މި އަހަރުގެ އިރުވައި މޫސުން ފެށުމާއެކު، ހިތްގައިމު ގުޑުގުޑާ ދޫނި (ފްލެމިންގޯ) ތައް އަނެއްކާވެސް ހދ. ކުޅުދުއްފުށީ ކުޅިއަށް ޒިޔާރަތްކުރަން ފަށައިފިއެވެ. ރާއްޖެއަށް ރަސްމީކޮށް އިރުވައި މޫސުން މިމަހުގެ ކުރީކޮޅު ފެށުމާއެކު، މި ދޫނިތައް ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގެ ކުޅިތަކުން ފެންނަން ފަށާފައެވެ.
ކުޅުދުއްފުށީގެ ފޮޓޯގްރާފަރަކު ވަނީ އެ ރަށު ކުޅިއަށް ޒިޔާރަތްކޮށްފައިވާ ގުޑުގުޑާ ދޫނިތަކުގެ ހިތްގައިމު ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މި ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން މިހާރު ވަނީ ލިބިފައެވެ.
ގުޑުގުޑާ ދޫނިތައް އެންމެ ފުރަތަމަ ރާއްޖޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވަނީ 2021 ވަނަ އަހަރުގެ އިރުވައި މޫސުމުގައެވެ. އެ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އިރުވައި މޫސުމާ ދިމާކޮށް ރާއްޖޭގެ އެކި ރަށްރަށުގެ ކުޅިތަކުން މި ދޫނިތައް ފެންނަމުންދެއެވެ.
ގުޑުގުޑާ ދޫންޏަކީ ރާއްޖޭގައި ގާނޫނީގޮތުން ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ. އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ މި ދޫނިތަކަށް ގޯނާ ނުކުރުމަށާއި، އެތަކެތީގެ މާހައުލަށް ދަތިވާފަދަ ކަންކަން ނުކުރުމަށް މީގެ ކުރިންވެސް އިލްތިމާސްކޮށްފައެވެ.



