ޙައްޖުވެރިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި އައު ޚިދުމަތްތަކާއެކު ޚާއްސަ ޓެގެއް ބޭނުންކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަކީލު ވިދާޅުވީ، 1447 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އެގޮތުން ޙައްޖުގެ އަޅުކަމަށް ދާ ފަރާތްތަކުގެ މެޑިކަލް ހެއްދުމާއި ޕާސްޕޯޓުތައް ނެގުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިހާރު ބޭނުންކުރާ ޓެގްތަކަށްވުރެ ޓެކްނޮލޮޖީ ގޮތުން ބަލާއިރު ރަނގަޅު ޚިދުމަތްތަކެއް އޭގައި ހިމެނޭ ޓެގަކަށް ދިޔުމަށްޓަކައި މިދަނީ މަސައްކަތްކުރަމުން،" ޝަކީލު ވިދާޅުވިއެވެ.
ޙައްޖު ކޯޕަރޭޝަނުން މީގެ ކުރިންވެސް ވަނީ ޙައްޖާޖީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓްރެކިން ޑިވައިސް ބޭނުންކޮށްފައެވެ. ނަމަވެސް އޭރު މި ޑިވައިސް ދީފައިވަނީ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށެވެ. 2024 ވަނަ އަހަރުން ފެށިގެން ޙައްޖަށްދާ ކޮންމެ މީހަކަށްވެސް ލައިވް ލޮކޭޝަން ބެލޭ ޓްރެކިން ޑިވައިސްއެއް ދޫކުރެވިފައިވާ ކަމަށް ޝަކީލު ވިދާޅުވިއެވެ.
އައު ޓެގްތައް ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށް އޮތް އުމްރާ ދަތުރުތަކުގައި ފަށާނެ ކަމަށާއި، ޙައްޖުގައި މި ޓެގްތައް ބޭނުންކުރުމުގެ ކުރިން އޭގައި އެއްވެސް މައްސަލައެއް ހުރިތޯ ބަލައި، އެކަންކަން ހައްލުކުރެވޭނެ ކަމަށްވެސް ޝަކީލު ވިދާޅުވިއެވެ.