މިހާރު ކުރިޔަށްދާ ދިރާގު ދިވެހިލީގުގައި ޓީސީ ބަލިކޮށް ހޯދި 3 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައި ނިއުރޭޑިއަންޓް ހަމަޖެހިލައިފިއެވެ.
އާދީއްތަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗުން ނިއު މޮޅުވީ އިތުރު ވަގުތުގައި ޖެހި ދެ ގޯލުން 2-0 އިންނެވެ. މެޗު ފަށައިގެން ފުރަތަމަ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނިއު ކުޅުނަސް މާ ނުރައްކާތެރި ހަމަލާއެއް ޓީސީ ގޯލަށް އަމާޒުކޮށް ފޮނުވާލާފައި ނުވެއެވެ.
ދެވަނަ ހާފުގައި ނިއުރޭޑިއުންޓުން ގޯލެއް ޖެހޭތޯ ޓީމު ކުރިޔަށް ޖެހިގެން ކުޅުމުގެ ސަބަބުން މަދު ފުރުޞަތު ތަކެއް ލިބުނެވެ. އެކަމަކު ޓީސީގެ ގޯލުގައި ހުރި ބިދޭސީ ކީޕަރ ޑެނިއަލް އެ ބޯޅަތައް މަތަކުރިއެވެ. ނިއު ކުރިޔަށް ޖެހިގެން ކުޅުނު ވަގުތު 80 ވަނަ މިނެޓްގައި ޓީސީ އިން ލިބުނު ކައުންޓަރ އެޓޭކްގައި ގޯލެއްވެސް ޖެހިއެވެ. ނަމަވެސް ރެފްރީ ނިންމީ އެ ގޯލު އޮފްސައިޑްކަމަށެވެ.
މެޗުގެ 90 މިނެޓް ކުޅެ ނިމުނުއިރުވެސް ދެޓީމު އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. އިތުރު ވަގުތަށް ރެފްރީ ދެއްކީ 10 މިނެޓެވެ. އެއީ ޓީސީ ގެ ކީޕަރަށް އަނިޔާވެ ފަރުވާ ދިނުމަށް ގިނަ ވަގުތު ދިޔުމާއި ޓީސީ ކުޅުންތެރިން ކުޅުން ލަސްކުރުމުގެ ސަބަބުން ލިބުނު 10 މިނެޓެވެ.
ނިއުގެ ފުރަތަމަ ގޯލު ޖެހީވެސް އިތުރު ވަގުތުގެ 7 ވަނަ މިނެޓްގައެވެ. ވިޖްދާން ތިރިތިރިން ހުރަސްކުރި ބޯޅަ ލިބުނީ ގޯލު އޭރިޔާ ކައިރީގައި ހުރި ނިއުގެ ނައިޖީރިއާ ފޯވާޑް އަލްހާޖީ ޖެރޯއެވެ. މިއީ މިފަހަރު އަލަށް ނިއު އާ ގުޅުނު ފޯވާޑް ޖެހި ފުރަތަމަ ގޯލެވެ. އޭގެ އިރުކޮޅެއް ފަހުން ނިއު އަށް ދެވަނަ ގޯލުވެސް ޖަހައިދިނީ ގިނަ ފާޑުތަކެއް އަމާޒުވެފައިވާ ފޯވާޑް އަލްހާޖީ ޖެރޯއެވެ.
ނިއުއަށް ތިން ވަނަ ލިބެނީ 14 މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ. 4 ވަނަ ލިބެނީ އާދީއްތަ ދުވަހު ހަވީރު 4-1 އިން ވެލެންސިޔާ ބަލިކޮށް ހޯދި 3 ޕޮއިންޓާއެކު ޖުމްލަ 26 ޕޮއިންޓާއެކު ބުރު ސްޕޯޓްސްއެވެ.


