28 ޑިސެންބަރު 2025
ްމަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މީގެ ކުރިން ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: މިހާރު

ކައުންސިލް އިންތިޚާބުގެ އިދާރީ މަސައްކަތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ފެބުރުވަރީގެ ނިޔަލަށް

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ބޭނުންވާ އިދާރީ މުވައްޒަފުންގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ފެބުރުވަރީ މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. މި އިންތިޚާބުގެ މަސައްކަތްތަކަށް 100 އަށްވުރެ ގިނަ އިދާރީ މުވައްޒަފުން ބޭނުންވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

އިންތިޚާބަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ވަނީ މާލެ ސަރަހައްދުގައި ވޯކް-އިން އިންޓަވިއުތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިއަދު ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 10:00 އަށް ކަލާފާނު ސްކޫލުގައި އިންޓަވިއުތައް ކުރިއަށް ގެންގޮސްފައިވާއިރު، އިއްޔެ ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައިވެސް އިންޓަވިއުތައް ބާއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ކޮމިއުނިކޭޝަން އެގްޒެކިއުޓިވް މަރިޔަމް ޝާހިޔާ ވިދާޅުވީ، މި އިންތިޚާބުގެ މަސައްކަތްތަކަށް ޖުމްލަ ހަތް ދާއިރާއަކުން މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހިޔުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ދާއިރާ އެވެ.

ޝާހިޔާ އިތުރަށް ވިދާޅުވީ، ވޯކް-އިން އިންޓަވިއުތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފޯމު ފުރުމާއި، ރަޖިސްޓްރީ ކުރުމާއި، އެޕްލިކޭޝަން ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށްދިޔަ ކަމަށެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަވިއުކޮށް، މަސައްކަތަށް ބޭނުންވާ ހުނަރުތައް ދެނެގަތުމަށް ޓެސްޓުތައްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވޯކް-އިން އިންޓަވިއުތައް ނިމުނު ނަމަވެސް، އަންނަ ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހާ ހަމައަށް ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. "ވޯކް-އިން އިންޓަރވިއުއިން އަޅުގަނޑުމެންނަށް ފުދޭވަރަކަށް ސަޕޯޓު ލިބިގެންގޮސްފައިވޭ. ވޯކް-އިން އިންޓަރވިއު ނިންމާލިކަމުގައި ވީނަމަވެސް ފެބުރުވަރީ 26ހާ ހަަމައަށް މިއޮތީ ހުޅުވާލެވިފައި، އަޅުގަނޑުމެންނަށް އެޕްލިކޭޝަން ފޯމުތައް މެއިލްކޮށްގެންވެސް އެޕްލައި ކުރެވޭނެ އިންތިޒާމުތައް ހަަމަޖެހިފައިވަނީ،" ޝާހިޔާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތާވަލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ އެޕްރީލް މަހުގެ 4 ވަނަ ދުވަހަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު