އަތްގަނޑުގައި އުނގުޅިފައި ހުރި ރަތްކުލައިގެ އެއްޗެއް ފެނުމުން މުރުޝިދާ ރީތިކޮށް އެއަށް ބަލާލައިފިއެވެ. ހިކިފައި އެހެރީ ލޭކަން މުރުޝިދާއަށް ޔަގީންވީ އޭގެ ވަސް ނޭފަތުގައި ޖެހުމުންނެވެ.
"ޕިސްޕިސް މީހުނަށް ދުއްތުރާކުރަން މި ނޫންކަމެއް ކުރަކަށް ހަމަ ނޭނގުނުތަ؟. ހެޔޮވާނެތަ މިކަހަަލަ ޖެއްސުންކުރަން. ޔަގީނޭ އެއުޅޭ ލާމިއުމެންގެ ކަމަކަށް މިވާނީ."
މުރުޝިދާ އައި ރުޅިމަތީގައި ހުރެ ބާރަށް ހިނގާފައި ގޮސް ވަނީ ބަދިގެއަށެވެ. ފެންތެއްޔަކާއި ފޮތިގަނޑެއް ހިފައިގެން އައިސް ހަޑިވެފައި ހުރި ތަންތަން ސާފުކުރަމުން ދިޔައިރު ވެސް މުރުޝިދާ ދިޔައީ ލާމިއުމެންނާ ދިމާއަށް އެއްޗެހި ކިޔަމުންނެވެ. އޮޅިގަނޑުގެ މަތީގައި ހުރި ލޭގެ ދެ ފިޔަވަޅު މުރުޝިދާއަށް ފެނުނީ އަދި މާ ފަހުންނެވެ. ދެފިޔަވަޅު ފެނުމާއެކު ދެން މުުރުޝިދާގެ ހަނދާނާ ކުޅެލީ ޕަރީއެވެ. ރޭ ދަންވަރު އެތަނުގައި އުޅުނީ ޕަރީއެވެ.
"މަންމާ ތީ ކޮންކަމެއް.؟"
ފާއިޒާ ކޮޓަރިން ނުކުތީ ޒާން ގޮވައިގެންނެވެ. މުރުޝިދާ އޮޅިމަތި ދޮންނަން ފެން އަޅައިގެން އުޅޭތަން ފެނުމުން ފާއިޒާ ސުވާލުކޮށްލިއެވެ.
"ތަޅުގަ ލޭ އުނގުޅާފަ ހުރީ. އޮޅިމަތީގަ ވެސް ހުރީ ލޭ. މަންމައަށް ހަމަ ޔަގީނޭ އެއުޅޭ ލާމިއުމެން މަންމައަށް ޖެއްސުންކުރަން ކޮށްފަ ހުރި ކަމަކަށް މިވާނީ."
ޕަރީ ބޭރުގައި އުޅުނަސް އެތަނުގައި ހުރި ލެއާއި ޕަރީއާ ގުޅުމެއް ނޯންނާނެކަން މުރުޝިދާއަށް އެނގެއެވެ.
"ރީމްމެންގެ ގޯތިތެރޭގަ އެބައޮތް ވަރަށް އަނިޔާކޮށް މަރާލާފަ އޮތް ބުޅަލެއް ވެސް. ރީމް ބުނީ ރޭ ދަންވަރު ބުޅާތަކެއް ތަޅައިގަނެގެން އުޅުނު އަޑު އިވުނޯ. އެކަމަކު މަށަކަށް ހީނުވޭ އެއީ އެހެން ބުޅަލެއްގެ ކަމެއް ހެނެއް."
ރީމް ވައިބާރ ގުރޫޕަށް ފޮނުވާފައި ހުރި ފޮޓޯތަށް ފާއިޒާ ދައްކާލީ މުރުޝިދާއަށެެވެ. އަނިޔާވެރިކޮށް މަރާލާފައި އޮތް ބުޅާ ފެނުމުން އެންމެ ފުރަތަމަ ވެސް މުރުޝިދާ ހަނދާނާ ކުޅެލީ ހާލިދެވެ.
"ހާލިދަށް ވެސް ހަދާލާފަ އޮތީ މިކަހަަލަ ގޮތެއް."
"އާނ. ޝަހުމާ ބުނީ އޭނަ ބައްޕައަށް މިއެއްޗެހި ދައްކާލީމަ އޭނަ ބައްޕަ ވެސް ބުނީ ހާލިދުގެ ވާހަކައޯ. އަނެއްކާ ހާލިދަށް ހަމަލާދިން ޖިންނި މިރަށަށް އެރީކީ ނޫންބާ.؟"
ފާއިޒާގެ ސުވާލަށް މުރުޝިދާއަށް ދޭނޭ ޖަވާބެއް ނޭނގުނެެވެ. އިތުރު އެއްޗެއް ނުބުނެ އޮޅިމަތި ސާފުކޮށްލުމަށް ފަހު މުރުޝިދާ ގޮސް ވަނީ ކޮޓަރިއަށެވެ.
ފުންނިންޖެއްގައި އޮތް އީތަން މޯޅިއަކަށް ދެމިލަމުން ލޯ ހުޅުވާލިއިރު އަށެއް ޖަހައި ބޮޑުވެއްޖެއެވެ. އީތަންގެ މޭގައި ބޯ އަޅާލައިގެން އޮތް ޕަރީ ލޯމަރާލީ އީތަން ހޭލުމުންނެވެ. ޕަރީ ފެނުމުން އީތަންގެ ހިތަށް ލިބުނީ ފިނިކަމެކެވެ. ރޭ އީތަންއަށް ނިދުނީ ޕަރީގެ އިންތިޒާރުގައި ހުންނަތާ އެތަށްއިރެއް ވީފަހުންނެވެ. ޕަރީގެ ނިއްކުރީގައި ބޮސް ދިނުމަށް ފަހު އީތަން ލޯބިން ފިރުމާލީ ޕަރީގެ މޫނުގައެވެ.
"މަށަށް އެނގޭ ހޭލާކަން ތިއޮތީ. ރޭ ޕަރީ ލަސްވެގެން ފަހުން ޕަރީ ހޯދަންވެސް މަ ދިޔައިން. ދެން ހިތަށް އެރީ މަށަށް ނޭނގި ގެއަށް ވެސް އައިސްދާނެއޭ. ޕަރީގެ އިންތިޒާރުގަ އޮއްވާ މަށަށް ނިދުނީ."
އީތަން ވާހަކަ ދައްކަން ފެށުމުން ޕަރީ ލޯހުޅުވާލަމުން ބަލާލީ އީތަންގެ މޫނަށެވެ.
"ރޭ އަހަރެން ދިޔައީ މާލެ ކައިރިއަށް."
އީތަން ބިރުގަންނުވާލުމުގެ މަގުސަދުގައި ޕަރީ ބުނެލިއެވެ. އީތަންގެ މޫނުމަތީގެ ކުލަވަރު ދިޔައީ ބަދަލުވެގެންނެވެ. އެންމެ ފުރަތަމަވެސް އީތަންގެ ހަނދާނާ ކުޅެލީ ނުހާއެވެ. ކަންބޮޑުވެފައި އީތަން ތެދުވެ އިށީނދެއްޖެއެވެ.
"މާލެ ކައިރިއަށް ދިޔައީ ކީއްކުރަން.؟"
އީތަންއަށް ވެގެން ދިޔަގޮތުން ޕަރީ ދެފައި ވަށްކޮށްލަމުން އީތަންގެ ކުރިމަތީގައި އިށީނދެއްޖެއެވެ.
"ކަންބޮޑުނުވޭ. އަހަރެން އޭނައަށް އެއްވެސް ގޮތެއް ނަހަދަން. އެކަމަކު ކޮންމެ ފަހަރަކު ދުލެއް ވެސް ނުކުރާނަން."
ޕަރީ ހިތުތެރޭ އަދަމުން ދިޔަ ނަފުރަތުގެ އަލިފާންގަނޑު އީތަންއަށް ފޮރުވައިގެން ޕަރީއަކަށް ނީނދެވުނެވެ.
"ބުނަން. މިހާރު މަ އަތުގަ ފޯނެއްވެސް ނެތް. އެހެންވީމަ ތި…"
އީތަންގެ ޖުމްލަ މެދުކެނޑިގެން ދިޔައީ އެއްލި ކަޅިއަކުން މުށިތަށްމަތީގައި ހުރި ލޭގެ ފިޔަވަޅުތަށް ފެނުމުންނެވެ. ސިހިފައި އީތަން ކޮޅަށް ތެދުވެއްޖެއެެވެ. ކުޑަދޮރާއިއެކު ފާހާނައިގެ ދޮރާ ހަމައަށް ލޭގެ ފިޔަވަޅުތަށް އެހެރީ ހިކިފައެވެ.
"ޕަރީ މީ ކޮންކަމެއް.؟"
އީތަންގެ އަޑު ދިޔައީ ބާރުވެގެންނެވެ. އެދިމާއަށް ބަލާލާފައި ޕަރީ މޫނު އަނބުރާލީ ދުރަށެވެ. އީތަންއަށް ޖަވާބު ދިނުން ޕަރީއަށް މުހިންމެއް ނުވެއެވެ.
"ޕަރީ. މީ.. މީ ކާކުގެ ލެއެއް. ރޭ ކިހިނެއް ހަދާފަ ޕަރީ ތިއައީ."
ހިތަށް އަރައި ފައިބަން ފެށި ވަސްވާސްތަކުން އީތަންގެ މޭގަނޑު ނެގިނެގިފައި ޖެހެން ފަށައިފިއެވެ. އީތަން ކަންބޮޑުވެފައި ޕަރީގެ މޫނުގައި ހިފައި އަވަސް އަވަހަށް އޭނާއާ ދިމާއަށް އަނބުރާލައިފިއެވެ. ޕަރީ ރުޅި އައިސްފައި އެއަތް ފޮޅުވާލައިފިއެވެ. އީތަން ޕަރީގެ އަތުގައި ހިފައި ނަގައި ކޮޅަށް ޖެހިގޮތުން ޕަރީ އީތަންގެ މޫނަށް ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ.
"އަހަރެން މިދައްކާ ވާހަކަ އަޑެއް ނީވޭތަ.؟"
"ތީ އަހަރެންދެކެ ކުރިން ލޯބިވި އީތަންއެއް ނޫން."
ޕަރީ އަތްދަމައިގަންނަމުން ދަތްވިކާލައިފިއެވެ.
"މީ ކާކުގެ ލެއެއްކަން ނޭނގިގެން މިއުޅެނީ. މިރަށުން ރޭ ޕަރީ އަތްދަށުވީ ކާކުކަން ނުބުނަން އުޅޭއިރު ވެސް މަ ވީ ލޯބިން ޕަރީ ގައިގާ ފިރުމަންތަ."
"ތީ އަހަރެން ގެއްލިދާނެތީ އަހަރެން އެކަނި ބޭރަަށް ނުފޮނުވަން އުޅުނު އީތަންއެއް ނޫން. ތީ އަހަރެންނާއެކު އެރަށުގަ އުޅުނު އީތަންއެއް ނޫން. އިންސާނުންނާއެކު އުޅޭހާ ހިނދަކު އަހަރެމެންނަށް ހަމަޖެހިލައިގެން ނޫޅެވޭނެ. ހަމައެކަނި އަހަރެންދެކެ ލޯބިވާ އީތަން އަހަަރެންނަށް ލިބުނު ދުވަހަކުން އަހަަރެން އީތަން ބުނިހާގޮތެއް ހަދައިގެން އުޅޭނަން."
އީތަންއަަށް ރައްދު ދިނުމަށް ފަހު ޕަރީ ދެފަޔަށް ބާރުލަމުން ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ.
"ޕަރީ އަދިވެސް ނުބުނަމެއްނު މީ ކާކުގެ ލެއެއް ކަމެއް. ރޭ ކާކު މަރާލާފަ އައިސް ތިއުޅެނީ."
