ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ހުންނަ މީހުންނަށް އަންނަ އަހަރުގެ ޙައްޖު މޫސުމުގައި ވީޒާ ދޫނުކުރުމަށް ސަޢުދީ ސަރުކާރުން ނިންމަވާފައިވާކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
މިކަން ސަޢުދީ ސަރުކާރުން އަންގަވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުކަމަށް، ދައުލަތުގެ މީޑިޔާ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްވަމުން ޝަކީލް ވިދާޅުވިއެވެ. މި ގޮތުން ހިތުގެ ބައްޔާއި، ކިޑްނީ ބައްޔާއި، ނާރުގެ ބަލިތަކާއި، ޑިމެންޝާ ނުވަތަ ހަނދާންނެތޭ ބަލި ފަދަ ބަލިތައް ހުންނަ ފަރާތްތަކަށް ވީޒާ ދޫނުކުރުމަށް ވަނީ ނިންމަވާފައެވެ.
މި ބަދަލާ ގުޅިގެން، ޙައްޖުގެ ފުރުސަތު ލިބޭ ފަރާތްތަކުން ދުރާލާ މެޑިކަލް ޓެސްޓުތައް ހަދަންޖެހޭނެ ކަމަށް ޝަކީލް ވިދާޅުވިއެވެ. އަދި މި ޓެސްޓުތައް ޙައްޖު ކޯޕަރޭޝަންގެ މެޑިކަލް ޓީމުން ބަލައި، އިތުރު ޓެސްޓުތައް ހަދަންޖެހޭނަމަ އެކަން އަންގާނެކަމަށްވެސް ވިދާޅުވިއެވެ.
"އާދައިގެ ހިތުގެ މައްސަލައެއް ހުރުމަކުން ނޫނީ ކިޑްނީގެ ކުޑަކުޑަ މައްސަލައެއް ހުރުމަކުން މީގަ އަދި މައްސަލަތަކެއް ނާންނާނެ،" ޝަކީލް ވިދާޅުވިއެވެ.

ބޮޑެތި ބަލިތަކުގެ ސަބަބުން ވީޒާ ނުލިބޭ ފަރާތްތަކަށް، އެ ފުރުސަތު އެހެން މީހަކަށް ބަދަލުކުރުމުގެ އިޚްތިޔާރު ލިބިގެންވާ ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ. އަދި މިފަދަ ނިންމުންތަކަކީ ހުރިހާ ޙައްޖުވެރިންގެ ރައްކާތެރިކަމަށްޓަކައި ނިންމާ ނިންމުންތަކެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިވަގުތު ރާއްޖެއަށް ލިބިފައިވަނީ 1000 ޙައްޖު ކޯޓާ ކަމަށާއި، މި އަދަދު އިތުރުކުރުމަށް ސަރުކާރުން ދަނީ ސަޢުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންނެވެ.