16 އޮކްޓޫބަރު 2025
ކަސްޓަމްސް ބިލްޑިންގ

ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރަން ނިންމައިފި

ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ އެކަމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރުމަށް ނިންމައިފިއެވެ. އެގޮތުން، މިކަމާ ގުޅޭ އުސޫލެއް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، އެ އުސޫލަށް ޢަމަލުކުރަން ވަނީ ފަށާފައެވެ.

މި އުސޫލުގެ ދަށުން ނަން ހާމަކުރެވޭނީ ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 10،000 ރުފިޔާއަށްވުރެ އިތުރުވާ ފަރާތްތަކުގެ ތެރެއިން، ފައިސާ ދެއްކުމަށް ކަސްޓަމްސްއިން އަންގާފައިވާ ފަރާތްތަކުގެ މަޢުލޫމާތެވެ. މި މަޢުލޫމާތުގެ ތެރޭގައި ފައިސާ ދައްކަންޖެހޭ ފަރާތުގެ ފުރިހަމަ ނަމާއި، ނުދައްކާ އޮތް ފައިސާގެ އަދަދު، ފައިސާގެ ބާވަތް އަދި ފައިސާ ދައްކަންޖެހޭ ސަބަބު ހިމެނޭނެއެވެ.

މަޢުލޫމާތު ހާމަކުރުމުގެ މަސައްކަތް ކުރިއަށްދާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި މަޢުލޫމާތު ޝާއިޢުކުރާނީ ކަސްޓަމްސްގެ ވެބްސައިޓުގައެވެ. އޭގެ 15 ދުވަސް ފަހުން ސަރުކާރުގެ ގެޒެޓާއި ކަސްޓަމްސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެ މަޢުލޫމާތު ޝާއިޢުކުރެވޭނެއެވެ.

މި އުސޫލުގެ ދަށުން ބައެއް ފަރާތްތައް ވަނީ އިސްތިސްނާ ކުރެވިފައެވެ. އޭގެ ތެރޭގައި ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ އެއްބަސްވުމާ އެއްގޮތަށް ދައްކަމުންދާ ފަރާތްތަކާއި، ދައުލަތުގެ އިދާރާތަކާއި، ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކާއި، ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ ތެރެއިން ހިނގަމުންދާ ޕްރޮޖެކްޓްތައް ހިމެނެއެވެ.

މި އުސޫލު ތަންފީޒުކުރުމަށްޓަކައި ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ސްޓިއަރިންގ ކޮމިޓީއެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އުސޫލަށް ޢަމަލުކުރަން ފެށުމާއެކު، 10 ދުވަހުގެ ތެރޭގައި ފުރަތަމަ ލިސްޓު ޝާއިޢުކުރެވޭނެ ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު