16 އޮކްޓޫބަރު 2025
ހުޅުމާލޭ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒު 10 އޮގަސްޓުގެ ކުރިން ނަގަން އެދިއްޖެ، ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ދުވާރު މަތިން ގޮނޑިމޭޒުފަދަ ތަކެތި ނެގުމަށް އަނެއްކާވެސް އެޗްޑީސީން އަންގައިފި

ހުޅުމާލޭގެ ދުވާރުމައްޗާއި ހެޖުތެރޭގައި ބަހައްޓާފައިވާ އެންމެހާ ގޮނޑިއާއި މޭޒުފަދަ ތަކެތި، 23 އޮކްޓޯބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ދެވިފައިވާ މުއްދަތުގެ ތެރޭގައި އެތަކެތި ނުނަގައިފިނަމަ، ހުޅުމާލޭގެ ދުވާރުމައްޗާއި ހެޖުތެރޭގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒުފަދަ ތަކެއްޗާއި، ހެޖުތެރޭގައި ހައްދާފައިވާ ބިޔަ ގަސްތައް ނަގައި، އެ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

އެޗްޑީސީން ފާހަގަކުރި ގޮތުގައި، ކުރިން ވެސް މިފަދަ އިއުލާނެއް ކޮށްފައިވީ ނަމަވެސް، ގިނަ ފަރާތްތަކުން އަދިވެސް އެ ސަރަހައްދުތަކުގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ކެފޭ ހިދުމަތް ދެމުން ގެންދެއެވެ. އަދި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް، ދުވާރުމައްޗާއި ހެޖުތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުންކުރުމަކީ މަނާކަމެކެވެ.

މީގެއިތުރުން، ބިޔަވާ ޒާތުގެ ގަސްތައް ހެޖުތެރޭގައި އިންދާފައި ހުރުމުގެ ސަބަބުން، ހުޅުމާލޭގެ މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެން ބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ދިމާވާކަން އެޗްޑީސީން ފާހަގަކޮށްފައިވެއެވެ.

އެޗްޑީސީން އިތުރަށް ބުނެފައިވަނީ މި މަސައްކަތުގެ ތެރެއިން މުދަލަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން އެ ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުން ފާހަގަކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު