18 އޮކްޓޫބަރު 2025

"ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް މަޝްރޫޢުތައް ކުރިއަށް ގެންދިއުމުން ދައުލަތުގެ ބަޖެޓަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ"

ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް މަޝްރޫޢުތައް ކުރިއަށް ގެންދިއުމުން ދައުލަތުގެ ބަޖެޓަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށާއި، ސަރުކާރުގެ މަޝްރޫޢުތައް ހިންގުމުގައި ހަތަރުވަނަ ބަޔަކަށް ކޮމިޝަން ދޭން ނުޖެހުމަކީ ރައްޔިތުންނަށް ފައިދާ ކުރާނެ ކަމެއް ކަމަށް މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވީ، މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި އާންމު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުމާއި ސަރުކާރުގެ ހިއްސާ އޮތް ކުންފުނިތައް މެދުވެރިކޮށް ކުރިއަށް ގެންދެވިދާނެ ކަމަށެވެ. އަދި މި ދެގޮތުންވެސް ރަނގަޅު އަދި ނުރަނގަޅު ނަތީޖާ ނެރެވިދާނެ ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.

"ކަންކަން ގޯސްވެގެން ދަނީ ވެރިންނަށް ތިބޭ ބަޔަކު އަމިއްލަ ޖީބުތައް ފުރުމުންނާއި ގާތް ތިމާގެ މީހުންނަށް ނާޖާއިޒު މާލީ މަންފާތައް ހޯދައިދިނުމުން،" މެންބަރު އިބްރާހިމް ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް މަޝްރޫޢުތައް ކުރިއަށް ގެންދިއުމުން ދައުލަތުގެ ބަޖެޓަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް މެންބަރު ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުގެ ކުންފުނިތަކަށް ހުރިހާ މަސައްކަތެއް ނުކުރެވޭނެ ކަމަށާއި، އައުޓްސޯސް ކުރަންޖެހޭ މަސައްކަތްތައްވެސް ހުންނާނެ ކަމަށް ފާހަގަކުރެއްވިއެވެ.

މެންބަރު ފާހަގަކުރެއްވި ގޮތުގައި، ޕްރޮކިއުމަންޓް އުސޫލުތަކާ ޚިލާފަށް ބައެއް ވެރިން އަމަލުކުރަމުންދާ ކަމަށާއި، "ޕެޓީ ކޭޝްގެ ގޮތުގައި 50 މިލިއަން ރުފިޔާ މީހަކަށް ދޭން ޕޮލިސީއެއް ހަދާފައި ފައިސާ ހަވާލުކުރާ" ކަމަށް ވިދާޅުވިއެވެ. މިފަދަ އަމަލުތައް ހުއްޓުވަން ޖެހޭ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު