މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ށ. އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. މި ވަފުދުން ވަނީ ކޮންމެ ރަށެއްގައި ކުރިއަށްދާ އަދި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އެއްބަސްވުންތަކުގައި ސޮއިކުރައްވައި، 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ޞިއްޙީ ދާއިރާއަށް 500 މިލިޔަން ރުފިޔާ އަދި ތަޢުލީމީ ދާއިރާއަށް 500 މިލިޔަން ރުފިޔާ އެކަށައަޅުއްވާނެކަން އިޢުލާންކުރައްވާފައެވެ.

އަތޮޅުގެ ތަރައްޤީއަށް ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ފުނަދޫގައި އައިސް ޕްލާންޓްގެ ޚިދުމަތް ރަސްމީކޮށް ފެއްޓެވުމާއި، ކަނޑިތީމުގައި ބީއެމްއެލްގެ އޭޓީއެމެއް ހުޅުއްވައިދެއްވުމާއި، ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފެއްޓެވުން ހިމެނެއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޕޭޕަލް ފަދަ ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތަކުގެ ޚިދުމަތްތައް ދިވެހިންނަށް ފޯރުކޮށްދެއްވުމަށާއި، ރަށްރަށުގައި ހުއްޓިފައިވާ ކުނި މެނޭޖުކުރާ މަރުކަޒުތަކުގެ މަސައްކަތް އަލުން ފެށުމަށް މަސައްކަތްކުރައްވަމުންދާކަން ހާމަކުރައްވާފައެވެ.