ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ 2026 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ކިޔަވައިދޭ 68 ކޯހަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އައިޔޫއެމްއިން މިފަހަރު އިޢުލާންކޮށްފައިވާ ކޯސްތަކުގެ ތެރޭގައި ޕީއެޗްޑީ ލެވެލްގެ 3 ކޯހާއި، މާސްޓާސް ލެވެލްގެ 17 ކޯހާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ 1 ކޯހާއި، ބެޗްލަރސް ލެވެލްގެ 15 ކޯހާއި، އެސޯސިއޭޓް ޑިގްރީ 1 ކޯހާއި، ޑިޕްލޮމާގެ 11 ކޯހުގެ އިތުރުން ސެޓްފިކެޓް ލެވެލްގެ 20 ކޯސް ހިމެނެއެވެ.
މި ކޯސްތައް އަމާޒުކޮށްފައިވަނީ ޤުރްއާނާއި ހަދީޘް، ޝަރީޢާ އެންޑް ލޯ، ފިޤްހް، އިސްލާމިކް ސްޓަޑީސް، އިމާމްޝިޕް، ލޭންގުއެޖް، އެޑިޔުކޭޝަން، ކައުންސެލިން، ފައިނޭންސް، އެކައުންޓިންގް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން މެނޭޖްމެންޓް އަދި ޖަރނަލިޒަމް ފަދަ ދާއިރާތަކަށެވެ.
The Islamic University of Maldives held a press briefing to announce their January 2026 Intake. pic.twitter.com/9s5JCo2CT1
— Islamic University of Maldives (@official_ium) October 16, 2025
އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވެފައިވަނީ ދަރިވަރުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. "ވަރަށް ބޮޑަށް މަސައްކަތްކުރަމުން މި ދަނީ ކިޔެވުމުގެ ކަންކަން ރަނގަޅުކުރެވޭތޯ، އަދި ހަމައެއާއެކު، ދަރިވަރުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރެވޭތޯ" ޑރ. ޒާހިރު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގެ ކޯސްތައް ކުރިއަށްގެންދާނީ ރ. އުނގޫފާރު، ޅ. ނައިފަރު، ލ. ފޮނަދޫ، ގދ. ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ މީދޫގައި ޤާއިމުކޮށްފައިވާ އައިޔޫއެމްގެ ލާނިންގ ސެންޓަރުތަކުގައެވެ. އަދި ބައެއް ކޯސްތައް އޮންލައިން އަދި ބްލެންޑަޑް ގޮތަށްވެސް ކިޔެވޭނެއެވެ.
މި ކޯސްތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެމްބަރު 31 ވަނަ ދުވަހުގެ 13:00 އެވެ. އަދި ޑިގްރީ ފެންވަރުގެ ހުރިހާ ކޯހެއްގައިވެސް ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން 100 އިންސައްތަ ޓިއުޝަން ފީ ހިލޭ ލިބޭނެއެވެ.