14 އޮކްޓޫބަރު 2025
ރައީސް މުޢިއްޒު ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ދެ އަހަރާއި ބައިގެ ތެރޭގައި ކޮމަންޑޫ އެއަރޕޯޓް ނިންމާނެ: ރައީސް

ކޮމަންޑޫ އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް މަޑުޖެހުމެއްނެތި ކުރިއަށްދާނެކަމަށާއި، އަންނަ އަހަރުގެ ކުރީކޮޅު 50 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢު ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ އެއަރޕޯޓު މަޝްރޫޢުގެ ދަށުން 48.8 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. އަދި ބިން ހިއްކުމަށް ބޭނުންވާ ބަންޑްވޯލް ޖެހުމުގެ މަސައްކަތް 2 މަސްދުވަހުގެ ތެރޭގައި ނިންމާނެކަމަށް ވިދާޅުވިއެވެ.

އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ އެއަރޕޯޓު މަޝްރޫޢުގެ ދަށުން 48.8 ހެކްޓަރުގެ ބިން ހިއްކާނެ، ފޮޓޯ: އެމްއޭސީއެލް

"މިއީ ވަރަށް ޔަޤީންކަމާއެކު ސަރުކާރުން ދޭ ޔަޤީންކަމެއް. މިދިނީ އެންމެ ގިނަވެގެންވެސް އެ މަސައްކަތް ނިންމާނެ ތާރީޚުތައް. މި އަތޮޅުގައި އިތުރު 3 އެއަޕޯޓެއްގެ މަސައްކަތް މި ފަށަނީ. ޕްލޭންކޮށްގެން މި މަސައްކަތްތައް ކުރިއަށްގެންދަނީ," ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމައި، ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި އެއަރޕޯޓުގެ މަސައްކަތް ނިންމައި ހުޅުވާނެކަމަށެވެ.

ކޮމަންޑޫގެ ތަރައްޤީއަށް ކުރިއަށް ގެންދާ އިތުރު މަޝްރޫޢުތަކުގެ ތެރޭގައި، މިއަހަރު ތެރޭގައި ޑައިލިސިސްގެ ޚިދުމަތް ފެށުމާއި، އަންނަ އަހަރު ސްކޫލް މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ކޮމަންޑޫގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން މަގުހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ބަޖެޓުގައި ހިމަނުއްވާނެކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު