މިއަހަރުގެ ޑިސެންބަރު މަހާއި އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ރާއްޖެއިން ޖުމްލަ 7,726 މީހުން ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ. މި ދަތުރުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ފުރަން ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 1,049 ޢުމްރާވެރިން ފުރާނެއެވެ.
ޢުމްރާ ދަތުރުތައް މިމަހުގެ 21 ވަނަ ދުވަހު ފަށާފައިވާއިރު، މި ސިލްސިލާގެ އެންމެ ފަހު ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހުއެވެ. ރާއްޖޭގައި އާންމުކޮށް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ގިނަ ބަޔަކު ޢުމްރާއަށް ދާއިރު، މި ދުވަސްވަރު ބައެއް ކުންފުނިތަކާ މެދު އާންމުންގެ ޝަކުވާތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.
ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ކަނޑައަޅާފައިވާއިރު، އުމްރާވެރިންގެ އަތުން ނަގާ ފައިސާ ހަމައެކަނި އެކަމުގެ ޚަރަދުތަކަށް ބޭނުންކުރުމަށާއި، އެހެން ކަންކަމަށް އިންވެސްޓްކުރުން މަނާކޮށްފައިވެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްބަސްވުންތަކާ ޚިލާފުވާ ކުންފުނިތަކާ މެދު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.