އީތަން ދެއަތް އެޅީ ބޮލުގައެވެ. ޕަރީ އަޑުއިވުނު ކަމަށްވެސް ނަހަދައި ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޭރަށް ނުކުމެގެން ހިނގައްޖެއެވެ. ބާރަށް ހިނގާފައި ގޮސް އީތަން ކޮޓަރީގެ ދޮރު ޖަހައި ތަޅުލައިފިއެވެ. އެއަށްފަހު އީތަން އަވަސްވެ ގަތީ މުށިތައްމަށްޗާއި ކުޑަދޮރުގައި ހުރި ލޭތަށް ސާފުކުރާށެވެ. ޓީޝާޓެއް ހިފައިގެން ފާހާނައަށް ވަން އީތަންގެ ލޮލުގައި އެންމެ ކުރިން އަޅައިގަތީ ސިންކުތަށީގެ ތެރެއަށް ލާފައި އޮތް ޕަރީގެ ފެހިކުލައިގެ ހެދުމެވެެ. އެހެދުން ލެއިން ކަޅިވެފައި އޮތްތަން ފެނުމުން އީތަން ހަތަރު އުދަރެސް ފެނުޖެހިގެން ހިނގައްޖެއެވެ. ޕަރީގެ އަތްދަށުގައި ރޭ މީހަކު ވިނަމަ މިހާރު މުޅި ރަށަށް އޮންނާނީ އެވާހަަކަ ފެތުރިފައެވެ. ގޭތެރޭގައި ހުރި ލޭތަށް ސާފުކުރަމުން ދިޔައިރު އީތަންގެ އަތް ބިރުން ތުރުތުރު އަޅަމުން ދިޔައެވެ. ޕަރީގެ ސަބަބުން އެއްވެސް އިންސާނަކަށް އަނިޔާއެއް ލިބެން އީތަން ބޭނުމެއް ނޫނެވެ. ޕަރީގެ އަތުން އަނިޔާ ދިންކަމުގައި ވިޔަސް އެފަދަ ކަމެއް ވެއްޖެނަމަ އީތަންއަށް ކުށްވެރި ކުރެވޭނީ އަމިއްލަ ނަފުސެވެ. ޕަރީއަކީ ކާކުކަން އެނގިހުރެ އެރަށަށް ޕަރީ ގެނައީ އީތަންެެއެވެ. ހުރިހާ ގޮތަކުން ބެލިނަމަ ވެސް އީތަން ކުށްވެރި ނުވާނޭގޮތެއް ނޯންނާނެއެވެ. ހާލިދަށް އެއަނިޔާ ދިން މީހަކު އީތަންއަށް އެނގޭކަން ވެސް އޭރުން އޮންނާނީ ބޭޒާރުވެފައެވެ. ލޭގެ ހުރިހާ ނިޝާނެއް ފިލުވާލައި ޕަރީގެ ހެދުން ވެސް ދޮވެ ފާހާނަތެރޭގައި ހިއްކަންއެޅުމަށް ފަހު އީތަން ބޭރަށް ނުކުތްއިރު ޕަރީ ހުރިހާ ކުދިން އެއްކޮށްލައިގެން ސޯފާގައި އިނެވެ. ހީނހީނފައި ޕަރީ އެކުދިންނާ ވާހަކަ ދައްކަމުން ދިޔައިރު ޕަރީ މީހަކަށް ކަމެއް ކޮށްގެން އުޅޭހެން ހީވެސް ނުވެއެވެ. އެކުދިންގެ ތެރެއިން ޒީނިއާ ފެނުމުން އީތަންއަށް ލިބުނީ ހައިރާންކަމެކެވެ. އެތަނުގައި އިށީނދެލައިގެން ޝަހުލާގެ ދޮށީ ދެދަރިން ރިހާންއާއި ރީހާން ވެސް ތިއްބެވެެ. އެކުދިން ފެނުމުން އީތަން ދިޔައީ ދެލޯ ބޮޑުވެގެންނެވެ. ބަދިގެ ތެރެއިން ވާހަކަ ދައްކާ އަޑު އިވޭތީ އީތަން އަވަސް އަވަހަށް ގޮސް ހުއްޓުނީ ބަދިގެ ދޮރުމަތީގައެވެ. ބޮލުގައި ދެއަތް އަޅައިގެން ޝަހުލާއިނެވެ. ރޮއެރޮއެ ޝަހުލާގެ ދެލޮލާއި މޫނު ވަނީ ރަތްވެފައެވެ. ޝަހުލާގެ ބުރަކަށީގައި ފިރުމާލަ ފިރުމާލާ މުރުޝިދާ އިންއިރު ފާއިޒާއާއި ޝާޔާ ތިބީ ދެއަތް އުރާލައިގެން ދުރުގައެވެ. ނިޒާރު ޝަހުލާ ވަރިކޮށްލާފައި ފޮނުވާލީކަން އެހާވަރުން އީތަންއަށް ޔަގީންވެއްޖެއެެވެ. އެއްކަމަކުން ސަލާމަތް ނުވެވިގެން އުޅެނިކޮށް އަނެއްކަމެއް ލައިގަތީއެވެ. އެތެރެއަށް އެޅި ފިޔަވަޅު ބޭރަށް އެޅުމަށް ފަހު އީތަން އުޅުނީ މުރުޝިދާއަށް ފިލާށެވެ.
"އީތަން."
އީތަން ފެނުމާއެކު މުރުޝިދާ އިންތަނުން ތެދުވީ ބާރަށް ގޮވައިލަމުންނެވެ. އެއަޑަށް ޕަރީވެސް ބަލާލައިފިއެވެ. އީތަންއަށް މަޖުބޫރުވީ ހުއްޓޭށެވެެ. ބޯކަހާލަމުން އީތަން ފަސް އެނބުރި ބަލާލިއިރު މުރުޝިދާ އައިސް އީތަންގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. އޭރު ރުޅި އައިސް ރަތްވެފައި ޝަހުލާ އީތަންގެ މޫނަށް ބަލަން ހުއްޓެވެ.
"ކީކޭ ޝަހުލާ މިކިޔަނީ. ކިތަށް ފަހަރު މަންމަ ބުނިން އެގެއަަށް ނުދާށޭ."
މުރުޝިދާގެ އަނގައާއެކު އަތްވެސް އިސްވެއްެޖެއެވެ. ފާއިޒާ ގޮސް ހުރިހާ ކުދިން ގެންގޮސް ކޮޓަރިއަށް ވައްދައި ދޮރުޖަހައިފިއެވެ. މުރުޝިދާ އެއްޗެހި ކިޔަމުން ރޯންފެށުމުން ޝާޔާ އައިސް މުރުޝިދާ އީތަންއާ ދުރުކޮށްފިއެވެ. އީތަން އަނގައިން ވެސް ނުބުނެ އިސްޖަހައިގެން ހުއްޓެވެ.
"މިގޭތެރޭގަ ތިންދަރިން ގޮވައިގެން ޝަހުލާ އުޅޭނެ ގޮތެއް ބުނެބަލަ. ރަނގަޅަށް ކިޔަވަ ކިޔަވައި ތިބި ދެކުދިން ސުކޫލުން ކަނޑާލައިގެން އެއައީ. ހެޔޮވާނެތަ އެހެން ހަދަން."
"އީތަން ކުރިކަމަކުންނެއް ނޫނޭ ވަރިކޮށްލާފަ އެހެރީ. މީނަ ޖެހޭތަ ފާޑުފާޑު ގޮތްގޮތަށް ތެޅެން ނަޒީރުބެއާ އިނދެގެން ހުރެ."
އީތަން ބަހެއް ނުކިޔައި ހުރުމުން ފާއިޒާ އައިސް ހިފީ އީތަންއާ އެއްކޮޅަށެވެ. ޝަހުލާ އިންތަނުން ތެދުވީ ދެބުމަ ގޮށްޖަހައިގެން ހުރެއެވެ.
"ބޮޑުކޮށްލާފަ ދެއްކީ މީގެ ދިހަ އަހަރު ކުރީގެ ވާހަކައެއް. އިންސާނަކަށް ކުށެއް ކުރެވިދާނެ. ޑިއެންއޭ ހަދައިގެން ވެސް ސާބިތުވީ ޒީނިއާއަކީ ނަޒީރުގެ ދަރިއެއްކަން. އެކަމަކު މަ އުފަލުގަ އުޅޭތީ ހަސަދަލައިގެން މިކަލޭގެ އުޅޭތާ ލައްކަ ދުވަސްވެއްޖެ."
"ހަސަދަ ލައިގެން އުޅެނީ ކަލޭ. ކަލޭ ކީއްވެތަ އީތަން މަރާލަން މޫސަމެން ފޮނުވީ.؟"
ޕަރީ ދަތްވިކާލަމުން ހިނގައިގަތީ ޝަހުލާއާ ދިމާއަށެވެ. އެންމެންގެ ނަޒަރު ހުއްޓުނީ ޕަރީގެ މޫނަށެވެ. ދެލޯ ވަަށްކޮށްލައިގެން ހުރި ޕަރީގެ މޫނުމަތިން ފެންނަން ހުރީ އާދަޔާހިލާފު ކުލަވަރެެކެވެ. އީތަންގެ ހިތުގެ ތެޅުން ދިޔައީ ބާރުވެގެންނެވެ.
"ކަލޭ ކީއްވެ އަހަރެންެގެ ވީޑިއޯ އެންމެނަށް ދެއްކީ. ކަލޭ ޝުކުރު ކޮށްބަލަ އީތަން ކަލޭ ދޫކޮށްލާފަ ހުރީތީ. ކަލޭ ތީ އީތަންގެ ދައްތަ ނޫންނަމަ…"
"ޕަރީ."
އީތަން ގޮވައިލުމާއެކު ޝަހުލާއާ ދިމާއަށް ދިޔަ ޕަރީ ހުއްޓިއްޖެއެވެ.
"އާދޭ މިކޮޅަށް."
ބާރަށް ހިނގާފައި ގޮސް އީތަން ހިފީ ޕަރީގެ އަތުގައެވެ. ރުޅި އައިސް ރަތްވެފައި ޕަރީ އެއަތް ފޮޅުވާލައިފިއެވެ.
"ކުށްވެރިޔާ ކުށްވެރިއަކަށް ނަހަދާ ބައެއް ތީ. އަދަބު ދޭން ނުކެރޭ ބައެއް. ކުށްކުރާ މީހުން ދިފާއު ކުރާ ބައެއް."
"ވަދޭ ކޮޓަރިއަށް."
އީތަން އަޑުބާރުކޮށްލީ ކޮޓަރިއާ ދިމާއަށް އިނގިލި ދިއްކޮށްލަމުންނެވެ. ރުޅިގަދަވެގެން މައި ނޭވާ ލެވިލެވި ހުރި ޕަރީ ބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ދެލޯ ބޮޑުކޮށްގެން ޝަހުލާ އެމަންޒަރު ބަލަން ހުއްޓެވެ. ޕަރީއަށް ވެފައި ހުރިގޮތް ފެނުމުން ޝަހުލާ ކޮންމެވެސް ވަރަކަށް ބިރުވެސް ގެންފިއެވެ. ނަމަވެސް އެއަށް ވުރެން ބޮޑަށް ޝަހުލާ ވީ ހައިރާނެވެ. މީގެ ދުވަސްކޮޅެއް ކުރިން ޕަރީއާ ދިމާވިއިރު އެއީ ރަނގަޅަށް ދިވެހި ދެބަސް އެއްކޮށްގެން ކިޔަން ނޭނގޭ އަންހެނެކެވެ. ވީއިރު މިހާ އަވަހަށް ދިވެހި ބަހަށް އެހާ ފަރިތަވީ ކިހިނެއް ހެއްޔެވެ. ޕަރީގެ އެއަމަލުން ހަައިރާންވީ ހަމައެކަނި ޝަހުލާއެއް ނޫނެވެ. މުރުޝިދާ ވެސް ހުރީ ބަސްހުއްޓިފައެވެ. އެމީހުންގެ މެދަށް ވެރިވެގެން ދިޔަ ހިމޭންކަން ނަގާލީ އީތަންއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އީތަން ގޮސް ހިފީ މުރުޝިދާގެ އަތުގައެވެ.
"މަންމަ ކަންބޮޑުނުވޭ. އިރުއޮއްސުމުގެ ކުރިން ޑުރެކިއުލާ މާލެ ގެންދަން ނަޒީރު ގުޅާނެ. އަހަރެން ވައުދުވަން. ރިހާންމެންގެ ކިޔެވުން ހަލާކުވެގެން ދިޔަ މަށެއް ނުދޭނަން."
އީތަން މަސައްކަތް ކުރީ މުރުޝިދާއަށް ވިސްނައިދޭށެވެ. މުރުޝިދާ އީތަންގެ އަތްފޮޅުވާލާފައި ގެއިން ނުކުމެގެން ހިނގައްޖެއެވެ. މުރުޝިދާ ދިއުމުން އީތަން ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ.
"މީހުން ބުނަނީ ހަމަ ރަނގަޅަށް. ލަނޑަޔާ ވާނީ ލަނޑަޔާ. ބަލާލަން ރީތި އަންހެނެއް އެއީ. އެކަމަކު އޭނާގެ އަޑި ނުބައިކަން މިހާރުވެސް މަށަށް އެނގިއްޖެ. ހަމަ ކަލޭ ކަހަލަ އަންހެނެއް އެއީ."
ޝަހުލާގެ މަލާމާތާއި ފުރައްސާރައަށް އީތަން އިހުތިޔާރުކުރީ ހަނުހުރުމެވެ. އީތަން ގޮސް ކޮޓަރިއަށް ވަދެ ދޮރުޖަހައިފިއެވެ. އޭރު ގޮނޑިއަށް ދެފައި ނަގައިގެން ދެކަކުލުުގައި އަތްއަޅުވައިގެން ޕަރީ ޑުރެސިންގު ޓޭބަލް ކުރިމަތީގައި އިނެވެ. އިންސާނުންގެ ތެރޭގައި އަމިއްލަ ނަފުސު ކޮންޓުރޯލުކޮށްގެން އުޅުން ޕަރީއަށް ވެފައި ވަނީ ބޮޑު މުސީބާތަކަށެވެ. އީތަން ގޮސް އިށީނީ އެނދުގައެވެ. ބާރަށް ހިނގާފައި ގޮސް ޕަރީ ހުއްޓުނީ އީތަންގެ ކުރިމަތީގައެވެ.
"އޭނަ ފެންނަހިސާބުގަ ހުރިއްޔާ އަހަރެންނަށް ކެތްކޮށްލައިގެން ނުހުރެވޭނެ."
ޕަރީ އަދިވެސް ރުޅިމަޑެއް ނުވެއެވެ. އިސްއުފުލާލަމުން އީތަން ބަލާލީ ޕަރީގެ މޫނަށެވެ.
"ކޮންމެ ކުށަކަށް މަރުގެ އަދަބު ދިނުމަކީ އަހަރެމެންގެ ތެރޭގަ އޮންނަކަމެއް ނޫން."
"އެހެންވެ ބޭނުންހާ ގޮތަކަށް އެއުޅެނީ.އީތަން އަހަރެމެންނަށް ހަމަޖެހިލައިގެން އިންސާނުންނާއެކު ނޫޅެވޭނެ. އަަހަރެމެން އެރަށުގަ އުޅުނީ ކިހާ ލޯބިން. ކިހާ ހިތްހަމަޖެހިގެން."
ޕަރީ މަސައްކަތް ކުރީ އީތަންއަށް ވިސްނައިދޭށެވެ. އީތަންގެ ބޮލަށް ވެގެން ދިޔައީ އިތުރު އުދަގުލެކެވެ. ޕަރީ އެ އެދޭގޮތަށް ޕަރީ ގޮވައިގެން ގޮސް ފަޅުރަށެއްގައި ދިރިއުޅުމަކީ އީތަންއަށް ކުރެވޭނޭ ކަމެއް ނޫނެވެ. ނަމަވެސް އެވަރު ޕަރީއަށް ވިސްނައިދޭން އުޅެގެން ވާނޭ ފައިދާއެއް ވެސް ނެތެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެ އީތަން ގޮސްވަނީ ފާހާނައަށެވެ. އީތަން ޖަވާބެއް ނުދިނުމުން ހުރި ފިޔަވަޅު މަތީގައި ހުއްޓިގެން ޕަރީ ހުއްޓެެވެ. މަތި ހަދާލައިގެން އީތަން ނުކުތް އިރުވެސް ޕަރީ ހުރީ އެތަނުގައެވެ. ތުވާލިން މޫނު ފޮހެލަމުން އީތަން ގޮސް ހުއްޓުނީ ޑުރެސިންގު ޓޭބަލްގެ ކުރިމަތީގައެވެ.
"އަހަރެމެން ކޮންއިރަކުން ފަޅުރަަށަށް ބަދަލުވާނީ.؟"
އީތަން އެއްޗެއް ނުބުނުމުން ޕަރީ ސުވާލުކޮށްލިއެވެ.
"ޕަރީގެ މައްސަލައަކީ ނުހާއެއްނު. އަަހަރެން ދެން ފޯނެއް ނުގަންނާނަން. އެހެންވީމަ ނުހާއާ ވާހަަކަ ދެއްކޭނެ ގޮތެއް ނޯންނާނެ. ޑުރެކިއުލާ ދެދުވަހެއްގެ ތެރޭގަ މާލެ ފޮނުވާލާނަން. އަހަރެންނަށް މަންމަ ދޫކޮށްލާފަ ގޮސް ފަޅުރަށެއްގަ ގެ އަޅައިގެން އާއިލާއާ ވަކިން ނޫޅެވޭނެ. އަހަރެންދެކެ ލޯބިވަންޏާ މިތަނުގަ ދިރިއުޅެން ޕަރީ ދަސްކުރޭ."
