޖެހި ދެތިން ދުވަސްވެއްޖެނަމަ އަހަރެންގެ މިޒާޖު ބަދަލުވޭ. އަހަރެންގެ ހަންގަނޑު ކުރަކިވޭ. ރުޅިގަދަވޭ. ހިތްހަމަޖެހުމެއް ނުލިބޭ. ބައެއް އިންސާނުންނަކީ ރޭގަނޑު ނިދާ ބައެއް ނޫން. ދަންވަރު އަހަރެން ބޭރުގަ އުޅެނިކޮށް މީހަކަށް ފެނިދާނެތީ އަހަރެން ބިރުގަނޭ. އީތަން ބޭނުންތަ އަހަރެންނާއެކު އުމުރު ދުވަހު އެކުގާ އުޅެން."

       ޕަރީ ވާހަކަ ދައްކަމުން ދިޔައިރު ހީވީ ވަކިގޮތެއް ނިންމައިގެން ހުރިހެންނެވެ.

     "އަހަރެން ބޭނުން ވާތީ ޕަރީ ގެެނެސްގެން މިއުޅެނީ. އެކަމަކު ޕަރީއަށް މިތަނުގަ ދިރިއުޅެވުނަސް އަހަރެންނަށް ކަނޑުގަ ނޫޅެވޭނެދޯ."

      ޕަރީ ދައްކަން މިއުޅޭ ވާހަކައެއް އީތަން އަކަށް ނުވިސްނުނެވެ.

     "ނޫޅެވޭނީ ކަނޑުގަ. އެކަމަކު ފަޅުރަށެއްގަ އުޅެވިދާނެ."

     ޕަރީ ބުނެލީ އުންމީދަކާ އެކުގައެވެ. އީތަން ނިއްކުރިއަށް ރޫއަރުވާލީ ހައިރާންވެފައެވެ.

     "ތިބުނީ ދިރިއުޅެން މަ ފަޅުރަށަކަށް ބަދަލު ވާށޭތަ.؟"

     އީތަންގެ އަޑު ދިޔައީ ބާރުވެގެންނެވެ. އަވަސް އަވަހަށް ޕަރީ ބޯޖަހާލައިފިއެވެ.

     "މޮޔަ ވާހަކަ ނުދައްކާ. މަންމަ ދޫކޮށްލާ…"

     އީތަން ފެށި ވާހަކަ ހުއްޓާލީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ޖީބުން ފޯނު ނަގައި އީތަން ބަލާލިއެެވެ. ގުޅަމުން ދިޔައީ ނުހާއެވެ. ނުހާގެ ނަން ފެނުމާއެކު އީތަންއަށް ބަލާލެވުނީ ޕަރީގެ މޫނަށެވެ. އޭރު އެ ފޯނަށް ބަލާލާފައި ޕަރީވެސް ރުންކުރު ނަޒަރަކުން އީތަންގެ މޫނަށް ބަލާލައިފިއެވެ.

     "ނޭނގެ ކީއްކުރަން ކަމެއްވެސް އެ ގުޅަނީ."

     އީތަންއަށް ފޯނު ކަނޑާލާކަށް ނުކެެރުނެވެ. ޕަރީ ނުރުހޭނެ ވަރު އެނގިހުރެމެ އީތަން ފޯނު ކަންފަތުގައި ޖައްސާލައިފިއެވެ. ޕަރީގެ ދެލޮލަށް ވެރިވެގެން ދިޔައީ އިންތިހާއީ ރުޅިވެރިކަމެވެ. އިތުރަށް މަޑުވެސް ނުކޮށް ޕަރީ ގެއާ ދިމާއަށް ހިނގައިގެންފިއެވެ.

      "ނުހާ ކިހިނެއްވީ.؟"

     އީތަން ސުވާލުކޮށްލީ ޕަރީގެ ފަހަތުން ހިނގައިގަންނަމުންނެވެ.

     "އަހަރެން ނިންމައިފިން އަނާފްއާ ކައިވެނި ކުރަން."

     ހިތްވަރު ކޮށްލަމުން ނުހާ ބުނެލިއެވެ. ނުހާގެ އެ ނިންމުމާ މެދު އީތަން ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ.

     "އަދިކިރިޔާ ނުހާ ސަޅިކޮށް ތިވިސްނަނީ. ކޮންއިރަކުން ކައިވެނި ކުރަނީ.؟"

     އީތަން ސުވާލުކޮށްލިއެވެ.

     "މިރޭ އަނާފްގެ ގެއަށް ދާން ދައުވަތު ލިބިފަ އޮތީ. އަނާފްގެ ދޮންތަވެސް ކައިވެނި ކޮށްގެން ދިރިއުޅެނީ އެގޭގަ. އަނާފްގެ ކުޑަބެ ވެސް އުޅެނީ ކައިވެނި ކުރަން.  އަހަރެން ބުނިން އެންމެނާއެކު އުޅެން އަހަރެންނަށް އަނާފްއާއެކު އެގެއަށް ނުދެވޭނެ ވާހަކަ. ދުވަހެއް ހަމަޖައްސާނީ އެގޮތަށް އަނާފްގެ މައިންބަފައިން ގަބޫލުވެއްޖިއްޔާ."

     "އާނ. ނުހާ އުޅެންވާނީ ތިގޭގަ. އެމީހުން ނުގަބޫލު ވާންެޖެހޭ ސަބަބެއް ނޯންނާނެ. އެގެއަށް ގޮއްސަ އައިސް މަށަށް ގުޅާލާތި."

      އީތަން ބުނެލިއެވެ. ނުހާ ފޯނު ބޭއްވުމުން އީތަން ކުރިއަށް ބަލާލިއިރު ޕަރީ ފެންނާކަށް ނެތެވެ. އީތަން ގޮސް ކޮޓަރިއަށް ވަންއިރު ޕަރީ އިނީ އެނދުގައި އިށީނދެލައިގެންނެވެ. ހިތްހަމަ ނުޖެހުމުގެ ކުލަވަރު ރީތިކޮށް ހުރީ އެ މޫނުމަތިން ފެންނާށެވެ. މޭޒު ކައިރީގައި ހުރި ގޮނޑި ހިފައިގެން އައިސް އީތަން އިށީނީ ޕަރީގެ ކުރިމަތީގައެވެ.

      "ނުހާ އުޅެނީ އަނާފްއާ ކައިވެނި ކުރަން. ދެން މިހާރު އަހަރެން ނުހާއާ ވާހަކަ ދައްކައިގެން ޕަރީ ކަންބޮޑުވާން ޖެހޭވަރުގެ ސަބަބެއް ނެތެއްނު. އެނގޭތަ މިރޭ އަނާފްމެންގެ ގެއަށް އަންނަން ނުހާއަށް ދައުވަތު ދީފަ އޮތީ."

     އީތަން ޕަރީގެ ދެއަތްތިލައިގާ ހިފާލައިގެން އިނދެ ދެއްކިހާ ވާހަކައަކަށް ޕަރީ ދިނީ ބީރުކަންފަތެކެވެ. ޕަރީގެ ކިބައިން މާފަށް އެދެފައި ދެވަނަ ފަަހަރު ނުހާއާ ވާހަަކަ ދައްކަން އީތަންއަށް ކެރިދާނޭ ކަމަކަށް ޕަރީ ހީވެސް ނުކުރެއެވެ.

      "އެއީ މައްސަލައެއް ނޫނޭ. އަހަރެމެން…"

      އިތުރަށް އެ ވާހަކަ އަޑުއަހަން ބޭނުން ނުވާތީ ޕަރީ އެނދުގެ ބިއްދޮށަށް ޖެހި އޮށޯވެ ފުރަގަހަށް އެނބުރިއްޖެއެވެ. ޕަރީއާ ދިމާއަށް ބަލަހައްޓައިގެން އީތަންއަށް އިނދެވުނީ ހައިރާންވެފައެވެ. އީތަން ކޮންމެ ގޮތަކަށް އުޅުނަސް ޕަރީއަށް ވަރިހަމަ ވެފައި ނުހާއާ ވާހަކަ ދެއްކުން އެހާ ބޮޑު މައްސަލައަކަށް ޕަރީ އެހަދަނީ ކީއްވެކަމެއް އީތަންއަކަށް ނުވިސްނުނެވެ. ނުހާއާއި އީތަންގެ މެދުގައިވާ ގުޅުމަކީ ހަމައެކަނި އެކުވެރިކަމުގެ ގުޅުމެވެ. އެންމެން އީތަންއާ އޮތް ގުޅުން ކަނޑާލި އިރުވެސް އީތަންގެ އަތުން ދޫކޮށްނުލާ ހުރި ހަމައެކަނި މީހަކީ ނުހާއެވެ. ނުހާ ނޫނީ ދެލޯ މަރައިގެން ހުރެ އީތަންއަށް އިތުބާރު ކުރި ދެވަނަ މީހަކު ނޫޅެއެވެ. އެންމެ ބާކީވީ ދުވަހު ލޯބިވާ މަންމަވެސް އީތަން ހެދީ ދުނިޔޭގައި ނެތް ދަރިއަކަށެވެ. ނަމަވެސް ހިތްހެޔޮކަމާއި އޯގާތެރިކަމުގެ ނަޒަރުން މެނުވީ ނުހާ އީތަންއަށް ބަލާވެސް ނުލައެވެ. ވީއިރު ޕަރީގެ ހިތްހަމަޖެހުމަށް އީތަން ނުހާއާ ގުޅުން ކަނޑާލަންވީ ކީއްވެ ހެއްޔެވެ. ޕަރީ ނުރުހެން ޖެހޭވަރުގެ އެއްވެސް ގުޅުމެއް އެދެމީހުންގެ މެދަކު ނެތެވެ. ފުންނޭވާއެއް ދޫކޮށްލަމުން އީތަން ނުކުތީ ގެއިން ބޭރަށެވެ. އިއްތިފާގަކުން އީތަންއަށް ނުުކުމެވުނީ ޒިދާނާއި އެގުރޫޕު ރާމިޒުގެ ކުރިމައްޗަށެވެ. ތިން މީހުން އެކުގައި ގޮސް އިށީނީ މަގުމަތީގައި ހުރި ޖޯލިފަތީގައެވެ.

     "ކަލޭ ސިގިރޭޓު ބުއިން ވެސް ހުއްޓާލީތަ.؟"

     ޒިދާނު ސިގިރޭޓެއް ނަގާ އީތަންއަށް ދިއްކޮށްލަމުން އަހާލިއެވެ.

    "ނޫނޭ. އެކަމަކު ކުރިން ބޯވަރަކަށް ނުބޮން."

    އީތަން އޭގައި ހިފީ މިވަގުތު ބޯހަމަޖައްސާލަން ބޭނުންވެފައި ހުރިވަރު ބޮޑުކަމުންނެވެ.

ނުނިމޭ. 

    

    

     

      

   

    

     

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު