3 ލަނޑު 0 ލަނޑުން ކްލަބް އީގަަލްސް ބަލިކޮށް ހޯދި 3 ޕޮއިންޓާއެކު ދިރާގު ދިވެހި ލީގު ކަށަވަރު ކުރުމުގެ ފުރުސަތު މާޒިޔާއިން ބޮޑުކޮށްފިއެވެ. ލީގުގައި މާޒިޔާއަށް ވަނީ 15 މެޗުން 43 ޕޮއިންޓް ލިބިފައެވެ. ޕޮއިންޓް ތާވަލުގެ ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް އަށް ލިބިފައިވަނީ 15 މެޗުން 32 ޕޮއިންޓެވެ. ކޮންމެ ޓީމެއް 18 މެޗު ކުޅެން ޖެހޭ ދިވެހިލީގުގައި މިއަދު ހަވީރު ވެލެންސިޔާ އާ ކުޅޭ މެޗުން އޮޑި އެއްވަރު ނުވަތަ ބަލިވިޔަސް މާޒިޔާއަށް ލީގު ކަށަވަރުވާނެއެވެ.
ހުކުރު ދުވަހުގެ ރޭ މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގައި ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ނުޖެހެއެވެ. ނަމަވެސް މާޒިޔާއިން ވަނީ ދެވަނަ ހާފުގެ 54 ވަނަ މިނެޓްގައި އެ ޓީމުގެ ޑިފެންޑަރ ސަމޫހު އަލީ ޖެހި ގޯލުން ލީޑު ނަގާފައެވެ. ފަތޯ ކޯނަރަކުން ހުރަސްކުރި ބޯޅަ ސަމޫހު ބޯލުން ޖެހި ބާރު ބޯޅަ ގޯލަށް ވަނީ އީގަލްސް ކީޕަރ ކަންފަތް މަތީގައި ޖެހިފައެވެ. މާޒިޔާއިން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާޢުކުރި އީގަލްސްގެ ކީޕަރ މުޙައްމަދު އަޝްވާން ވަނީ ބޯޅަ ގޯލަށް ވަން ވަގުތު ދިފާކުރުމުގެ ތެރޭގައި އަނިޔާވެ ބަދަލުކޮށްފައެވެ.
މާޒިޔާއިން ދެވަނަ ގޯލާއި ތިން ވަނަ ގޯލު ޖެހީ އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ މާވިން އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލިފަހުންނެވެ. އޭނާއަށް ރަތްކާޑް ދެއްކީ މާޒިޔާގެ ސަމޫހުއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. ދެވަނަ ގޯލު ޖެހީ ހަމްޒާ ދިން ބޯޅައަކުން އަޙްމަދު އައިހަމް ( ފަތޯ) އެވެ. އަދި ތިން ވަނަ ގޯލު ޖެހީ ހަމްޒާއެވެ.
ގަދަ ހަތަރަކަށް ވާދަކުރާ ބުރު ސްޕޯޓްސް އާއި ވިކްޓަރީ ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމު އެއްވަރު ވެގެންނެވެ. ހުކުރު ދުވަހު ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު 44 ވަނަ މިނެޓްގައި ޖަހައިދިނީ ވިކްޓަރީ ބިދޭސީ ފޯވާޑމިލޯސް ލެޗްނީއެވެ. ބުރުން ނަތީޖާ ހަމަހަމަ ކުރީ މެޗު ނިމެން ދެތިން މިނެޓަށް ވެފައިވަނިކޮށް ޢަބްދުﷲ ޔާމީން ( ޔާނު )އެވެ. 15 މެޗުން ބުރަށް 27 ޕޮއިންޓް ލިބިފައިވާ އިރު ، ވިކްޓަރީއަށް ލިބިފައިވަނީ 21 ޕޮއިންޓެވެ.


