17 އޮކްޓޫބަރު 2025

ޙޫޘީ ލަޝްކަރުގެ ޗީފް އޮފް ސްޓާފް އަލް ޣަމާރީ ޝަހީދުވެއްޖެ

ޔަމަނުގެ ޙޫޘީ ލަޝްކަރުގެ ޗީފް އޮފް ސްޓާފް، މުޙައްމަދު ޢަބްދުލް ކަރީމް އަލް ޣަމާރީ ޝަހީދުވެއްޖެއެވެ. ޙޫޘީ ލަޝްކަރުގެ "ޖިހާދު އޮފީހުގެ" މެންބަރެއް ކަމުގައިވާ އަލް ޣަމާރީ ޝަހީދުވެފައިވަނީ ރަސްމީ ޒިންމާ އަދާކުރައްވަމުން ދަނިކޮށެވެ.

ޙޫޘީ ސަރުކާރުން މިކަން އިޢުލާނު ކުރަމުން ބުނެފައިވަނީ ޙޫޘީންނާއި ޔަހޫދީންނާ ދެމެދު އޮތް ނުތަނަވަސްކަން ނިމުމަކަށް ނާންނާނެ ކަމަށާއި، ޔަހޫދީން ހިންގަމުންދާ ޖަރީމާތަކުގެ ހައްޤު ޢަދަބު ލިބޭނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި އަލް ޣަމާރީ ޝަހީދުވެފައިވަނީ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގެ ވަގުތެއްގައި، މިދިޔަ އޮގަސްޓު މަހު ޔަހޫދީން ދިން ޙަމަލާއެއްގައި ލިބުނު ޒަޚަމްތަކުގެ ސަބަބުންނެވެ.

ފާއިތުވި އޮގަސްޓު މަހު ޔަހޫދީން ވަނީ ޙޫޘީންގެ ޗީފް އޮފް ސްޓާފްއާއި ދިފާޢީ ވަޒީރާއި ސަރުކާރުގެ އިސްވެރިންނަށް އަމާޒުކޮށް ޔަމަނުގެ ޞަންޢާއަށް ވައިގެ ޙަމަލާއެއް ދީފައެވެ. މި ޙަމަލާގައި ޙޫޘީ ސަރުކާރުގެ ބޮޑުވަޒީރާއި ގިނަ ޢަދަދެއްގެ ވަޒީރުން ވަނީ ޝަހީދުވެފައެވެ.

ޙޫޘީންވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޣައްޒާގެ ރައްޔިތުންނާއެކު ވާކަމަށް ބުނެ ޔަހޫދީންނާ ދެކޮޅަށް ޙަމަލާތައް ދޭން ފަށާފައެވެ. މިގޮތުން ރަތު ކަނޑުގައި ދަތުރުކުރާ ޔަހޫދީންނާ ގުޅުންހުރި އާގުބޯޓުފަހަރަށް ދިން ޙަމަލާތަކުގައި ހަތަރު ބޯޓު ފައްތާލާފައިވެއެވެ.

މިދިޔަ ހަފުތާގައި ޙޫޘީންގެ އިސްވެރިޔާ، އަބްދުލް މާލިކް އަލްޙޫޘީ ވަނީ ޔަހޫދީންނާއި ޙަމާސްއާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ޢަމަލުކުރާނަމަ، އަލުން ޙަމަލާތައް ފަށާނެކަމުގެ އިންޒާރު ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު