ދުންފަތާއި ވޭޕްގެ ބާވަތްތަކާ ރައްޔިތުން ދުރުހެލިކުރަން ސަރުކާރުން ފެށި މަސައްކަތުގެ ބޭނުމަކީ، ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލިކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގުގައި އަބަދުމެ ބާޒާރުން ލިބޭނެ މަގު ފަހިކުރަން ސަރުކާރުން ޢަމަލީ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަން ރައީސް ހާމަކުރައްވާފައިވެއެވެ.
ބަލިތަކާ ދުރުހެލި، ދުޅަހެޔޮ މުޖްތަމަޢެއް ހޯދުމުގައި، އަދި ދަރީންނަކީ ޞިއްޙަތު ރަނގަޅު ކުދިބަޔަކަށް ހެދުމުގައި އެންމެ އިސްކަން ދޭންޖެހޭ އެއްކަމަކީ ކެއިންބުއިމުގައި ޞިއްޙީ އާދަތައް ހިފެހެއްޓުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މިކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ޤައުމީ ފެންވަރުގައި، ފުޅާ ދާއިރާއެއްގައި ސަރުކާރުން ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖު ނިންމަވާލެއްވީ ދިވެހީންގެ ކެއިންބުއިމުގައި ބަރަކާތްލައްވައި، ބަލިތަކާ ދުރު، ދުޅަހެޔޮ ބައެއްގެ ގޮތުގައި ލެހެއްޓެވުން އެދި މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް، ކާބޯތަކެތީގެ މުހިންމުކަން ފާހަގަކުރައްވައި އެކްސްގައި މެސެޖެއް ހިއްސާކުރައްވާފައިވެއެވެ. އެކަމަނާގެ މި މެސެޖުގައި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރަމުންދާއިރު ކާނާއަކީ އަސާސީ ބޭނުމެއްގެ އިތުރުން ހައްޤެއް ކަމުގައި ވަނީ ސިފަކުރައްވާފައެވެ.
ކާބޯތަކެއްޗަކީ ހަށިގަނޑަށް ބޭނުންވާ ކާނާ ކަމަށާއި، އެކިއެކި ސަގާފަތްތަކާއި ތަފާތު މުޖުތަމަޢުތަކުގެ ގުޅުންތައް ބަދަހިކުރުމުގައި ކާބޯތަކެތީގެ ދައުރުވެސް އެކަމަނާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
މޫސުމަށް އަންނަ ބަދަލުތަކުން ފެށިގެން ހަމަނުޖެހުންތައް އާންމުވަމުންދާ މިފަދަ ޒަމާނެއްގައި އެންމެން އަތާއި އަތް ގުޅާލައި، ގުޅުންތައް ވަރުގަދަކޮށް، ބައިނަލްއަޤްވާމީ މައިދާނުގައި ކުރާ މަސައްކަތްތައް ހަރުދަނާކޮށް، މާނަހުރި ބަދަލުތަކަކަށް މަސައްކަތް ކުރުމުގެ މުހިންމުކަން އެކަމަނާގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ. ބަނޑުހައިހޫނުކަން ނައްތާލައި، ކާނާއިން ހަށިގަނޑަށް ލިބޭ ފައިދާ އިތުރުކުރެވި، ކާނާގެ ޔަޤީންކަން ހޯދޭނީ އެކުގައި މަސައްކަތްކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މި މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.