އީތަން ދިނީ ޕަރީ އުންމީދު ކުރިފަދަ ޖަވާބެއް ނޫނެވެ. އީތަންގެ މޫނަށް ބަލަން ޕަރީ ހުރީ ރުންކުރު ނަޒަރަކުންނެވެ. ޕަރީއަށް ވިސްނައި ދީދީ އީތަން ވަރުބަލިވެއްޖެއެވެ. ދައްކާނެ އިތުރު ވާހަކައެއް ނެތުމުން އީތަން ނުކުމެގެން ދިޔައީ ސައިޓަށެވެ. މުރުޝިދާ ފެނުމުން މުރުޝިދާގެ އަތުން ފޯނު ހިފައިގެން ގޮސް އީތަން ހުއްޓުނީ އެދިމާއިން އަތިރިމަތީގައެވެ. ދެތިން ފަހަރަކު ނަޒީރަށް ގުޅުމުން ވެސް ނަޒީރު ފޯނެއް ނުނެގިއެވެ.
"ކަލޭ ފޯނު ނަގާނީތަ. ނޫނީ ބަޔަކު ފޮނުވަންވީތަ ކަލޭއަށް ކަލޭގެ ފެންވަރު އަންގާލަން."
އީތަން މެސެޖުކޮށްލިތާ ގިނައިރެއް ނުވެ އުޅެނިކޮށް ނަޒީރު ގުޅައިފިއެވެ.
"ކަލޭ ނޫންތަ ކަލޭ ދޮންތަ އުޅޭގޮތް މަށަށް ކިޔައިދީފަ ދިޔައީ. މިހާރު ދެން ކީކޭ ހިތަށް އަރައިގެން މަށަށް ތިގުޅަނީ."
އީތަންއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ނަޒީރު ފަތިވަރު އަމުނާލައިފިއެވެ.
"ކަލޭ ހީކުރީ މަށަށް އެނގެނީ ޑުރެކިއުލާ އުޅޭ ގޮތް އެކަނިކަމަށްތަ. ކަލޭ ސަފާރީތަކަށް އަރާ ބިދޭސީ އަންހެނުން ގޮވައިގެން ގަންނަގަނޑުގެ ހެކިވެސް މަ އަތުގަ ހުންނާނެ. އެއްފަހަރު ހާރޓުއެޓޭކު ޖެހިފަހުރި ކަލޭގެ ބައްޕައަށްތަ މަ އެއެއްޗެހި ފޮނުވަންވީ."
އީތަން އެއްފަހަރުން ނަޒީރު ބިރުގަންނުވާލައިފިއެވެ.
"އިރުއޮއްސުމުގެ ކުރިން ކަލޭ ޑުރެކިއުލާ މާލެ ގެންދަން ނުގުޅައިފިއްޔާ ކުޅިދައްކާލާނަން. ތީ އެއްކަހަލަ ދެމީހުން. އެހެންވީމަ ދަރިން ކިޔަވައި ނިމެންދެން ކަލޭ ޖެހޭނީ ކަލޭއާއެކު ޑުރެކިއުލާ ގެންގުޅެން. ކަލޭ ތިއުޅޭ ގެއިން ކަލޭ ނެރެލުމަކީ ވެސް މަށަށް މާ ބޮޑުކަމެއް ނޫން."
ނަޒީރަށް އިންޒާރު ދިނުމަށް ފަހު އީތަން ފޯނު ކަނޑާލައިފިއެވެ. ނަޒީރު ދޫ ބަންދުކޮށްލެވުމުން އީތަން ހިތްހަމަ ޖެހިއްޖެއެވެ. ނަޒީރަށް ދެން އިތުރުގޮތެއް ނޯންނާނެއެވެ. ހިތާއިދެކޮޅަށް ނަމަވެސް ނަޒީރަށް ދެން ޖެހޭނީ ޝަހުލާ މާލެ ގެންދާށެވެ. އީތަން ސައިޓަށް ދިއުމަށް އެނބުރިލީއިރު މުރުޝިދާ އައިސް ހުރީ އީތަންގެ ކުރިމަތީގައެވެ. މުރުޝިދާގެ ފަހަތުގައި ޕަރީ ބަލަހައްޓައިގެން ހުއްޓެވެ. ޕަރީ ސައިޓަަށް އައީ އީތަންގެ ފަހަތުންނެވެ. އީތަން ހިފާލީ ދެރަވެފައި ހުރި މުރުޝިދާގެ އަތުގައެވެ.
"މަންމަ ކަންބޮޑުނުވޭ. ނަޒީރު ޑުރެކިއުލާއަށް ގުޅާފަ ބުނާނެ މާލެ އަންނަން."
"މަންމަ ކަންބޮޑުނުވެ އުޅޭނީ ކިހިނެއް.؟ އެއްބަނޑުއެއްބަފާ ކުދިންތަކެއް ތީ. ހެޔޮވާނެތަ އެކަކު އަނެކަކު ދެކެ އެހާ ރުޅި އަންނަން."
މުރުޝިދާގެ ހިތަށް ކޮށްފައިވާ އަސަރުން މުރުޝިދާއަށް ގިސްލެވިއްޖެއެވެ. ވީދެރައިން އީތަން ހިފާލީ މުރުޝިދާގެ ކޮނޑުގައެވެ.
"މަންމަ ދެރަނުވޭ. އޭނަ ކޮންމެކަމެއް ކުރިއަސް ދެން އަހަރެން އޭނައަށް އުއްފުވެސް ނުބުނާނަން. މަންމަ ދެރަވާ ކަހަލަ ކަމެއް އަހަރެންގެ ފުށުން ދެން ނުފެންނާނެ."
އީތަން ދިނީ ޔަގީންކަމެވެ. އީތަން އެހާ ޒިންމާދާރު ވިސްނޭ ކުއްޖަކަށް ވުމުން މުރުޝިދާ ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެއެވެ. ނަމަވެސް އެދިމާއަށް ބަލަހައްޓައިގެން ހުރި ޕަރީގެ ދެލޮލުގައި ވަނީ އީތަންއަށްޓަކާ ހިތްހަމަނުޖެހުމާއި ނުރުހުމެވެ. އެންމެން ރުއްސަން އީތަން އެކުރާ މަސައްކަތް ޕަރީއަށް އެބަ ފެނެއެވެ. އެންމެންގެ އުފަލާއި ހިތްހަމަޖެހުމަށް ޓަކައި އީތަން އަނިޔާ އެދެނީ ޕަރީ އޭނާދެކެވީ ތެދުވެރި ލޯތްބަށެވެ. އީތަންއާއެކު ދިރިއުޅެން ބޭނުންވާތީ ހުރިހާ އެއްޗެއް ދޫކޮށްލާފައި ޕަރީ އީތަންގެ ފަހަތުން އައި ހަނދާން އީތަން އެވަނީ ނެތިފައެވެ. އީތަން ބޭނުންވި ނަމަ ފަޅުރަށެއްގައި ޕަރީއާއެކު އުމުރު ހުސްވަންދެން ވެސް އުފަލުގައި އީތަންއަށް އުޅެވުނީހެވެ. ނަމަވެސް އިންސާނުންގެ ތެރޭގައި ޕަރީއަކަށް ނޫޅެވޭނެއެވެ.
ސައިޓުގެ މަަސައްކަތް ނިމެންދެން އެދުވަހު ވެސް ޕަރީ އުޅުނީ މުރުޝިދާއަށް އަތްގާތް ކޮށްދިނުމުގައެވެ. ކުރިން މަސައްކަތެއް ކުރަން ނޭނގުނަސް ޕަރީ މިހާރު ހުރިހާ މަސައްކަތަކަށް ވެސް ފަރިތައެވެ. ނަމަވެސް އެދުވަހު އިސްއުފުލާ އީތަންގެ މޫނަށް ޕަރީ ބަލައިވެސް ނުލިއެވެ. އެކަން ފާހަގަ ކުރެވިގެން ވެގެން އުޅޭ ގޮތަކާމެދު ހަސީނާ ވެސް މުރުޝިދާއާ ސުވާލުކުރިއެވެ. ނަމަވެސް މުރުޝިދާ ހެދީ އޭނައަށް އެއްވެސް ކަމެއް ނޭނގޭކަމަށެވެ. ރޭ މަރުވެފައި އޮއްވާ ފެނުނީ ބުޅަލެއްކަން އީތަންއަށް އެނގުނީ އެކިއެކި ވާހަކައިގެ ތެރެއިން ޒުހުރީ އެވާހަކަ ދައްކަން ފެށުމުންނެވެ. ޕަރީ ހަމަލާ ދީގެން އުޅެނީ އިންސާނަކަށް ނޫންކަން އެނގިގެން ދިއުމުން އީތަންއަށް ޝުކުރު ދެންނެވުނީ ހެއްދެވި ފަރާތަށެވެ.
ނަޒީރު ޝަހުލާއަށް ގުޅީ އެދުވަހު ހަވީރުއެވެ.ކައިވެނި ރުޖޫއަކުރަން މާލެ އަންނަން ބުނުމުން ޝަހުލާ ހީވީ އީދެއް އައިސްގެން އުޅުނު ހެންނެެވެ. ގޭގެ އެންމެނަށް އެއުފާވެރި ހަބަރު ދީފިއެވެ. އިސްވެ ޝަހުލާ ރީތިކޮށް ވާހަކަ ދައްކަން ފެށުމުން ފާއިޒާއާއި ޝާޔާވެސް ޝަހުލާދެކެ އައި ރުޅި ހިތުން ފިލުވާލައިފިއެވެ. ހަވީރު ހަސީނާއާއެކު ބޭރަށް ނުކުމެލާފައި ގެއަށް އައިސް މުުރުޝިދާ ވަންއިރު ތިން އަންހެން ދަރިން ތިބީ ސޯފާގައި އޮލަ ވާހަަކައެއްގައެވެ. އެމީހުންނާއި ވަކިން ހުރި ގޮނޑީގައި ޕަރީވެސް އެމީހުންގެ މޫނަށް ބަލަން އިނެވެ. މުރުޝިދާ ވަނުމުން ނަޒީރު ގުޅި ޚަބަރު ޝަހުލާ މުރުޝިދާއަށް ވެސް ދީފިއެވެ. ނަޒީރު ގުޅީ އީތަން އިންޒާރު ދިނުމުންކަން މުރުޝިދާއަށް އެނގެއެވެ. ހިނިތުންވެލަމުން އައިސް މުރުޝިދާ ވެސް އިށީނީ ސޯފާގައެވެ.
"އެކަމަކު ދަރިފުޅު ދެން ދާން ވާނީ އީތަން ކައިވެނި ކުރީމަ އޭގެ ފަހުން."
"މަންމަ ހާދަ ފޯރިއެއް ހުރެއޭދޯ އެ ފިރިހެނާއާ ހެދި. އޭނަގެ ސަބަބުން އަހަރެންގެ ދިރިއުޅުން ބަރުބާދުު ވެފައި ކިރިޔާ މި ސަލާމަތްވީ. ނަސީބެއްނު ނަޒީރަށް ވިސްނިގެން މަށަށް ގުޅިކަން."
"ނަޒީރު ގުޅީ ވިސްނިގެނެއްނޫން. ނަޒީރު ގުޅީ އީތަން އޭނައަށް ގުޅައި އިންޒާރު ދިނީމަ. އޭނައަށް އެނގިއްޖެ ޝަހުލާ މާލެ ނުގެންގޮއްސިއްޔާ އީތަން އޭނަ ހަމަޖެހިލައިގެން މާލޭގަ އުޅުނަކަ ނުދޭނެކަން."
މުރުޝިދާ އެއްފަހަރުން ޝަހުލާގެ އަނގަ ބަންދުކޮށްލައިފިއެވެ. ޝަޔާއާއި ފާއިޒާ ބަލާލީ އެކަކު އަނެކެއްގެ މޫނަށެވެ.
"އީތަންއާއި ޝަހުލާގެ މެދުގަ ތިއޮތް ރުޅިވެރިކަން ނިންމާލެވޭނީ ތިދެކުދިން ވެސް އެއްގަލަކަށް އަރައިގެން. އީތަން މަންމައަށް ވައުދުވެއްޖެ ޝަހުލާ ކޮންމެކަމެއް ކުރިއަސް އުއްފުވެސް ދެން ނުބުނާނޭ ކަމަށް. އެހެންވީމާ އީތަންއަށް މާފުކޮށްފަ ޝަހުލާވެސް އެއީ އެއްބަނޑުއެއްބަފައި ކޮއްކޮކަމަށް ދެކެގެން އުޅުނީމާ ހުންނާނީ ރަނގަޅަށް."
"އަހަރެންގެ ހިތް ދުވަހަކުވެސް އޭނާގެ މައްޗަށް ސާފެއް ނުވާނެ. މަންމަ ހީކުރީ އޭނާ އެންމެ ފަހަރަކު ދެފަހަރު ކަމަށްތަ އަހަރެން ގަނެފަ ހުރި އެއްޗެހި ވަގަށް ނެގީ."
ޝަހުލާ އަދިވެސް ހުރީ އޭނާގެ ގޮތުގައެވެ.
"ފާޑެއްގެ ވައްކަމެއް ދޮންތަވެސް ކުރީ. ތިގޭގަ އީތަން ބަހައްޓައިގެން ކިޔަވައި ދެނީ ކަމަށް ހަދައިގެން ދިހަ އަހަރު ވަންދެން މަންމައަށް ލިބުހާ ލާރިއެއްގެ ދެބައިކުޅަ އެއްބައި ކެއީ ދޮންތަ."
ޝާޔާ ޖެހިލުމެއްނެތި ބުނެލައިފިއެވެ. އަތުގައި އޮތް ބާލިސް އެއްލާލާފައި ޝަހުލާ ތެދުވީ ކޮޅަށެވެ.
"މަ ކެއީ ލާރިއެއްނު. ކަލޭމެން ދެމީހުން ދެން ކީއްތަ ކުރީ. ކަލޭމެން އުޅުނީ މަންމަ ނޯކަރަކަށް ހަދައިގެން. ކަލޭމެންނާއި ކަލޭމެންގެ ދަރިންނަށް ހަރަދުވެސް ކުރީ ހަމަ ތިބުނާ މަންމަ."
"އީތަން އައިސް ވިސްނާ ދިނީމާ އަހަރެމެންނަށް ވިސްނިއްޖެ މަންމައާ މެދު އަހަރެމެންނަށް ކަންތަށް ކުރެވުނީ ރަނގަޅަށް ނޫންކަން. އެކަމަކު ތީ ނަސޭހަތުގެ މަގަށް ކަނު އަންހެނެއް. ތީ އެއްޗެއް ވިސްނޭނެ މީހެއް ނޫން ވިސްނައި ދިނަސް. މަންމާ މީނަ ރަނގަޅުވާނީ ވީ އެންމެ އަވަހަކަށް މާލެ ފޮނުވާލީމަ. ނޫނީ މިގޭތެރެއިން މިނޫން އަޑެއް ނީވޭނެ."
ފާއިޒާ ޝަހުލާއާ ދިމާއަށް އެއްޗެހި ކިޔާލާފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ރުޅި އައިސްގެން ޝަހުލާ ހެއްދެވި ނެހެއްދެވިއަށް ގޮވަގޮވައި އޮއްވާ ޝާޔާ ވެސް ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. ޝަހުލާއަށް ވިސްނައި ދޭން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތުމުން މުރުޝިދާ ވެސް ގޮސް ވަނީ ކޮޓަރިއަށެވެ. އެއެންމެން ދިއުމުން ޝަހުލާ ދަތްވިކާލާފައި ބަލާލީ ބަލަހައްޓައިގެން އިން ޕަރީގެ މޫނަށެވެ.
"ކަލޭ ކީއްވެފަ މަށަށް ބަލަން ތި އިންނަނީ. ކަލޭ ވެސް ދޭބަލަ ކޮޓަރިއަށް. އީތަން ނޫނީ މިއުޑުދަށުން ކަލޭއަށް ވެސް ނުފެނުނެއްނު ފިރިހެނެެއް. ބަލަ މޮޔަޔާ ކަލޭ ފެނުމުގެ ކުރިން ނުހާ ފަސްބައިގަ އެލިގެން އޮތް ފިރިހެނެއް އެއީ. ނުހާއާއެކު ޖަހާނޭ ސަކަރާތެއް ޖެހިފަހުން ކަލޭއަށް ތި އީތަންއެއް ފެނިގެން ތިއުޅެނީ. އެދެމީހުން ނުކުރާ އެއްކަމެއް ވެސް ނެތް މިހާރު. ހީކުރީ ކަލޭ ފެނިގެން އެކަނިކަމަށްތަ އެފިރިހެނާ މޮޔަވީ. ތިކަހަލަ ކިތަންމެ އަންހެނެއް އައިސްފަ ހިނގައްޖެ. ކަލޭ މަތިންވެސް އެ އީތަން ފޫހިވާނެ. އެއީ.."
ޝަހުލާ ގޮވަމުން ދިޔަ ފަތިވަރު ހުއްޓުނީ ފަހަތުން އައި އީތަން ޝަހުލާގެ އަތުގައި ހިފާފައި އޭނާއާ ދިމާއަށް އަނބުރާލުމުންނެވެ. އޭރު އިންތަނުން ތެދުވަން ވެސް ނޭނގިފައި ޕަރީ ޝަހުލާގެ މޫނަށް ބަލަން އިނެވެ.
ނުނިމޭ
ކިޔުންތެރިންގެ ޚިޔާލުތައް:
ދޮންތަކިޔަން ކަލޭމެންނައް އިންސާނެއްގެ ސޫރައިގައި ފެންނަންތިހުރީ
ޖަނަވާރެއްހަމަ އައިތާކަށް އަވަހައްފޮނުވާލާ